[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 23 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

KALIMAA

السَّابِعَةَ عَشَرَة: اسْتِحْبَابُ بِشَارَةِ الْمُسْلِمِ بِمَا يَسُرُّهُ: ސަތާރަވަނައީ: މުސްލިމަކަށް އޭނާ އުފާކުރުވަނިވި ޚަބަރެއްދިނުން މުސްތަޙައްބުވެގެންވުމެވެ.
الثَّامِنَةَ عَشَرَة: الْخَوْفُ مِنَ الْإِتِّكَالِ عَلَى سَعَةِ رَحْمَةِ اللَّهِ: އަށާރަވަނައީ: ﷲތަޢާލާގެ ތަނަވަސްރަޙުމަތަށް ބަރޯސާވެ ޢަމަލުކުރުންދޫކުރުމަށް ބިރުވެތިވުމެވެ.
التَّاسِعَةَ عَشَرَة: قَوْلُ الْمَسْؤُوْلِ عَمَّا لَا يَعْلَمُ: اللَّهُ وَرَسُوْلُهُ أَعْلَمُ: ނަވާރަވަނައީ: ނޭނގޭކަމަކާ ބެހޭގޮތުން ސުވާލުކުރެވިއްޖެނަމަ، اللَّهُ وَرَسُوْلُهُ أَعْلَمُ އޭ ބުނުމެވެ.
العِشْرُوْنَ: جَوَازُ تَخْصِيْصِ بَعْضِ النَّاسِ بِالْعِلْمِ دُوْنَ بَعْضٍ: ވިހިވަނައީ: (ބައެއް) ޢިލްމަށް، ބަޔަކު ޚާއްޞަކޮށް އަނެއްބަޔަކަށް އެޢިލްމު ބަޔާންކޮށް ނުދިނުމެވެ.
الْحَادِيَةُ وَالْعِشْرُوْنَ: تَوَاضُعُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِرُكُوْبِ الْحِمَارِ مَعَ الْإِرْدَافِ عَلَيْهِ: އެކާވީސްވަނައީ: ޙިމާރުމައްޗަށް ސަވާރުވެވަޑައިގަތުމާއި، ފަހަތްޕުޅަށް އެހެންބޭކަލަކު ސަވާރުކުރެއްވުގައިވާ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަގެ ތަވާޟުޢުވެރިކަމެވެ
الثَّانِيَةُ وَالْعِشْرُوْنَ: جَوَازُ الْإِرْدَافِ عَلَى الدَّابَّةِ: ބާވީސްވަނައީ: ސަވާރީއަކަށް 2 މީހަކު އެއްފަހަރާ ސަވާރުވުމަކީ ހުއްދަކަމެކެވެ.
الثَّالِثَةُ وَالْعِشْرُوْنَ: فَضِيْلَةُ مُعَاذِ بْنِ جَبَلٍ: ތޭވީސްވަނައީ: މުޢާޛު ބުނު ޖަބަލް ރަޟިޔަﷲޢަންހުގެ މާތްކަމެވެ.
الرَّابِعَةُ وَالْعِشْرُوْنَ: عِظَمُ شَأْنِ هَذِهِ الْمَسْأَلَة: ސައުވީސްވަނައީ: ތައުޙީދުގެ އަހަންމިއްޔަތުކަމުގެ ބޮޑުކަމެވެ.

___________________________________

ޝަރަޙަ

ސަތާރަވަނައީ: މުސްލިމަކަށް އޭނާ އުފާކުރުވަނިވި ޚަބަރެއްދިނުން މުސްތަޙައްބުވެގެންވުމެވެ.

މިކަމުގެ ދަލީލަކީ، މުޢާޛު ރަޟިޔަﷲޢަންހުގެ ބަސްފުޅު، (أَفَلَا أُبَشِّرُ النَّاسَ) އެވެ. މާނައީ: އެހެންވިއްޔާ ތިމަންކަލޭގެފާނު، މީސްތަކުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވައި ހުންނަވަންވީތޯއެވެ؟

މުޢާޛު ރަޟިޔަﷲޢަންހަށް އުފާވެރިޚަބަރެއް ލިބިވަޑައިގެންނެވުމާއެކު، އެޚަބަރު އެހެންބޭކަލުންނަށް ބަޔާންކޮށްދެއްވުމަށް އެދިވަޑައިގަތުމުން މިއީ އެދެވިގެންވާ ކަމެއްކަން އެނގިގެންދެއެވެ. އަދިހަމައެހެންމެ، ކީރިތިޤުރުއާނުގެ ބައެއް އާޔަތްތަކުންވެސް އެކަން އެނގިގެންދެއެވެ. އައްޛާރިޔާތު ސޫރަތުގެ 28 ވަނަ އާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.  فَأَوْجَسَ مِنْهُمْ خِيفَةً قَالُوا لا تَخَفْ وَبَشَّرُوهُ بِغُلامٍ عَلِيمٍ (الذاريات: ٢٨) “ފަހެ، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމްގެފާނުގެ) ހިތްޕުޅަށް އެއުރެންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވިއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ! (ތިމަންބޭކަލުންނީ، ކަލޭގެފާނުގެ ވެރިއިލާހު ފޮނުއްވި މަލާއިކަތުންނީމުއެވެ.) އަދި އެމެހުމާނުން އެކަލޭގެފާނަށް ޢިލްމުވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރުދެއްވިއެވެ.”

އަށާރަވަނައީ: ﷲތަޢާލާގެ ތަނަވަސްރަޙުމަތަށް ބަރޯސާވެ ޢަމަލުކުރުންދޫކުރުމަށް ބިރުވެތިވުމެވެ.

މިކަން އެނގިގެންދިޔައީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަންނަނިވި ބަސްފުޅުންނެވެ. (لَا تُبَشِّرُهُمْ فَيَتَّكِلُوْا)  “އެބައިމީހުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވާށެވެ! (ދެއްވައިފިނަމަ) އޭރުން އެބައިމީހުން އެކަމުގެ މައްޗަށް ބަރޯސާކޮށްފައި ޢަމަލުކުރުން ދޫކޮށްފާނެއެވެ.”

ﷲގެ ތަނަވަސްރަޙުމަތަށް ބަރޯސާވެ ޢަމަލުކުރުންދޫކުރާމީހާ، އެހަނދާންނައްތައިލަނީ ނުކިޔަމަންތެރި އަޅުންނަށް އެއިލާހު ތައްޔާރުކުރައްވާފައިވާ ޢަޛާބެވެ. އެހެންކަމުން އެފަދަމީހަކު، ފާފަތައްކުރާކަށް ޖެހިލުމެއްނުވާނެއެވެ.

އަދި ﷲގެ ރަޙުމަތުން އުއްމީދު ކަނޑައިލާ މީހާ، އެހަނދާންނައްތައިލަނީ އެއިލާހުގެ ތަނަވަސް ރަޙުމަތެވެ. އެފަދަމީހާ ﷲގެ މަގަށް ރުޖޫޢަވުމާއި، ތައުބާވުން ދޫކޮށްލައެވެ. އަދިބައެއްފަހަރު އެފަދަމީހުން އަމިއްލައަށް މަރުވާތަންވެސް އާދެއެވެ.

އެހެންކަމުން، މުއުމިނުއަޅާ މިދުނިޔޭގެ ދުވަސްތައް ވޭތުކުރަންވާނީ އުއްމީދާއި ބިރުވެތިކަމާއެކުއެވެ. އެއިންއެއްވެސް ކޮޅަކަށް ބުރަވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ﷲގެ ރަޙުމަތަށް އުއްމީދުކުރާވަރަށް، އެއީލާހުގެ ޢާޛާބަށް ބިރުވެތިވާންވެސް ވާނެއެވެ. ޢިލްމުވެރިން މިކަމަށް މިޘާލުޖައްސަވަނީ ދޫންޏެއްގެ މިސާލުންނެވެ. އެދޫނީގެ އެއް ވަރައަކީ އުއްމީދެވެ. އަނެއް ވަރައަކީ ބިރުވެތިވުމެވެ. އެއިންއެއްވެސް ވަރައަކަށް ބުރަވެއްޖެނަމަ އެދޫންޏަށް ނުއުދުހެވޭނެއެވެ.

އަދި، ބައެއްޢިލްމުވެރިން ވިދާޅުވާގޮތުގައި، އޭނާ ޞިއްޙަތު ސަލާމަތުން ހުންނައިރު، އުއްމީދަށްވުރެ، ބިރުވެތިކަން ކުޑަކޮށް އިސްކުރަންވާނެއެވެ. ނަމަވެސް އުއްމީދު އެކީ ދޫކޮށްގެންނުވާނެއެވެ. އަދި، އޭނާބަލިވާހިނދާއި މަރަށްޙާޟިރުވާހިނދު، ބިރުވެތިކަމަށްވުރެ، އުއްމީދު ކުޑަކޮށް އިސްކުރަންޖެހޭނެއެވެ.

އަދި ބައެއްޢިލްމުވެރިން ވިދާޅުވެއެވެ. އޭނާ އުޚްރަވީ ޙަޔާތާއި، ﷲގެ ރަޙުމަތާމެދު ވިސްނާވަގުތު އުއްމީދު އިސްކުރާށެވެ. އަދި އޭނާގެ ޢަމަލުތަކާމެދު ވިސްނާއިރު ބިރުވެތިކަން އިސްކުރާށެވެ. އޭރުން ތިމާއަށް ތިމާފެނި މާރަނގަޅުމީހެއްކަމަށް ޤަބޫލުކުރެވުމުގެ ނުރައްކާތެރިކަމުން އޭނާ ސަލާމަތްވާނެއެވެ. އަދި އޭނާއަށް ފަރުވާކުޑަކުރެވިފައިވާ ކަންތަކާމެދު ވިސްނައި ތައުބާވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

ނަވާރަވަނައީ: ނޭނގޭކަމަކާ ބެހޭގޮތުން ސުވާލުކުރެވިއްޖެނަމަ، اللَّهُ وَرَسُوْلُهُ أَعْلَمُއޭ ބުނުމެވެ.

اللَّهُ وَرَسُوْلُهُ أَعْلَمُ ގެ މާނައަކީ: ‘އެންމެމޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.’ މިފަދައިން ބުނާނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅުގައެވެ. އެއީ ޝަރުޢީ ކަމަކާމެދު ސުވާލުކުރެވިއްޖެނަމައެވެ.

ނަމަވެސް ކައުނު ހިނގާގޮތާއި އެފަދަ އެހެނިހެން ކަންތަކާމެދު ސުވާލުކުރެވިއްޖެނަމަ، ﷲއާއި އެއިލާހުގެ ރަސޫލު އެއްފަދަކުރުން ހުއްދަވެގެންނުވެއެވެ. އަދިހަމައެހެންމެ ޝަރުޢީކަމަކާ ބެހޭގޮތުންކަމުގައިވިއަސް، އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވުމަށްފަހު ބުނަންވާނީ ހަމައެކަނި اللَّهُ أَعْلَمُ އެވެ.

ވިހިވަނައީ: (ބައެއް) ޢިލްމަށް، ބަޔަކު ޚާއްޞަކޮށް އަނެއްބަޔަކަށް އެޢިލްމު ބަޔާންކޮށް ނުދިނުމެވެ.

މިކަން އެނގިގެންދިޔައީ، މުޢާޛު ރަޟިޔަﷲޢަންހު ޚާއްޞަކުރައްވައި، އެކަލޭގެފާނަށް، އިސްވެދިޔަ ޙަދީޘް ބަޔާންކޮށްދެއްވުމުންނެވެ.

ބައެއް ޢިލްމުތަކަކީ، ބައެއްމީހުންނަށް ނުވިސްނިދާނެ ޢިލްމުތަކެވެ. އެފަދަ ޢިލްމުތައް ބަޔާންކޮށްދިނުމުން، އެއިން ނޭދެވޭ އަޘަރު ކުރާނެކަމަށް ފެންނަނަމަ، އެބައިމީހުންނަށް އެފަދަޢިލްމެއް ބަޔާންކޮށްދިނުން ރަނގަޅެއްނޫނެވެ. އޭގެކުރިން އެޢިލްމު ބަލައިގަތުމަށް އެބައިމީހުންގެ ނަފްސުތައް ތައްޔާރުކުރުވަންޖެހެއެވެ. ނަމަވެސް އެއިން ނޭދެވޭ އަޘަރުކުރުމުގެ ބަދަލުގައި، މަންފާކުރާނޭ މީހުންނަށް އެޢިލްމު ބަޔާންކޮށްދޭންވާނެއެވެ.

އެކާވީސްވަނައީ: ޙިމާރުމައްޗަށް ސަވާރުވެވަޑައިގަތުމާއި، ފަހަތްޕުޅަށް އެހެންބޭކަލަކު ސަވާރުކުރެއްވުގައިވާ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަގެ ތަވާޟުޢުވެރިކަމެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ، އެންމެމާތް މަޚްލޫޤެވެ. ނަބީބޭކަލުންގެ އިމާމެވެ. ނަމަވެސް އެކަލޭގެފާނަކީ އެންމެ ތަވާޟުޢުވެރި ސާހިބާއެވެ. އެކަލޭގެފާނު ޙިމާރަކަށް ސަވާރުވެވަޑައިގެންނެވުމުން މިކަން އެނގިގެންދެއެވެ. އަދި ހަމައެހެންމެ، މުޢާޛު ރަޟިޔަﷲޢަންހުއަށް، އެކަލޭގެފާނުގެ ފަހަތްޕުޅުގައި އެޙިމާރަށް ސަވާރުވެލެއްވުމުގެ އިޛުނަދެއްވުމަކީވެސް އެކަލޭގެފާނުގެ ތަވާޟުޢުވެރިކަން އަންގައިދޭ ކަމެކެވެ.

ބާވީސްވަނައީ: ސަވާރީއަކަށް 2 މީހަކު އެއްފަހަރާ ސަވާރުވުމަކީ ހުއްދަކަމެކެވެ.

މިކަން އެނގިގެންދިޔައީ މުޢާޛު ރަޟިޔަﷲޢަންހުއަށް، ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަގެ ފަހަތްޕުޅުގައި ޙިމާރަށް ސަވާރުވެލެއްވުމުގެ އިޛުނަދެއްވުމުންނެވެ. ނަމަވެސް ދެމީހަކު އެއްފަހަރާ ސަވާރުވިޔަސް، އެކަން ތަޙައްމަލުކުރެވޭފަދަ ސަވާރީއަކަށް މެނުވީ ދެމީހުން އެއްފަހަރާ ސަވާރުވުން ހުއްދަވެގެންނުވެއެވެ.

ތޭވީސްވަނައީ: މުޢާޛު ބުނު ޖަބަލް ރަޟިޔަﷲޢަންހުގެ މާތްކަމެވެ.

މިކަންވެސް އެނގިގެންދިޔައީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއެކު ޙިމާރަށް ސަވާރުވެލެއްވުމުގެ އިޛުނަ، އެކަލޭގެފާނަށް ދެއްވުމުންނެވެ. ހަމައެހެންމެ، އެހެންބޭކަލުންނަށް ނުދެއްވާ ޚަބަރެއް އެކަލޭގެފާނަށް ދެއްވުމުންވެސް މިކަން އެނގިގެންދެއެވެ.

ސައުވީސްވަނައީ: ތައުޙީދުގެ އަހަންމިއްޔަތުކަމުގެ ބޮޑުކަމެވެ.

މިކަން އެނގިގެންދިޔައީ ތަވްޙީދުގެ އަހުލުވެރިންނަށް (ނަރަކައިގައި ދެމިއޮންނަ މީހެއްގެ ގޮތުގައި) ޢަޛާބު ނުދެއްވާނެކަން ބަޔާންކޮށްދެއްވުމުންނެވެ.

ﷲތަޢާލާގެ ރަޙުމަތުން، މިފިލާވަޅާއެކު ނިމިގެން މިދިޔައީ، ކިތާބުއްތަވްޙީދުގެ މުޤައްދިމާއެއްގެ ގޮތުގައި، އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބް ރަޙިމަހުﷲ ބަޔާންކުރައްވާފައިވާ ބާބުގެ ޝަރަޙައެވެ. ދުޢާއަކީ މިފިލާވަޅުތަކަކީ، އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް މަންފާކުރާނޭ ފިލާވަޅުތަކެއް ކަމުގައި ލެއްވުމެވެ. އަދި މިޢަމަލުގައި އިޚްލާޞްތެރިކަން ދެއްވައި، މިފޮތުގެ އެހެން ބާބުތައްވެސް ޝަރަޙަކޮށް ނިންމުމުގެ ތަވްފީޤު ދެއްވުމެވެ. އަދި މިއީ، ﷲގެ ފުއްސެވުމާއި ރަޙުމަތަށް މުޙުތާޖުވެގެންވާ މިނިކަމެތި އަޅާއަށް އެއިލާހުގެ ފުއްސެވުމާއި ދިންނެވުން ޙާޞިލުވުމުގެ ސަބަބެއް ކަމުގައި ލެއްވުމެވެ. އަދި މި ޢަމަލުގެ ސަބަބުން މިނިކަމެތި އަޅާ ،ނަރަކައިން މިންޖުކުރައްވައި ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ލެއްވުމެވެ.آمين.

މިފިލާވަޅުގެ ސުވާލުތައް

1-އުފާވެރި ޚަބަރު އެކަކުއަނެކަކަށް ދިނުމަކީ އެދެވިގެންވާކެމެއްކަމުގެ ދަލީލެއް ބަޔާންކުރޭ!

2-ބިރުވެތިކަމަށްވުރެ އުއްމީދު އިސްކުރަން ޢިލްމުވެރިން ނަޞޭޙަތްދެއްވަވާ 2 ޙާލަތެއް ބަޔާންކުރޭ!

3-އުއްމީދަށްވުރެ ބިރުވެތިކަން އިސްކުރަން ޢިލްމުވެރިން ނަޞޭޙަތްދެއްވަވާ 2 ޙާލަތެއް ބަޔާންކުރޭ!

4-އުއްމީދާއި ބިރުވެތިކަމުގެ މިޘާލު ޢިލްމުވެރިން ޖައްސަވަނީ ކޮންއެއްޗަކުންކަން ތަފްޞީލާއެކު ބަޔާންކުރޭ!

5-(اللَّهُ وَرَسُوْلُهُ أَعْلَمُ) މިބަސްފުޅާއި ބެހޭގޮތުން އެނގޭ އެއްޗެއް ބަޔާންކުރޭ!

6-ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ ތަވާޟުޢުވެރިކަން އެނގިގެންދާ 2 ކަމެއް ބަޔާންކުރޭ!

ނުނިމޭ

_____________________________________

 ކުރީގެ ބައިތައް