بَابُ فَضْلِ التَّوْحِيْدِ وَمَا يُكَفِّرُ مِنَ الذُّنُوْبِ
ތަވްޙީދުގެ މަތިވެރިކަމާއި މާތްކަން، އަދި ތަވްޙީދުގެ ސަބަބުން ފާފަތައް ފޮހެވިގެންދާނެކަން ނަންގަތް ބާބު.
___________________________________
ޝަރަޙަ
- އިސްވެދިޔަ ބާބާއި (މުޤައްދިމާއާއި)، މިބާބާއި އޮތް ގުޅުން
އިސްވެދިޔަ ބާބުގައި ވަނީ ތަވްޙީދުގެ މާނައާއި، އޭގެ އަހައްމިއްޔަތާއި، އެއީ ވާޖިބެއްކަމާއި، ކިތަންމެ ގިނަ އަޅުކަމެއް ކުރިކަމުގައިވިއަސް ތަވްޙީދާނުލައި އެ ޞައްޙަ ނުވާނެކަން ބަޔާންކޮށްދެއްވާފައެވެ. އެހެންކަމުން މި ބާބުގައި ބަޔާންކުރައްވާފައިމިވަނީ ތަވްޙީދުގެ އަހުލުވެރިއަކަށް ވެއްޖެ މީހަކަށް ހުރި ލާބައާއި މަންފާއެވެ. އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް އޮތީ ޘަވާބާއި ދަރުމައާއި ކާމިޔާބުކަމެވެ. މިކަން އެނގުމުން ތަވްޙީދުގެ އަހުލުވެރިއަކަށް ވުމަށް މީސްތަކުން ޝައުޤުވެރިވެގެންދާނެއެވެ. އަދި އޭގެ އިދިކޮޅުކަމުގައިވާ ޝިރުކުން އެއްކިބާވާން މަސައްކަތްކުރާނެއެވެ.
އެއްޗެއްގެ މަތިވެރިކަމާއި މާތްކަން ބަޔާންކުރުމަކީ، އެއެއްޗެއް ވާޖިބު ނޫންކަމުގެ ދަލީލެއް ނޫނެވެ. މިސާލެއްގެ ގޮތުން ޖަމާޢަތުގެ ނަމާދަށް ބަލާލަމާ ހިނގާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. صَلاَةُ الْجَمَاعَةِ أَفْضَلُ مِنْ صَلاَةِ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً (متفق عليه) “ވަކިންކުރާ ނަމާދަށްވުރެ، ޖަމާޢަތުގައި ކުރާ ނަމާދު 27 ގުނައަށް މާތްވެގެންވެއެވެ.” މިފަދައިން ޖަމާޢަތުގެ ނަމާދުގެ މާތްކަން އެންގެވުމަކީ، އެއީ ވާޖިބެއް ނޫންކަމުގެ ދަލީލެއް ނޫނެވެ. އެހެނެއްކަމަކު، އެވާޖިބު އަދާކުރުމަށް އެޅޭ އިތުރު ބާރެކެވެ. އެހެނީ އެއިން ލިބޭނެ ދަރުމައާއި ޘަވާބު އެނގުމުން އެކަންކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.
ވަޒީފާއެއްގައި މަސައްކަތްކުރާ މީހަކަށް، މުސާރަ އިތުރުކުރުމަކާނުލައި، އެވަޒީފާގައި އިތުރަށް ދެމިހުންނަން ބޭނުންނަމަ، މިވެނި އެވެނި މަސައްކަތްތަކެއްވެސް ކުރަންޖެހޭނެ ކަމުގައި ބުނެފިނަމަ، އޭނާ އެވަޒީފާގައި ދެމިހުރުމަށްޓަކައި އެމަސައްކަތްތައްވެސް ކޮށްފާނެއެވެ. އެކަމަކު އެހާ ޝައުޤުވެރިކަމާއެކުގައެއް ނޫނެވެ. ނަމަވެސް، ދެން ވަޒީފާގައި ދެމިހުންނަން ބޭނުންނަމަ މިވެނި އެވެނި މަސައްކަތްތަކެއް ކުރަންޖެހެނޭއޭ، އަދި އެމަސައްކަތްތަކަށް އިތުރަށް މުސާރަލިބޭނެއޭ ބުނެފިނަމަ، އޭނާއަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ. ހަމަމިފަދައިން، ތަވްޙީދުގެ މާތްކަމާއި މަތިވެރިކަން ބަޔާންވެފައިވުމުންވެސް، މީސްތަކުންނަށް ހިތްވަރުލިބި، އިތުރު ޝައުޤުވެރިކަމަކާއެކު އަޅުކަންތައް ގިނަކޮށް، އެއަޅުކަންތަކުގައި އިޚްލާޞްތެރިވެ، އެއުނިވެގެންދާނެފަދަ އެންމެހައި ކަންތައްތަކުން ދުރުވެ، ދަރުމައާއި ޘަވާބު ހޯދުމަށް މަސައްކަތްކުރުމަށް ބާރަކަށް ވެގެންދާނެއެވެ.
(بَابُ): ބާބު.
މި ކަލިމައިގެ ފަހުއަކުރުގައި އުބުފިލި ތަންވީނު ޖަހައިގެންވެސް، އަދި އުބުފިލި ޖަހައިގެންވެސް ކިޔުން ހުއްދަވެގެންވެއެވެ.
އުބުފިލި ޖަހައިފިނަމަ، އެއާއި ޖެހިގެންއޮތް ކަލިމައިގެ ފަހުއަކުރުގައި ޖަހަންޖެހޭނީ އިބިފިލިއެވެ. އޭރުން ކިޔަންޖެހޭނީ މިގޮތަށެވެ: بَابُ فَضْلِ التَّوْحِيْدِ وَمَا يُكَفِّرُ مِنَ الذُّنُوْبِ
އުބުފިލި ތަންވީނު ޖަހައިފިނަމަ، ޖެހިގެންއޮތް ކަލިމައިގެ ފަހުއަކުރުގައި އުބުފިލި ޖަހައިގެންވެސް، އަދި އިބިފިލި ޖަހައިގެންވެސް ކިއުން ހުއްދައެވެ. އޭރުން ކިޔާނީ މިގޮތަށެވެ: بَابٌ فَضْلُ التَّوْحِيْدِ وَمَا يُكَفِّرُ مِنَ الذُّنُوْبِ ނުވަތަ بَابٌ فَضْلِ التَّوْحِيْدِ وَمَا يُكَفِّرُ مِنَ الذُّنُوْبِ. މިތަނުގައި ޖެހިގެން އޮތް ކަލިމައިގެ ފަހުއަކުރުގައި އިބިފިލި މި ޖެހީ بَابٌ ގެ ކުރިއާއި ފަހަތުގައިވެސް ފޮރުވިފައިވާ އެހެން ބަސްތަކެއް ވާކަމަށް ބަލައިގެންނެވެ. އެބަސްތަކަކީ هَذَا އާއި لبيان އާ ކަމުގައިވެސް ބުނެވިދާނެއެވެ. އޭރުން ކިޔާނީ މިގޮތަށެވެ. هَذَا بَابٌ لِبَيَانِ فَضْلِ التَّوْحِيْدِ وَمَا يُكَفِّرُ مِنَ الذُّنُوْبِ. އަދި މިފަދައިން ފޮރުވިފައިވާ ބަސްތަކެއް ވާކަމުގައި ބުނާނަމަ بَابٌ ގެ ފަހަތަށް އަންނަ ކަލިމައިގެ ފަހު އަކުރުގައި އަބަފިލި ޖެހުން ހުއްދަ ކަމުގައިވެސް ބުނެވިދާނެއެވެ.
ޢަރަބިބަހުން، ބާބު ކިޔަނީ، އެއްޗަކަށް ނުވަތަ ތަނަކަށް ވާޞިލުކޮށްދޭ ތަނަށެވެ. އެހެންކަމުން މިތަނުގެ މުރާދަކީ، ތަވްޙީދުގެ މާތްކަމާއި، އޭގެ ލާބައާއިމަންފާ ދެނެގަންނަން ބޭނުންމީހަކު، އެމަޢުލޫމާތަށް ވާޞިލުކޮށްދޭނެ ތަނެވެ.
ބާބުގެ އިޞްޠިލާޙީ މާނައަކީ: ޢިލްމުތަކެއް ޖަމަޢަކުރެވިފައިވާ ތަނެވެ. އެ ޢިލްމުތައް ޢާއްމުގޮތެއްގައި ބެހިފައިވާނީ ފަޞްލުތަކާއި މަސްއަލަތަކަށެވެ.
ފޮތްތަކުގައިވާ މަޢުލޫމާތުތައް ބާބުތަކަށް ބެހިފައިވަނީ، އެފޮތް ކިޔުމަށް ޝައުޤުވެރިކުރުމަށްޓަކައެވެ. އެހެނީ ބާބެއް ނިމެން ކައިރިވުމުން، އޭރުން އެބާބު ނިންމުމަށް ބޮޑަށް ޝައުޤުވެރިވާނެއެވެ. މިސާލަކަށް 100 ޞަފުޙާގެ ފޮތެއް، ބާބުތަކަށް ބަހާފައިނުވާނަމަ، 15 ޞަފުޙާ ކިޔުމަށްފަހު އަދި ބާކީ ހުރިވަރު ބަލާލުމުން މީހާ ފޫހިވުން އެކަށީގެންވެއެވެ. ނަމަވެސް ކޮންމެ 20 ސަފުޙާއަކުން އާބާބެއް ގެނެސްފައިވާނަމަ، 15 ސަފުހާ ކިޔުމަށްފަހު، ބާކީ އޮތް 5 ސަފުޙާވެސް ނިންމާލަން ހިތްވަރު ލިބިގެންދާނެއެވެ.
ޤުރުއާންވެސް ސޫރަތްތަކާއި، ޙިޒްބުތަކާއި، ރުބުޢުތަކަށް ބެހިފައިވަނީ މިހެންވެ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ޤުރުއާނުގައި ވަނީ 30 ފޮތެވެ. ކޮންމެ ފޮތެއްގައި ވަނީ 2 ޙިޒްބެވެ. އަދި ކޮންމެ ޙިޒްބެއްގައި 4 ރުބުޢުވެއެވެ.
(بَابُ فَضْلِ التَّوْحِيْدِ): ތަވްޙީދުގެ މަތިވެރިކަމާއި މާތްކަން ނަންގަތް ބާބު.
ބައެއް ޢިލްމުވެރިން ވިދާޅުވަނީ، މިތަނުގައި އައިސްފައިމިވާ ތަވްޙީދުގެ މުރާދަކީ ތަވްޙީދުލް އުލޫހިއްޔާ ކަމުގައެވެ. އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ތަވްޙީދުގެ 3 ބައިވެސް މީގެތެރޭގައި ހިމެނޭނެ ކަމަށެވެ.
މި 2 ރައުޔުގެ ތެރެއިން ބުރަވެވެނީ ތަވްޙީދުގެ 3 ބައިވެސް ހިމެނޭނެކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ރައުޔަށެވެ. އެއީ ތަވްޙީދުލްއުލޫހިއްޔާއާއެކު، ތަވްޙީދުއްރުބޫބިއްޔާއާއި ތަވްޙީދުލް އަސްމާއުވައްޞިފާތުވެސް އެކުލެވިގެންވާނެތީއެވެ. ތަވްޙީދުއްރުބޫބިއްޔާއާއި ތަވްޙީދުލް އަސްމާއުވައްޞިފާތާއި ނުލައި ތަވްޙިދުލްއުލޫހިއްޔާ ފުރިހަމަ ނުވާނެއެވެ.
(بَابُ فَضْلِ التَّوْحِيْدِ وَمَا يُكَفِّرُ مِنَ الذُّنُوْبِ): ތަވްޙީދުގެ މަތިވެރިކަމާއި މާތްކަން، އަދި ތަވްޙީދުގެ ސަބަބުން ފާފަތައް ފޮހެވިގެންދާނެކަން ނަންގަތް ބާބު.
މިތަނުގައި އައިސްފައިމިވާ مَا އަކީ، ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ‘މާ އަލްމައުޞޫލާ’ ކަމުގައެވެ. އެއީ ގުޅުވަން ބޭނުންކުރާ ‘މާ’ އެވެ. އޭރުން މާނައަކަށްވާނީ ‘އަދި ތަވްޙީދުގެ ސަބަބުން ފޮހެވިގެންދާ ފާފަތައް ނަންގަތް ބާބު’ އެވެ. މި ރައުޔަށް ބުރަވެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ޝެއިޚް ޞާލިޙް އާލުއްޝައިޚާއި، ޝެއިޚް ޢުޘައިމީހުން ރަޙިމަހުﷲ ހިމެނިވަޑައިގަންނަވައެވެ.
ޝެއިޚް ޞާލިޙް އާލުއްޝައިޚު، ‘އައްތަމްހީދް’ އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. مِنَ الذُّنُوْبِ ގައި މިވާ مِنَ އިން މިއީ ‘މާ އަލްމައުޞޫލާ’ ކަން އެނގިގެންދެއެވެ.
އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުން، މިތަނުގައި އައިސްފައިމިވާ مَا އަކީ ‘މާ އަލްމަޞްދަރިއްޔާ’ އެވެ. އޭގެ މާނައަކި މަޞްދަރުގެ މާނަ ގެނެސްދޭ ‘މާ’ އެވެ. މިއަށް ‘މައުޞޫލުލް ޙަރްފީ’ އޭވެސް ކިޔެއެވެ. އޭރުން މާނައަކަށްވާނީ ‘އަދި ތަވްޙީދުގެ ސަބަބުން ފާފަތައް ފޮހެވިގެންދާނެކަން ނަންގަތް ބާބު.’ އެވެ.
އަދި މިއީ، ‘މާ އަލްއިސްތިފްހާމިއްޔާ’ ކަމުގައިވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ ސުވާލުކުރަން ބޭނުންކުރާ ‘މާ’ އެވެ. އޭރުން މާނައަކަށްވާނީ ‘އަދި ތަވްޙީދުގެ ސަބަބުން ފޮހެވެނީ ކޮންފާފަތަކެއް؟’
ނަމަވެސް މި ހުރިހާ ރައުޔެއްގެ ޢިލްމުވެރިންވެސް ވިދާޅުވަނީ ތަވްޙީދުގެ ސަބަބުން ހުރިހާ ފާފައެއް ފޮހެވޭނެކަމުގައެވެ. މިކަމުގެ ދަލީލު މިބާބުގެ، ކުރިއަށް ހުރި ފިލާވަޅުތަކުގައި ގެނެސްދެވޭނެއެވެ. إن شاء الله އެހެންކަމުން އެބޭކަލުން ތަފާތުވެފައިވަނީ މިތަނުގައި މިވާ ‘މާ’ އަށް ޢަރަބިބަހުގެ ޤަވާޢިދުގައި ކިޔާ ނަމާއިމެދުގައެވެ.
الذُّنُوْب އަކީ، ފާފަތަކެވެ. މިފަދައިން ފާފަތައް ފޮހެވޭނެއޭ އައުމުން ދޭހަވަނީ، ﷲގެ ޙައްޤާއި، އެހެނިހެން މަޚްލޫޤުންގެ ޙައްޤުތައްވެސް މާފުވެގެންދާނެކަމަށެވެ. ނަމަވެސް އެހެން ޙަދީޘްތަކުން، މީސްތަކުންގެ ޙައްޤުތައް މާފުނުވާނެކަން ޘާބިތުވެއެވެ. ދެން އެމީހެއްގެ އިޚްލާޞްތެރިކަމާއި، ﷲއެއްކައުވަންތަކޮށް ތަވްޙީދުގެ އަހުލުވެރިއަކަށްވުމަށް ކުރާމަސައްކަތުގައި އޭނާގެ ތެދުވެރިކަމަށް ބައްލަވާވޮޑިގެންނެވުމަށްފަހު، ﷲ އިރާދަކުރައްވައިފިއްޔާ އޭނަގެ އެފާފަވެސް ފުއްސަވާފާނެއެވެ. ނަމަވެސް އެއިލާހުގެ ޙައްޤުތައް ފަދައިންނެއް ނޫނެވެ. އެ ޙައްޤުލިބެންޖެހޭ މީހާއަށް އޭގެ ބަދަލު ދެއްވުމަށްފަހުއެވެ.
އަޞްލަކީ އެފާފަތައް އެމަޚްލޫޤުން މާފު ނުކުރާހާހިނދަކު ނުފޮހެވުމެވެ. އެކަމަކު މިދެންނެވި ފަދައިން ﷲއިރާދަކުރައްވައިފިނަމަ، ޙައްޤުވެރިންނަށް ބަދަލުދެއްވުމަށްފަހު އޭނަގެ ފާފަ ފުއްސަވާވެސްފާނެއެވެ.
މިތަނުގައި، ‘ތަވްޙީދުގެ މަތިވެރިކަމާއި މާތްކަން ނަންގަތް ބާބު. އަދި ތަވްޙީދުގެ ސަބަބުން ފާފަތައް ފޮހެވިގެންދާނެކަން.’ މިފަދައިން އައިސްފައިވުމުން ތަވްޙީދުން ލިބޭ އެންމެބޮޑު އެއްފައިދާއަކީ އެމީހެއްގެ ފާފަތައް ފޮހެވިދިއުންކަން އެނގެއެވެ. އެހެނީ އެއީ ތަވްޙީދުގެ މާތްކަމުގެ ތެރޭގައި ހިމެނޭ ކަމަކެވެ. ވީމާ ‘ތަވްހީދުގެ މާތްކަން ނަންގަތް ބާބު’ މިހެން އެކަނި ވިދާޅުވިނަމަވެސް ފާފަތައް ފޮހެވުންވެސް އޭގެތެރޭގައި ހިމެނޭނެއެވެ. ނަމަވެސް އަނެއްކާ އެކަން ޚާއްޞަކުރައްވައި ބަޔާންކުރެއްވުމުން އެއީ އެންމެބޮޑު އެއްފައިދާކަން އެނގިގެންދެއެވެ.
މިއަށް ކިޔަނީ ޢާއްމުކަމެއް ބަޔާންކުރެއްވުމަށްފަހު، އެ ޢާއްމުކަމުގެ ތެރޭގައި ހިމެނޭ ކަމެއް، ޚާއްޞާކުރައްވައި ބަޔާންކުރެއްވުމެވެ. އެފަދައިން ބަޔާންވެއްޖެނަމަ އެ ޚާއްޞަކަމުގެ އަހަންމިއްޔަތުކަމުގެ ބޮޑުކަން އެނގިގެންދާނެއެވެ.
މިކަމުގެ އިތުރު މިސާލަކަށް ދިޔައީމާ ވިސްނައިގަންނަން ފަސޭހަވާނެއެވެ. ޤިޔާމަތްދުވަހު އަޅާއާއި ކުރެވޭނެ ސުވާލުތައް ބަޔާންކުރެވިފައިވާ ޙަދީޘެއްގައިވެއެވެ. ‘އެންމެ ފުރަތަމަ، އޭނާގެ ޢުމުރު ހޭދަކުރިގޮތާ ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. އަދި އެއަށްފަހު އޭނާގެ ޒުވާންދުވަސްވަރު ހޭދަކުރިގޮތާ ބެހޭގޮތުން ސުވާލުކުރެވޭނެއެވެ.’ މިތަނުގައި ޢުމުރާއި ބެހޭގޮތުން ސުވާލުކުރެވުނީމާ އޭގެތެރޭގައި ޒުވާންދުވަސްވަރުވެސް ހިމެނޭނެއެވެ. ނަމަވެސް ޒުވާންދުވަސްވަރު ޚާއްޞަކުރައްވައި ސުވާލުކުރެއްވުމުން، އެދުވަސްވަރަށް އިސްލާމްދީނުގައި ދެވިފައިވާ ޤަދަރު އެނގިގެންދެއެވެ.
މިފިލާވަޅުގެ ސުވާލުތައް
1-އިސްވެދިޔަބާބާއި މިބާބާއި އޮތް ގުޅުން ބަޔާންކުރޭ!
2-(بَابُ) މި ކަލިމައިގެ ފަހު އަކުރުގައި ޖަހާނީ ކޮން ފިއްޔެއްކަން ތަފްޞީލާއެކު ބަޔާންކުރޭ!
3-ބާބުގެ ލުޣަވީ މާނައާއި އިޞްޠިލާޙީމާނަ ބަޔާންކުރޭ! އަދި މިތަނުގައި ބާބުގެ މުރާދަކީ ކޮބާ؟
4-ފޮތްތައް ބާބުތަކަށް ބެހުމުގެ ބޭނުމަކީ ކޮބާ؟ ތަފްޞީލާއެކު ބަޔާންކުރޭ!
5-(بَابُ فَضْلِ التَّوْحِيْدِ) މިތަނުގައި ތަވްޙީދު އައިސްފައިމިވަނީ ކޮންމާނައެއްގަ؟
6-(بَابُ فَضْلِ التَّوْحِيْدِ وَمَا يُكَفِّرُ مِنَ الذُّنُوْبِ)މިތަނުގައި އައިސްފައިމިވާ مَا އާ ބެހޭގޮތުން އެނގޭ އެއްޗެއް ބަޔާންކުރޭ!
7-ތަވްޙީދުގެ ސަބަބުން މީސްތަކުންގެ ޙައްޤުތައް މާފުވާނެތަ؟
8-ތަވްޙީދުގެ އެންމެބޮޑު އެއްފައިދާއަކީ ފާފަތައް ފޮހެވުންކަން، މުޙައްމަދު ބިން ޢަބްދިލްވައްހާބް ރަޙިމަހުﷲގެ ބަސްފުޅުން އެނގިގެންދެއެވެ. މިކަން އެނގުނުގޮތް ތަފްޞީލާއެކު ބަޔާންކުރޭ!
ނުނިމޭ
_____________________________________