قَالَ ابْنُ مَسْعُوْد : مَنْ أَرَادَ أَنْ يَنْظُرَ إِلَى وَصِيَّةِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الَّتِيْ عَلَيْهَا خَاتَمُهُ فَلْيَقْرَأْ قَوْلَهُ تَعَالَى: {قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلا تُشْرِكُوا بِهِ شَيْئًا…} إلى قوله : {وَأَنَّ هَذَا صِرَاطِي مُسْتَقِيمًا}
އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ސިއްކަޕުޅުޖައްސަވާފައިވާ ވަޞިއްޔަތްޕުޅަށް ބަލަން ބޭނުން މީހާ، ފަހެ ﷲތަޢާލާގެ ވަޙީބަސްފުޅު {قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلا تُشْرِكُوا بِهِ شَيْئًا…}އިން ފެށިގެން {وَأَنَّ هَذَا صِرَاطِي مُسْتَقِيمًا}ގެ ނިޔަލަށް ކިޔާހުށިކަމެވެ.
___________________________________
ޝަރަޙަ
މި އަޘަރުގައި އިބްނު މަސްޢޫދު ރަޟިޔަﷲޢަންހު ބަޔާންކުރައްވާފައިވަނީ، ‘އާޔާތުލް ވަޞާޔާ އަލްއަޝްރި’ ގެ ނަމުން މަޝްހޫރުވެފައިވާ އާޔަތްތަކެވެ. އެ 3އާޔަތުގެ ޝަރަޙަ، އިސްވެދިޔަ ފިލާވަޅުތަކުގައި ވާނީ ގެނެސްދެވިފައެވެ.
އިމާމުއްތިރްމިޛީ އަލްޖާމިޢުގައި، އަދި އިމާމުއްޠަބަރާނީ އަލްމުޢުޖަމުލްކަބީރު އާއި އަލްމުޢުޖަމުލްއައުސަޠުގައި މި އަޘަރު ރިވާކުރައްވާފައިވެއެވެ. އަދި މިނޫން އެހެން ބޭކަލުންވެސް މިއަޘަރު ރިވާކުރައްވާފައިވެއެވެ. ނަމަވެސް މިރިވާޔަތްތަކުގެ ސަނަދުގައި، ‘ދާވޫދު އަލްއައުދީ’ ކިޔާ ބޭކަލަކު އައިސްފައިވުމުގެ ސަބަބުން މިއަޘަރާމެދު ޢިލްމުވެރިންގެމެދުގައިވަނީ ޚިޔާލުތަފާތުވެފައެވެ. ބައެއްބޭކަލުން މިއީ ބަލިކަށި ރިވާޔަތެއްކަމުގައި ވިދާޅުވާއިރު، އަނެއްބޭކަލުން ވިދާޅުވަނީ މިއީ ބަލިކަށިރިވާޔަތެއް ނޫންކަމުގައެވެ.
މިޚިލާފު އުފެދެންޖެހުނީ، ދާވޫދު އަލްއައުދީ ކިޔާ ޙަދީޘްރިވާކުރައްވާ ދެބޭކަލުކުވާތީއެވެ. އަދި މިރިވާޔަތުގައި މިވަނީ، އެއިން ކޮންބޭކަލެއްކަން ބަޔާންކުރެވިފައި ނުވާތީއެވެ. އެހެންކަމުން، ބަލިކަށި ރިވާޔަތެކޭ ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަނީ މިސަނަދުގައި އައިސްފައި މިވަނީ، ދާވޫދު ބިން ޔަޒީދު އަލްއައުދީކަމުގައެވެ. އެއީ ޟަޢީފު ރާވީއެކެވެ. އަދިކިއެއް! އެއީ އެއްގޮތަކަށްވެސް ރިވާޔަތްޤަބޫލުނުކުރެވޭ ދަރަޖައިގެ، މުޅިން ދޫކޮށްލަންޖެހޭ ރާވީއެއްކަމުގައި އިމާމް އަބޫދާވޫދު ވިދާޅުވެފައިވެއެވެ.
އެހެނަސް، މިއީ ބަލިކަށި ރިވާޔަތެއް ނޫންކަމަށް ދެކިލައްވާ ޢިލްމުވެރިން ވިދާޅުވަނީ، މިސަނަދުގައި އައިސްފައިވާ ބޭކަލަކީ ދާވޫދު ބިން ޔަޒީދު އަލްއައުދީ ނޫންކަމުގައެވެ. އަދިކިއެއް! އެއީ ދާވޫދު ބިން ޢަބްދިﷲ އަލްއައުދީކަމުގައެވެ. ދާވޫދު ބިން ޢަބްދިﷲ އަލްއައުދީއަކީ ޙަދީޘްޢިލްމުގައި ފުރިހަމައަށް އިތުބާރުކުރެވޭ ވަރުގަދަރާވީއެކެވެ.
- ޙަދީޘެއްގެ ރާވީއަކާމެދު ޚިލާފު އުފެދިއްޖެނަމަ ހަދާނީ ކިހިނެއް؟
ޙަދީޘެއްގެ ރާވީއަކާމެދު ޚިލާފު އުފެދިއްޖެނަމަ ބަލާނީ ރާވީންނާބެހޭގޮތުން ލިޔެވިފައިވާ ފޮތްތަކެވެ. މިގޮތުން އެންމެ ފާހަނގަކުރެވޭ ފޮތްތަކުގެ ތެރޭގައި އިމާމް މިއްޒީ ލިޔުއްވާފައިވާ ތަހުޛީބުލް ކަމާލް ހިމެނެއެވެ.
އެހެންވީމާ، މިޙަދީޘްގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް، ބަލާނީ ދާވޫދުއަލްއައުދީ ކިޔާ ރާވީންނަށެވެ. މިގޮތުން ބަލާނީ އެނަންކިޔާ ރާވީންގެ ޝެއިޚުންނާއި ދަރިވަރުންގެ ނަންތަކެވެ. ދެން އެއަށްފަހު މިރިވާޔަތުގައިވާ ދާވޫދު އަލްއައުދީގެ ޝެއިޚާއި، ދަރިވަރުގެ ނަން ދިމާވަނީ އެއިން ކިތައްބޭކަލުންނާތޯއެވެ. އެންމެ ބޭކަލަކަށް ވެއްޖެއްޔާ މައްސަލަ ހައްލުވީއެވެ. ނަމަވެސް މިގޮތަށް ބަލައިގެންވެސް މި ޙަދީޘްގެ މައްސަލަ ހައްލުނުވިއެވެ. ސަބަބަކީ މި ރިވާޔަތުގައި އައިސްފައިވާ ދާވޫދު އަލްއައުދީގެ ޝެއިޚު (އައްޝަޢުބީ)ގެ އަރިހުން، ކުރިން ދެންނެވުނު 2 ރާވީން(ދާވޫދު ބިންޔަޒީދު އާއި، ދާވޫދު ބިން ޢަބްދިﷲ)ވެސް ރިވާކޮށްފައިވެއެވެ. ދެން ހަމައެގޮތަށް ދަރިވަރަށް ބެލިއިރު، މުޙައްމަދު ބިން ފުޟެއިލް، އެ 2 ރާވީންގެ ދަރިވަރުންގެ ތެރޭގައިވެސް އައިސްފައިވެއެވެ. އެހެންވީމާ މިހާ ހިސާބުން އެއީ ކޮންރާވީއެއްކަން ނިންމަން އުނދަގޫވީއެވެ.
ޝެއިޚު އަލްބާނީ ރަޙިމަހުﷲ މި ޙަދީޘްގެ ސަނަދު ޟަޢީފުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ‘އައްދުއްރުއްނަޟީދު’ ކިޔުނު ފޮތުގައިވެސް، މިއީ ޟަޢީފު ޙަދީޘެއްކަމުގައި ބަޔާންވެފައިވެއެވެ. އެފޮތުގައިވަނީ، ‘އަލްއައުސަޠު’ ކިޔުނު ޙަދީޘްފޮތުގައި އައިސްފައިވާ ރިވާޔަތުގައި އެއީ ދާވޫދު ބިން ޔަޒީދު ކަމުގައި ޞަރީޙަކޮށް ބަޔާންވެފައިވާކަމުގައެވެ.
ނަމަވެސް އަލްއައުސަޠުގައި، ދާވޫދުގެ ނަން ފުރިހަމައަށް ބަޔާންވެފައިވާ ރިވާޔަތް އައިސްފައިވަނީ ‘ޚާލިދު ބިން ޔޫސުފް’ ކިޔާ ޟަޢީފު ރާވީއެއްގެ ކިބައިންނެވެ. އެނޫން އެހެން ރިވާޔަތްތަކުގައި ވަނީ ހަމައެކަނި ‘ދާވޫދު އަލްއައުދީ’ މިފަދައިންނެވެ. އެހެންކަމުން ޟަޢީފު ރާވީއެއްގެ ކިބައިން، ނަންފުރިހަމައަށް ބަޔާންކުރެވިގެން އައިކަމުގައިވިއަސް އެ ޤަބޫލެއްނުކުރެވޭނެއެވެ.
މި ޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިންގެ ރައުޔަށް ބުރަވެވިދާނޭ ދަލީލެއް، (މަތީގައި ބަޔާންވެފައިވާ ފޮތް) ‘ތަހުޛީބުލް ކަމާލް’ގައި އައިސްފައިވެއެވެ. އެއީ އެފޮތުގައި ދާވޫދު ބިން ޢަބްދިﷲ އަލްއައުދީގެ ‘ބަޔޮގުރަފީ’ ގައި އެކަލޭގެފާނުގެ ޝެއިޚުންގެނަންތަކުގެ ތެރެއިން ‘އައްޝަޢުބީ’ ގެ ނަމުގެ ކައިރީގައި ’ت’ މިހެން އައިސްފައިވެއެވެ. އަދި ދަރިވަރުންގެ ނަންތަކުގެ ތެރެއިން މުޙައްމަދު ބިން ފުޟައިލުގެ ނަމުގެ ކައިރީގައިވެސް ހަމައެގޮތަށް އައިސްފައިވެއެވެ. އޭގެ މާނައަކީ، ދާވޫދު ބިން ޢަބްދިﷲ އަލްއައުދީ އައްޝައުބީގެ ކިބައިން ރިވާކޮށްފައިވާ ރިވާޔަތެއް ތިރްމިޛީގައި އައިސްފައިވާނެއެވެ. އަދި ހަމައެގޮތަށް މުޙައްމަދު ބިން ފުޟައިލް، ދާވޫދު ބިން ޢަބްދިﷲ އަލްއައުދީގެ ކިބައިން ރިވާކޮށްފައިވާ ރިވާޔަތެއްވެސް ތިރުމިޛީގައި އައިސްފައިވާނެއެވެ. މަތީގައި ބަޔާންވެފައިވާ އިބްނު މަސްޢޫދު ރަޟިޔަﷲޢަންހުގެ ޙަދީޘް ތިރުމިޛީގައި އައިސްފައިވަނީ މިގޮތަށެވެ. އައްޝަޢުބީގެ ކިބައިން ދާވޫދު އަލްއައުދީ ރިވާކުރެއްވިއެވެ. އަދި ދާވޫދު އަލްއައުދީގެ ކިބައިން މުޙައްމަދު ބިން ފުޟެއިލް ރިވާކުރެއްވިއެވެ. އެހެންވީމާ މިތަނުގައި މިވަނީ ދާވޫދު ބިން ޢަބްދިﷲ ކަމުގައިވުން ގާތެވެ.
މިއާއި ޚިލާފަށް ދާވޫދު ބިން ޔަޒީދް އަލްއައުދީގެ ‘ބަޔޮގުރަފީގައި’ އައްޝަޢުބީގެ ނަމުގެ ކައިރީގައި އައިސްފައިވަނީ ’ق’ އެވެ. އޭގެ މާނައަކީ ދާވޫދު ބިން ޔަޒީދް އަލްއައުދީ، އައްޝަޢުބީގެ ކިބައިން ރިވާކޮށްފައިވާ ޙަދީޘް ވާނީ ސުނަން އިބްނިމާޖާގައެވެ.
- ޚުލާޞާ
އެހެންކަމުން މިއަޘަރު ބަލިކަށިނޫންކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ރައުޔަށް ބުރަވެވެއެވެ. والله أعلم.
ބަލިކަށި ނޫންކަމަށް ދެކިލައްވާ ބޭކަލުންގެ ތެރޭގައި އިމާމް ތިރްމިޛީއާއި، އަލްއަރްނައޫޡު އާއި މުބާރަކްފޫރީ -ރަޙިމަހުމުﷲ- ހިމެނެއެވެ.
- މިއަޘަރާއި ކިތާބުއްތަވްޙީދާ އޮތް ގުޅުމަކީ ކޮބާ؟
މި އަޘަރުގައިވަނީ، ‘އާޔާތުލް ވަޞާޔާ އަލްޢަޝްރި’ ގައި އަންގަވާފައިވާ، އަމުރުތަކުގެ މުހިއްމުކަން ބަޔާންކުރައްވާފައެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، ވަޞިއްޔަތެއް ކުރެއްވިނަމަ މިކަންތަކަށް ވަޞިއްޔަތް ކުރައްވާނެކަން ބަޔާންކުރައްވާފައެވެ. އެއިން އެންމެ ފުރަތަމަ އަމުރަކަށް އައިސްފައިވަނީ ތަވްޙީދު ނަފީކޮށްލާ ޝިރުކުން ދުރުވުމެވެ.
(قَالَ ابْنُ مَسْعُوْد): އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
އިބްނު މަސްޢޫދު ރަޟިޔަﷲ އަންހަކީ، ހުޛަލީ ދަރިކޮޅުން ވަޑައިގެންނެވި ޙަބީބްގެ ދަރި ޣާފިލްގެ ދަރި މަސްޢޫދުގެ ދަރިކަލުން ޢަބްދުﷲއެވެ. އެންމެކުރިން އިސްލާމްވެވަޑައިގެންނެވި ޞަޙާބީންގެ ތެރެއިން ބޭކަލެކެވެ. ބަދުރު ހަނގުރާމައާއި، އުޙުދު ހަނގުރާމައާއި، ޚަންދަޤު ހަނގުރާމައާއި، ބައިޢަތުއްރިޟްވާންގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެންމެ ޢިލްމުވެރި ޞަޙާބީބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އުމަރު ރަޟިޔަﷲޢަންހުގެ ޚިލާފަތުގައި ކޫފާގެ އަމީރުކަން ކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ހިޖުރައިން 32ވަނަ އަހަރުގައެވެ.
(مَنْ أَرَادَ أَنْ يَنْظُرَ إِلَى وَصِيَّةِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الَّتِيْ عَلَيْهَا خَاتَمُهُ): މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ސިއްކަޕުޅުޖައްސަވާފައިވާ ވަޞިއްޔަތްޕުޅަށް ބަލަން ބޭނުން މީހާ….
އިބްނު މަސްޢޫދު ރަޟިޔަﷲޢަންހު ބަޔާންކުރައްވާފައި މިވަނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޞިއްޔަތްޕުޅެއްކުރައްވައި، އޭގައި އެކަލޭގެފާނުގެ ސިއްކަޖައްސަވާފައިވާ ވާހަކައެއް ނޫނެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެފަދަ އެއްވެސް ވަޞިއްޔަތްޕުޅެއް ނުކުރައްވައެވެ. އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ މިތަނުގައި އިބްނު މަސްޢޫދު ރަޟިޔަﷲޢަންހު ވިދާޅުވެފައިމިވަނީ، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ޞިއްކަޕުޅު ޖައްސަވައި، އެއަށްފަހު އެއްވެސް އުނިއިތުރެއް ގެނެވިފައި ނުވާފަދަ ވަޞިއްޔަތެއް ބަލަން ބޭނުން ކޮންމެ މީހަކުމެ އަލްއަންޢާމް ސޫރަތުގެ އެ 3 އާޔަތަށް ބެލުމަށެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، ވަޞިއްޔަތެއް ކުރެއްވިނަމަ، ﷲތަޢާލާގެ ވަޞިއްޔަތްޕުޅު ނޫން އެހެން ވަޞިއްޔަތްޕުޅެއް އެކަލޭގެފާނު ނުކުރައްވާނެއެވެ. އަދި ހަމައެހެންމެ އަކަލޭގެފާނުވަނީ ކީރިތި ޤުރުއާނާއި އެކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓައިފި މީހަކު މަގުނުފުރެދޭނެ ކަމުގައި ބަޔާންކުރައްވާފައެވެ. އެ2 މަޞްދަރުގައިވެސް އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ ކަންތައް މިއާޔަތްތަކުގައި އައިސްފައިވެއެވެ. އަދި ބައެއް ޢިލްމުގެ އަހުލުވެރިން ވިދާޅުވާގޮތުންނަމަ، ދީނުގެ މައިގަނޑު ހުރިހާ ކަމެއް މި އާޔަތްތަކުގައި އެކުލެވިގެންވެއެވެ. އެހެންކަމުން މިއީ އެކަލޭގެފާނުގެ ވަޞިއްޔަތްޕުޅު ކަމުގައި ނުބުނެވެންވީ އެއްވެސް ސަބަބެއް ނެތެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ވަޞިއްޔަތްޕުޅޭ ވިދާޅުވުމުގެ ބަދަލުގައި އިބްނު މަސްޢޫދު ރަޟިޔަﷲޢަންހު ވިދާޅުވެފައިވަނީ ‘މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ވަޞިއްޔަތް’ މިފަދައިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާ ބެހޭގޮތުން މަޢުލޫމާތެއްދޭއިރު، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އޭ ކިޔުން ހުއްދަވެގެންވެއެވެ. ނަމަވެސް އެކަލޭގެފާނާއި މުޚާޠަބުކުރާއިރު، ‘އޭ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ’ މިފަދައިން ކިޔުން ހުއްދަވެގެން ނުވެއެވެ. އޭގެބަދަލުގައި، ‘ﷲގެ ނަބިއްޔާ، ނުވަތަ ﷲގެ ރަސޫލާ’ ފަދަ ކަލިމަތަކެއް ބޭނުންކުރުން ލާޒިމްވެގެންވެއެވެ. އެހެނީ ﷲތަޢާލާ ވަޙިކުރައްވާފައިވެއެވެ. لا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُمْ بَعْضًا (النور: ٦٣) “ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ގޮވައިއުޅޭފަދައިން ތިޔަބައިމީހުންގެ މެދުގައި ރަސޫލާއަށް ގޮވައިނޫޅޭށެވެ! “
އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
1- މަތީގައި ބަޔާންވެފައިވާ އަޘަރުގެ ސަނަދާއި ބެހޭގޮތުން މުހިންމު 2 ނުކުތާއެއް ބަޔާންކުރޭ!
2- ތަހްޛީބުލް ކަމާލް އެއީ މީހެއްގެ ނަމެއްތަ؟
3- އިމާމް މިއްޒީގެ ފޮތުގައި، ރާވީއެއްގެ ނަމުގެ ކައިރީގައި (ت) އައިސްފިނަމަ އޭގެ މާނައަކީ ކޮބާ؟
4- މަތީގައި ބަޔާންވެފައިވާ އަޘަރާއި ކިތާބުއްތަވްޙީދާއި އެއްވެސް ގުޅުމެއްވޭތަ؟
5- އިބްނުމަސްޢޫދު ރަޟިޔަﷲޢަންހުގެ ކުރުތަޢާރަފެއް ބަޔާންކުރޭ!
6- ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޞިއްޔަތްޕުޅެއް ކުރެއްވިތަ؟
-ނުނިމޭ-
_____________________________________