[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 5

.الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ

ޢިލްމާއި ޢަމަލު އަދި ޚަލްގުތަކުން ހެއްދެވުމުގެ މަގްސަދު:

ޚަލްގުތަކުން ހެއްދެވުމުގެ މަގްސަދަކީ ޢިލްމު ހޯދުމާއި އެޢިލްމަކަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާ ޚަލްގުތަކުން ހެއްދެވީ އެބައިމީހުން އެކަލާނގެއީ ކޮން ފަރާތެއްކަން މަޢްރިފާކޮށް ދަނެގަތުމަށެވެ. އަދި އެއަށްފަހު އެކަލާނގެއާ އެހެން ފަރާތަކާ ބައިވެރިނުކޮށް އަޅުކަން ކުރުމަށެވެ. އެކަލާނގެ މަޢްރިފާކޮށް ދެނެގަނެވޭނީ ޢިލްމުންނެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ :

(اللَّـهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا)  [ الطلاق 12 ]

މާނައީ: ” ﷲ އީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ އަމުރު ފުޅު ހިނގަހިނގާ ހުރެއެވެ. އެއީ ހަމަކަށަވަރުން ﷲއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން ﷲގެ ޢިލްމުފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ.”

މިއާޔަތުގައި އެކަލާނގެ ވަޙީކުރައްވަފައިވަނީ :

( خَلَقَ . . . لِتَعْلَمُوا )

މާނައީ:” ހެއްދެވީ . . . . ތިޔަބައިމީހުންނަށް އެނގެވުމަށްޓަކައެވެ. “

މިއާޔަތުގައި އެކަލާނގެ ޚަލްގުތަކުން ހެއްދެވުމުގެ އެއް ސަބަބެއްކަމުގައި ބަޔާންކުރައްވަނީ އެކަލާނގެއީ ކޮން ފަރާތެއްކަން މަޢްރިފާކޮށް ދެނެގަތުންކަމެވެ. ނުވަތަ އެކަލާނގެއީ ކޮން ފަރާތެއްކަން ދަނެގަނެ ޢިލްމު ހޯދުން ކަމެވެ. އެހެނީ ޢިލްމާނުލައި އެކަލާނގެއީ ކޮން ފަރާތެއްކަން ދަނެނުގަނެވޭނެއެވެ.

އެހެން އާޔަތެއްގައި ﷲ ވަޙީކުރައްވާފައިވަނީ:

( وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ) [ الذاريات 56 ]

މާނައީ: ” ތިމަންރަސްކަލާނގެ އެއްކައުވަންތަކޮށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.”

މިއާޔަތުގައި އެކަލާނގެ ޚަލްގުތަކުން ހެއްދެވުމުގެ ދެވަނަ ސަބަބެއްކަމުގައި ބަޔާންކުރައްވަނީ އެކަލާނގެއަށް އަޅުކަންކުރުންކަމެވެ. އެބަހީ ޢަމަލުކުރުމެވެ. ޙައްޤުވެގެންވާ ގޮތުގައި ﷲއަށް އަޅުކަން ކުރެވޭނީ އަޅުކަންކުރަންވީ ގޮތް އެނގިގެންނެވެ. އަދި އަޅުކަން ކުރަންވީ ގޮތް އެނގޭނީ ޢިލްމު އުނގެނިގެންނެވެ. އެހެންވެ ޢިލްމު ހޯދުމާއި އެޢިލްމާ އެއްގޮތަށް ޢަމަލުކުރުމަކީ ޚަލްޤުތަކުން ހެއްދެވުމުގެ މަޤްޞަދެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ