ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއިއެކު:
4. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ މެދުގައި ބެހެއްޓެވި ހަމަހަމަ ކަމާއި އިންޞާފު:
ޙަޔާތުގެ ހުރިހާ ދައުރެއްގައިވެސް އެކަލޭގެފާނަކީ އެންމެ ފުރިހަމަ ނާމޫނާއެވެ. އެހެންކަމުން އަނބިއަނބިކަނބަލުންގެ މެދުގައި ހަމަހަމަ ކުރެއްވުމާއި، އިންޞާފުވެރިވެވަޑައިގަތުމުގައިވެސް އެކަލޭގެފާނަކީ، އެކަލޭގެފާނުގެ ޙަޔާތުން އެންމެހާ މުސްލިމުން ނަމޫނާ ހޯދަންޖެހޭ އެންމެ ފުރިހަމަ ނަމޫނާއެވެ. އެއީ އެކަލޭގެފާނަށް އެކަމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އިޚްތިޔާރާއި، ބާރު ދެއްވާފައިވާ ހިނދުވެސްމެއެވެ. އެކަލޭގެފާނުގެ މައްޗަށް ﷲ ގެ މި ވަޙީ ބަސްފުޅު ބާވައިލެއްވިގެންވާ ހިނދުވެސްމެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
تُرْجِي مَن تَشَاءُ مِنْهُنَّ وَتُؤْوِي إِلَيْكَ مَن تَشَاءُ ۖ وَمَنِ ابْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ۚ ذَٰلِكَ أَدْنَىٰ أَن تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَا آتَيْتَهُنَّ كُلُّهُنَّ ۚ وَاللَّـهُ يَعْلَمُ مَا فِي قُلُوبِكُمْ ۚ وَكَانَ اللَّـهُ عَلِيمًا حَلِيمًا – (الأحزاب : 51) “އެކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައިގަންނަވާ އަނބިކަނބަލަކު (ރޭކުރެއްވުމުގައި) ފަސްކުރެއްވިޔަސް، އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ އަނބިކަނބަލަކު ކަލޭގެފާނުގެ އަރިހަށް ގެންނެވިޔަސް، އަދި ކަލޭގެފާނު ދުރުކުރައްވާފައިވާ އަނބިކަނބަލުންގެ ތެރެއިން ކަލޭގެފާނު ބޭނުންފުޅު އަނބިކަނބަލަކު (އަލުން) ގެންނެވިޔަސް އެކަމުން ކަލޭގެފާނުގެ މައްޗަކަށް ކުށެއްނެތެވެ. އެއީ އެކަނބަލުންގެ ލޯތަކަށް ފިނިކަން ޙާޞިލް ވުމަށާއި، އެކަނބަލުން މޮޅިވެރިނުވުމަށާއި، ކަލޭގެފާނު އެކަނބަލުންނަށް ދެއްކެވި ގޮތާއިމެދު، އެ އެންމެބޭކަނބަލުން ރުހުމަށް އެގޮތް ގާތްކަން ބޮޑީމައެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައިވާ އެއްޗެއް، ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަލީމްވަންތަ އިލާހުކަމުގައި ވޮޑިގެންވެއެވެ.”(1)
ތަފުސީރު އިބްނު ކަޘީރުގައި މި އާޔަތުގެ ތަފުސީރުގެންނަވަމުން އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުއާއި، މުޖާހިދާއި، ޙަސަނުލް ބަޞަރީއާއި، ޤަތާދާއާއި، އަބޫ ރަޒީންއާއި، ޢަބްދުއްރަޙްމާން ބްނު ޒައިދު ބްނު އަސްލަމް (ރަޙިމަހުމުﷲ)، އަދި އެހެން ބައެއްބޭފުޅުންވެސް (تُرْجِي مَن تَشَاءُ مِنْهُنَّ) މި އާޔަތުގެ މުރާދުކަމުގައި ދެކެވަޑައިގަންނަވަނީ: ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ މެދުގައި ބެއްސެވުމަކުން ކަލޭގެފާނުގެ މައްޗަކަށް އެކަމުން އެއްވެސް ފާފައެއް ނުވެއެވެ. ފަހެ، ކަލޭގެފާނު އެކަނބަލުންގެ ތެރެއިން ބޭނުންފުޅުވާ ބޭކަނބަލަކު އިސްކުރައްވައި، އަދި ބޭނުންފުޅުވާ ބޭކަނބަލަކު ފަސްކުރައްވާށެވެ. އަދި ކަލޭގެފާނު އެކަނބަލުންގެ ތެރެއިން ބޭނުންފުޅުވާ ބޭކަނބަލަކާ ރޭކުރައްވައި، ބޭނުންފުޅުވާ ބޭކަނބަލަކު ރޭނުކޮށް ދޫކޮށްލައްވާށެވެ.”(2)
މިފަދައިން އެކަލޭގެފާނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ބާރުދެއްވާފައިވާއިރުވެސް، އެކަލޭގެފާނުވަނީ އަނބިއަނބިކަނބަލުންގެ މެދުގައި ހަމަހަމަ ކުރެއްވުމާއި، އިންޞާފުވެރިވެވަޑައިގަތުމުން، އުންމަތަށް ރިވެތި ނަމޫނާ ދައްކަވާފައެވެ.
ޞަޙީޙް ބުޚާރީގައި ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނު އަވަހާރަވުމުގެ އާލާސްކަނފުޅު ޖެހިވަޑައިގެން އެކަމުގައި ބުރަފުޅުވެވަޑައިގެންނެވިހިނދު، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި މިފަދައިން ސުވާލުކުރައްވައެވެ. “މާދަމާ ތިމަންކަލޭގެފާނު ވާނީ ކޮންތާކު (ކޮން އަނބިކަނބަލެއްގެ ގާތުގައި) ތޯއެވެ؟ މާދަމާ ތިމަންކަލޭގެފާނު ވާނީ ކޮންތާކުތޯއެވެ؟” އެކަނބަލުންނަށް އެކަލޭގެފާނުގެ މި ސުވާލުފުޅުގެ މުރާދު އެނގިލައްވައި، އެކަލޭގެފާނު ބޭނުންފުޅުވާ އަނބިކަނބަލެއްގެ ގާތުގައި ވުމަށް އިޒުނަ ދެއްވިއެވެ. ދެން އެކަލޭގެފާނު ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ގެކޮޅަށް ބަދަލުވެވަޑައިގެންނެވިއެވެ….(3)
އެއީ ތެދެކެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ލޯބިފުޅުވަނީ ޢާއިޝާ ރަޟިޔަﷲ ޢަންހާ ދެކެއެވެ. އެއީ އެކަމަނާގެ ރީތިކަމާއި، ވިސްނުންފުޅުތޫނުކަމާއި، އެކަމަނާއަކީ އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ދަރިކަނބަލަކަށް ވާތީއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެކަލޭގެފާނު އެކަމާނާ ދެކެ ބޮޑަށް ލޯބިފުޅުވަނީ، އެހެން އަނބިއަނބިކަނބަލުން ވިސްނުމުގެ ގޮތުންނާއި، ރީތިކަމާއި، ނަސަބުގެ ގޮތުން ދައްކަމުގައި އެކަލޭގެފާނު ދެކެވަޑައިގަންނަވާތީ ނޫންކަމެވެ. އެހެނީ ޞުލްޙަ ހުދައިބިއްޔާގެ ދުވަހުގައިވެސް އެކަލެގެފާނުވަނީ އުންމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ގާތުން މަޝްވަރާއަށް އައްސަވައި، އެކަމަނާ ދެއްވި މަޝްވަރާއާއި އެއްގޮތަށް ކަންތައް ކުރައްވާފައެވެ. އަދި ހަމައެހެންމެ އެކަލެގެފާނުގެ ޙަޔާތްޕުޅުގެ އެއްވެސް އިރެއްގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ މެދުގައި، ޚަރަދުކުރެއްވުމާއި، އެކަނބަލުންގެ ގާތުގައި ރޭކުރެއްވުމާއި އަދި އެކަނބަލުންނާއި މުޢާމަލާތްކުރެއްވުމުގައި އެއްވެސް ވަރަކަށް ތަފާތުކުރައްވާފައެއް ނުވެއެވެ.
މީގެއިތުރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޢާއިޝާ ރަޟިޔަﷲ ޢަންހާ ދެކެ ބޮޑަށް ލޯބިފުޅުވީކަމަކު، އެކަމަނާ އެހެން އަނބިކަނބަލަކާއިމެދު ކުރައްވާ ނުރުހެވޭ ޢަމަލަކާއިމެދު ފިޔަވަޅު އަޅުއްވައި، އެކަން އެކަމަނާގެ ކިބައިން ރަނގަޅު ކުރެއްވުމުގައި އެކަލޭގެފާނު ފަސްޖެހިވެވަޑައިނުގައްނަވައެވެ. މިގޮތުން ކުރިން އަޅުގަނޑު ބަޔާންކުރި ޙަދީޘްފުޅުގައި ވާފަދައިން އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ ކާނާއެއް ތައްޔާރުކުރައްވައި އެކަލޭގެފާނު ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ގެކޮޅުގައިވަނިކޮށް އެކަލޭގެފާނަށް އެކާތަކެތި ފޮނުވުމުން ޢާއިޝާ ރަޟިޔަﷲ ޢަންހާވަނީ އެކަމާ ނުރުހުންވެވަޑައިގެން ކާތަކެތި އަޅާފައިވާ ތަށި ތަޅާލައްވާފައެވެ. އޭގެ ބަދަލުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ތައްޓެއް އުންމު ސަލަމާ ރަޟިޔަﷲ ޢަންހާއަށް ދިނުމަށް ރަޞޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢައިޝާ ރަޟިޔަﷲ ޢަންހާއަށް އެންގެވިއެވެ. މިކަމުންވެސް އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި، އިންޞާފުވެރިކަން ހާމަވެގެން ދެއެވެ.
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމާނާ ވިދާޅުވިއެވެ. “މީހަކު ޙަރަކާތްކުރިފަދައިން ތިމަންކަމަނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޙަރަކާތްކުރެއްވީމެވެ.” (އެބަހީ: އެމީހާ ކުރިފަދައިން ނުވަތަ ބުނިފަދައިންނެވެ.) ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނަށް މިވެނި އެވެނި އެއްޗެއް ދެވުނަސް، މީހާކު ޙަރަކާތްކުރިފަދައިން ޙަރަކާތްކުރުމަށް ތިމަންކަލޭގެފާނު އުފާނުކުރައްވާހުށީމެވެ.” އެކަމަނާ ވިދާޅުވިއެވެ. ތިމަންދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ހަމަކަށަވަރުން ޞަފިއްޔާއަކީ އަންހެން ބޭކަނބަލެކެވެ. އަދި ތިމަންގެ އަތުން މިފަދައިން އިޝާރަތްކުރީމެވެ. (ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ކުރުކަމަށް ޢާއިޝާ ރަޟިޔަﷲ ޢަންހާ އިޝާރާތްކުރެއްވިފަދައެވެ.) ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ކަމަނާ (ގެ ޢަމަލުތައް) ތިއެއްކުރެއްވި ކަލަމިއައާއި، ކަނޑުގެ ލޮނުގަނޑާ ކަމަނާ އެއްކުރެއްވިނަމަވެސް އެވެސް ތަޣައްޔަރުވީހެވެ.”(4)
މަތީގައި ބަޔާންވެގެން އެވާ ޙަދީޘްފުޅުން ރަސޫލުﷲ ޞައްލާﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުނގެ މެދުގައި ބަހައްޓަވާ އިންޞާފުވެރިކަމާއި، ހަމަހަމަ ކަން ހާމަވެގެން ދެއެވެ. އަދި ދީނުގެ ޙުކުމްފުޅުތަކުގައި ފަރުވާތެރިވެވަޑައިގަންނަވާ މިންވަރާއި، އަންބިއަނބިކަނބަލުންނާއިމެދު އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ޢިއްޒަތާއި ލޯބި ހާމަވެގެން ދެއެވެ. އެކަލޭގެފާނުގެ މިމަތިވެރި ޢަމަލުފުޅުތަކަކީ އިސްލާމީ އުންމަތުގެ މުސްލިމް ފިރިންނަށް އެކަމުން ޢިބްރަތް ޙާޞިލްކޮށް އެބައިމީހުންގެ އަނބިންގެ މެދުގައި ހަމަހަމަ ކަމާއި އިންޞާފު ޤާއިމްކޮށް ހެޔޮގޮތުގައި ދިރިއުޅުމަށްވާ މަތިވެރި ނަމޫނާއެކެވެ.
– ނުނިމޭ –
_______________________________________
(1). މުހިއްމު ނޯޓެއް: މިއީ ރަޞޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އިޚްތިޔާރެކެވެ. އަދި އެކަލެގެފާނަށް ޚާއްޞަވެގެންވާ ކަމެކެވެ. މި އިޚްތިޔާރު މިގޮތަށް ދެއްވާފައިވާއިރުވެސް އެކަލޭގެފާނު ވަނީ އެކަލެގެފާނުގެ އަނބިއަނބިކަނބަލުންގެ މެދުގައި ތަފާތުކުރެއްވުމެއްނެތި ހަމަހަމަކުރައްވައި އިންޞާފުވެރިކަމާއެކު ކަންތައްތައް ކުރައްވާފައެވެ. އުންމަތުގެ އެހެން މުސްލިމުންނަށްވެސް އޮތީ އެބައިމީހުންގެ އަނބީންގެ މެދުގައި ހަމަހަމަ ކުރުމެވެ. އެގޮތަށް ކަންތައް ނުކޮށްފިނަމަ އެކަމުގައި އޭނާ ފާފަވެރިވާނެއެވެ.
މަޞްދަރުތައް:
(2). އިބްނު ކަޘީރުގެ ތަފުސީރު: ތަފުސީރުލްޤުރުއާނުލްޢަޡީމް (6/215)، ތަޙްޤީޤު: ޑރ. ޙިކުމަތު ބަޝީރު.
(3). ފަތުޙުލްބާރީ (5/347).
(4). ކަޝްފުލްޚަފާ ވަ މުޒީލުލްއިލްބާސް ޢަލާ އަޙާދީޘުލްމުޝްތަހިރާ ޢަލާ އަލްސިނަތިއްނާސް (2/14).