[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 19 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

عَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُ قَالَ :كُنْتُ رَدِيْفَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى حِمَارٍ فَقَالَ لِيْ : يَا مُعَاذُ أَتَدْرِيْ مَا حَقُّ اللَّهِ عَلَى الْعِبَادِ وَ مَا حَقُّ الْعِبَادِ عَلَى اللَّهِ ؟ قُلْتُ : اللَّهُ وَ رَسُوْلُهُ أَعْلَمُ قَالَ : حَقُّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوْهُ وَلَا يُشْرِكُوْا بِهِ شَيْئاً ، وَ حَقُّ الْعِبَادِ عَلَى اللَّهِ أَلَّا يُعَذِّبَ مَنْ لَا يُشْرِكُ بِهِ شَيْئاً . قُلْتُ : يَا رَسُوْلَ اللَّهِ ، أَفَلَا أُبَشِّرُ النَّاسَ ؟ قَالَ : لَا تُبَشِّرُهُمْ فَيَتَّكِلُوْا  (أخرجاه في الصحيحين)

 މާތްﷲ ރުއްސުންލެއްވި މުޢާޛު ބުނު ޖަބަލްގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފަހަތްޕުޅުގައި އެކަލޭގެފާނުގެ ޙިމާރުކޮޅުގެ މަތީގައި ސާވާރުވެގެންވަނިކޮށް، ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. އޭ މުޢާޛެވެ! އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤާއި، ﷲތަޢާލާގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު އެނގިލާއްވާތޯއެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. އެކަން އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެއިލާހުގެ ރަސޫލާއެވެ. ޙަދީޘްފުޅުކުރެއްވިއެވެ. އަޅުތަކުންގެ މައްޗަށްވާ ﷲގެ ހައްޤަކީ، އެއިލާހަށް އަޅުކަންކުރުމާއި، އެއިލާހާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. އަދި ﷲގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކުނުކުރާ މިހާއަށް ޢަޛާބުނުދެއްވުމެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އެހެންވިއްޔާ ތިމަންކަލޭގެފާނު، މީސްތަކުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވައި ހުންނަވަންވީތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެބައިމީހުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވާށެވެ! (ދެއްވައިފިނަމަ) އޭރުން އެބައިމީހުން އެކަމުގެ މައްޗަށް ބަރޯސާކޮށްފައި ޢަމަލުކުރުން ދޫކޮށްފާނެއެވެ.  

___________________________________

ޝަރަޙަ

މިއީ، އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބް، ކިތާބުއްތަވްޙީދުގެ ފުރަތަމަ ބާބު ފެއްޓެވުމުގެ ކުރިން، މުޤައްދިމާއެއްގެ ގޮތުގައި ބަޔާންކުރައްވާފައިވާ އެންމެފަހު ނައްޞެވެ. މި ޙަދީޘް ޞަޙީޙުލް ބުޚާރީ އާއި ޞަޙީހު މުސްލިމްގައިވެސް އައިސްފައިވެއެވެ. ވިމާ މިއީ ޞައްޙަ ޙަދީޘެކެވެ. އެހެނީ ބުޚާރީ އާއި މުސްލިމްގެ އަޞްލުގައި، އެބޭކަލުން ބަޔާންކުރައްވާފައިވާ ހުރިހާ ޙަދީޘްތަކަކީ، ޞައްޙަ ހަދީޘްތައްކަމަށް މިއުއްމަތްވަނީ އިއްތިފާޤުވެފައެވެ.

  • މި ޙަދީޘާއި ކިތާބުއްތަވްޙީދާއި އޮތީ ކޮންގުޅުމެއް؟

ޝެއިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދިލްވައްހާބް، މިފޮތަށް ނަންދެއްވާފައިވަނީ، (كِتَابُ التَّوْحِيْدِ الَّذِيْ هُوَ حَقُّ اللَّهِ عَلَى الْعَبِيْدِ) ‘އަޅުތަކުންގެ މައްޗަށްވާ، ﷲތަޢާލާގެ ޙައްޤުކަމުގައިވާ ތަވްޙީދު (ބަޔާންކުރެވިފައިވާ) ފޮތް’ މިފަދައިންނެވެ. އެހެންކަމުން މިޙަދީޘާއި މިފޮތާއި އޮތް ގުޅުން ވަރަށްބޮޑުކަން އެނގިގެންދެއެވެ. އެހެނީ މި ޙަދީޘްގައި އަޅުތަކުންގެ މައްޗަށްވާ ﷲތަޢާލާގެ ޙައްޤަކީ ކޮބައިކަން ބަޔާންކުރެވިފައިވެއެވެ. އަދި އެޙައްޤު ފުރިހަމައަށް އަދާކޮށްފި މީހާ، ޤިޔާމަތްދުވަހުގެ ވޭންދެނިވި ޢަޛާބުން މިންޖުވާނެކަން އެނގިގެންދެއެވެ.

(عَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُ): މާތްﷲ ރުއްސުންލެއްވި މުޢާޛު ބުނު ޖަބަލްގެ އަރިހުން ރިވާވެގެންވެއެވެ.

މުޢާޛު ބުނު ޖަބަލް ރަޟިޔަﷲޢަންހަކީ، ޚަޒްރަޖް ވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނަކީ، ޢަމްރުގެ ދަރި ކަޢުބުގެ ދަރި އައުސްގެ ދަރި ޢަމްރުގެ ދަރި ޖަބަލްގެ ދަރިކަލުން މުޢާޛެވެ. އަންޞާރިއްޔަ ބޭކަލުންގެ ތެރެއިން ޢިލްމުވެރިކަމަށް މަޝްހޫރު ޞަޙާބީ ބޭކަލެކެވެ. މިއުންމަތުގެ މީހުންގެތެރެއިން، ޙަލާލުކަންތަކާއި ޙަރާމްކަންތައް އެންމެމޮޅަށް ދެނެވަޑައިގަންނަވަނީ އެކަލޭގެފާނުކަމުގައި ވާރިދުވެގެންވެއެވެ. ބަދުރު ހަނގުރާމައާއި، އޭގެފަހުން ކުރެވުނު އެހެން ހަނގުރާމަތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މައްކާ ފަތަޙަކުރެއްވުމަށްފަހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ، އެތަނުގެ އެދުރު، އަދި ޤާޟީކަމުގައި އެކަލޭގެފާނު ކަނޑައަޅުއްވާފައެވެ. އެއަށްފަހު ހިޖުރައިން 9ވަނަ އަހަރު ނުވަތަ 10ވަނަ އަހަރު، އެދުރެއް، އަދި ޤާޟީއެއްގެ ގޮތުގައި އެކަލޭގެފާނު ޔަމަނަށް ފޮނުއްވެވިއެވެ. ދެންފަހެ، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ އަވަހާރަވެވަޑައިގަތުމުން، ޔަމަނުން އެނބުރި ވަޑައިގެންނެވިއެވެ. އެއަށްފަހު ޢުމަރު ރަޟިޔަﷲޢަންހުގެ ޚިލާފަތުގައި ޝާމަށް، އެދުރެއް، އަދި ޤާޟީއެއްގެ ގޮތުގައި ވަޑައިގެންނެވިއެވެ. ހިޖުރައިން 18ވަނަ އަހަރު، ޠާޢޫނުބަލީގައި އެކަލޭގެފާނު އަވަހާރަވެވަޑައިގަތީވެސް އެތަނުގައި ހުންނަވަނިކޮށެވެ.

(كُنْتُ رَدِيْفَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى حِمَارٍ فَقَالَ لِيْ): ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފަހަތްޕުޅުގައި އެކަލޭގެފާނުގެ ޙިމާރުކޮޅުގެ މަތީގައި ސާވާވެރުގެންވަނިކޮށް، ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ.

ބައެއް ރިވާޔަތްތަކުގައި رَدِيْفَ ގެ ބަދަލުގައި رِدْفَ ވެސް އައިސްފައިވެއެވެ. މި ދެކަލިމައިގެ މާނައަކީވެސް، މީހެއްގެ އިޛުނައާއެކު އޭނާގެ ފަހަތުގައި އެއްޗަކަށް ސާވާރުވާ މީހާއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ތަވާޟުޢުވެރިކަން މި ޙަދީޘުން އެނގިގެންދެއެވެ. އެކަލޭގެފާނު ސަވާރުވެވަޑައިގެން ހުންނެވީ ޙިމާރަކަށެވެ. އަދި ހަމައެހެންމެ ފަހަތްޕުޅުގައި ސަވާރުވުމަށް މުޢާޛު ރަޟިޔަﷲ ޢަންހުއަށް އިޛުނަދެއްވިއެވެ. އަދި ހަމައެހެންމެ، ފަހަތުގައި ހުންނަ މީހާއާ އަނގައިންނުބުނެ، ބައެއް ކިބުރުވެރިން ޢަމަލުކުރާގޮތާއި ޚިލާފަށް، އެކަލޭގެފާނުވަނީ މުޢާޛު ރަޟިޔަﷲ ޢަންހުއާ ވާހަކަފުޅު ދައްކަވާފައެވެ.

ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަގެ ސަވާރީކޮޅުގައި، އެކަލޭގެފާނުގެ ފަހަތްޕުޅުގައި އެކިފަހަރު މަތިން ތަފާތު ޞަޙާބީ ބޭކަލުން ސަވާރުވެލެއްވިކަން ޞައްޙަ ދަލީލުތަކުން ޘާބިތުވެއެވެ. އިބްނު މަންދާ ރަޙިމަހުﷲ އެބޭކަލުންގެ ނަންފުޅުތައް ބަޔާންކުރައްވައި ފޮތެއް ލިޔުއްވާފައިވެއެވެ. މިގޮތުން އިބްނު މަންދާ ރަޙިމަހުﷲވަނީ 30 ބޭކަލުންގެ ނަންފުޅު ބަޔާންކުރައްވާފައެވެ.

މި ޙަދީޘުން، ސައިކަލާއި އަދި އެފަދައެހެން ސަވާރީތަކަށްވެސް، ފަހަތަށް މީހުން އަރުވައިގެން ދުއްވުމަކީ ހުއްދަކަމެއްކަން އެނގިގެންދެއެވެ. ނަމަވެސް ހިލޭ އަންހެނުން ގޮވައިގެން ދިއުން ހުއްދަވެގެން ނުވާކަން އެހެން ދަލީލުތަކުން އެނގެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙިމާރުކޮޅުގެ ނަމަކީ ޢުފައިރު ކަމުގައި އެހެން ޞައްޙަ ރިވާޔަތްތަކުގައި އައިސްފައިވެއެވެ. އަދި ‘ފަތުޙުލް މަޖީދު’ ކިޔުނު ފޮތުގައި ވާގޮތުންނަމަ އެއީ މުޤައުޤަސް (ރޫމީންގެފަރާތުން މިޞްރުގެ ވެރިއަކަށް ކަނޑައަޅާފއިވާ މީހާ) އެކަލޭގެފާނަށް ހަދިޔާއަކަށް ދެއްވިއެއްޗެކެވެ. އަދި އިބްނުއްޞަލާޙް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ) އެ ޙިމާރުކޮޅު މަރުވީ ޙައްޖަތުލް ވަދާޢުގައި ކަމަށް ބުނެވެއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙިމާރުކޮޅަށް ނަމެއް ދެއްވާފައިވުމުން، އެފަދަ އެއްޗިއްސަށް ނަންދިނުމަކީ ހުއްދަކަމެއްކަން އެނގިގެންދެއެވެ. ނަމަވެސް ޞަހާބީ ބޭކަލުންގެ ނަންތައް ފަދަ ނަންތަކެއް ދިނުން ހުއްދަވެގެން ނުވެއެވެ.

(يَا مُعَاذُ): އޭ މުޢާޛެވެ!

މީގެ ބަދަލުގައި، ޞަޙީޙުލް ބުޚާރީގައި އައިސްފައިވަނީ ‘އޭ މުޢާޛު ބިން ޖަބަލްއެވެ!’ މިފަދައިންނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، ގޮވާލެއްވުމުން، ‘އާދޭހެވެ! އޭ ﷲގެ ރަސޫލާއެވެ. އިޖާބައަކަށްފަހު އިޖާބައެއްދެމެވެ. ކަލޭގެފާނަށް އުފާވެރިކަންހުއްޓެވެ’ މިފަދައިން މުޢާޛު ރަޟިޔަﷲ ޢަންހު ވިދާޅުވިކަމުގައިވެސް އައިސްފައިވެއެވެ. އަދި ހަމައެހެންމެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެގޮތަށް 3ފަހަރު ގޮވާލެއްވިކަމަށާއި، ކޮންމެ ފަހަރަކުވެސް ގޮވާލެއްވުމަށްފަހު އެއްޗެކޭ ވިދާޅުނުވެ އިރުކޮޅެއްވަންދެން ހުންނެވި ކަމުގައި އައިސްފައިވެއެވެ.

ބުޚާރީގައި އައިސްފައިވާ ރިވާޔަތުން، މީހަކަށް އެއްޗެއް އުނގަންނައިދިނުމުގެ ކުރިން، އެމީހާގެ ސަމާލުކަން ހޯދުމުގެ މުހިންމުކަން އެނގިގެންދެއެވެ. އަޑުނިއިވުނަސް، އަދި އަޑުނުއެހިއަސް މައްސަލައެއްނެތް ކަމުގައި ބުނެ، ކޮންމެގޮތެއްވެސް ވަރިހަމަކޮށްލުން ރަނގަޅު ނޫންކަން އެނގެއެވެ. އޭގެ ބަދަލުގައި ޝައުޤުވެރިވާނޭ ގޮތަކަށް ހުށަހަޅައި ދިނުން މުހިންމުކަން އެނގެއެވެ.

(أَتَدْرِيْ مَا حَقُّ اللَّهِ عَلَى الْعِبَادِ وَ مَا حَقُّ الْعِبَادِ عَلَى اللَّهِ ؟): އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤާއި، ﷲތަޢާލާގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު އެނގިލާއްވާތޯއެވެ؟

ސުވާލުކުރެއްވުމަށްފަހު އުނގަންނަވައި ދެއްވާފައިވުމުން، ކިޔަވައިދިނުމުގައި ސުވާލު ކުރުމުގެ މުހިންމުކަން އެނގިގެންދެއެވެ. އަދި އެއްވެސް ފެށުމެއް، ނުވަތަ ޝައުޤުވެރިކުރުވާފަދަ އެއްވެސްކަމެއް ނުކޮށް، ހަމަވަގުތުން މަޢުލޫމާތު ހުށަހެޅުމަށްވުރެ، ސުވާލުކުރުމަށްފަހު ހުށަހެޅުމުން ފައިދާބޮޑުވާނެކަން އެނގިގެންދެއެވެ. އެހެނީ ދަރިވަރަށް ނޭނގޭ އެއްޗަކާ ބޭހޭގޮތުން އެދަރިވަރާއި ސުވާލުކުރުމަށްފަހު ދެން އޭގެ ޖަވާބު ކިޔާދިނުމުން ހިތުގައި ބޮޑަށް ހަރުލާނެއެވެ. އެހެންކަމުން މިއީ އުނގަންނައިދިނުމުގައި ބޭނުންކުރެވިދާނެ، ނަބަވީ އުސްލޫބެކެވެ.

(قُلْتُ : اللَّهُ وَ رَسُوْلُهُ أَعْلَمُ): ތިމަންކަލޭގެފާނު ދެންނެވީމެވެ. އެކަން އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.

މިއިން، މުޢާޛު ރަޟިޔަﷲއަންހުގެ އަދަބުވެރިކަމާއި، ޚުލުޤުފުޅުގެ މަތިވެރިކަން އެނގިގެންދެއެވެ. ހަމައެހެންމެ ދަރިވަރުންގެ އަޚްލާޤް ބަހައްޓަންކުރަންޖެހޭގޮތް އެނގިގެންދެއެވެ. ނޭނގޭ އެއްޗަކާއި ބެހޭގޮތުން ސުވާލުކުރެވިއްޖެނަމަ ‘ވެދާނެއޭ މިހެންވެސް’، ނުވަތަ ‘އެހެންވެސް ވެދާނެއޭ’ ބުނުމުގެ ބަދަލުގައި، ތިމަންނައަށް ނޭނގެއޭ ބުނުމުގެ މުހިންމުކަން އެނގިގެންދެއެވެ.

އެއްޗަކާއި ބެހޭގޮތުން ސުވާލުކުރެވުމުން ނޭނގެއޭ ބުނުމަކީ އެމީހާ ނިކަމެތިވާނޭ ސަބަބެއް ނޫނެވެ. އެހެނެއްކަމަކު އެމީހާއަށް މީހުންގެ އިތުބާރު ލިބިގެންދާނޭ ކަމެކެވެ. އެހެނީ އޭނައާއި ސުވާލުކުރެވިއްޖެނަމަ، އެނގޭއެއްޗަކަށް މެނުވީ ޖަވާބު ނުދޭނެކަން މީހުންނަށް އޭރުން އެނގިގެންދާނެއެވެ. އެއްފަހަރަކު، އިމާމް މާލިކް ރަޙިމަހުﷲއަށް، 40 މައްސަލައަކާ ބެހޭގޮތުން ސުވާލުދެންނެވުމުން، 4 ސުވާލަށް ޖަވާބުދެއްވުމަށްފަހު، އެހެން މައްސަލަތަކުގެ ޖަވާބު އެނގިނުލައްވާކަމުގައި ވިދާޅުވިއެވެ. އެހިނދު ސުވާލުކުރިމީހާ ބުންޏެވެ. ތިމަންނަ އެހާ ދުރުން ދަތުރުކޮށްފަ މިއައީ މިމައްސަލަތަކާ ބެހޭގޮތުން ކަލޭގެފާނާ ސުވާލުކުރުމަށެވެ. އެކަމަކުވެސް ކަލޭގެފާނު ނޭނގެއޭ ވިދާޅުވަނީތޯއެވެ؟ އެހިނދު އިމާމްމާލިލް ރަޙިމަހުﷲ ވިދާޅުވިއެވެ. ތިބާ ތިއައި ރަށަކަށް ގޮސް ބުނާށެވެ. އެވެނި މިވެނި މައްސަލައަކާބެހޭގޮތުން ސުވާލުކުރުމުން ތިމަންކަލޭގެފާނަށް އެނގިނުލައްވާކަމުގައި މާލިކު ވިދާޅުވިއެވެ.

ޤުރުއާނުގެ އެތައް އާޔަތެއްގައި ނޭނގޭ އެއްޗަކާބެހޭގޮތުން ވާހަކަނުދެއްކުމަށް ﷲއަންގަވާފައިވެއެވެ. އަދި ހަމައެހެންމެ މިކަމުގެ ނުރައްކާތެރިކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އެތައް ޙަދީޘްތަކެއްގައިވެސް ބަޔާންވެފައިވެއެވެ. އެހެންކަމުން، ﷲތަޢާލާގެ ކޯފާއާއި ޢަޛާބުން މިންޖުވެ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ބޭނުންމީހާ މިކަމަށް ސަމާލުވާންޖެހެއެވެ.

‘އެކަން އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.’ މުޢާޛު ރަޟިޔަﷲޢަންހު ދެންނެވީ މިފަދައިންނެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔޭގައި ހުންނެވިއިރު ބުނަންޖެހޭ ގޮތެވެ. ނަމަވެސް މިއަދު، އަޅުގަނޑުމެންނަށް ސުވާލުދެންނެވުމުން އަޅުގަނޑުމެން ބުނަންވާނީ ހަމައެކަނި، ‘އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.’ މިފަދައިންނެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވެވަޑައިގެންނެވުމަށް ފަހު ހިނގާހުރިހާކަމެއްގެ ތަފްޞީލެއް އެކަލޭގެފާނަށް އެނގިވަޑައިނުގަންނަވައެވެ. މިކަން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ވަނީ ބަޔާންކުރައްވާފައެވެ. އެކަލޭގެފާނުގެ ޙަވްޟާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘުގައިވެއެވެ. فَيُخْتَلَجُ الْعَبْدُ مِنْهُمْ فَأَقُولُ رَبِّ إِنَّهُ مِنْ أُمَّتِى. فَيَقُولُ مَا تَدْرِى مَا أَحْدَثَتْ بَعْدَكَ (رواه مسلم) “ފަހެ އެ ޙަވްޟާއި ދުރަށް މީހަކުލެވޭނެއެވެ. ދެންފަހެ ތިމަންކަލޭގެފާނު ދަންނަވާނަމެވެ. ‘ތިމަންކަލޭގެފާނުގެ ވެރިރައްބެވެ. އެއީ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހެކެވެ.’ އެހިނދު ވަޙީކުރައްވާނެއެވެ. ‘އެބައިމީހުން (އެބަހީ:ކަލޭގެފާނުގެ އުއްމަތުގެ މީހުން) ކަލޭގެފާނަށްފަހު (ދީނުގެ ތެރެއަށް އަމިއްލައަށް ވައްދައި) ހަދަމުން ދިޔަ ބިދުޢަތައް ކަލޭގެފާނަށް އެނގިނުލައްވައެވެ.

އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވެވަޑައިގެންނެވުމަށްފަހު ޞަޙާބީބޭކަލުންވެސް ވިދާޅުވާކަމުގައި ވާރިދުވެފައިވަނީ، ‘އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.’ މިފަދައިން އެކަންޏެވެ. އަދި އެބޭކަލުންވަނީ އެފަދައިން ބުނުމަށް އަޅުގަނޑުމެންނަށް އިރުޝާދުވެސް ދެއްވާފައެވެ. އިބްނު މަސްޢޫދު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. مَنْ عَلِمَ فَلْيَقُلْ وَمَنْ لَمْ يَعْلَمْ فَلْيَقُلْ اللَّهُ أَعْلَمُ (متفق عليه) “(ކަމެއްގެ މަޢުލޫމާތު) އެނގިފައިވާ މީހާ، (އެކަންތައް) ކިޔައިދޭށެވެ. އަދި (އެކަމުގެ) މަޢުލޫމާތު އެނގިގެންނުވާ މީހާ ބުނާހުށިކަމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.

އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!

1-މުޢާޛް ބުނު ޖަބަލް ރަޟިޔަﷲޢަންހުގެ ކުރު ތަޢާރަފެއް ބަޔާންކުރޭ!

2-މުޢާޛު ރަޟިޔަﷲ އަންހުގެ ޙަދީޘް ރިވާކުރެއްވީ ކޮންބޭކަލެއް؟

3-މި ޙަދީޘާއި ކިތާބުއްތަވްޙީދާއި އޮތީ ކޮންގުޅުމެއް؟

4-ޙަދީޘުން ލިބޭ 3 ފައިދާއެއް ބަޔާންކުރޭ!

5-ނޭނގޭ އެއްޗަކާ ބެހޭގޮތުން އަޅުގަނޑުމެންނަށް ސުވާލުދެންނެވިއްޖެނަމަ ބުނާނީ ކީކޭ؟

-ނުނިމޭ-

_____________________________________

ކުރީގެ ބައިތައް