قَالَ اللَّهُ تَعَالَى: وَلا تَقْرَبُوا مَالَ الْيَتِيمِ إِلا بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ لا نُكَلِّفُ نَفْسًا إِلا وُسْعَهَا وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَى وَبِعَهْدِ اللَّهِ أَوْفُوا ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ (الأنعام: ١٥٢)
އަދި ހުއްދަކުރައްވާފައިވާ ހެޔޮގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ ތަޞައްރަފުފުދިއްޖައުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން އިންޞާފުވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަންއިލާހު އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، ތަކުލީފެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބުނާށެވެ! އަދި ﷲގެ ޢަހުދުތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
___________________________________
ޝަރަޙަ
(وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَى): އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބުނާށެވެ!
މިނެކިރުމުގައި ޢަދުލުވެރިވުމަށް އެންގެވުމަށްފަހު، އަންގަވާފައިމިވަނީ ބަސްބުނެ އުޅުމުގައިވެސް ޢަދުލުވެރިވުމަށެވެ. ކިތަންމެ ރުޅިއަންނަ މީހަކާއި ބެހޭގޮތުން ވާހަކައެއް ދެއްކިކަމުގައިވިޔަސް ޙައްޤުނޫންބަހެއް ދުލުން ބޭރުނުކުރުމަށެވެ. އޭނަގެ ކިބައިގައި ނެތް ޞިފަތަކެއް އޭނައަށް ނިސްބަތްކޮށް، ބަދުނާމުނުކުރުމަށެވެ. ހަމައެފަދައިން މީހަކުދެކެ ކިތަންމެ ލޯބިވިކަމުގައިވިއަސް އޭނައަށް ލިބިފައިނުވާ ޞިފަތަކެއް އޭނައަށް ނިސްބަތްކޮށް މަދަޙަކިޔައި ނުހެދުމަށެވެ. އަމިއްލަނަފްސާއި ބެހޭގޮތުން ވާހަކައެއް ދައްކަން ޖެހުނުކަމުގައިވިޔަސް، އަދި ގާތްތިމާގެ މީހަކާއި ބެހޭގޮތުން ދައްކަން ޖެހުނުކަމުގައިވިޔަސް މިފަދައިން ޢަމަލުކުރުމަށެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ وَلا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلا تَعْدِلُوا اعْدِلُوا هُوَ أَقْرَبُ لِلتَّقْوَى وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ (المائدة: ٨) “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށްޓަކައި އެއިލާހުގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމުކުރާ، އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގެ ކިބައިގައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.” އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّهِ وَلَوْ عَلَى أَنْفُسِكُمْ أَوِ الْوَالِدَيْنِ وَالأقْرَبِينَ إِنْ يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَى بِهِمَا فَلا تَتَّبِعُوا الْهَوَى أَنْ تَعْدِلُوا وَإِنْ تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا (النساء: ١٣٥) “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލުއިންޞާފު ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲއަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައިވިޔަސް، (އެއަށް ބެލުމެއްނެތި، ދޭން ޖެހިއްޖެ ހިނދެއްގައި ހެކިދޭށެވެ.) ފަހެ، އެދެމީހުންނަށްމެ، ﷲ އައުލާކަން ބޮޑެވެ. (އެބަހީ: ތިބާއަށްވުރެ އެދެމީހުންނަށް އޯގާވަންތަ އިލާހަކީ ﷲއެވެ. އެދެމީހުންނަށް ހެޔޮވެގެންވާ ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީވެސް އެއިލާހެވެ.) ފަހެ ތިޔަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހަކުކަމުގައި ﷲވޮޑިގެންވެއެވެ.“
މިނެކިރުމުގައި ޢަދުލުވެރިވުމަށް އެންގެވިއިރު، ‘އެއްވެސް ނަފްސަކަށް ކުޅަދާނަވެގެންނުވާ މިންވަރަށް ތަކްލީފު ނުޖައްސަވައޭ’، އެންގެވިފަދައިން މިތަނުގައި އަންގަވާފައިނުވެއެވެ. އެހެނީ ބަސްބުނެ އުޅުމުގައި ޢަދުލުވެރިވުމަކީ ކޮންމެ މީހަކަށްމެ ކުޅަދާނަވެގެންވާ، އެއްވެސް ބުރައެއް އެކަމުގައި އުފުލަން ނުޖެހޭ ކަމެކެވެ.
(وَبِعَهْدِ اللَّهِ أَوْفُوا): އަދި ﷲގެ ޢަހުދުތައް ތިޔަބައިމީހުން ފުއްދާށެވެ!
މި އާޔަތުގައި وَأَوْفُوا بِعَهْدِ اللَّهِ އޭ ވަޙީކުރެއްވުމުގެ ބަދަލުގައި، أَوْفُوا ގެ ކުރިޔަށް عَهْد اللَّهِ ގެންނަވައި، وَبِعَهْدِ اللَّهِ أَوْفُوا އޭ ވަޙީކުރެއްވުމުން ﷲތަޢާލާގެ ޢަހުދުތަކުގެ މުހިންމުކަން އެނގިގެންދެއެވެ. ﷲގެ ޢަހުދުތަކަކީ، އަޅުންގެ ކިބައިން އެއިލާހު ހިއްޕަވާފައިވާ އަހުދުކަށަވަރެވެ. އެއީ އެއިލާހަށް ޚާލިޞްކޮށް އަޅުކަންކުރުމުގައި ދެމިހުރުމާއި އެއިލާހުގެ އެންމެހާ އެންގެވުންތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَإِذْ أَخَذَ رَبُّكَ مِنْ بَنِي آدَمَ مِنْ ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَى أَنْفُسِهِمْ أَلَسْتُ بِرَبِّكُمْ قَالُوا بَلَى شَهِدْنَا أَنْ تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَذَا غَافِلِينَ (الأعراف: ١٧٢) “އަދި ކަލޭގެފާނުގެ ވެރިރައްބު އާދަމުގެދަރިންގެ ކިބައިން އެއުރެންގެ ބުރަކަށިތަކުން އެއުރެންގެ ދަރިފަސްކޮޅު ނެރުއްވައި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އެއުރެން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެއިލާހު ވަޙީކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރިއިލާހު ކަމުގައި، ތިމަންއިލާހު ވޮޑިގެން ނުވަންހެއްޔެވެ؟ އެއުރެން ދެންނެވިއެވެ. ނޫނެކެވެ. (އިބައިލާހީ، އަޅަމެންގެ ވެރިއިލާހެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލުވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތްދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ.“
ޢަހުދަށް ވަފާތެރިވުމުގެ ބަދަލުގައި ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ސިފައެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا وَمَنْ كَانَتْ فِيهِ خَلَّةٌ مِنْهُنَّ كَانَتْ فِيهِ خَلَّةٌ مِنْ نِفَاقٍ حَتَّى يَدَعَهَا إِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ وَإِذَا وَعَدَ أَخْلَفَ وَإِذَا خَاصَمَ فَجَرَ (متفق عليه) “ހަތަރުކަމެއް އެމީހެއްގެކިބައިގައި ވެއްޖެ މީހަކީ ޚާލިޞް މުނާފިޤެކެވެ. އަދި އެއިން (އެންމެ) ކަމެއްވެސް އެމީހެއްގެ ކިބައިގައިވެއްޖެނަމަ، އެކަން ދޫކޮށްފުމަށްދާންދެން މުނާފިޤުންގެ ޞިފައެއް ލިބިގެންވާ މީހަކުކަމުގައި އޭނާ ވާހުއްޓެވެ. އޭނާ ވާހަކައެއް ދައްކައިފިނަމަ ދޮގުހަދައެވެ. އަދި އަހުދެއްކޮށްފިނަމަ ޚިޔާނާތްތެރިވާނެއެވެ. އަދި ވަޢުދެއްކޮށްފިނަމަ އެއާއި ޚިލާފުވާނެއެވެ. އަދި ދެކޮޅުވެރިވެއްޖެނަމަ ޙައްޤުން އެއްކިބާވާނެއެވެ.“
އެހެންކަމުން، ﷲތަޢާލާގެ އަހުދުތަކުގެ އިތުރުން އެހެނިހެން މުސްލިމުންނާއެކު ވެފައިވާ އަހުދުތައްވެސް ފުއްދަންޖެހެއެވެ. އަދިކިއެއްތޯއެވެ! ކާފަރުންނަށް ކޮށްފައިވާ އަހުދުތަކަށްވެސް ވަފާތެރިވާންޖެހެއެވެ.
(ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ): އެކަންތައްތަކަށް، ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
މިއާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައި މިވަނީ 4 ވަޞިއްޔަތެވެ. އެއީ:
1-ހެޔޮގޮތުގައި މެނުވީ ޔަތީމުންގެ މުދަލާއި ގާތްނުވުން.
2-މިނެކިރުމުގައި ޢަދުލުވެރިވުން
3-ބަސްބުނުމުގައި ޢަދުލުވެރިވުން
4-ﷲގެ ޢަހުދަށް ވަފާތެރިވުން. މިއެވެ.
އަދި މިއާޔަތުގެ ކުރީގެ އާޔަތުގައި އެއިލާހުވަނީ 5 ވަޞިއްޔަތެއް ވަޙީކުރައްވާފައެވެ. އެހެންކަމުން މި ދެއާޔަތުގައި މިވަނީ މުޅިއެކު 9 ވަޞިއްޔަތެވެ. ދެން އެއަށްފަހު، 10 ވަނަ ވަޞިއްޔަތް ބަޔާންކުރައްވާފައިވަނީ، އަލްއަންޢާމް ސޫރަތުގެ 153 ވަނަ އާޔަތުގައެވެ.
އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
1-ބަސްބުނުމުގައި ޢަދުލުވެރިވުމަށް އެންގެވިއިރު، އެއާވިދިގެން ‘ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ އެއްވެސް ނަފްސަކަށް ތަކްލީފުނުޖައްސަވައޭ’ ވަޙީކުރައްވާފައި ނެތުމުން ދޭހަވަނީ ކޮންކަމެއް؟
2-(وَبِعَهْدِ اللَّهِ أَوْفُوا) މިގޮތަށް ވަޙީކުރައްވާފައިވުމުން ދޭހަވަނީ ކޮންކަމެއް؟
3-ﷲގެ ޢަހުދަކީ ކޮބާ؟
4-މުނާފިޤުންގެ 2 ޞިފައެއް ބަޔާންކުރޭ!
5-މިއާޔަތުގައި ވަޙީކުރައްވާފައިވަނީ ކިތައް ވަޞިއްޔަތް؟
-ނުނިމޭ-
_____________________________________