މާލޭގައި ކިޔަވަން ހުންނަ މަޢީޝާ މިއަހަރުގެ ބޮޑުޗުއްޓީ ހޭދަކުރަން ބޭނުންވީ އޭނަގެ މާމަގާތު ރަށުގައެވެ. މަޢީޝާގެ މަންމައާއި ބައްޕަ މެލޭޝިޔާއަށް ދާން ޖެހިފައިވާތީ އެމީހުންގެ ދަރިފުޅުވެސް މިފަހަރު ބޮޑު ޗުއްޓީގައި ގެންދަން ބޭނުންވީ މެލޭޝިޔާއަށެވެ. އެހެންނަމަވެސް …
ޢުމުރުން ނުވަ އަހަރުގެ މަޢީޝާ އޭނަގެ މަންމަ ގާތު ދެއަތް މޮޑެމުން ބުންޏެވެ. ” މަންމާ! އަޅުގަނޑު މާމަގެ ރަށަށް ނުދާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ނޫންތޯ؟. އެހެންވީމާ އަޅުގަނޑު މާމަ އާއި ކާފަގެ ކައިރީ ބަހައްޓާފައި މަންމަމެން ދުރުވަންވީ ނޫންތޯ؟”.
މަޢީޝާގެ މަންމައާއި ބައްޕަ އެމީހުންގެ ދަރިފުޅު އެދުނު ފަދައިން ކަންތައް ކޮށްދިނީ މާމައާއި ކާފައަށް ފުރިހަމަ އިތުބާރު އޮތީމައެވެ. ދަރިފުޅު އުފާކޮށްދިނުމަށެވެ. އަދި ބައެއްކަންތައްތަކުގައި އެމީހުންނަށްވުރެންވެސް ފަރުވާތެރިވާނެކަމުގެ ޔަޤީންކަން އޮތީމައެވެ.
މަޢީޝާ އެދުނުފަދައިން މަޢީޝާގެ އުފަންރަށްކަމުގައިވާ ފުވައްމުލަކުގައި މަޢީޝާ ބެހެއްޓުމަށްފަހު މަޢީޝާގެ ބައްޕަ ފުރައިގެން ހިނގައްޖެއެވެ. މާމައާއި ކާފަގެ ބަސްއަހައިގެން ރަނގަޅަށް އުޅުމަށް ނަސޭޙަތްތެރި ވެފައެވެ. މަޢީޝާ ހުރީ ރަށުގެ އެކި ތަންތަނަށް ދާހިތުން ކެތްމަދު ވެފައެވެ. މަޢީޝާ މާލެއަށް ބަދަލުވީ ޢުމުރުން އެންމެ ދެ އަހަރުގައި ކަމުން ރަށުގެ ކޮންމެތަނެއްވެސް ފެންނަނީ ރީތި މުޅިން އާ ތަނެއްގެ ގޮތުގައެވެ.
މާމައާއި ކާފަ އެންމެ ހިނދުކޮޅަކަށްވެސް މަޢީޝާ އާ މެދު ފަރުވާ ކުޑަ ނުކުރެއެވެ. ކޮންމެ ދުވަހަކު ކޮންމެވެސް ޚާއްސަ ތަނަކަށް ގެންދެއެވެ. ބަންޑާރަ ކުޅިއާއި ދަނޑިމަގު ކުޅި ބަލާލަން ދިޔައެވެ. ވަށޮވެވާއި ގެއްމިސްކިތް އަދި ކެޑޭރެ މިސްކިތްފަދަ އާސާރީ ތަންތަނަށް ދިޔައެވެ.
ޗުއްޓީގައި އެންމެ އުނދަގޫ ކަމަކަށް މަޢީޝާއަށް ފުރަތަމަ ދިމާވީ ފަތިހު ހޭލަން ޖެހުމުވެ. މާލޭގައި މަޢީޝާ ފަތިސްނަމާދު ކުރަނީ ހޭލެވުނު އިރަކުންނެވެ. އެކަމަކު މިހާރު މާމަ ގޮވާތީ ތެދުވަންޖެހެއެވެ. މާމަ ފަތިސް ނަމާދުކޮށް ނިމިގެން މަޢީޝާގޮވައިގެން އިރުއަރާމަންޒަރުބަލަން ގެންދެއެވެ. މި މަންޒަރު ފެނުމުންވެސް މަޢީޝާ ވަރަށް އުފާވިއެވެ. އަދި ކޮންމެ ދުވަހަކުވެސް ފަތިހާ ތެދުވުމުގެ ޝައުގު އާވިއެވެ.
އެއްދުވަހެއްގެ ހެނދުނެވެ. މަޢީޝާއާއި މާމަ ތިބީ ފަތިހު ހިނގާލަން ގޮސްފައި އައިސް ސައިބޯށެވެ. އިރުކޮޅަކުން ކާފަ އަލިފުޅު އައިސް ބުންޏެވެ. “ފަތިހު ހިނގި އެކްސިޑެންޓެއްގައި ވަރަށް އަނިޔާވުމުގެ ސަބަބުން ކާސިމްބެ އޮތީ ހޮސްޕިޓަލުގައި. އޭނައަށް ވަރަށް ބޮޑުވަރު ވެފައި އޮތީ. ދެމައިން ދާންވާނެ.” މިއަޑު އިވިފައި މަޢީޝާ ބުންޏެވެ. “އެއްކަލަ މިގެއަށް އަންނަ ކާސިމްބެތަ؟. އަނގައިގެ ފުރެންދެން ދުފާ ރަތްކޮށްގެން ހުންނަ ކާސިމްބެތަ؟. މައީ އަށް ހަމަ ލާހިކެއްނޫން ދާކަށް. މައީ ވަރަށް ފޫހިވޭ އެކަހަލަ މީހުންނަށް.”
މަޢީޝާގެ މިޖަވާބުގެ އަޑު އިވުމުން ކާފަ މަޢީޝާގެ ބުރަކަށީގައި ފިރުމާލާފައި ބުންޏެވެ. “ދަރިފުޅާ! ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ ހާދަ ސަވާބު ހުރިކަމެކޭ. ބަލިމީހާއަށް ޒިޔާރަތް ކުރަން އެނިކުންނަ ހިސާބުން ފެށިގެން އެ މީހަކަށް ސަވާބު ދެއްވާނެ. އަދި ބަލިމީހާއަށް އެމީހަކު ޒިޔާރަތް ކުރީ ހެނދުނުކަމުގައިވާނަމަ ހަވީރުވަންދެން އެތައްހާސް މަލާއިކަތްބޭކަލުން އެމީހަކަށް ދުޢާކުރައްވާނެ. އަދި ޒިޔާރަތް ކުރީ ހަވީރު ކަމުގައި ވާނަމަ އިރުއަރަންދެން ދުޢާކުރައްވާނެ. ދަރިފުޅު ބޭނުމެއް ނުވޭތަ މަލާއިކަތްބޭކަލުންގެ ހެޔޮ ދުޢާ ލިބުމަށް.”
މައީޝާ ބުންޏެވެ. “ނޫން ކާފާ. މައީ ބޭނުންވޭ ބަސްއަހާ ކުއްޖަކަށް ވާން. ކުރިން މައީ އަށް ނޭނގުނީ.”
ކާފަ ބުންޏެވެ. “ކާފަ ވަރަށް އުފާވެއްޖެ. އެހެންވީމަ މިއަދު ތުނޑިއަށް ދިޔުމަށް އޮތް ޕިކުނިކް ކެންސަލް ކުރިވާހަކަ ބޮޑުދައިތަމެންގޭ ކުދިން ގާތު ބުނެލާތި. އަދި މާދަމާ ދާނަން. إن شاء الله”
މަޢީޝާއާއި މާމަ ހޮސްޕިޓަލަށް ދިޔައެވެ. ދިޔައީ ހަދިޔާވެސް ހިފައިގެންނެވެ. ކާސިމްބެގެ ކަނާއަތުގައާއި ފައިގައި ހުރީ ބެންޑޭޖް އޮޅާފައެވެ. މަޢީޝާގެ ދެމައިން ފެނުމުން ހީނލާފާ ވަރަށް އުފާވި ވާހަކަ ބުންޏެވެ. އަދި މިހާރު އިރާދަކުރެއްވީތީ ރިހުން ކުޑަވެ ރަނގަޅުވަމުން އަންނަ ކަމުގައި ބުންޏެވެ. މަޢީޝާއާއި މާމަ އެހެން ވާރޑްތަކަށްވެސް ވަދެލާފަ އެބައަންނަމޭ ބުނެ ދިޔައެވެ.
ވާރޑުތަކުގައި ތިބި ކޮންމެ މީހެއްވެސް މަޢީޝާފެނުމުން އުފާވި ވާހަކަ ބުނުމުން މަޢީޝާ ހީނލައެވެ. އަދި ސަލާމް ކޮށްލައެވެ.
މަޢީޝާ ގެއަށް ދިޔައީ އެވަގުތު ހޮސްޕިޓަލުގައި ތިބި ހުރިހާ ބަލިމީހުންނަށް ޒިޔާރަތް ކޮށްފައެވެ. އަދި މާމަ ބުނެދިންގޮތަށް އެމީހުންނަށް ހެޔޮ ދުޢާކޮށްފައެވެ.
ބޮޑުޗުއްޓީ ނިމެން ކައިރިވަނީއެވެ. މަޢީޝާ ފުރަންވެސް ކައިރިވަނީ އެވެ. އެންމެފަހު ކަމަކަށް މާމައާއި ކާފަ ރޭވީ ޢާއިލާގެ އެންމެންގޮވައިގެން ތުނޑިއަށް ޕިކްނިކް ދިޔުމެވެ. ތުނޑީގެ ދޮންވެލިގަނޑުގައި ފައިތިލަ ޖެހުމާއެކު ބޭނުންވީ ހުސްފަޔާ އެ ރީތި، ވިދާ ދޮންވެލިގަނޑުމަތީ މުޅި ދުވަހު ހުންނާށެވެ. މަޢީޝާ އޭނަގެ ބޮޑުދައިތަގެ މަރީދައްތައާއެކު ވަރުބަލިވަންދެން ތުނޑިމަތީހިނގަން ފެށިއެވެ.
މަޢީޝާ އެތާ ދުވެމަޖާ ކުރިއެވެ. ތިމާގެ ކުދިންނާ އެކު ފައިގަ ތަޅާ ކުޅުނެވެ. މޫދަށް އެރެން މައީ އަށް ނުކެރުނެވެ. މައީ ހަމަ ހުރީ ތުނޑީގެ ރީތި ވެއްޔާ ކުޅޭށެވެ. އެހެންކުދިންމޫދުގައި ތިބިގަޑީގައިވެސް މަޢީޝާއާއި މާމަ ތިބީ ވެއްޔާ ކުޅޭށެވެ. މާމައަށް ވެސް ޢުމުރުން ދުވަސްވިއެއްކަމަކު ކުޅޭގަޑީގައި ހީވާނީ މަޢީޝާގެ ރައްޓެއްސެއްހެންނެވެ.
މާމަ އާއި މަޢީޝާ ތުނޑިމަތިން ކުދި ބޮލި ހޮވަންފެށިއެވެ. މާމަ މަޢީޝާއަށް ބޮލި ހޮވައި ދިނެވެ. ބޮލިހޮވަމުން މާމަ ސުވާލެއްކޮށްލިއެވެ. “ދަރިފުޅާ! މި ޗުއްޓީގައި މާމަ ދަރިފުޅުގޮވައިގެން ވަރަށްގިނަ ތަންތަނަށް ގޮސްފިން. ދަރިފުޅު ގެކައިރި ކުދިންނާއެކު އެކި ކުޅިވަރުވެސް ކުޅެފީމު. މާމަ ގާތު ބުނެބަލަ މީގެތެރެއިން އެންމެ ހަނދާން ހުންނަ ކަހަލަ ނުވަތަ އެންމެ ފާހަގަ ވާ ދުވަހަކީ ކޮބާ؟”. މާމަގެ މިސުވާލަށް މަޢީޝާ ބުންޏެވެ. “މައީ އެންމެ ބޮޑަށް ހަނދާން ހުންނަނީ އެއްކަލަ ދުވަހު ހޮސްޕިޓަލަށް ދިޔަ ދުވަސް. މައީ ހަނދާންވީ މައީ ބަލިވެގެން ގޭގައި އޮތްއިރު އެހެން ރައްޓެހިންނާއި ދައްތަމެންނާއި ބޭބެމެން މައީއަށް ގޮވާލަން ދިޔަ ދުވަސް. އެދުވަހު މައީވެސް ވަރަށް އުފާވި. މައީ ހޮސްޕިޓަލުގައި އަދި އިރާދަކުރެއްވީތީ ނުބާއްވާ. މަންމައާއި ބައްޕަ ވަޒީފައިގައި ބޭރުގައި އުޅުއްވާތީ އަޅުގަނޑު ހޮސްޕިޓަލުގެ ބަލިމީހުންނަށް ޒިޔާރަތްކުރައްވަން ނުގެންދަވާ. ތިމާގެ މީހަކު ބަލިވިޔަސް މަންމަމެން ދުރުވާނީ މަންމަ އާއި ބައްޕައެކަނި. އެހެންވީމަ އެދުވަހު އެހުރިހާ މީހުންނަށް ސަލާމްކުރުމުން އެމީހުން އުފާވީމަ މައީވެސް ވަރަށް އުފާވި. އަދި ކުޑަކުދިންގެ ވާރޑްގައި ތިބިކުދިން ރުއީމައި ދެރަވެސްވި. މާމާ! މައީ ބޭނުން އަދި އެކުދިންނަށް ހަދިޔާ ހިފައިގެން ދާން. އަދި ކާފަ އެދުވަހު ނަސޭޙަތް ދިނީމަ މާބޮޑަށް ދާހިތްވި.”
ތުނޑީގެ އޮފްވެލިކޮޅެއްނަގައިގެން ކުޅެމުން މިވާހަކަދައްކަމުން ދިޔައީ ހުރިހާ ވާހަކަވެސް މާމަގާތު ކިޔައިދޭ ޖޯޝުގައެވެ. އަދި އެ ވެލިކޮޅުފަދައިން ވިދަމުންދާ މަޢީޝާގެ ދެލޯ އަބަދުވެސް އެގޮތުގައި ހުރުމަކީ މާމަ އެދޭ ގޮތެވެ. އެކަމަކު އަޚްލާޤު ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ.
ޕިކަޕް އައިސްފިއެވެ. އެންމެން ގެއަށްދާން ތައްޔާރު ވެއްޖެއެވެ. ޕިކަޕުގައި އެމީހެއްގެ ގެއަށް އެމީހަކުދިޔައީ ބޮޑުޗުއްޓީގެ ޚާއްސަ މެހްމާން ކުޑަކުޑަ މައީއާ އުފާވެރި ސަލާމަކުން ސަލާމް ކުރަމުންނެވެ. މާދަމާއަކީ ފުރަން އޮތް ދުވަހެވެ.
ކާފައާއެކު ފުރަންދިޔުމަށް މަޢީޝާ ތައްޔާރުވަމުން ދިޔައިރު އޭނަގެ ކުރިމަތީގައި ސިފަވަމުންދިޔައީ ރަށުގެ ރީތި މަންޒަރުތަކެވެ. މާމައާއިކާފަގެ ހެޔޮކަމެވެ. ތިމާގެކުދިންގެ އޯގާތެރި ބަސްތަކެވެ. އާ ރައްޓެހިންގެ ހިތްވަރުގެ ބަސްތަކެވެ. ވަކިންޚާއްސަކޮށް މިފަހަރު ބޮޑުޗުއްޓީގައި ކުޑަކުޑަ މައީ ކަނޑައެޅި އާ ޢަޒުމެވެ. އެއީ ބަލިމީހުންނަށް ގޮވާލަން ދިޔުމުގެ އާ ޢަޒުމެވެ. މަޢީޝާ ބޭނުންނަމަ މަޢީޝާގެ މަންމައާއި ބައްޕައެކަން ފުރިހަމަ ކޮށްދޭނެއެވެ. ހަދިޔާވެސް ގަނެދެއްވާނެއެވެ.
މިޚިޔާލުގައި ތައްޔާރުވެ ކާފައާއި މާމައާ ޢާއިލާގެ އިތުރުމީހުންނާއެކު އެއާޕޯރޓަށް ދިޔައެވެ. އަދި މާމައާ ސަލާމްކޮށް މާމަ ގައިގައި ބައްދާލަމުން މަޢީޝާ ބުންޏެވެ. މިއީ މައީ އެންމެ އުފާވި ބޮޑު ޗުއްޓީއެވެ. ތެދެކެވެ. މާމަ ބޭނުންވީ ޢިބްރަތުން ފުރިގެންވާ ހަނދާންތަކަކާއެކު މަޢީޝާ އުފާކޮށްދޭށެވެ. އިރާދަކުރެއްވީތީ އެކަން ފުރިހަމަވެއްޖެއެވެ. الحمد لله.