އިސްރާ އާއި މިޢްރާޖުގެ ދަތުރުފުޅާއި ނަމާދު ފަރުޟުކުރެއްވުން
ޠާއިފުގެ ވޭންދެނިވި ދަތުރުފުޅަށްފަހު ދެން ކުރިމަތިވެގެން އައީ އިސްރާ އާއި މިޢްރާޖުގެ މާތް ދަތުރުފުޅެވެ. އިސްރާ އަކީ ރޭގަނޑުގައި ކުރާ ދަތުރެވެ. އަދި މިޢްރާޖަކީ މައްޗަށް އެރުމެވެ. މިކަން ވެގެންދިޔައީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ލިބިވަޑައިގެންނެވި ހިތްޕުޅުހަމަޖެހުމެހް ކަމުގައެވެ. މިކަން ހިނަގާފައިވަނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވުމުގެ އެއްއަހަރު ކުރިން ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅުން 52 އަހަރުފުޅެވެ. އިސްރާ އާއި މިޢްރާޖުގެ މި ޙާދިޘާއަކީ ކީރިތި ޤުރްއާނުންވެސް ސާބިތުވެގެންވާ ޙާދިޘާއެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا ۚ إِنَّهُ هُوَ السَّمِيعُ الْبَصِيرُ) سورة الإسراء 1 މާނައީ: ” އެކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލް ޙަރާމުން، މަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަން އިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަން އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. “
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ރިވާވެގެންވާ ޞައްޙަ ޙަދީޘްފުޅުތަކުން އެނގޭގޮތުގައި މި ދަތުރުފުޅަށް ފެއްޓެވުމުގެ ކުރިން ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މޭފުޅު ފަޅުއްވައި އެކަލޭގެފާނުގެ ހިތްޕުޅު ޒަމްޒަމް ފެނުން ދޮންނެވުމަށްފަހު ޙިކުމަތާއި އީމާންކަމުން އެކަލޭގެފާނުގެ ހިތްޕުޅު ފުރުއްވިއެވެ. ޞަޙީހައިން ގައި ރިވާވެގެން އައިސްފައިވާ އަނަސް ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދިޘްފުޅެއްގައި ވެއެވެ. (( كَانَ أَبُو ذَرٍّ يُحَدِّثُ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : فُرِجَ سَقْفُ بَيْتِي وَأَنَا بِمَكَّةَ ، فَنَزَلَ جِبْرِيلُ عَلَيْهِ السَّلامُ ، فَفَرَجَ صَدْرِي ، ثُمَّ غَسَلَهُ مِنْ مَاءِ زَمْزَمَ ، ثُمَّ جَاءَ بِطَسْتٍ مِنْ ذَهَبٍ مُمْتَلِئٍ حِكْمَةً وَإِيمَانًا ، فَأَفْرَغَهَا فِي صَدْرِي ، ثُمَّ أَطْبَقَهُ ، ثُمَّ أَخَذَ بِيَدِي فَعَرَجَ بِي إِلَى السَّمَاءِ …)) މާނައީ: ” އަބޫ ޛައްރު ރަޟިޔަﷲޢަންހު އަހަރެމެންނަށް ކިޔައިދެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު މައްކާގައި ވަނިކޮށް ތިމަންކަލޭގެފާނުގެ ގޭގެ ފުރާޅު ފަޅާލެވުނެވެ. އަދި ޖިބްރީލް ޢަލައިހިއްސަލާމް ފައިބައި ވަޑައިގެންނެވިއެވެ. އަދިއެއަށްފަހު ތިމަންކަލޭގެފާނުގެ މޭފުޅު ފެޅުނެވެ. އަދި ތިމަންކަލޭގެފާނުގެ ހިތްޕުޅު ޒަމްޒަމް ފެނުން ދޮންނެވިއެވެ. އެއަށްފަހު ޙިކްމަތާއި އީމާންކަމުން ފުރިގެންވާ ރަނުގެ ކަންވާރެއް ގެންނެވިއެވެ. އަދި ތިމަންކަލޭގެފާނުގެ ހިތްޕުޅު ޙިކުމާތާއި އީމާންކަމުން ފުރާލެއްވިއެވެ. އަދި އެއަށްފަހު މޭފުޅުން ފެޅުއްވިތަން ބަންދުކުރެވުމަށްފަހު ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ދުނިޔޭގެއުޑަށް މައްޗަށް ދަތުރުކުރެއްވިއެވެ. “ ޞައްޙަ އެހެން ރިވާޔަތްތަކުގައި ވާގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މޭފުޅު ފެޅުނީ އެކަލޭގެފާނު މައްސްޖިދުލް ޙަރާމްގައި ވަނިކޮށެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ޙަދީޘްފުޅުތައް ޖަމާކުރުމުން ޖިބްރީލް ޢަލައިހިއްސަލާމް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ގެކޮޅު ތެރެއިން ބައްދަލުވުމަށްފަހު އެކަލޭގެފާނު މަސްޖިދުލް ޙަރާމް އަށް ގެންދެވީއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާތް ނަބިއްޔަ ޞައްލަﷲޢަލައިވަސައްލަމަގެ މޭފުޅު ފެޅުމަށްފަހު ހިތްޕުޅު ޙިކުމަތާއި އީމާނުން ފުރުވުމުގެ ބެނުމަކީ އެކަލޭގެފާނުގެ ހަށިކޮޅު އެ ދަތުރުފުޅަށް ތައްޔާރުކުރުމެވެ. މިފަދަ ޙަދިޘާ ތަކަކީ އެއްވެސް ދެކޮޅުހެދުމެއް ނެތި އަޅުގަނޑުމެން މުސްލިމުން އީމާންވަންޖެހޭ އާދަ ފޫވައްޓާލަނިވި ކަންކަމެވެ. ސަބަބަކީ މިފަދަ ކަންކަމަކީ ދުނިޔެމަތީގެ ޙަޤީޤަތްތަކާއި ޚިލާފަށް ﷲ ތަޢާލާ ހިންގަވާކަންތައްތައް ކަމަށްވުމުންނެވެ. އެއިލާހަށް ކުޅަދުންވަންތަވެވޮޑިގެންނުވާ އެއްވެސް ކަމެއް ނުވާކަމަށް ކޮންމެ މުސްލިމަކުވެސް ފުރިހަމަޔަށް އީމާންވާން ވާނެއެވެ.
މޭފުޅު ފެޅުއްވުމުގެ ޙަދީޘާއަށްފަހު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަތުރުކުރެއްވީ ބައިތުލް މަޤްދިސް އަށެވެ. އެކަލޭގެފާނު ދަތުރުކުރެއްވީ ބުރާޤު ގައެވެ. ބުރާޤަކީ ބަޣުލަކަށްވުރެ ކުޑަ އަދި ޙިމާރަކަށްވުރެ ބޮޑު ހުދުކުލައިގެ ޖަނަވާރެކެވެ. ބައިތުލް މަޤްދިސް އަށް ވަޑައިގެން އެތާނގައި ނަބީބޭކަލުންނާއެކީ އިމާމްވެ ނަމާދުކުރެއްވިއެވެ. އަދި އެއަށްފަހު ބައިތުލް މަޤްދިސް އިން ހަތްވަނަ އުޑާ ހަމަޔަށް މައްޗަށް ދަތުރު ކުރެއްވިއެވެ. އެހާ ހިސާބަށް ވަޑައިގެންނެވީ ތިރާގައިވާ އުޑުތަކަށްވެސް ވަޑައިގެންނެވުމަށްފަހުގައެވެ. މިގޮތުން އުޑުތަކުގައި އެކަލޭގެފާނާއި އެކިއެކި ނަބީބޭކަލުންނާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެގެތޭރޭގައި އާދަމް ޢަލައިހިއްސަލާމް އާއި ޔޫސުފު ޢަލައިހިއްސަލާމް އާއި އިދްރީސް ޢަލައިހިއްސަލާމް އާއި ޢީސާ ޢަލައިހިއްސަލާމްއާއި ޔަޙްޔާ ޢަލައިހިއްސަލާމާއި ޒަކަރިއްޔާ ޢަލައިހިއްސަލާމާއި ހާރުން ޢަލައިހިއްސަލާމް އާއި މޫސާ ޢަލައިހިއްސަލާމް އާއި އިބްރާހީމް ޢަލައިހިއްސަލާމްއާއި ހިމެނިވަޑައިގަންނަވައެވެ.
ފަހެ ހަމަކަށަވަރުން މި ދަތުރުފުޅުގައި މަލާއިކަތްބޭކަލުންގެ ގަލަންކޮޅުތައް ހޭކޭއަޑު މާތް ނަބިއްޔާ ޞައްލަﷲޢަލައިވަސައްލަމަ އަށް އިވިވަޑައިގަތެވެ. އަދި މި ދަތުރުފުޅުގައި މާތް ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ އުއްމަތުގެ އެންމެންގެ މައްޗަށް ނަމާދު ފަރުޟުކުރެއްވިއެވެ. އެންމެ ފުރަތަމަ ފަރުޟު ކުރެއްވުނީ 50 ނަމާދެވެ. އެއަށްފަހު ﷲ ތަޢާލާ 5 ނަމާދާށް ލުއިކޮށްދެއްވިއެވެ. މި ދަތުރުފުޅުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ސިދުރަތުލް މުންތަހާ ދެކެވަޑައިގެންނެވިއެވެ. ސިދުރަތުލް މުންތަހާ އަކީ ބޮޑުވެގެންވާ ބިޔަ ގަހެކެވެ. އެ ގަހުގެ ފަތްތައް އެތުގެ ކަންފަތްވަރު ވާކަމަށް އެކަލޭގެފާނު ޚަބަރުދެއްވާފައި ވެއެވެ. އަދި މިދަތުރުފުޅުގައި ބައިތުލް މަޢުމޫރު ވެސް ދެކެވަޑައިގަތެވެ. އެއީ މަލައިކަތުން އަޅުކަންކުރުމަށްޓަކައި އުޑުގައިވާ ތަނެކެވެ. އެތަނަށް ކޮންމެ ދުވަހަކު ހަތްދިހަހާސް މަލާއިކަތުން ވަދެވަޑައިގަންނަވާ ކަމުގައު ޙަދީޘްފުޅުތަކުގައި އައިސްފައިވެއެވެ. އަދި އެތަނަށް އެއްފަހަރު ވަންނަވާ ބޭކަލަކު އެއަށްފަހު ދުވަހަކުވެސް ނުވަންނަވާނެ ކަމުގައިވެސް ޙަދީޘްގައި އައިސްފައިވއެވެ. މިއިން އަޅުގަނޑުމެންނަށް އެނގިގެންދަނީ މަލާއިކަތް ބޭކަލުންގެ ޢަދަދުގެ ގިނަކަމެވެ.
މި ދަތުރުފުޅުގައި ﷲ ތަޢާލާ ދެކެވަޑައިގެންނެވިންތޯ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ސުވާލުކުރެވުނެވެ. އެކަލޭގެފާނު ޖަވާބުގައި ވިދާޅުވެފައިވަނީ ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ނޫރެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ވެރި ރައްބު އެކަލޭގެފާނުގެ ހަމަލޮލުން ދެކެވަޑައިގެންނެވިކަމަށް އެއްވެސް ޞައްޙަދަލީލަކުން ސާބިތު ނުވެއެވެ. އަދި ޢާއިޝާ ރިޟިޔަﷲ ޢަންހާ ވަނީ އެކަލޭގެފާނުގެ ރައްބު ދެކެވަޑައިގެންނެވި ކަމަށް ބުނާ ކޮންމެ މީހަކީ ދޮގުވެރިޔެއް ކަމުގައި ވިދާޅުވެފައެވެ. އެހެން ނަމަވެސް އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން އެކަލޭގެފާނުގެ ރައްބު ދެކެވަޑައިގެންނެވި ކަމަށް ދޭހަވާ ރިވާޔަތްތައް ވާރިދުވެގެން އައިސްފައިވެއެވެ. ނަމަވެސް އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ އެއްވެސް ރިވާޔަތެއްގައި އެކަލޭގެފާނު ހަމަލޮލުން ދެކެވަޑައިގެންނެވި ކަމުގައި ވިދާޅުނުވެއެވެ. އެހެންކަމުން އިމާމް ޢަހްމަދު ރަޙިމަހުﷲ ވަނީ މި ދެ ޙަދީޘް ޖަމްޢަ ކުރައްވާފައެވެ. ޢާއިޝާގެ ރިވާޔަތުގައި އެކަމަނާ ވިދާޅުވެފައިވަނީ ހަމަލޮލުން ދެކެވަޑައި ނުގަންނަވާ ވާހަކައެވެ. އަދި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ޙަދީޘްފުޅުގައި ވިދާޅުވެފައިވަނީ މާތް ނަބިއްޔާގެ ހިތްޕުޅަށް ފެނިވަޑައިގެންނެވި ވާހަކައެވެ. އަދި މިއީ އިބްނުލް ޤައްޔިމް ރަޙިމަހުﷲ އާއި ޝެއިޚުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވެސް ރާޖިޙު ކުރައްވާގޮތެވެ. އިބްނުލް ޤައްޔިމް ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް އިޖްތިމާޢު ޖުޔޫޝުލް އިސްލާމިއްޔާގައި ވިދާޅުވެފައިވެއެވެ. “ޢުޘްމާން ބިން ސަޢީދު އައްދާރިމީ އެކަލޭގެފަނުގެ ފޮތް އައްރުއުޔާ ގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މިޢުރާޖުގެ ރޭގައި އެކަލޭގެފާނުގެ ރައްބު ދެކެވަޑައިނުގަންނަވާކަމުގައި ސަޙާބީން ޢިޖުމާއު ވެލައްވާފައިވާކަމުގައި ވިދާޅުވެފައިވެއެވެ.”
އަދި އެރޭގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ޖިބްރީލް ޢަލައިހިއްސަލާމް ކައިރިވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ފުރިހަމަ ސިފަފުޅުގައި އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް 600 ފިޔަފުޅު ލިބިވަޑައިގެންވާތީ އެކަލޭގެފާނު ދެކެވަޑައިގަތެވެ. މިޔަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ ﴿٩﴾ فَأَوْحَىٰ إِلَىٰ عَبْدِهِ مَا أَوْحَىٰ ﴿١٠﴾ مَا كَذَبَ الْفُؤَادُ مَا رَأَىٰ ﴿١١﴾ ) سورة النجم މާނައީ: ” ދެ ދުނިދަނޑީގެ ކައރިމިނަށް ނުވަތަ އެއަށްވުރެ ކައިރިޔަށް ޖިބްރީލް ޢަލައިހިއްސަލާމް އެކަލޭގެފާނާއި ކައިރިވެވަޑައިގަތެވެ. (9) ފަހެ އެހިނދު ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރިކުރައްވާ މާތް ﷲ އެކަލާނގެ އާޅާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް ބަސްފުޅު ވަޙީކުރެއްވިއެވެ. (10) ފަހެ އެކަލޭގެފާނުގެ ލޯފުޅުން ދެކެވަޑައިގެންނެވި ކަންތައް އެކަލޭގެފާނުގެ ހިތްޕުޅު ދޮގުނުކުރެއެވެ. (11) “. އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ( لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ ) سورة النجم 18 މާނައީ: ” ފަހެ ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ވެރި ރައްބުގެ ބޮޑެތި ހެކިތައް މިޢުރާޖުގެ ރޭ ދެކެވަޑައިގަތެވެ. “.
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިސްރާއައި މިޢުރާޖުގެ ދަތުރުފުޅުން ނިންމަވާލެއްވުމަށްފަހު މައްކާއަށް އެނބުރިވަޑައިގެން މައްކާގެ އަހުލުވެރިންނަށް އެވާހަކަތައް ކިޔައިދެއްވުމުން މުއުމިނުން އެވާހަކަތަށް ޤަބޫލްކުރިއެވެ. އަދި މުޝްރިކުން އެވާހަކަތައް ދޮގުކުރިއެވެ. ދެން އެބައިމީހުން މާތް ނަބިއްޔަ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ބައިތުލް މަޤްދިސްގައިވާ މިސްކިތް ސިފަކޮށްދިނުމަށް އެދުނެވެ. އެހިނދު ﷲ ތަޢާލަ އެކަލޭގެފާނަށް އެމިސްކިތް ފެންނަގޮތަށް ލެއްވިއެވެ. ދެންފަހެ އެކަލޭގެފާނު އެމީހުން އެމިސްކިތާ ބެހޭގޮތުންކުރާ ކޮންމެ ސުވާލަކަށް ޖަވާބުދެއްވަމުން ގެންދެވިއެވެ.
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެކެވެ. އަދި ކާފަރުންނަށް ދިމާވި ބޮޑު ފިތުނަވެރިކަމެކެވެ. އެބައިމީހުންގެ ކުފުރުގެ ސަބަބުންނެވެ. އަދި މުސްލިމުންގެ ތެރޭގައި ތިބި އީމަންކަން ބަލިކަށި މީހުންނަށްވެސްމެވެ. އެބައިމީހުން މި ޚަބަރު ތެދުނުކުރުމުގެ ސަބަބުން ދީނުން ބޭރުވެ އެބައިމީހުން ޤަތުލުކުރެވެންދެން ދީނަށް ރުޖޫޢަނުވެއެވެ. މިކަން ޞައްޙަ މަގުން ސާބިތުވެގެންވެއެވެ.
ޙައްޤުގެ މަގުން އެއްކިބާވެފައިވާ ބައެއް މީހުން އިސްރާއާއި މިޢުރާޖަކީ ނިދީ ގައި ފެނުނު ފެނުމެއް ކަމުގައި ބުނެއެވެ. ނުވަތަ ހުވަފެނެއް ކަމުގައި ބުނެއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި މި ދަތުރަކީ ޖިސްމާއި ނުލާ ހަމައެކަނި ރޫޙާއެކީ ކުރެވުނު ދަތުރެކެވެ. އެހެންމެ ނަމަވެސް ރަގަޅުގޮތަކި މިކަމުގައި ޞައްޙަމަގުން ސާބިތުވެގެން އައިސްފައިވާ އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާގެ ބަސްފުޅެވެ. އެކަލޭގެފަނު ވިދާލުވެފައިވަނީ މި ދަތުރުފުޅަކީ ޖިސްމާއި ރޫޙާއެކީ ހަމަ ލޯފުޅަށް ފެނުނު ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( وَمَا جَعَلْنَا الرُّؤْيَا الَّتِي أَرَيْنَاكَ إِلَّا فِتْنَةً لِّلنَّاسِ ) سورة الإسراء 60 މާނައީ: ” އިސްރާއާއި މިޢުރާޖުގެ ރޭގައި ތިމަން އިލާހު ދެއްކެވުމުން ކަލޭގެފާނުގެ ލޯފުޅުން ދެކެވަޑައިގެންނެވި ކަންތަކަކީ މީސްތަކުންނަށްވާ އިމްތިޙާނެއްކަމުގައި މެނުވީ ނުވެއެވެ. “ . ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ އެކަލޭގެފާނު އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުކުރެއްވީ ހޭފުޅުލައްވައި ހުންނަވައިގެން އެކަލޭގެފާނުހެ ޖިސްމާއި ރޫޙުފުޅާއެކީގައެވެ. އަދި މިކަންތައް ހިނގީ އެއްފަހަރު އެވެ. އަދި ހިނގާފައިވަނީ އެއްރެއެއްގައެވެ.
މިފިލާވަޅުގެ ސުވާލުތައް:
1- އިސްރާ އާއި މިޢުރާޖުގެ މާނަ ބަހުގެ ގޮތުން ބުނެދީ!
2- އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅު ކުރެއްވީ ކޮން އަހަރަކު؟
3- އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި އެކަލޭގެފާނު ވަޑައިގެންނެވީ ކޮން ތަންތަނަކަށް؟
4- މިޢުރާޖުގެ ރޭގައި އެކަލޭގެފާނު އެކަލޭގެފާނުގެ ރައްބު ދެކެވަޑައިގެންނެވިތަ؟
5- ޖިބްރީލު ޢަލައިހިއްސަލާމް އަށް ލިބިވަޑައިގެންވަނީ ކިތައް ފިޔަފުޅު؟