العَاشِرَةُ: الآيَاتُ الْمُحْكَمَاتُ فِيْ سُوْرَةِ الْإِسْرَاءِ، وَفِيْهَا ثَمَانِيَ عَشْرَةَ مَسْأَلَة، بَدَأَهَا اللَّهُ بِقَوْلِهِ:{ لا تَجْعَلْ مَعَ اللَّهِ إِلَهًا آخَرَ فَتَقْعُدَ مَذْمُومًا مَخْذُولا (الإسراء: ٢٢)}، وَخَتَمَهَا بِقَوْلِهِ:{ وَلا تَجْعَلْ مَعَ اللَّهِ إِلَهًا آخَرَ فَتُلْقَى فِي جَهَنَّمَ مَلُومًا مَدْحُورًا (الإسراء: ٣٩)}، وَنَبَّهَنَا اللَّهُ سُبْحَانَهُ عَلَى عِظَمِ شَأْنِ هَذِهِ الْمَسَائِلَ بِقَوْلِهِ:{ ذَلِكَ مِمَّا أَوْحَى إِلَيْكَ رَبُّكَ مِنَ الْحِكْمَةِ (الإسراء: ٣٩)}: ދިހަވަނައީ: އިސްރާ ސޫރަތުގައިވާ މުޙްކަމް އާޔަތްތަކުގައި 18 މަސްއަލަ(ނުކުތާ) ބަޔާންވެގެންވެއެވެ. ﷲތައާލާ އެއާޔަތްތައް ފައްޓަވާފައިވަނީ މިވަޙީބަސްފުޅުންނެވެ. لا تَجْعَلْ مَعَ اللَّهِ إِلَهًا آخَرَ فَتَقْعُدَ مَذْمُومًا مَخْذُولا (الإسراء: ٢٢) “ﷲއާއެކު އެހެން އިލާހަކު ނަހަދާށެވެ! (ހަދައިފިނަމަ) އޭރުން ނުބައިބަސްލިބި، ނިކަމެތިވެގެންވާޙާލު، ތިބާ އިންނަންޖެހިދާނެތެވެ.” އަދި، އެއިލާހު އެނުކުތާތައް ނިންމަވާލައްވާފައިވަނީ މި ބަސްފުޅުންނެވެ. وَلا تَجْعَلْ مَعَ اللَّهِ إِلَهًا آخَرَ فَتُلْقَى فِي جَهَنَّمَ مَلُومًا مَدْحُورًا (الإسراء: ٣٩) “ތިބާ ﷲއާއެކު އެހެން އިލާހަކު ނަހަދާށެވެ! (ހަދައިފިނަމަ) އޭރުން ތިބާ މަލާމާތްލިބި ރަޙުމަތުން ދުރުކުރެވިފައިވާ މީހެއްގެގޮތުގައި ނަރަކައަށް އެއްލައިލެވޭނެތެވެ.” ﷲތަޢާލާ މިނުކުތާތަކުގެ އަހައްމިއްޔަތު ކަމުގެ މައްޗަށް އަޅަމެން ހުށީޔާރުކުރައްވާފައިވަނީ އެއިލާހުގެ މިވަޙީބަސްފުޅުންނެވެ. ذَلِكَ مِمَّا أَوْحَى إِلَيْكَ رَبُّكَ مِنَ الْحِكْمَةِ (الإسراء: ٣٩) “މިކަންތައްވަނީ ކަލޭގެފާނުގެ ވެރިރައްބު ކަލޭގޭފާނަށް ވަޙީކުރައްވާފައިވާ ޙިކްމަތުގެ ތެރެއިންނެވެ.“
الحَادِيَةَ عَشَرَة: آيَةُ سُوْرَةِ النِّسَاءِ الَّتِيْ تُسَمَّى آيَةُ الْحُقُوْقِ الْعَشَرَةِ، بَدَأَهَا اللَّهُ تَعَالَى بِقَوْلِهِ:{ وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئًا (النساء: ٣٦)}: އެގާރަވަނައީ: 10 ޙައްޤުގެ އާޔަތޭ ކިޔުނު، އައްނިސާ ސޫރަތުގެ އާޔަތެވެ. ﷲތަޢާލާ އެއާޔަތް ފައްޓަވާފައިވަނީ މިފަދައިންނެވެ. وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئًا (النساء: ٣٦) “އަދި ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާށެވެ. އަދި އެއިލާހާއި އެއްވެސްފަރާތެއް ބައިވެރިކޮށް ޝަރީކުނުކުރާށެވެ.“
الثَّانِيَةَ عَشَرَة: التَّنْبِيْهُ عَلَى وَصِيَّةِ رَسُوْلِ اللَّهِ صَلَى اللَّهُ عَلَيْهِ وَسَلَّمَ عِنْدَ مَوْتِهِ: ބާރަވަނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވެވަޑައިގެންނެވުމަށް ކައިރިވެވަޑައިގެންފައިވަނިކޮށް ކުރެއްވި އެކަލޭގެފާނުގެ ވަޞިއްޔަތްޕުޅު، ސަމާލުކަމަށް ގެނައުން.
الثَّالِثَةَ عَشَرَة: مَعْرِفَةُ حَقُّ اللَّهِ تَعَالَى عَلَيْنَا: ތޭރަވަނައީ: އަހަރެމެންގެ މައްޗަށްވާ ﷲގެ ޙައްޤު ދެނެގަތުން.
الرَّابِعَةَ عَشَرَة: مَعْرِفَةُ حَقُّ الْعِبَادِ عَلَيْهِ إِذَا أَدَّوْا حَقَّهُ: ސާދަވަނައީ: ﷲގެ ޙައްޤު އަޅުތަކުން އަދާކޮށްފިނަމަ، އެއިލާހުގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު ދެނެގަތުން.
الْخَامِسَةَ عَشَرَة: أَنَّ هَذِهِ الْمَسْأَلَةَ لَا يَعْرِفُهَا أَكْثَرُ الصَّحَابَة: ފަނަރަވަނައީ: ހަމަކަށަވަރުން މިމަސްއަލަ އަޞްޙާބުބޭކަލުންގެ ތެރެއިން ގިނަބޭލުންނަށް އެނގިވަޑައިގެންފައި ނުވެއެވެ.
السَّادِسَةَ عَشَرَة: جَوَازُ كِتْمَانِ العِلْمِ لِلْمَصْلَحَة: ސޯޅަވަނައީ: މަޞްލަޙަތަށްޓަކައި ޢިލްމުފޮރުވުން ހުއްދަވެގެންވެއެވެ.
___________________________________
ޝަރަޙަ
ދިހަވަނައީ: އިސްރާ ސޫރަތުގައިވާ މުޙްކަމް އާޔަތްތަކުގައި 18 މަސްއަލަ(ނުކުތާ) ބަޔާންވެގެންވެއެވެ. ﷲތައާލާ އެއާޔަތްތައް ފައްޓަވާފައިވަނީ މިވަޙީބަސްފުޅުންނެވެ………..
މިތަނުގައި ބަޔާންކުރައްވާފައިމިވަނީ އިސްރާސޫރަތުގެ 22ވަނަ އާޔަތުންފެށިގެން 39ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވާ އާޔަތްތަކުގެ ވާހަކައެވެ. ﷲތަޢާލާ، މި އާޔަތްތަކުގައި އެންމެފުރަތަމަވެސް އަންގަވާފައިވަނީ، އެއިލާހާ އެހެންފަރާތްތަކެއް ބައިވެރިކޮށް ޝިރުކުކޮށް ނެހެދުމަށެވެ. ޝިރުކުކޮށްފި ކަމުގައިވަނީނަމަ، އެމީހަކަށް އެއްވެސް ހެވެއްނުވާނެއެވެ. ﷲއާއި، އެއިލާހުގެ ވަލީވެރިންގެ ފަރާތުންވެސް އެމީހަކަށް ވާނީ ނުބައިބަހެވެ. އެބަހީ، އެމީހަކަށް ތަޢުރީފުގެ އެއްވެސްބަހެއް، އަދި ﷲގެ ޙަޟްރަތުން އެއްވެސް ހެވެއް ނުވާނެއެވެ. އަދި ދުނިޔެއާއި އާޚިރަތުގައިވެސް ގެއްލެނިވެގެންވާ މީހުންގެތެރެއިން އެމީހަކު ވެގެންދާނެއެވެ.
މި އާޔަތްތައް ނިންމަވާލައްވަމުންވެސް އެއިލާހު އަންގަވަނީ، އެއިލާހާއި އެހެންފަރާތްތަކެއް ބައިވެރިކޮށް ޝަރީކުކޮށް ނެހެދުމަށެވެ. ޝިރުކުކޮށްފިނަމަ، އެންމެންގެ މަލާމާތްލިބި، ﷲގެ ރަޙުމަތުން ބޭރުކުރެވިގެންވާހާލު ނަރަކައަށް ވަންނާނެތެވެ.
މި އާޔަތްތަކުގައި އަންގަވާފައިވާ 18ކަމަކީ:
1-ﷲތަޢާލާއާ އެހެންފަރާތްތަކެއް ބައިވެރިނުކުރުން.
2-ﷲތަޢާލާއަށް ޚާލިޞްކޮށް އަޅުކަންކުރުން.
3-މައިންބަފައިންނަށް އިޙްސާންތެރިވުން.
4-ގާތްތިމާގެ މީހުންގެ ޙައްޤު އަދާކުރުން.
5-މިސްކީނުންގެ ޙައްޤު އަދާކުރުން
6-ދަތުރުވެރިންގެ ޙައްޤު އަދާކުރުން
7-އިސްރާފުނުކުރުން.
8-ﷲގެ މަގުގައި ހޭދަނުކޮށް ނުހުރުން.
9-ދަރިން ނުމެރުން.
10-ޒިނޭކުރުމާއި ގާތްވެސް ނުވުން.
11-ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް، ޙައްޤަކާނުލައި ނުމެރުން.
12-ހެޔޮވެގެންވާގޮތުގައި މެނުވީ ޔަތީމުންގެ މުދަލާއި ގާތްވެސް ނުވުން.
13-އަހުދަށް ވަފާތެރިވުން.
14-މިނުމުގައި މަކަރުނެހެދުން.
15-ކިރުމުގައި ޢަދުލުވެރިވުން
16-ޢިލްމު ލިބިގެންނުވާ ކަންތަކުގައި ބަސްނުބުނުން.
17-ކިބުރުވެރިކަމާއެކު ބިންމަތީގައި ހިނގައި ނުއުޅުން.
18-ﷲތަޢާލާއާއި އެހެންފަރާތްތަކެއް ބައިވެރިކޮށް ޝަރީކުކޮށް ނެހެދުން.
އެގާރަވަނައީ: ދިހަޙައްޤުގެ އާޔަތޭ ކިޔުނު، އައްނިސާ ސޫރަތުގެ އާޔަތެވެ. ﷲތަޢާލާ އެއާޔަތް ފައްޓަވާފައިވަނީ މިފަދައިންނެވެ…..
މިތަނުގައި ބަޔާންކުރައްވާފައިމިވަނީ އައްނިސާ ސޫރަތުގެ 36 ވަނަ އާޔަތުގެ ވާހަކައެވެ. މިއާޔަތުގައި ބަޔާންކުރައްވާފައިވާ ޙައްޤުތަކުގެތެރެއިން އެންމެބޮޑު ޙައްޤަކީ ﷲތަޢާލާގެ ޙައްޤެވެ. އެޙައްޤު އަދާނުކޮށްފި މީހަކަށް، އެހެން ޙައްޤުތައް އަދާކުރުމަކުން މަންފާއެއް ނުކުރާނެއެވެ. އެހެންކަމުން މިޙައްޤުތައް ފައްޓަވާފައިވަނީވެސް، އެއިލާހުގެހައްޤު ބަޔާންކުރައްވަމުންނެވެ.
މިއާޔަތުގައި ބަޔާންކުރައްވާފައިވާ 10 ޙައްޤަކީ:
1-ﷲއަށް ޚާލިޞްކޮށް އަޅުކަންކުރުން (ﷲތަޢާލާގެ ޙައްޤު)
2-މައިންބަފައިންނަށް އިޙްސާންތެރިވުން (މައިންބަފައިންގެ ޙައްޤު)
3-ގާތްތިމާގެ މީހުންނަށް އިޙްސާންތެރިވުން (ގާތްތިމާގެ މީހުންގެ ޙައްޤު)
4-ޔަތީމުންނަށް އިޙްސާންތެރިވުން (ޔަތީމުންގެ ޙައްޤު)
5-މިސްކީނުންނަށް އިޙްސާންތެރިވުން (މިސްކީނުންގެ ޙައްޤު)
6-ގާތްތިމާގެ އަވަށްޓެރިންނަށް އިޙްސާންތެރިވުން (އަވަށްޓެރީންގެ ތެރެއިންވާ ގާތްތިމާގެ މީހުންގެ ޙައްޤު)
7-ދުރު (ގާތްތިމާގެ ނޫން) އަވަށްޓެރިންނަށް އިޙްސާންތެރިވުން (ގާތްތިމާގެނޫން އަވަށްޓެރިންގެ ޙައްޤު)
8-ކައިރި އެކުވެރިންނަށް އިޙްސާންތެރިވުން (ކައިރި އެކުވެރިންގެ ހައްޤު)
9-ދަތުރުވެރިޔާއަށް އިޙްސާންތެރިވުން (ދަތުރުވެރިންގެ ޙައްޤު)
10-އަޅުންނަށް ހެޔޮކޮށް ހިތުން (އަޅުންގެ ޙައްޤު)
ބާރަވަނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަހާރަވެވަޑައިގެންނެވުމަށް ކައިރިވެވަޑައިގެންފައިވަނިކޮށް ކުރެއްވި، އެކަލޭގެފާނުގެ ވަޞިއްޔަތްޕުޅު، ސަމާލުކަމަށް ގެނައުން.
މިތަނުގައި އިމާމް މުޙައްމަދު ބުނު ޢަބްދިލްވައްހާބް ރަޙިމަހުﷲ، އިޝާރާތްކުރައްވާފައި މިވަނީ، ﷲރުއްސުންލެއްވި އިބްނު މަސްޢޫދުގެ ބަސްފުޅަށެވެ. ނަމަވެސް، ޙަޤީޤަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޞިއްޔަތްޕުޅެއް ނުކުރައްވާކަމާއި، އިބްނުމަސްޢޫދު ރަޟިޔަﷲޢަންހުގެ ބަސްފުޅުގެ މުރާދަކީ ކޮބައިކަން، 18ވަނަ ފިލާވަޅުގައި ބަޔާންކޮށްދެވިފައިވާނެއެވެ.
ތޭރަވަނައީ: އަހަރެމެންގެ މައްޗަށްވާ ﷲގެ ޙައްޤު ދެނެގަތުން
އެއީ ﷲތަޢާލާއަށް އަޅުކަންކުރުމާއި، އެއަޅުކަމުގައި އެއިލާހާއި އެހެންއެއްވެސް ފަރާތެއް ބައިވެރިނުކުރުމެވެ.
ސާދަވަނައީ: ﷲގެ ޙައްޤު އަޅުތަކުން އަދާކޮށްފިނަމަ، އެއިލާހުގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު ދެނެގަތުން.
އެއީ، އެއިލާހަށް އަޅުކަންކޮށް، އެއަޅުކަމުގައި އެއިލާހާއި އެހެންއެއްވެސް ފަރާތެއް ބައިވެރިނުކުރާ އަޅަކަށް ޢަޛާބު ނުދެއްވުމެވެ. ނަމަވެސް އެއިލާހަށް އަޅުކަންނުކޮށްފިނަމަ، ނުވަތަ އެއިލާހަށް ޝަރީކުކޮށްފިނަމަ ފަހެ އެއަޅަކަށް ޢަޛާބު ޙައްޤުވެއްޖެއެވެ.
މިތަނުގައި ﷲތަޢާލަގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤޭ ބުނެވުނަސް، މިއީ އެއިލާހުގެ ފަޟްލަވަންތަކަމާއި ރަޙުމަތުން، އަޅުތަކުންނަށް އޯގާވެވޮޑިގެން އެއިލާހުގެ ޛާތުފުޅުގެ މައްޗަށް ކަނޑައަޅުއްވާފައިވާ ކަމެކެވެ. އެހެން އެއްވެސް ފަރާތަކަށް، އެއިލާހުގެ ޛާތުފުޅުގެ މައްޗަށް ކަންތައް ލާޒިމުނުކުރެވޭނެއެވެ.
ފަނަރަވަނައީ: ހަމަކަށަވަރުން މިމަސްއަލަ އަޞްޙާބުބޭކަލުންގެ ތެރެއިން ގިނަބޭލުންނަށް އެނގިވަޑައިގެންފައި ނުވެއެވެ.
މުޢާޛު ރަޟިޔަﷲޢަންހު، މިޙަދީޘް ބަޔާންކޮށްދެއްވީ އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވި އާލާސްކަންފުޅުގައެވެ. އެކަލޭގެފާނަށްވުރެ ކުރިންވެސް އެތައް ޞަޙާބީބޭކަލުންނެއް އަވަހާރަވެވަޑައިގެންފައިވެއެވެ. އަދި ހަމައެހެންމެ އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ޝާމުގައެވެ. އޭރު ދިރިތިއްބެވި ގިނަ ޞަޙާބީބޭކަލުން ތިއްބެވީ މަދީނާގައެވެ. އެހެންކަމުން މަދު ބޭކަލުންތަކަކަށް މެނުވީ މިޙަދީޘްފުޅު އެނގިވަޑައިގެންފައިނުވެއެވެ.
ސޯޅަވަނައީ: މަޞްލަޙަތަށްޓަކައި ޢިލްމުފޮރުވުން ހުއްދަވެގެންވެއެވެ.
މިއީ އެއްގޮތަކަށްވެސް ބަޔާންނުކޮށް، ޢިލްމު އެކީފޮރުވުމުގެ ވާހަކައެއް ނޫނެވެ. އެހެނީ އެކަމުގައި މަޞްލަޙަތެއްނުވެއެވެ. އަދި ހުއްދަވެގެންވެސް ނުވެއެވެ. އެހެންކަމުން މުޢާޛު ރަޟިޔަﷲޢަންހުވެސް އެކީ ނުފޮރުއްވަވައި، ބަޔާންކުރެއްވީއެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި ބައެއްމީހުންނަށް ބައެއް ޢިލްމުތައް ވަގުތީގޮތުން ފޮރުވުން ހުއްދަވެގެންވެއެވެ. އަދި އެއީ މަޞްލަޙަތު ނިޔާކުރާގޮތް ކަމުގައިވެސް ވެދާނެއެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަ ވަނީ، އެހެންޞަޙާބީބޭކަލުންނަށް ބަޔާންކޮށްނުދެއްވަވައި، މުޢާޛު ރަޟިޔަﷲޢަންހަށް (19ވަނަ ފިލާވަޅުގައި ބަޔާންވެފައިވާ) ޙަދީޘް ބަޔާންކޮށްދެއްވާފައެވެ.
އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
1-ޝިރުކުކުރުންމަތީ މަރުވެއްޖެ މީހެއްގެ ސަޒާއަކި ކޮބާ؟
2-އަލްއިސްރާ ސޫރަތުގެ 22-39ވަނަ އާޔަތަށް ބަޔާންކުރައްވާފައިވާ ކަންތަކުގެތެރެއިން 10 ކަމެއް ބަޔާންކުރޭ!
3-ދިހަ ޙައްޤުގެ އާޔަތަކީ ކޮބާ؟ އަދި އެއާޔަތުގައި އައިސްފައިވާ 4 ޙައްޤެއް ބަޔާންކުރޭ!
4-ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޞިއްޔަތްޕުޅެއް ކުރެއްވިތަ؟
5-އަޅުތަކުންގެ މައްޗަށްވާ ﷲގެ ހައްޤަކީ ކޮބާ؟
6-މުޢާޛު ރަޟިޔަﷲޢަންހުގެ ޙަދީޘްފުޅު ގިނަ ޞަޙާބީބޭކަލުންނަށް އެނގިނުލެއްވީ ކީއްވެ؟
7-ޢިލްމުފޮރުވުމަކީ ހުއްދަކަމެއްތަ؟ ތަފްޞީލާއެކު ބަޔާންކުރޭ!
-ނުނިމޭ-
_____________________________________
ކުރީގެ ބައިތައް