عَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُ قَالَ :كُنْتُ رَدِيْفَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى حِمَارٍ فَقَالَ لِيْ : يَا مُعَاذُ أَتَدْرِيْ مَا حَقُّ اللَّهِ عَلَى الْعِبَادِ وَ مَا حَقُّ الْعِبَادِ عَلَى اللَّهِ ؟ قُلْتُ : اللَّهُ وَ رَسُوْلُهُ أَعْلَمُ قَالَ : حَقُّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوْهُ وَلَا يُشْرِكُوْا بِهِ شَيْئاً ، وَ حَقُّ الْعِبَادِ عَلَى اللَّهِ أَلَّا يُعَذِّبَ مَنْ لَا يُشْرِكُ بِهِ شَيْئاً . قُلْتُ : يَا رَسُوْلَ اللَّهِ ، أَفَلَا أُبَشِّرُ النَّاسَ ؟ قَالَ : لَا تُبَشِّرُهُمْ فَيَتَّكِلُوْا (أخرجاه في الصحيحين)
މާތްﷲ ރުއްސުންލެއްވި މުޢާޛު ބުނު ޖަބަލްގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފަހަތްޕުޅުގައި އެކަލޭގެފާނުގެ ޙިމާރުކޮޅުގެ މަތީގައި ސާވާރުވެގެންވަނިކޮށް، ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. އޭ މުޢާޛެވެ! އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤާއި، ﷲތަޢާލާގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު އެނގިލާއްވާތޯއެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ. އެކަން އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެއިލާހުގެ ރަސޫލާއެވެ. ޙަދީޘްފުޅުކުރެއްވިއެވެ. އަޅުތަކުންގެ މައްޗަށްވާ ﷲގެ ހައްޤަކީ، އެއިލާހަށް އަޅުކަންކުރުމާއި، އެއިލާހާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. އަދި ﷲގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކުނުކުރާ މިހާއަށް ޢަޛާބުނުދެއްވުމެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އެހެންވިއްޔާ ތިމަންކަލޭގެފާނު، މީސްތަކުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވައި ހުންނަވަންވީތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެބައިމީހުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވާށެވެ! (ދެއްވައިފިނަމަ) އޭރުން އެބައިމީހުން އެކަމުގެ މައްޗަށް ބަރޯސާކޮށްފައި ޢަމަލުކުރުން ދޫކޮށްފާނެއެވެ.
___________________________________
ޝަރަޙަ
މިޙަދީޘުގެ ޝަރަޙައިގެ ފުރަތަމަބައި އިސްވެދިޔަ ފިލާވަޅުގައި ގެނެސްދެވިފައިވާނެއެވެ.
(حَقُّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوْهُ وَلَا يُشْرِكُوْا بِهِ شَيْئاً): އަޅުތަކުންގެ މައްޗަށްވާ ﷲގެ ހައްޤަކީ، އެއިލާހަށް އަޅުކަންކުރުމާއި، އެއިލާހާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ.
މުޢާޛު ރަޟިޔަﷲޢަންހު އަށް ގޮވާލައްވައި، އެކަލޭގެފާނުގެ ސަމާލުކަން ހޯއްދެވުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ބަޔާންކުރައްވާފައި މިވަނީ ވަރަށް މުހިންމު މަޢުލޫމާތުތަކެކެވެ. އެއީ އެކަމަކަށްޓަކައި އިންސާނާ ޚަލްޤުކުރެވުނު ކަންތަކެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އިންސާނާއަށް ލިއްބައިދޭނެ ކަންތަކެވެ.
އަޅުތަކުން އަދާކުރަންޖެހޭ ތަފާތު ޙައްޤުތަކެއް ވެއެވެ. މައިންބަފައިންގެ ޙައްޤާއި، ދެމަފިރިންގެ ޙައްޤާއި، އަވަށްޓެރީންގެ ޙައްޤާއި، އެހެނިހެން މުސްލިމުންގެ ޙައްޤާއި އަދި މިނޫންވެސް އެތަކެއް ޙައްޤެކެވެ. މި ޙަދީޘުގައި އެކަލޭގެފާނު ބަޔާންކުރައްވާފައި މިވަނީ އެބައިމީހުންގެ މައްޗަށްވާ އެންމެބޮޑު ޙައްޤެވެ. ﷲތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤެވެ. އެއީ އެއިލާހަށް ޚާލިޞްކޮށް އަޅުކަންކުރުމެވެ.
أَنْ يَعْبُدُوْهُ އޭ އެކަނި ޙަދީޘްނުކުރައްވައި، އެއާއެކު وَلَا يُشْرِكُوْا بِهِ شَيْئاً އޭ ޙަދީޘްކުރެއްވުމުން، ހަމައެކަނި އަޅުކަންކުރުމަކުން އަދި ނުފުދޭކަން އެނގިގެންދެއެވެ. އަދިކިއެއް! އެއަޅުކަންކުރުމުގައި، އެއިލާހާއި އެހެން އެއްވެސް ފަރާތެއް، އަދި އެއްޗެއްވެސް ބައިވެރިކޮށްގެން ނުވާނެކަން އެނގިގެންދެއެވެ. އެހެންކަމުން ކިތަންމެ ގިނައިން އަޅުކަންކުރިއަސް، އެއިލާހާއި އެހެންއެއްވެސް ފަރާތެއް ބައިވެރިކޮށްފިކަމުގައިވަނީނަމަ އެއިލާހުގެ ޙައްޤު އަދާކުރެވުނު ކަމުގައި ނުވެއެވެ.
وَلَا يُشْرِكُوْا بِهِ شَيْئاً މިފަދައިން އައިސްފައިވުމުން، އޭގެ ތެރޭގައި ﷲފިޔަވައި އަޅުކަންކުރެވޭ ހުރިހާ އެއްޗެއް ހިމެނޭނެއެވެ. ސަބަބަކީ، އެންމެފުރަތަމަ މިއޮތީ ނަހީ އެކެވެ. އެއީ وَلَا يُشْرِكُوْا بِهِ އެވެ. (އެއިލާހަށް ޝަރީކުނުކުރާށެވެ). ދެން އައިސްފައިމިވަނީ شَيْئاً (އެއްވެސް އެއްޗެއް)އެވެ. މިއަށް ޢަރަބި ބަހުގެ ޤަވާޢިދުގައި ކިޔަނީ ‘ނަކިރާ’އެވެ. އެއީ ވަކިއެއްޗެއް ނުވަތަ ތަނެއް ޚާއްޞަނުކޮށް ޢާއްމުކޮށް ބުނުމެވެ. ކަމެއް ނަހީކުރެއްވުމުގައި ނަކިރާއެއް އައިސްފިނަމަ، ޢިލްމުވެރިން ވިދާޅުވަނީ އޭގެތެރޭގައި ހުރިހާ އެއްޗެއް ހިމެނޭނެކަމަށެވެ. އެހެންވީމާ އަޅުކަންކުރުމުގައި އެއިލާހާއި އެއްވެސް ފަރާތެއް ބައިވެރިކޮށްގެން ނުވާނެކަން މިޙަދީޘުން އެނގިގެންދެއެވެ. އެއީ ﷲގެ ޙަޟްރަތުގައި ކިތަންމެ ލޮބުވެތިކަން ބޮޑުވެގެންވާ ފަރާތެއް ކަމުގައިވިއަސްމެއެވެ. އެހެންކަމުން އެއިލާހަށްޚާއްޞަ އެއްވެސްކަމެއް އެފަރާތަކަށް އަދާކޮށްގެންނުވާނެއެވެ. ކަންކަމަށް އެދިދެންނެވުމާއި، ނަދުރުބުނެ ޤުރުބާންކުރުމާއި، މިނޫންވެސް ﷲއަށް ޚާލިޞްކޮށް ކުރަންޖެހޭ އެންމެހައި ކަންކަމުގައިވެސްމެއެވެ.
ޝިރުކަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. އެއީ، އެންމެހައި ޢަމަލުތައް ބާޠިލުކޮށްލާ އެއްޗެކެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ (الزمر: ٦٥) ” ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކުކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.” އެހެންކަމުން އަޅުކަންކުރުމަށް އަމުރުކުރައްވާއިރު، އެއާވިދިގެން ޝިރުކުން އެއްކިބާވުމަށް ވަރަށް ގިނައިން އަންގަވާފައިވެއެވެ.
އަޅުކަންކުރުމުގައި، ޝިރުކުން އެއްކިބާވާން ޖެހޭފަދައިން، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ގެނެސްދެއްވި ގޮތަށް އެއަޅުކަންކުރުމަކީވެސް ކޮންމެހެން ލާޒިމުކަމެކެވެ. އެހެންނޫނީ އެއަޅުކަން ޞައްޙައެއް ނުވާނެއެވެ. އެހެނީ އެއްވެސް ޢަމަލެއް ޞައްޙަވާނީ، އޭގައި 2 ޝަރުޠެއް ހިމެނިގެންނެވެ. އެއީ ﷲއަށް ޚާލިޞްކޮށް ކުރުމާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަސްކޮށްދެއްވި ގޮތަށް އެކަމެއް ކުރުމެވެ. ޝަހާދަތުގެ ދެކަލިމަ ހިތުންތެދުކޮށް ޤަބޫލުކޮށް އެއާއެއްގޮތަށް ޢަމަލުކުރުމުގެ މާނައަކީ މިއެވެ. أَشْهَدُ أَلَّا إِلَهَ إِلَّا اللَّهُ އިން އިޚްލާޞްތެރިވުން ލާޒިމުކުރެއެވެ. وَأَشْهَدُ أَنَّ مُحَمَّدًا رَسُوْلُ اللَّهِ އިން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ދަސްކޮށްދެއްވި ގޮތަށް ޢަމަލުކުރުން ލާޒިމުކުރެއެވެ.
(وَ حَقُّ الْعِبَادِ عَلَى اللَّهِ أَلَّا يُعَذِّبَ مَنْ لَا يُشْرِكُ بِهِ شَيْئاً): އަދި ﷲގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކުނުކުރާ މިހާއަށް ޢަޛާބުނުދެއްވުމެވެ.
އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤަކީ، އެއިލާހު އެބައިމީހުންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެކެވެ. އެހެނަސް ﷲތަޢާލާގެ މައްޗަށްވާ އަޅުތަކުންގެ ހައްޤަކީ އެހެންފަރާތަކުން އެއިލާހަށް ވާޖިބުކުރާ ކަމެއް ނޫނެވެ. ވަޒީފާއެއް އަދާކުރުމުން އުޖޫރަދިނުން ލާޒިމުވާފަދައިން، އެއިލާހުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ނޫނެވެ. އެއީ އެއިލާހުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމުގައި ބުނަނީ، މަގުފުރެދިފައިވާ މުޢުތަޒިލީންނެވެ. ނަމަވެސް، އަހްލުއްސުނާވަލްޖަމާޢަތުގެ ޢަޤީދާއަކީ، އެއީ އެއިލާހުގެ ރަޙުމަތުން، އެއިލާހުގެ ޛާތުފުޅަށް ކަނޑައަޅުއްވައި، އަޅުތަކުންނަށް އެއިލާހު ވަޢުދުވެވޮޑިގެންފައިވާ ކަމެކެވެ. ﷲއަށް ޚާލިޞްކޮށް އަޅުކަންކުރާ އަޅަކަށް އެޙައްޤު ލިބިގެންދާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެހެނީ އެއިލާހީ ވައުދުފުޅާ ޚިލާފުވެވޮޑިގަންނަވާ ފަރާތެއްނޫނެވެ.
އެއިލާހަށް ޝަރީކުނުކުރާ މީހާއަށް ޢަޛާބުނުދެއްވުމޭ އައިސްފައިވާ ބަސްފުޅުގެ މުރާދަކީ، އެއިލާހަށް އަޅުކަންކޮށް، އެއަޅުކަމުގައި އެއިލާހަށް ޝަރީކުނުކުރާ މީހާއަށް ޢަޛާބުނުދެއްވުމެވެ. ފަހަރެއްގައިވެސް އެއްވެސް އަޅުކަމެއް ނުކޮށް، ތިމަންނަ އެއިލާހަށް ޝަރީކުނުކުރަމޭ ބުނެ ހުންނަމީހާއެއް ނޫނެވެ. އެފަދައިން ހުންނަ މީހާއަށް، އެއަޅުކަންކުރެވެނީ ﷲފިޔަވައި އޭނާގެ ހަވާނަފްސަށް ކަމުގައި މެނުވީނުވެއެވެ.
حَقُّ الْعِبَادِ عَلَى اللَّهِ އޭ އައިސްފައިވުމުންވެސް މިތަނުގައި މިވަނީ އަޅުކަންކޮށް، އެއަޅުކަމުގައި އެއިލާހަށް ޝިރުކުނުކުރުންކަން އެނގިގެންދެއެވެ. އެހެނީ އަޅުންގެ ގޮތުގައި ޞިފަކުރެވޭ މީހާ އަޅުކަންކުރަން ޖެހޭނެއެވެ. ދެން ހަމައެއާއެކު މި ވާހަކަ ބަޔާންވެފައިމިވަނީ، އަޅުކަންކޮށް އެއިލާހަށް ޝަރީކުނުކުރުން އެއީ އަޅުތަކުންގެ މައްޗަށްވާ ﷲގެ ޙައްޤުކަން ބަޔާންކުރެއްވުމަށް ފަހުއެވެ. އެހެންކަމުން، މިތަނުގައިވެސް މިއަންނަނީ އަޅުކަންކޮށް ޝަރީކުނުކުރުންކަން އެނގިގެންދެއެވެ.
މީހަކު ސުވާލުކޮށްފާނެއެވެ. އެހެންވިއްޔާ އަޅުކަންކޮށް، އެކަމަކު ޝިރުކާއި ހަމައަށްނުދާ ބޮޑެތި ފާފަތައްކުރާ މީހާއަށްވެސް ޢަޛާބުނުދެއްވާނެދޯއެވެ؟
އެމީހަކަށް ބުނަންޖެހޭނީ، މިތަނުގައި ޢަޛާބު ނުދެއްވުމުގެ މުރާދަކީ، ނަރަކައިގައި އަބަދަށް ދެމިއޮންނަ މީހެއްގެ ގޮތުގައި ޢަޛާބުނުދެއްވާ ވާހަކައެވެ. ދެން، އެމީހާ ޝިރުކާއި ހަމައަށްނުދާ ފާފަތަކެއް ކޮށްފައިވާނަމަ، އަހްލުއްސުއްނަތުގެ އަޤީދާއަކީ ކަނޑައެޅިގެން އޭނާއަށް އަޛާބުލިބޭނެއޭވެސް ނުލިބޭނެއޭވެސް ނުބުނުމެވެ. އެހެނަސް ﷲއިރާދަކުރައްވައިފިނަމަ އޭނަގެ ފާފަ ފުއްސަވައި ސުވަރުގެ ވައްދަވާފާނެއެވެ. އަދި އިރާދަކުރައްވައިފިނަމަ އޭނަ ކުރި ފާފައަށް ޢަޛާބުދެއްވުމަށްފަހު، ސުވަރުގެ ވައްދަވާނެއެވެ. އެހެންވީމާ، ތަވްޙީދުގެއަހުލުވެރިން ކޮންމެވެސް ދުވަހަކުން ސުވަރުގެ ވަންނާނެއެވެ.
ނަމަވެސް މަގުފުރެދިފައިވާ ޚަވާރިޖުންނާއި މުޢުތަޒިލީންގެ ޢަޤީދާއަކީ، ތަވްޙީދުގެ އަހުލުވެރިއެއްކަމުގައިވިއަސް، ބޮޑުފާފައެއް ކޮށްފިނަމަ އޭނާ އަބަދުގެއަބަދަށް ނަރަކައިގައި ދެމިއޮންނާނެ ކަމުގައެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ނަރަކައަށް ވަދެފިމީހަކު އެތަނުން ނުނިކުންނާނެއެވެ. ނަމަވެސް އެމީހުންގެ މިޢަޤީދާއަކީ ބާޠިލު ޢަޤީދާއެއްކަން ރަސޫލުﷲ ޞައްލަﷲޢަލައހިވަސައްލަމަގެ އެތައް ޙަދީޘްތަކަކުން ޘާބިތުވެއެވެ. ﷲތަޢާލާ، ނަރަކައިން ތަވްޙީދުގެ އަހުލުވެރިން ނެރުއްވައި ސުވަރުގެ ވައްދަވާނެކަން އަންގަވާފައިވާ އެތައް ޙަދީޘެއް ވާރިދުވެފައިވެއެވެ. އެޙަދީޘްތައް މިސިލްސިލާގެ ކުރިއަށްހުރި ބައިތަކުގައި ﷲގެ އިރާދަފުޅާއެކު ތަފްޞީލުކޮށް ބަޔާންވެގެންދާނެއެވެ.
(أَفَلَا أُبَشِّرُ النَّاسَ): އެހެންވިއްޔާ ތިމަންކަލޭގެފާނު، މީސްތަކުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވައި ހުންނަވަންވީތޯއެވެ؟
މީސްތަކުންނަށް އުފާވެރި ޚަބަރުތައް ދިނުމަކީ ހެޔޮރަނގަޅުކަމެއްކަން މިބަސްފުޅުން އެނގިގެންދެއެވެ. އެހެނީ މުޢާޛު ރަޟިޔަﷲޢަންހު އެހެން އައްސަވާނީ، އެފަދަ ޚަބަރުތައް އެއްބޭކަލަކު އަނެއްބޭކަލަކަށް ދެއްވަވާ އުޅުއްވާތީއެވެ.
ހަމައެހެންމެ، މުޢާޛު ރަޟިޔަﷲޢަންހުގެ ފިޤުހުވެރިކަންވެސް މިބަސްފުޅުން އެނގިގެންދެއެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘެއްކުރައްވައިފިނަމަ، އަޞްލަކީ އެހެން މީހުންނަށް ބަޔާންކޮށްދިނުމަށް އިތުރު ހުއްދައެއް ހޯދަން ނުޖެހުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހވަސައްލަމަގެ އެތައް ޙަދީޘެއްގައި އެހެންމީހުންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް ފޯރުކޮށްދިނުމަށް އަންގަވާފައިވެއެވެ. އޭގެތެރެއިން ޙަދީޘެއްގައި އައިސްފައިވެއެވެ. بَلِّغُوا عَنِّي وَلَوْ آيَةً (رواه البخاري) “ތިމަންކަލޭގެފާނުގެ ކިބައިން އެންމެ އާޔަތެއްވިޔަސް (އެހެންމީހުންނަށް) ފޯރުކުރާށެވެ” ނަމަވެސް މިކަން މިގޮތަށްއޮތްއިރުވެސް، މުޢާޛު ރަޟިޔަﷲޢަންހު ސުވާލުކުރެއްވީ، އެވާހަކަ ފޯރުކޮށްދެއްވުމުން، ނޭދެވޭ އަސަރެއްކޮށްފާނެކަމަށް އެކަލޭގެފާނަށް ޤަބޫލުފުޅުކުރެއްވޭތީކަން އެނގިގެންދެއެވެ.
(لَا تُبَشِّرُهُمْ فَيَتَّكِلُوْا ): އެބައިމީހުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވާށެވެ! (ދެއްވައިފިނަމަ) އޭރުން އެބައިމީހުން އެކަމުގެ މައްޗަށް ބަރޯސާކޮށްފައި ޢަމަލުކުރުން ދޫކޮށްފާނެއެވެ.
ހުރިހާ ޢިލްމެއް ފޮރުވުން އެއީ މަނާކަމެއް ނޫންކަން މި ޙަދީޘުން އެނގިގެންދެއެވެ. ބައެއް ޢިލްމުތައް ބައެއް މީހުންނަށް ފޯރުކޮށްނުދިނުމަކީ މައްސަލައެއް ނޫނެވެ. އެއީ އެޢިލްމު ފޯރުކޮށްދިނުމުން މަންފާކުރުމުގެ ބަދަލުގައި އިތުރަށް ގޯސްވެދާނެކަމަށް ފެންނަނަމައެވެ. އެހެންކަމުން އިމާމް މާލިކް ރަޙިމަހުﷲގެ އަރިހުން ރިވާވެގެންވެއެވެ. “އިވޭ ހުރިހާ ވާހަކައެއް (އެހެންމީހުންނަށް) ކިޔައިދޭ މީހަކީ ޢިލްމުވެރިއެކޭ ނުބުނެވޭނެއެވެ.”
ބައެއް ޢިލްމުތަކަކީ، ބައެއްމީހުންނަށް ފޯރުކޮށްދިނަސް، އަނެއްބައިމީހުންނަށް ފޯރުކޮށްދިނުން ރަނގަޅުނޫން އެއްޗެއްކަމުގައި ވެދާނެއެވެ. މި ޙަދީޘުގައިވެސް، މުޢާޛު ރަޟިޔަﷲޢަންހުއަށް އެ ޚަބަރު ދެއްވާފައި، އެހެން ބޭކަލުންނަށް އެޚަބަރު ނުދެއްވުމަށް މިވަނީ އަންގަވާފައެވެ. އެއީ އެއިން ނޭދެވޭ އަޘަރު އެކަލޭގެފާނަށް ނުކުރާނެކަން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމައަށް އެނގިލައްވާތީކަން ކަށަވަރެވެ. އެހެންކަމުން، ޢަލީ ރަޟިޔަﷲޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. “މީސްތަކުންނަށް ވިސްނޭނެ އެއްޗެހި އެމީހުންނަށް ކިޔައިދޭށެވެ. (ނުވިސްނޭ އެއްޗެއް ކިޔައިދިނުމުގެ ސަބަބުން) ﷲއާއި އެއިލާހުގެރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދޮގުކުރެވޭތަން ދެކެން ތިޔަބައިމީހުން ބޭނުންވޭހެއްޔެވެ؟” އަދި ޞަޙީޙު މުސްލިމްގައި އައިސްފައިވެއެވެ. އިބްނު މަސްޢޫދު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. “މީސްތަކުންގެ ސިކުނޑިއަށް ނަގައިނުގަނެވޭފަދަ ބަހެއް ތިބާ ކިޔައިދީފިނަމަ، އެބައިމީހުންގެ ތެރެއިން ބަޔަކު ފިތުނަވެރިނުވެ ނުދާނެއެވެ.” އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ބޭރުފުށަށް އެކަނި ބެލުމުން ބިދުޢައަކަށް ބާރުލިބޭފަދަ، އަދި ބޭރުފުށަށް އެފެންނަ މާނައަކީ އޭގެ އަޞްލު މުރާދުކަމުގައިނުވާ ޙަދީޘެއް، ހަމައެކަނި ބޭރުފުށުގެ މާނައިގައި ހިފާފަދަ ބަޔަކަށް ކިޔައިނުދިނުމަކީ އެދެވިގެންވާގޮތެވެ.”
މީހަކު ސުވާލުކޮށްފާނެއެވެ. ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަ، ކިޔައިނުދެއްވުމަށް އަންގަވާފައިވަނިކޮށް، މުޢާޛު ރަޟިޔަﷲޢަންހު މިޚަބަރުދެއްވީ ކީއްވެތޯއެވެ؟
ޢިލްމުވެރިން، ތަފާތު އެކިގޮތްގޮތުން މިސުވާލުގެ ޖަވާބު ދެއްވާފައިވެއެވެ. އޭގެތެރެއިން އެންމެބުރަވޭވޭ އެއްގޮތަކީ، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ އެހެން ޙަދީޘްކުރެއްވީ، އެއަޑުއިވޭ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެތީއެވެ. އެފަދަ އަސަރެއްނުކުރާނެކަން ޔަޤީންވެއްޖެނަމަ، ކިޔައިދިނުމަކު މައްސަލައެއް ނެތްކަން، މުޢާޛު ރަޟިޔަﷲޢަންހުއަށް މިޙަދީޘް ބަޔާންކޮށްދެއްވާފައިވުމުން އެނގެއެވެ.
މުޢާޛު ރަޟިޔަﷲޢަންހު މިޚަބަރުދެއްވީ އެކަލޭގެފާނު އަވާހާރަވެވަޑައިގެންނެވި އާލާސްކަންފުޅުގައި ކަމުގައި އައިސްފައިވެއެވެ. އެހެންވީމާ އެކަލޭގެފާނު މިޙަދީޘް ބަޔާންކޮށްދެއްވީ، އެވަގުތު އެތަނުގައި ތިބި މީހުންނަށް މިޙަދީޘް ބަޔާންކޮށް ދިނުމުން ނޭދެވޭ އަސަރެއްނުކުރާނެކަމަށް އެކަލޭގެފާނަށް ފެނިލައްވާތީއާއި، ރަސޫލުﷲޞައްލަﷲ ޢަލައިހިވަސައްލަމައަށް އެކަލޭގެފާނު ސުވާލުކުރެއްވުމުން ދެއްވި ޖަވާބުވެސް މިއާއެކު ބަޔާންކުރެއްވުމުން، މިޙަދީޘަށް ބަރޯސާވެ ޢަމަލުދޫކޮށްގެން ނުވާނެކަން މީސްތަކުންނަށް އެނގޭނެކަމަށް ޤަބޫލުފުޅުކުރެއްވޭތީއެވެ. އަދި ޢިލްމުފޮރުވާ މީހުންނާ ބޭހޭގޮތުން އައިސްފައިވާ ޙަދީޘްތައް އެކަލޭގެފާނަށް އެނގިލައްވާތީ، އެފަދަ މީހުންގެތެރެއިން ވެނުލެއްވުމަށްޓަކައެވެ.
މިފިލާވަޅުގެ ސުވާލުތައް:
1-އަޅުތަކުން އަދާކުރަންޖެހޭ އެންމެބޮޑު ޙައްޤަކީ ކޮބާ؟
2-އަޅުކަން ޞައްޙަވަނީ އޭގައި ކިތައް ޝަރުޠު ހިމެނިގެން؟ އަދި އެއީ ކޮން ޝަރުޠުތަކެއް؟
3-މަގުފުރެދިފައިވާ 2 ބައެއްގެ ނަން ބަޔާންކުރޭ!
4-ޝަރީކުނުކުރާ ކޮންމެ މީހަކު އެއްވެސް ޢަޛާބެއް ލިބުމަކާނުލާ ސުވަރުގެ ވަންނާނެތަ؟
5-ބޮޑުފާފަކުރާ މީހުން ނަރަކައިގެ ދެމިތިބޭނެ ކަމުގައި ބުނަނީ ކޮންބައެއް؟ އަދި މިމައްސަލައިގަ އަހްލުއްސުނަތްވަލްޖަމާޢަތުގެ ޢަޤީދާއަކީ ކޮބާ؟
6-(أَفَلَا أُبَشِّرُ النَّاسَ) މިބަސްފުޅުން އެނގިގެންދާ 2 ކަމެއް ބަޔާންކުރޭ!
7-ޢިލްމު ފޮރުވުން ހުއްދަވަނީ ކޮންހާލަތެއްގައި؟
8-ރަސޫލުﷲޞައްލަﷲޢަލައިހިވަސައްލަމަ، ކިޔައިނުދެއްވުމަށް އަންގަވާފައިވަނިކޮށް، މުޢާޛު ރަޟިޔަﷲޢަންހު މިޙަދީޘް ބަޔާންކޮށްދެއްވީ ކީއްވެ؟
-ނުނިމޭ-
_____________________________________