[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 21 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

KALIMAA
فِيْهِ مَسَائِلُ: އިސްވެދިޔަ ނައްޞުތަކާއި އަޘަރުތަކުގައި ތަފާތު މަސްއަލަތައް(ނުކުތާތައް) އެކުލެވިގެންވެއެވެ.
الأُوْلَى: الْحِكْمَةُ فِيْ خَلْقِ الْجِنِّ وَالْإِنْسِ: ފުރަތަމައީ: ޖިންނީންނާއި އިންސީން ޚަލްޤުކުރެއްވުމުގެ ޙިކްމަތެވެ.
الثَّانِيَةُ: أَنَّ الْعِبَادَةَ هِيَ التَّوْحِيْدُ؛ لِأَنَّ الْخُصُوْمَةَ فِيْهِ: ދެވަނައީ: ހަމަކަށަވަރުން އަޅުކަމަކީ އެއީ، ﷲއެއްކައުވަންތަކުރުމެވެ. ސަބަބަކީ (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި މުޝްރިކުންނާ ދެމެދު) ދެބަސްވެފައިވަނީ މިކަމުގައެވެ.
الثَّالِثَةُ: أَنَّ مَنْ لَمْ يَأْتِ بِهِ لَمْ يَعْبُدِ اللَّهَ، فَفِيْهِ مَعْنَى قَوْلِهِ تَعَالَى:{ وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ (الكافرون: ٣)}: ތިންވަނައީ: ހަމަކަށަވަރުން ﷲ އެއްކައުވަންތަނުކޮށްފި މީހާ ﷲއަށް އަޅުކަންކުރުމުން އެއްކިބާވެގެންފިއެވެ. ފަހެ މިކަމުގައި ﷲތަޢާލާގެ މިވަޙީބަސްފުޅުގެ މާނަވެއެވެ. وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ (الكافرون: ٣) “އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށް އަޅުކަންކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ނުވެއެވެ.
الرَّابِعَةُ: الْحِكْمَةُ فِيْ إِرْسَالِ الرُّسُل: ހަތަރުވަނައީ: ރަސޫލުބޭކަލުން ފޮނުއްވުމުގައިވާ ޙިކްމަތެވެ.
الْخَامِسَةُ: أَنَّ الرِّسَالَةَ عَمَّتْ كُلَّ أُمَّة: ފަސްވަނައީ: ހަމަކަށަވަރުން ހުރިހާއުންމަތަކަށްވެސް ﷲގެ ރިސާލަތު ޢާއްމުވެގެންވެއެވެ.
السَّادِسَةُ: أَنَّ دِيْنَ الْأَنْبِيَاءِ وَاحِد: ހަވަނައީ: ހަމަކަށަވަރުން ހުރިހާ ނަބީބޭކަލުންގެ ދީނަކީވެސް އެއްދީނެކެވެ.
السَابِعَةُ: الْمَسْأَلَةُ الْكَبِيْرَةُ أَنَّ عِبَادَةَ اللَّهِ لَا تَحْصُلُ إِلَّا بِالْكُفْرِ بِالطَّاغُوْتِ، فَفِيْهِ مَعْنَى قَوْلِهِ:{ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى (البقرة: ٢٥٦)}: ހަތްވަނައީ: ބޮޑު(މުހިންމު) މަސްއަލައަކީ(ނުކުތާއަކީ)، ހަމަކަށަވަރުން ޠާޣޫތަށް ކާފިރުވެގެންމެނުވީ، ﷲއަށް އަޅުކަންކުރުން ޙާޞިލެއް ނުވާނެއެވެ. ފަހެ، މިމޭރުމުން ﷲތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުވެއެވެ. فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لا انْفِصَامَ لَهَا (البقرة: ٢٥٦) “ފަހެ ޠާޣޫތަށް ކާފިރުވެ، ﷲއަށް އީމާންވެއްޖެމީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާ ވަކިވުމެއްނުވާ އުޅަކެއްގައި ވަރުގަދައަށް ހިފަހައްޓައިފިއެވެ.
الثَّامِنَةُ: أَنَّ الطَّاغُوْتَ عَامٌّ فِيْ كُلِّ مَا عُبِدَ مِنْ دُوْنِ اللَّهِ އަށްވަނައީ: ﷲފިޔަވައި އަޅުކަންކުރެވޭ ކޮންމޭ އެއްޗަކަށް ޠާޣޫތޭ ކިޔެއެވެ.
التَّاسِعَةُ: عِظَمُ شَأْنِ الثَّلَاثِ آيَاتِ الْمُحْكَمَاتِ فِيْ سُوْرَةِ الْأَنْعَامِ عِنْدَ السَّلَفِ. وَفِيْهَا عَشْرُ مَسَائِلَ، أَوَّلُهَا النَّهْيُ عَنِ الشِّرْكِ: ނުވަވަނައީ: ސަލަފުއްޞާލިޙުންގެ އަރިހުގައި، އަންޢާމް ސޫރަތުގެ (ބަޔާންވެދިޔަ) މުޙްކަމް 3 އާޔަތުގެ އަހައްމިއްޔަތުކަމުގެ ބޮޑުކަން. އެ 3 އާޔަތުގައި ﷲތަޢާލަގެ ހަޟްރަތުން، އަޅުތަކުންނަށް 10 ޙުކުމެއް އަންގަވާފައިވެއެވެ. އޭގެތެރެއިން ފުރަތަމަ ޙުކުމަކީ ޝިރުކުކުރުން މަނާކުރުމެވެ.
___________________________________
ޝަރަޙަ

އިމާމް މުޙައްމަދު ބުނު ޢަބްދިލްވައްހާބް، މިފޮތުގެ ކޮންމެ ބާބެއްގައިވެސް ދަލީލުތައް ބަޔާންކުރެއްވުމަށްފަހު، އެބާބު ނިންމަވާލައްވަނީ، އެދަލީލުތަކުން އެނގިގެންދާ ކަންތައް، ނުކުތާތަކެއްގެގޮތުގައި ބަޔާންކުރައްވާފައެވެ. އެހެންކަމުން މިތަނުގައި ބަޔާންކުރައްވާފައިމިވަނީ، މުޤައްދިމާއެއްގެ ގޮތުގައި ބަޔާންކުރެއްވި ބާބުގައި ގެންނަވާފައިވާ ނައްޞުތަކުގައި އެކުލެވިގެންވާ ނުކުތާތަކެވެ.

ފުރަތަމައީ: ޖިންނީންނާއި އިންސީން ޚަލްޤުކުރެއްވުމުގެ ޙިކްމަތެވެ.

ޖިންނީންނާއި އިންސީން ޚަލްޤުކުރައްވާފައިވަނީ، ﷲތަޢާލާއަށް ޚާލިޞްކޮށް އަޅުކަންކުރުމަށްކަން އިސްވެދިޔަ ނައްޞުތަކުން އެނގިގެންގޮސްފައިވެއެވެ. ފަހަރެއްގައިވެސް، އެމީހުން ޚަލްޤުކުރެވުނީ ކުޅިވަރާއިމަޖަލުގެ ތެރެއަށް ޣަރަޤުވެ، ޝައިޠާނާއަށް އަޅުކަންކުރުމަކަށް ނޫނެވެ. މިކަން އެނގިގެންދިޔައީ ﷲތަޢާލާގެ ވަޙީބަސްފުޅު، وَمَا خَلَقْتُ الْجِنَّ وَالإنْسَ إِلا لِيَعْبُدُونِ (الذاريات: 56)  އިންނެވެ. މިއާޔަތުގެ މާނައީ: “އަދި، ޖިންނީންނާއި އިންސީން، ތިމަން ﷲއަށް އަޅުކަންކުރުމަށް މެނުވީ ނަހައްދަވަމެވެ.”

ދެވަނައީ: ހަމަކަށަވަރުން އަޅުކަމަކީ އެއީ، ﷲއެއްކައުވަންތަކުރުމެވެ. ސަބަބަކީ (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި މުޝްރިކުންނާ ދެމެދު) ދެބަސްވެފައިވަނީ މިކަމުގައެވެ.

މީގެ މުރާދަކީ، އަޅުކަން ބިނާވެގެންވަނީ ތަވްޙީދުގެ މައްޗަށެވެ. އެއަޅުކަންކުރުމުގައި ﷲއެއްކައުވަންތަ ނުކޮށްފިނަމަ، އަޅުކަންނުކުރާފަދައެވެ. އެހެނީ އޭނާ ﷲތަޢާލާއަށް ކިޔަމަންތެރިއެއްނުވެއެވެ. އެއިލާހު އަންގަވާފައިވަނީ އެއިލާހަށް ޚާލިޞްކޮށް އަޅުކަންކުރުމަށެވެ. އެހެންކަމުން އިންސާނުން ޚަލްޤުކުރެއްވި މަޤްޞަދު ބަޔާންކުރައްވައި ވަޙީކުރެއްވި އާޔަތުގައިވާ لِيَعْبُدُونِ ގެ މާނައަކީ، ﷲއެއްކައުވަންތަކުރުންކަމުގައި ސަލަފުންގެ ބައެއްބޭކަލުންގެ އަރިހުން އައިސްފައިވެއެވެ.

އަޅުކަންކުރުމުގައި ﷲތަޢާލާއާއި އެހެންފަރާތްތަކެއް ބައިވެރިކޮށްފިނަމަ، އެޢަމަލެއް އެމީހާއަށް ރައްދުކުރެވޭނެއެވެ. ޤުދުސީ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. قَالَ اللَّهُ تَبَارَكَ وَتَعَالَى أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِى غَيْرِى تَرَكْتُهُ وَشِرْكَهُ (رواه مسلم) “ﷲތަޢާލާ ވަޙީކުރެއްވިއެވެ. ‘ތިމަންއިލާހީ ބައިވެރިވާނެ އެއްވެސްފަރާތަކާނުލައި ފުދިވޮޑިގެންވާއިލާހެވެ. ޢަމަލެއްކުރާމީހާ، އޭނާ އެކުރާޢަމަލުގައި، ތިމަންއިލާހާއި އެހެންފަރާތެއް ބައިވެރިކޮށްފިކަމުގައި ވަނީނަމަ، އެމީހާއާއި އެޢަމަލާއި ތިމަންއިލާހު ދޫކޮށްލައްވާހުށީމެވެ. (އެބަހީ: އޭނާގެ ޢަމަލު ޤަބޫލުނުކުރައްވާ ހުށީމެވެ.)”

ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމައާއި ޤުރައިޝުންނާ ދެމެދު ދެބަސްވެފައިވަނީ، ތަވްޙީދުގައެވެ. (ޚާއްޞަ ތަވްޙީދުލް އުލޫހިއްޔާގައެވެ.) އެންމެހައި އަޅުކަންތަކެއް ﷲއަށް ޚާލިޞްކުރުމުގައެވެ. އެބައިމީހުންވެސް ގެފުޅު ވަށައިގެން ޠާވާފުކޮށް ﷲއަށް އަޅުކަންކުރިއެވެ. ނަމަވެސް އެއަޅުކަން އެއިލާހަށް ޚާލިޞް ނުކުރެއެވެ. އޭގެބަދަލުގައި އެއިލާހާއި އެހެންފަރާތްތައް ބައިވެރިކުރިއެވެ. އެއީ ﷲއަށް ބޮޑަށް ކުއްތަންކޮށްދޭ އެއްޗެހިތަކެއް ކަމުގައި ބުނެއެވެ. އެހެންކަމުން އިމާމް މުޙައްމަދު ބުނު ޢަބްދިލްވައްހާބް ރަޙިހަމުﷲ ބަޔާންކުރައްވާފައިމިވަނީ، އެބައިމީހުން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމައާ ދެކޮޅުވެ ޢަދާވާތްތެރިވީ، އެކަލޭގެފާނު ތަވްޙީދަށް ގޮވާލެއްވުމުންކަމުގައެވެ. އެމީހުން އަޅުކަށްކުރަމުންއައި ބާޠިލު އިލާހުންތައް(ބުދުތައް) ދޫކޮށް ހަމައެކަނި ޚާލިޤުވަންތަ ﷲ އަށް އަޅުވެތިވުމަށް ގޮވާލެއްވުމުންކަމުގައެވެ.

ތިންވަނައީ: ހަމަކަށަވަރުން ﷲ އެއްކައުވަންތަނުކޮށްފި މީހާ ﷲއަށް އަޅުކަންކުރުމުން އެއްކިބާވެގެންފިއެވެ. ފަހެ މިކަމުގައި ﷲތަޢާލާގެ މިވަޙީބަސްފުޅުގެ މާނަވެއެވެ. وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ (الكافرون: ٣)“އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށް އަޅުކަންކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ނުވެއެވެ.”

އަޅުކަންކުރިކަމުގައިވިއަސް، އެބައިމީހުން އައީ ﷲއާ އެހެންފަރާތްތައް ބައިވެރިކޮށް އެއިލާހަށް ޝަރީކުކުރަމުންނެވެ. އެހެންކަމުން މިއާޔަތުގައިވެސް އަންގަވާފައިމިވަނީ، ﷲއަށް އަޅުކަންކުރާ ބަޔަކުކަމުގައި އެބައިމީހުން ނުވާ ވާހަކައެވެ. އެއީ އެބައިމީހުން ޝިރުކު ކުރާތީއެވެ.

ހަތަރުވަނައީ: ރަސޫލުބޭކަލުން ފޮނުއްވުމުގައިވާ ޙިކްމަތެވެ.

މި ނުކުތާ ނަންގަވާފައިމިވަނީ އަންނަނިވި ވަޙީބަސްފުޅުންނެވެ.  وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ (النحل: ٣٦) “(ކަލޭގެފާނުގެ ވެރިއިލާހު ގަންދެއްވައި ވަޙީކުރައްވަމެވެ.) ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲއަށް އަޅުކަންކުރުމަށާއި، ޠާޣޫތުން (ﷲ ފިޔަވައި އަޅުކަންކުރެވޭ ހުރިހައި އެއްޗެއް)ގެ ކިބައިން ދުރުހެލިވުމަށް އެންގެވުމަށެވެ.” ފަހެ ރަސޫލުބޭކަލުން ފޮނުއްވުމުގެ ޙިކްމަތަކީ، ޠާޣޫތުންނަށް އަޅުކަންކުރުމުން އެއްކިބާވެ ﷲތަޢާލާއަށް އަޅުކަންކުރުމަށް، ގޮވާލެއްވުމެވެ.

ފަސްވަނައީ: ހަމަކަށަވަރުން ހުރިހާއުންމަތަކަށްވެސް ﷲގެ ރިސާލަތު ޢާއްމުވެގެންވެއެވެ.

އެބަހީ، ޙައްޤާއިބާޠިލު ބަޔާންކޮށްދެއްވުމަށްޓަކައި، ރަސޫލުބޭކަލަކު ފޮނުއްވާފައިނުވާ އެއްވެސް އުންމަތެއް ނުވެއެވެ. މި ނުކުތާވެސް ނަންގަވާފައިމިވަނީ، އިސްވެދިޔަ ވަޙީބަސްފުޅުންނެވެ. وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا (النحل: ٣٦) “(ކަލޭގެފާނުގެ ވެރިއިލާހު ގަންދެއްވައި ވަޙީކުރައްވަމެވެ.) ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ.”

ހަވަނައީ: ހަމަކަށަވަރުން ހުރިހާ ނަބީބޭކަލުންގެ ދީނަކީވެސް އެއްދީނެކެވެ.

އެބަހީ، ހުރިހާ ނަބީބޭކަލުންވެސް ގޮވައިލެއްވީ އެއްކަމަކަށެވެ. އެއީ ﷲތަޢާލާ އެއްކައުވަންތަ ކުރުމަށެވެ. މިނުކުތާވެސް ނަންގަވާފައިމިވަނީ އިސްވެދިޔަ ވަޙީބަސްފުޅުންނެވެ. وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ (النحل: ٣٦) “(ކަލޭގެފާނުގެ ވެރިއިލާހު ގަންދެއްވައި ވަޙީކުރައްވަމެވެ.) ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲއަށް އަޅުކަންކުރުމަށާއި، ޠާޣޫތުން(ﷲ ފިޔަވައި އަޅުކަންކުރެވޭ ހުރިހައި އެއްޗެއް)ގެ ކިބައިން ދުރުހެލިވުމަށް އެންގެވުމަށެވެ.” އަދި މިނޫންއެހެން އާޔަތްތައްވެސް މިމާނައިގައި އައިސްފައިވެއެވެ. އޭގެތެރެއިން އާޔަތެއްގައިވެއެވެ. وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلا نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلا أَنَا فَاعْبُدُونِ (الأنبياء: ٢٥) ” ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!”

ދެން މީހަކު ހިތަށް އަރާފާނެއެވެ. އެހެންވިއްޔާ އަންނިވި ވަޙީބަސްފުޅާއި، މިވާހަކަތަކާއި އެއްވެސްކަހަލަ ފުށުއެރުމެއް ނުވޭބާވައެވެ! لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا (المائدة: ٤٨) “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ޝަރީޢަތަކާއި، ފާޅުވެގެންވާ މަގެއް، ތިމަންއިލާހު ލެއްވީމެވެ.” ނަމަވެސް ޢިލްމުވެރިންގެ ބަސްތަކަށް ބެލުމުން އެޝައްކު ފިލައިދާނެއެވެ. އެހެނީ، މި އާޔަތާއި، ހުރިހާ ނަބީބޭކަލުންގެ ދީނަކީ އެއްދީނެއްކަމުގައި ބުނުމާއި، އެއްވެސްކަހަލަ ފުށުއެރުމެއް ނުވެއެވެ. އެހެނީ އެކިއުންމަތްތަކުގެ ޝަރީޢަތް ތަފާތުވުމާއި، ދީނުގެ އަޞްލު އެކައްޗަކަށްވުމާއި އެއްވެސްކަހަލަ ފުށުއެރުމެއް ނުވެއެވެ.

މަދަރުސާއެއްގައި، ސައިންސް ކިޔަވާ ދަރިވަރުންނާއި، ކޮމާރސް ނުވަތަ ބިޒްނަސް ކިޔަވާ ދަރިވަރުންގެ ބައެއް މުޤައްރަރުތައް ތަފާތުވިކަމުގައިވިއަސް އެހުރިހާ ކުދިންނަކީވެސް އެއްމަދަރުސާއެއްގެ ދަރިވަރުންނެވެ. އަދި ހުރިހާ ދަރިވަރުންނަށް ޢާއްމު މާއްދާތަކެއްވެސް މުޤައްރަރުގެ ތެރޭގައި ހިމެނެއެވެ. ހަމަ މިފަދައިން ތަފާތު ޝަރީޢަތްތަކެއް ބާވައިލެއްވުނުކަމަށް ވިއަސް ހުރިހާ ނަބީބޭކަލުންގެ ދަޢުވަތުގެ ޢަޞްލުވެސް ރުޖޫޢަވަނީ އެއްކަމަކަށެވެ. އެއީ ﷲގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމެވެ. އަދި އެބޭކަލުންގެ ޝަރީޢަތްތައް ތަފާތުވިކަމުގައިވިއަސް، ޢާއްމު، އެއްގޮތް ކަންތައްތަކެއް އެޝަރީޢަތްތަކުގައިވެސް ހިމެނިގެންވެއެވެ.

ހަތްވަނައީ: ބޮޑު(މުހިންމު) މަސްއަލައަކީ(ނުކުތާއަކީ), ހަމަކަށަވަރުން ޠާޣޫތަށް ކާފިރުވެގެންމެނުވީ، ﷲއަށް އަޅުކަންކުރުން ޙާޞިލެއް ނުވާނެއެވެ. ފަހެ، މިމޭރުމުން ﷲތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުވެއެވެ. فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لا انْفِصَامَ لَهَا (البقرة: ٢٥٦)“ފަހެ ޠާޣޫތަށް ކާފިރުވެ، ﷲއަށް އީމާންވެއްޖެމީހާ ދަންނައެވެ. ހަމަކަށަވަރުން އޭނާ ވަކިވުމެއްނުވާ އުޅަކެއްގައި ވަރުގަދައަށް ހިފަހައްޓައިފިއެވެ.”

ޠާޣޫތަށް ކާފިރުނުވާ ކަމުގައިވާނަމަ، އަޅުކަންކުރުމުގެގޮތުން ކިތަންމެ ގިނަޢަމަލެއް ކުރިކަމުގައިވިއަސް، ތަވްޙީދުގެ އަހުލުވެރިއެއްކަމުގައި އޭނާ ނުވާހުއްޓެވެ. އެހެންކަމުން އެކަމަށް އިޝާރާތްކުރައްވައި، އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބް ރަޙިމަހުﷲ ވިދާޅުވެފައިމިވަނީ، މިއީ ބޮޑު މަސްއަލަ(ނުކުތާ) ކަމުގައެވެ. އެހެނީ މިކަން ރަނގަޅަށް ނުދަންނަ މުސްލިމުން، އެޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް ވަރަށް ގިނައެވެ.

ވަކިވުމެއްނުވާ އުޅަކެއްގައި ހިފަހައްޓައިގެން ހުރި މީހަކަށް މިވަނީ 2 ޝަރުޠެއް ފުރިހަމަވުމުންނެވެ.

1-ﷲފިޔަވައި އަޅުކަންކުރެވޭ ހުރިހާ ފަރާތަކަށް ކާފިރުވުން

2-ﷲއަށް އީމާންވުން

މިއީ ތަވްޙީދުގެ ކަލިމަ لَا إِلَهَ إِلَّا اللَّهُ ގައިވެސް ހިމެނިގެންވާ 2 ކަންތަކެވެ. އެހެނީ އެކަލިމައިގައިވެސް، އެންމެފުރަތަމަ ހުރިހާ ބާޠިލު ފަރާތްތަކެއްގެ ކިބައިން އުލޫހިއްޔަތު ނަފީކުރަނީއެވެ. ދެން އެއަށްފަހު އެ ޞިފަ ﷲތަޢާލާއަށް ޘާބިތު ކުރަނީއެވެ. މާނައަކީ ހުރިހާ ޠާޣޫތުންނަށް ކާފިރުވެ، ﷲއަށް އީމާންވަނީއެވެ.

އަށްވަނައީ: ﷲފިޔަވައި އަޅުކަންކުރެވޭ ކޮންމެ އެއްޗަކަށް ޠާޣޫތޭ ކިޔެއެވެ.

އެއަޅުކަން ކުރެވޭ ފަރާތް އެކަމަށް ނުރުހޭ ކަމުގައިވަނީނަމަ، އެފަރާތަށް ނިސްބަތްކޮށް އެއީ ޠާޣޫތެކޭ ނުބުނެވޭނެއެވެ. ނަމަވެސް އެއަޅުކަންކުރާ މީހުންނަކީ ޠާޣޫތަށް އަޅުކަންކުރާ މީހުންނޭ ބުނެވޭނެއެވެ. އެހެންކަމުން ﷲފިޔަވައި އެހެންފަރާތަކަށް އަޅުކަންކުރާ ކޮންމެ މީހަކީ، ޠާޣޫތަށް އަޅުކަންކުރާ މީހެކެވެ.

މިސާލު: ނަޞާރާއިންނަކީ ޠާޣޫތަށް އަޅުކަންކުރާ ބައެކޭ ބުނެވޭނެއެވެ. އެހެނީ އެބައިމީހުން އެއަޅުކަންކުރަނީ ﷲފިޔަވައި އެހެންފަރާތަކަށެވެ. އެބައިމިހުން އެދަނީ އަޅުކަންކުރުމުގައި އެއިލާހަށް ޝަރީކުކުރަމުންނެވެ. ނަމަވެސް ޢިސާޢަލައިހިއްސަލާމް އަށް ނިސްބަތްކޮށް ޠާޣޫތެކޭ ނުބުނެވޭނެއެވެ.

ނުވަވަނައީ: ސަލަފުއްޞާލިޙުންގެ އަރިހުގައި، އަންޢާމްސޫރަތުގެ (ބަޔާންވެދިޔަ) މުޙްކަމް 3 އާޔަތުގެ އަހައްމިއްޔަތުކަމުގެ ބޮޑުކަން. އެ 3 އާޔަތުގައި ﷲތަޢާލަގެ ހަޟްރަތުން، އަޅުތަކުންނަށް 10 ޙުކުމެއް އަންގަވާފައިވެއެވެ. އޭގެތެރެއިން ފުރަތަމަ ޙުކުމަކީ ޝިރުކުކުރުން މަނާކުރުމެވެ.

މިތަނުގައި ބަޔާންކުރައްވާފައިމިވަނީ، އިސްވެގޮސްފައިވާ އަންޢާމް ސޫރަތުގެ 3 އާޔަތުގެ ވާހަކައެވެ. އެއީ އެސޫރަތުގެ 151، 152 އަދި 153 ވަނަ އާޔަތެވެ.

ސަލަފުއްޞާލިޙުންގެ އަރިހުގައި އަހައްމިއްޔަތުކަން ބޮޑުކަން އެނގިގެންދިޔައީ އިސްވެގޮސްފައިވާ، އިބްނު މަސްޢޫދު ރަޟިޔަﷲޢަންހުގެ ބަސްފުޅުންނެވެ. ތަވްޙީދުފިލާވަޅު 18 ބައްލަވާ!

މުޙްކަމް އާޔަތްތަކަކީ އެއާޔަތްތަކުގެމާނަ އެއްވެސް އޮޅުމެއްނެތި ފާޅުކޮށް އެނގޭނެ އާޔަތްތަކެވެ. އަދި އޭގެ އިދިކޮޅަކީ މުތަޝާބިހު އާޔަތްތަކެވެ. އެއީ ގިނަ މީސްތަކުންނަށް އޭގެ މާނަ ނުވިސްނޭނެ އާޔަތްތަކެވެ. އަދި އޭގެމާނަ ވިސްނޭނީ ޢިލްމުގައި ކުރިއަރައިގޮސްފައިވާ ބޮޑެތި ޢިލްމުވެރިންނަށެވެ.

މިތަނުގައި، މުޙްކަމް އާޔަތްތަކޭ ބަޔާންކުރައްވާފައިމިވަނީ، ނަސްޚުވެފައިނުވާ އާޔަތްތަކުގެ މާނައިގަ ކަމުގައި ޝެއިޚް އުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

އެ 3 އާޔަތުގައި ބަޔާންވެފައިވާ 10 ޙުކުމަކީ :

1-ޝިރުކުން އެއްކިބާވެ ދުރުވުން.

2-މައިންބަފައިންނަށް އިޙްސާންތެރިވުން.

3-ފަޤީރުވެދާނެކަމުގެ ބިރަށް ދަރިން ނުމެރުން.

4-އެންމެހައި ފާޙިޝްކަންތަކުން ދުރުވުން.

5-ﷲޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި ނުމެރުން.

6-ޔަތީމުންގެމުދާ ހުއްދަނޫންގޮތުގައި ނުކެއުން.

7-މިނެކިރުމުގައި ޢަދުލުވެރިވުން.

8-ﷲގެ އަހުދަށް ވަފާތެރިވުން.

9-ޢަދުލުވެރިވުން.

10-ﷲގެ ސީދާވެގެންވާ ތެދުމަގަށް ތަބަޢަވުން.

މިފިލާވަޅުގެ ސުވާލުތައް

1-ޖިންނީންނާއި އިންސީން ޚަލްޤުކުރެއްވުމުގެ ޙިކުމަތަކީ ކޮބައިކަން ދަލީލާއެކު ބަޔާންކުރޭ!

2-ޤުރައިޝުން،(މައްކާގެ މުޝްރިކުން) ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޢަދާވާތްތެރިވީ ކޮންކަމެއްގެ ސަބަބުން؟

3-ރަސޫލުބޭކަލުން ފޮނުއްވުމުގެ ޙިކުމަތަކީ ކޮބާ؟

4-މޫސާޢަލައިހިއްސަލާމާއި ޢިސާޢަލައިހިއްސަލާމް ގޮވާލެއްވީ ކޮންކަމަކަށް؟

5-ޠާޣޫތަކީ ކޮބާ؟

6-ޢިސާޢަލައިހިއްސަލާމް އަކީ ޠާޣޫތެއްތޯ ނުވަތަ ނޫންތޯ ސަބަބާއެކު ބަޔާންކުރޭ؟

7-މުޙްކަމު އާޔަތާއި މުތަޝާބިހު އާޔަތުގެ ފަރަޤު ބަޔާންކުރޭ؟

-ނުނިމޭ-

_____________________________________

 ކުރީގެ ބައިތައް