[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الأَرْبَعُوْنَ النَّوَوِيَّةُ 1

الحمد لله رب العالمين. الصلاة و السلام على نبينا محمد و على آله و صحبه أجمعين.

މިފޮތަކީ އަލްއިމާމް އަލްޙާފިޘު ޔަޙުޔާ ބިން ޝަރަފު އައްނަޥަޥީ ރަޙިމަހުﷲ ޖަމާކުރައްވާފައިވާ ކުޑަ ޙަދީޘްފޮތެކެވެ. މިފޮތާއި ބެހޭގޮތުން އަލްޢައްލާމާ އައްޝެއިޚު މުޙައްމަދު ބިން ޞާލިހު އަލްޢުޘައިމީން ރަޙިމަހުﷲ މިފޮތުގެ ޝަރަޙައިގެ މުޤައްދިމާގައި ލިޔުއްވާފައިވެއެވެ.

“އިމާމު ނަވަވީ ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވެއެވެ. އެފޮތްތަކުގެ ތެރެއިން އެންމެ މޮޅު އެއްފޮތަކީ މިފޮތްކަމަށްވާ އަލްޢަރްބަޢޫނަ ނަވަވިއްޔާ އެވެ. އެއީ މުޅިއަކުން ސާޅީސް ޙަދީޘެއް ނޫނެވެ. ނަމަވެސް އެއީ ބަޔާޅީސް ޙަދީޘެވެ. ނަމަވެސް ޢަރަބިން ޢަދަދެއްގެ ކުރިޔަށް ދެއަދަދެއް އިތުރުވެއްޖެނަމަ ނުވަތަ މަދުވެއްޖެނަމަ އޭގައި ހިމެނޭ އިތުރުވާ ޢަދަދު ނުކިޔައި ކިޔަނީ ސާޅީހެވެ. ފަހެ މި ސާޅީސް، ހަދީޘްގެ ޢިލްމުހޯދަން އެދޭ ދަރިވަރުން ދަސްކުރުން އެދެވިގެންވެއެވެ. ސަބަބަކީ މިޙަދީޘްތައް ހޮވާލެވިފައިވަނީ އެތައް ޙަދީޘެއްގެ ތެރެއިން ކަމަށްވީތީއެވެ. އަދި އެކިއެކި ބާބުތަކުންނެވެ. އެއީ އެހެން ފޮތްތަކާއި ޚިލާފަށެވެ. މިސާލަކަށް ޢުމްދަތުލް އަޙުކާމަށް ބަލައިފިނަމަ އެފޮތުގައިވެސް ޙަދީޘްތައް ހޮވާލެވިފައިވާތީ ފެންނާނެއެވެ. ނަމަވެސް އެއްބާބެކެވެ. އެހުރިހާ ޙަދީޘެއް ނިސްބަތްވަނީ ފިޤުހުގެ ބާބުގެ ތެރެއަށެވެ. ނަމަވެސް ޢަރްބަޢޫނަ ނަޥަޥިއްޔާ ހިމެނޭ ޙަދީޘްތައް ވަނީ އެކިއެކި ތަފާތު ބާބުތަކުން މުޅިން ތަފާތު މައުޟޫތަކުގެ ޙަދީޘްތަކެވެ.”

ޝަރްޙަ ޢަރްބައީނަ ނަވަވިއްޔާ އިބުނު އުޘައިމީން. ސަފުޙާ: 8

މިފޮތުގެ މުއައްލިފުގެ ފުރިހަމަ ނަންފުޅަކީ އަލްއިމާމު އަލްޙާފިޡް މުޙްޔިއްދީން އަބޫ ޒަކަރިއްޔާ ޔަޙްޔާ ބިން ޝަރަފުއެވެ. އެކަލޭގެފާނަކީ ޝާފިޢީ މަޒުހަބުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ޙަދީޘް ޢިލްމަށް ވަރަށް ގިނަ ގިނަ ޙިދުމަތްތައް ކޮށްދީފައިވާ މުޖްތަހިދެކެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރީ ސަނަތުން 631 ވަނަ އަހަރު ނަވާއޭ ކިޔުނު ރަށަށެވެ. ނަވަވީއަކީ އެރަށަށް ނިސްބަތްކޮށް ކިޔޭނަމެކެވެ.

 އެކަލޭގެފާނަކީ ވަރަށް ގިނަގުނަ ފައިދާހުރި ފޮތްތައް ލިޔުއްވާފައިވާ ބޭކަލެކެވެ. އޭގެ ތެރޭގައި ޝަރަހަ ޞަހީޙް މުސްލިމު ހިމެނެއެވެ. އަދި ރިޔާޟުއް ޞާލިޙީން ޙަދީޘްފޮތް ހިމެނެއެވެ. އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތީ ހިޖުރީ ސަނަތުން 676 ގައި ހުކުރުވިލޭރޭގައެވެ. ﷲ ސުބުހާނަހޫ ވަތަޢާލާގެ ގެ ހެޔޮރަޙުމަތް އެކަލޭގެފާނަށް ލައްވައި މަތިވެރިވެގެންވާ ސުވަރުގޭގެ ނިޢުމަތްތަކުން ނިޢުމަތްދެއްވާށިއެވެ. އަދި އެކަލޭގެފާނުގެ ފޮތްތަކުން ފައިދާ ޙާޞިލުކުރާ ބަޔެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ.  އާމީން.

ނޯޓު: މިފޮތް ތަރުޖަމާ ކުރުމުގެ މަންހަޖަކަށް ބެލެވިފައިވަނީ ޝެއިޚު އުޘައިމީން ރަޙިމަހުﷲ މި އަރްބަޢޫނަ ނަވަވިއްޔާ ގެ މައްޗަށް ކުރައްވާފައިވާ ޝަރަޙައެވެ. ދުޢާއަކީ އަޅުގަނޑުމެންނަށް މިކަމުގައި ޘާބިތުކަން ދެއްވައި ﷲ ރުއްސަވާ މަގަށް މިކަން ކުރުމުގެ ތައުފީޤު ދެއްވުމެވެ. الله الموفق

الأَرْبَعُوْنَ النَّوَوِيَّةُ

ފުރަތަމަ ޙަދީޘް:

  1. عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: ” إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ”.
    رَوَاهُ إِمَامَا الْمُحَدِّثِينَ أَبُو عَبْدِ اللهِ مُحَمَّدُ بنُ إِسْمَاعِيل بن إِبْرَاهِيم بن الْمُغِيرَة بن بَرْدِزبَه الْبُخَارِيُّ الْجُعْفِيُّ وَأَبُو الْحُسَيْنِ مُسْلِمٌ بنُ الْحَجَّاج بن مُسْلِم الْقُشَيْرِيُّ النَّيْسَابُورِيُّ رَضِيَ اللهُ عَنْهُمَا فِي “صَحِيحَيْهِمَا” اللذِينِ هُمَا أَصَحُّ الْكُتُبِ الْمُصَنَّفَةِ.

 ތަރުޖަމާއީ: އަމީރުލް މުއުމިނީން އަބޫ ޙަފުޞު ޢުމަރު ބިނިލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމަށް އެކަލޭގެފާނު ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ” ހުރިހާ ޢަމަލުތަކެއް  (އެއަމަލެއް) ނިޔަތްގަތްގޮތެއްގެ މައްޗަށް މެނުވީ ނުވެއެވެ. އަދި ކޮންމެ މީހަކަށްވެސް އެމީހަކު ނިޔަތްގަތްކަމެއް މެނުވީ ނުވެއެވެ. ފަހެ ﷲ އާއި ރަސޫލާއަށްޓަކައި ހިޖުރަކުރިމީހާ އޭނާގެ ހިޖުރަވަނީ ﷲއާއި ރަސޫލާއަށްޓަކައެވެ. ފަހެ ދުނިޔޭގެ ކަމެއް ޙާޞިލުކުރުމަށް ނުވަތަ އަންހެނަކާ ކައިވެނިކުރުމަށް  ހިޖުރަކުޅަ މީހާ އޭނާގެ ހިޖުރަވަނީ އޭނާ ހިޖުރަކުޅަ ކަމެއްގެ މައްޗަށެވެ.”

ފަހެ މިޙަދީޘް ރިވާކުރައްވާފައިވާ ޙަދީޘް ޢިލްމުވެރިންގެ ދެއިމާމުން ކަމަށްވާ އަބޫ ޢަބްދުﷲ މުޙައްމަދު ބިން އިސްމާޢީލު ބިން އިބްރާހިމް ބިން އަލްމުޣީރާ ބިން ބަރްދިޒްބާ އަލްބުޚާރީ އަލްޖުޢަފީއާއި އަދި އަބޫ ޙުސައިން މުސްލިމް ބިން ޙައްޖާޖު ބިން މުސްލިމް އަލްގުޝައިރިއްޔު އައްނައިސާބޫރިއްޔު ރަޟިޔަﷲ ޢަންހުމާ އެދެބޭކަލުންގެ ޞަހީހައިނިގައެވެ. އެދެފޮތަކީ (ކީރިތި ޤުރުއާނަށްފަހު) ލިޔެވިފައިވާ އެންމެ ޞައްހަ ދެފޮތެވެ.

(މީ އިމާމު ނަވަވީ ރަޙިމަހުﷲ  ޙަދީޘްގެ ތިރީގައި ލިޔުއްވާފައިވާ ބަސްކޮޅެވެ.)

ނުނިމޭ.