[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފާފަ ފުއްސެވޭކަންތައްތައް – 1

48787

އަޅުގަނޑުމެން އެންމެހާ އިންސާނުންނަކީ ކުށްފާފަކުރެވޭ ބައެކެވެ. ކުދިފާފަތަކާއި ބޮޑެތިފާފަތަކެވެ. އަތުންކުރެވޭ ފާފަތަކާއި، ލޮލުންކުރެވޭ ފާފަތަކާއި، ދުލުންކުރެވޭ ފާފަތަކާއި ދެފައިންކުރެވޭ ފާފަތަކާއި ކަންފަތުންކުރެވޭ ފާފަތަކެވެ. މިހެންގޮސް އެތައްއެތައް ކަމެއްގައި އަޅުގަނޑުމެންނަށް އެނގިގެންނާއި ނޭނގިދަނީ އެތަކެއް ފާފަކުރެވެމުންނެވެ. އާދެ، މިއީ އިންސާނާގެ ތަބީޢާތެވެ.
މި އިންސާނާހެއްދެވި އިލާހު މިކަންތައްތައް މޮޅަށްދެނެވޮޑިގެންވާހާލު އަޅުގަނޑުމެން އެންމެނަށްވަނީ އެކަލާނގެ ރަޙްމަތް ތަނަވަސްކޮށްދެއްވާފައެވެ. މިގޮތުން އަޅުގަނޑުމެންކުރާ ހެޔޮޢަމަލުތަކުން އަޅުގަންޑުމެންކުރާ ފާފަތައް އެއިލާހުވަނީ ފުހެވޭގޮތް މެދުވެރިކޮށްދެއްވާފައެވެ. މިގޮތަށް އެއިލާހުގެ ރަޙްމަތް ތަނަވެސްވެގެންނުވާނަމަ އަޅުގަނޑުމެން ހަލާކުވެ، ނެތި ހިގައްޖައީސްކަން ކަށަވަރެވެ. މި ސިލްސިލާގައި މި ބަލާލަނީ ﷲތަޢާލާ އެއިލާހުގެ ރަޙްމަތުން އަޅުގަނޑުމެން އިންސާނުންނަށްކުރެވޭ ފާފަތައް ފުއްސެވޭކަންތައްތަކުގެ މައްޗަށެވެ.

1 توبة ވުން.

توبة ވުމަކީ ތިމާއަށް ފާފަކުރެވިއްޖެކަމަށް އިޢުތިރާފުވެ ﷲތަޢާލާއަށް ބިރުވެތިވެ، އެކަމާއި ދެރަވެ ހިތާމަކޮށް، އެފާފަ އަލުންނުކުރާނެކަމަށް ޢަޒުމްކަނޑައަޅައި، އަދި އެފާފައަކީ މީހެއްގެ ހައްޤަކާއި ގުޅިފައިވާކަމެއްކަމުއި ވާނަމަ އެހައްޤު އަދާކޮށް އެމީހެއްގެ ހިތްޚަލާޞްހޯދައި އެކަމަކުން ދުރުވެގަތުމެވެ. توبة ވުމަކީ ހުރިހާފާފައެއްވެސް ފުހެވޭކަމެކެވެ. އަދި توبة ވެފައިވާ މީހާއަކީ އެއްވެސްކުށެއްނުކުރާފަދަ މީހެކެވެ. توبة ވުމާއި ގުޅޭގޮތުން ކީރިތިޤުރުއާނުގެ 40 އެތައްތަނެއްގައި ވާރިދުވެގެން އައިސްފައިވެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ 40 އެތައްހަދީޘެއް އައިސްފައިވެއެވެ. އަދި އަޞްޙާބު ބޭކަލުންގެ ކިބައިން އެތަކެއް އާޘާރުތަކެއް އައިސްފައިވެއެވެ.
ކީރިތި ޤުރުއާނުގެ ބައެއް ދަލީލު:
توبة ވުމަށް އެއިލާހުވަނީ އެންމެހާ މުއުމިނުންނަށް އަމުރުކުރައްވައި ވާޖިބު ކުރައްވާފައެވެ.
وَتُوبُواْ إِلَى ٱللَّهِ جَمِيعاً أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ” (النور:31)
މާނައީ: “އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲތަޢާލާއަށް توبة ވާށެވެ! ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.”
މިއާޔަތުގައި ﷲތަޢާލާ އަންގަވައި އަމުރުކުރައްވާފައިވަނީ އެންމެހާ މުއުމިނުތަކުން توبةވުމަށެވެ. އަދި توبة ވާންވީ ކީއްވެގެންކަމެވެ. އެއީ ދިންނަވައި ނަޞީބު ލިބިގަތުމެވެ. އެއިލާހުގެ ދިންނެވުމާއި ނަޞީބުން ބޭރުވެއްޖެ މީހަކަށްވުރެ ބޮޑު އަބާއްޖެވެރިޔަކީ ކޮބައިތޯއެވެ؟
توبة ޤަބޫލުކުރެއްވުމަކީ އެއިލާހުގެ ޞިފަތަކުގެ ތެރެއިންހިމެނޭ ކަމެކެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
إِنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ” (التوبة 118)
މާނައީ: “ހަމަކަށަވަރުން، ﷲތަޢާލާއީ ގިނަގިނައިން توبة ޤަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ.
توبة ވުމަކީ ނަބީބޭކަލުންނާއި ޞާލިހު މުއުމިނުންގެ ސިފައެކެވެ. އެންމެހާއިންސާނުންގެ ބަފައިކަލުން އާދަމުގެފާނު، ﷲތަޢާލާ ނަހީކުރެއްވި ގަހުން ފަރީއްކުޅުއްވުނު ހިނދު، ކަންތައްކުރެއްވި ގޮތްބަޔާންކުރައްވައި ވަޙީކުރައްވާފައިވަނީ
“فَتَلَقَّى آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ إِنَّهُ هُوَ التَّوَّابُ الرَّحِيمُ” (البقرة37)
މާނައީ: “ފަހެ، އާދަމްގެފާނު، އެކަލޭގެފާނުގެ ވެރި އިލާހުގެ ހަޟުރަތުން ކަލިމަފުޅުތައް ވިދާޅުވެ، توبة ވެވަޑައި ގަތުމުން އެއިލާހު އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން توبة ޤަބޫލުކުރައްވާ އޯޤާވަންތަ އިލާހެވެ.
توبة ވުމަށް ނަބީބޭކަލުންވަނީ ގޮވައިލައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
“وَإِلَى ثَمُودَ أَخَاهُمْ صَالِحًا قَالَ يَا قَوْمِ اعْبُدُواْ اللَّهَ مَا لَكُم مِّنْ إِلَهٍ غَيْرُهُ هُوَ أَنشَأَكُم مِّنَ الأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُواْ إِلَيْهِ إِنَّ رَبِّي قَرِيبٌ مُّجِيبٌ” (هود 61)
މާނައީ: “އަދި ތިމަންއިލާހް ޘަމޫދުބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚް ޞާލިޙްގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ﷲއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުންއުފެއްދެވިއެވެ. އަދި އެ ބިމުގައި ޢިމާރާތްކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެއިލާހަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެއިލާހަށް توبة ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިއިލާހީ، ކުއްތަންވެވޮޑިގެންވާ
(ދުޢާ) އިޖާބަކުރައްވާ ރަސްކަލާނގެއެވެ.”

توبة ވުމުގެ ބައެއްޝަރުޠުތައް ބަޔާންކުރައްވާ އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
“إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَئِكَ يَتُوبُ اللَّهُ عَلَيْهِمْ وَكَانَ اللَّهُ عَلِيمًا حَكِيمًا (17) وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا (18)” (سورة النساء 17،18)
މާނައީ: “ﷲގެ ހަޟުރަތުން توبة އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި، (އެބަހީ ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، ﷲތަޢާލާ، އެއުރެންގެ މައްޗަށް ތައުބާލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ހާޟިރުވާހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة އެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.”
މި އާޔަތުގައި ﷲތަޢާލާ މިވަނީ ގަބޫލުވުމުގެ ބައެއްޝަރުތުތައް ބަޔާންކުރައްވައި توبة ޤަބޫލު ކުރައްވާއިލާހުކަން ބަޔާންކުރައްވާފައެވެ.
توبة ވާމީހުންދެކެ އެއިލާހު ލޯބިވެވޮޑިގެންވެއެވެ. އެ އިލާހު ވަޙީކުރައްވާފައިވަނީ
“إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ (البقرة 222)
މާނައީ: “ހަމަކަށަވަރުން، ގިނަގިނައިން توبة ވާ އަދި ޠާހިރުވާމީހުން ދެކެ ﷲތަޢާލާ ލޯބިވެވޮޑިގެންވެއެވެ.
މި އާޔަތުގައި ﷲ ތަޢާލާ توبة ވެ ޠާހިރުވާ މީހުންދެކެ ލޯބިވެވޮޑިގެންވާކަން މިވަނީ ބަޔާންކުރައްވާފައެވެ. ފަހެ ﷲތަޢާލާގެ ލޯތްބައްވުރެ މުހިއްމު އެއްވެސްއެއްޗެއް އެބައޮތްތޯއެވެ؟
توبة ވާމީހުންގެ ޖަޒާއަކީ ސުވަރުގެއެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ
“يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا عَسَى رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ (التحريم 8)
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި توبة އަކުން، ތިޔަބައިމީހުން ﷲތަޢާލާއަށް توبة ވާށެވެ! އޭރުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ކިބައިން، ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިޔަބައިމީހުން ވައްދަވައިފާނެތެވެ.”

-ނުނިމޭ-

މި ލިޔުމުގެ އިތުރު ބައިތައް ވިދާޅުވުމަށް