[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 6

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

މީހެއްގެ ކިބައިގައި ޢިލްމު ހުރެފައި އެޢިލްމާ އެއްގޮތަށް އޭނާ ޢަމަލު ނުކުރާކަމުގައި ވާނަމަ އޭނައަކީ އެމީހަކަށް ﷲ ކޯފާލައްވާފައިވާ މީހުންގެ ތެރެއިންވާ މީހެކެއެވެ. އެއީ އެޢިލްމުގެ މަޤްސަދު އޭނާ ފުރިހަމަ ނުކުރިކަމަށްޓަކައެވެ. އަދި ޢިލްމާއި ނުލައި މީހަކު ކިތަންމެ އަޅުވެރިވީކަމުގައި ވީނަމަވެސް އޭނާއަކީ މަގުފުރެދިފައިވާ މީހެކެއެވެ. އަދި އޭނާވަނީ ﷲ ގެ ސީދާވެގެންވާ ތެދުމަގުން އެއްކިބާވެގެންނެވެ.

ކީރިތި ގުރުއާނުގައި ސޫރަތުލް ފާތިޙާ ގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:

(اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿6﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿7﴾ )  [الفاتحة ,6 ,7]

މާނައީ: “އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!. (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.”

މިއާޔަތުގައި އެކަލާނގެ ބަޔާންކޮށްދެއްވާފައިވާ أَنْعَمْتَ عَلَيْهِمْ ނިޢުމަތް ދެއްވި މީހުންނަކީ: ޢިލްމާއެއްގޮތަށް ޢަމަލުކުރި މީހުންނެއެވެ.

އަދި الْمَغْضُوبِ عَلَيْهِمْ ކޯފާލައްވާފައިވާ މީހުންނަކީ: ﷲ ތަޢާލާ އެބައި މީހުންނަށް ޢިލްމު ދެއްވުމުންވެސް އެޢިލްމަށް ޢަމަލުނުކުރި މީހުންނެއެވެ. އަދި ޔަހޫދީން ހިމެނެނީ މިބައިމީހުންގެ ތެރެއިންނެއެވެ.

އަދި الضَّالِّينَ މަގުފުރެދިފައިވާ މީހުންނަކީ: ޢިލްމު ހޯދުމަކާ ނުލާ ޢަމަލުތަށް ކުރާ މީހުންނެވެ. އަދި ނަޞާރާއިން ހިމެނެނީ މިބައިމީހުންގެ ތެރެއިންނެވެ.

މިހެންވެ ސަލަފުންގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ސުފްޔާނު ބުނު ޢުޔައިނަތަ رحمه الله ވިދާޅުވިއެވެ. ” އަހަރުމެންގެ ތެރެއިން ފަސާދަވާ ޢިލްމުވެރިންނާ ވައްތަރީ ޔަހޫދީންނާއެވެ. އަދި އަހަރުމެންގެ ތެރެއިން ފަސާދުވާ އަޅުވެރިންނާ ވައްތަރީ ނަސާރާއިންނާއެވެ.”

ޔަހޫދީންނަކީ އެބައިމީހުންގެ ކިބައިގައި ޢިލްމުހުރި ބަޔެކެއެވެ. އެހެންނަމަވެސް ޢިލްމު ހުރި ކަމުގައި ވީނަވެސް އެޢިލްމަކަށް އެބައިމީހުން ޢަމަލެއް ނުކުރިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެއެވެ.

އެކަލާނގެ ވަޙީކުރައްވާފައިވަނީ:

(مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا) [ الجمعة 5 ]

މާނައީ:” ތައުރާތަށް ޢަމަލުކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް ޢަމަލުނުކުރި މީހުންގެ މިޘާލަކީ، ފޮތްތަކެއް އުފުލާ ޙިމާރުގެ މިޘާލެއެވެ.”

އެބައިމީހުން ވަނީ އެތައުރާތު ދަސްކޮށްފައެވެ. އަދި ތައުރާތުން ދަލީލުކޮށްދޭ ކަންތައްތައްވެސް އެބައިމީހުންނަށް ފަހުމްވިއެވެ. އެހެން ނަމަވެސް އެޢިލްމަކަށް އެބައިމީހުންނެއް ޢަމަލެއް ނުކުރިއެވެ.

އަދި އަހަރުމެންގެ ތެރެއިން ފަސާދަވީ އަޅުވެރިންނާ ވައްތަރީ ނަޞާރާއިންނާއެވެ. އެއީ ނަޞާރާއިންނަކީ ބިދުޢަތަކުގެ އަހުލުވެރިން ކަމުގައި ވާތީއެވެ. އެބައިމީހުންނީ އެބައިމީހުންގެ ދީނުގެ ތެރެއަށް އާކަންތައްތަކާއި، އެބައިމީހުންނަށް ﷲ ތަޢާލާ ޝަރުޢު ނުކުރައްވާ ކަންތަށް ވެއްދިމީހުންނެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ