[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 9

ilm

.الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

 ޢިލްމަށް ޢަމަލުނުކުރާ މީހުންނަށް ހުރި ވަޢީދުގެ ބަސް

ކީރިތި ޤުރުއާނުގައި އަދި ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްތަކުގައި ޢިލްމަށް ޢަމަލުނުކުރާ މީހުންނަށް ވަޢީދުގެ ބަސްފުޅު އައިސްފައިވެއެވެ. މީސްތަކުންގެ ތެރެއިން ބައެއް މީހުން ދީނުގެ ޢިލްމު އުނގެނެއެވެ. އަދި ދީނުގައި ފިޤުހުވެރިވެއެވެ. އަދި މީސްތަކުންނަށް އެޢިލްމާ އެތްގޮތަށް ދަޢުވަތުދީ ދީނަށް ގޮވާ ހަދައެވެ. އެހެން ނަމަވެސް އެޢިލްމާ އެތްގޮތަކަށް އެމީހާގެ އަމިއްލަ ނަފްސު ޢަމަލެއް ނުކުރުވެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

( يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴿٢﴾ كَبُرَ مَقْتًا عِندَ اللَّـهِ أَن تَقُولُوا مَا لَا تَفْعَلُونَ ﴿٣﴾) [الصف 2,3]

މާނައީ: ” އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ. [2] ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ ޙަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެއެވެ. [3]”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ) [البقرة 44]

މާނައީ: ” ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ  ޙާލުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރަނީ ހެއްޔެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ. “

އަދިވެސް ޝުޢައިބު ޢަލައިހިއްސަލާމް ވިދާޅުވި ކަމަށް، ކީރިތި ޤުރުއާނުގައި އެކަލާނގެ ވަޙީކުރެއްވާފައިއެވެ.

(. . . وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ . . .)[هود 88]

މާނައީ:” އަދި އަހަރެން ތިޔަބައިމީހުންނަށް ނަހީކުރާ ކަންތައް އަހަރެން ކުރާކަށް ބޭނުމެއް ނުވެއެވެ.”

އަދި ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ.

((يُجَاءُ بِالرَّجُلِ يَوْمَ القِيَامَةِ فَيُلْقَى فِي النَّارِ، فَتَنْدَلِقُ أَقْتَابُهُ فِي النَّارِ، فَيَدُورُ كَمَا يَدُورُ الحِمَارُ بِرَحَاهُ، فَيَجْتَمِعُ أَهْلُ النَّارِ عَلَيْهِ فَيَقُولُونَ: أَيْ فُلاَنُ مَا شَأْنُكَ؟ أَلَيْسَ كُنْتَ تَأْمُرُنَا بِالْمَعْرُوفِ وَتَنْهَانَا عَنِ المُنْكَرِ؟ قَالَ: كُنْتُ آمُرُكُمْ بِالْمَعْرُوفِ وَلاَ آتِيهِ، وَأَنْهَاكُمْ عَنِ المُنْكَرِ وَآتِيهِ)) [ البخاري و مسلم ]

މާނައީ: ” ޤިޔާމަތްދުވަހުން މީހަކު ގެނެވޭނެއެވެ. ދެން  އޭނާ ނަރަކަޔަށް އެއްލާލެވޭނެއެވެ. ދެން ފަހެ އެނަރަކައިގެ ތެރޭގައި އޭނަގެ ގޮހޮރު ބޭރުވެ ޙިމާރެއް އޭގެ ރަޙާގެ ވަށައިގެން އެނބުރޭފަދައިން [1] އޭނާ އެނބުރޭނެއެވެ. ދެން ނަރަކައިގެ އަހުލުވެރިން އޭނާގެ ކައިރިޔަށް ޖަމާވެ ބުނާނެއެވެ.

އޭ މިވެނި މީހާއެވެ. ކަލެޔަށް ކިހިނެއް ވީހެއްޔެވެ؟ ކަލޭ އަހަރުމެންނަށް ހެޔޮ ކަންތަކަށް އަމުރުކޮށް އަދި ނުބައި ކަންތަށް މަނާކޮށް ނޫޅެން ހެއްޔެވެ؟ އޭނަ ބުނާނެއެވެ. އަހަރެން ހެޔޮކަންތަކަށް އަމަރުކުރީމެވެ. އެހެން ނަމަވެސް އަހަރެން އަމިއްލަޔަކަށް އެކަންތަށްތަކެއް ނުކުރަމެވެ. އަދި ނުބައިކަންތަށްތަށް ތިޔަބައިމީހުންގެ މައްޗަށް ނަހީކޮށް އެކަންތަށްތަކަށް އަހަރެން އަރައިގަންނަމުން ދިޔައީމެއެވެ.”

އަދި އަލްއިމާމް އަޙްމަދުގެ މުސްނަދުގައި އަނަސް رضي الله عنه ގެ އަރިހުން ވާރިދުވެގެންވާ ޙާދީޘްއެއްގައި ވެއެވެ.

((رَأَيْتُ لَيْلَةَ أُسْرِيَ بِي رِجَالًا تُقْرَضُ شِفَاهُهُمْ بِمَقَارِيضَ مِنْ نَارٍ، فَقُلْتُ: يَا جِبْرِيلُ مَنْ هَؤُلَاءِ؟ قَالَ: هَؤُلَاءِ خُطَبَاءُ مِنْ أُمَّتِكَ، يَأْمُرُونَ النَّاسَ بِالْبِرِّ، وَيَنْسَوْنَ أَنْفُسَهُمْ، وَهُمْ يَتْلُونَ الْكِتَابَ أَفَلَا  يَعْقِلُونَ )) [ صححه الشيخ الألباني في الصحيحة]

މާނައީ: ” އިސްރާ އަދި މިޢްރާޖުގެ ރޭ ބަޔަކު މީހުންގެ ތުންފަތްތަށް އަލިފާނުންވާ ކަތުރުތަކުން ކޮށާލެވޭތަން ތިމަންކަލޭގެފާނަށް ފެނިވަޑައި ގަތެވެ. ދެން ތިމަން ކަލޭގެފާނު ޖިބްރީލު ގެފާނުގެ އަރިހުން އެއީ ކޮންބައެއްތޯ ސުވާލުކުރީމެވެ. އެކަލޭގެފާނު ދެންނެވިއެވެ. އެއީ ކަލޭގެފާނުގެ އުންމަތުގެ ޚުތުބާ ކިޔާ މީހުންގެ ތެރެއިންވާ ބައެކެވެ. އެބއިމީހުން މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކޮށް އުޅުނެވެ. އެބައިމީހުން ފޮތް ކިޔަވަކިޔަވާ ޙާލުގައި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެމަތިން ހަނދާން ނައްތާލައެވެ.  ފަހެ، އެބައިމީހުންނަށް ނުވިސްނެނީ ހެއްޔެވެ. “

ދަންނައެވެ. މިއީ ކީރިތި ޤުރުއާނުންނާއި އަދި ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ ހަދީޘްފުޅުތަކުގެ ތެރެއިން ޢިލްމަށް ޢަމަލުނުކުރާ މީހުންނަށް އައިސްފައިހުރި ބައެއް ވަޢީދުގެ ބަސްފުޅުތަކެވެ. އެބަމީހުންނަކީ އެބައިމީހުން އުނގެނިފައިވާ ޢިލްމަކަށް ޢަމަލުނުކުރާ ޙާލުގައި އެހެން މީހުންނަށް ދީނަށް ދަޢުވަތުދީ އުޅޭމީހުންނެވެ.

މިހެންވުމުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އެބައިމީހުންގެ ޢިލްމުން ލިބޭ ފައިދާއަށްވުރެ ބޮޑު ފައިދާއެއް އެހެން މީސްތަކުން އެބައިމީހުންގެ ޢިލްމުން ޙާޞިލުކުރެވެ.  އަދި މިފަދަ ޢިލްމުވެރިންގެ މިޘާލަކީ ފާނޫޒެއްގެ މިޘާލެވެ. އެފާނޫޒުގެ އަލީގެ ސަބަބުން މީސްތަކުންނަށް އަނދިރީގައި މަގުފެނެއެވެ. އެހެން ނަމަވެސް އެފާނޫޒުގެ ފީތާ އަނދައި ހުލިވެއެވެ.

މިހެންވެ ތާބިޢީންގެ ތެރެއިން މަޝްހޫރު އަދި އަޅުވެރި ބޭކަލެއް ކަމުގައިވާ މުޠައްރިފު ބުން ޢަބްދުﷲ ބުން އައްޝަޚީރު ،އެކަލޭގެފާނު ﷲގެ ކިބައިން ރައްކާތެރިކަމަށް އެދި ކުރައްވާ ދުއާއެއްގައި ވެއެވެ.

((اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ يَكُونَ أَحَدٌ أَسْعَدَ بِمَا عَلَّمْتَنِي مِنِّي، وَأَعُوذُ بِكَ أَنْ أَكُوْنَ عِبْرَةً ِلِغَيْرِيْ)) [رواه الإمام  أحمد في الزهد رقم 1358]

މާނައީ: “އޭ ﷲވެ. އިބަ ﷲ މިއަޅާއަށް އުނގަންނަވައި ދެއްވި ޢިލްމުން މިއަޅާއަށްވުރެ  ބޮޑަށް އެހެންމީހަކު ބާއްޖަވެރިވުމުން މިއަޅާ އިބަ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. އަދި މިއަޅާ އެހެން މީސްތަކުންނަށް ހުރި ޢިބްރަތެއް ކަމުގައި ނުވުމަށްވެސް އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.”

ހަމަޔަޤީނުންވެސް މީ މަތިވެރިވެގެންވާ މާތް ދުޢާއެކެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ރަޙިމަހުﷲ މިދުޢާއާ ބެހޭގޮތުން ވިދާޅުވެފައިއެވެ.

“މިއީ އެންމެ ރަނގަޅު ދުޢާ ތަކުގެ ތެރެއިން ދުޢާއެކެވެ.”

_______________________

[1] ޢަރަބި ބަހުން ‘ރަޙާ’ އޭ ކިޔަނީ: އިހުޒަމާނުގައި ގޮވާންފަދަ ތަކެތި މުގުރަން ބޭނުންކުރާ އާލަތަކަށެވެ. އޭތި ހަދާފައި ހުންނަނީ އެއްހިލަ އަނެއް ހިލައިގެ މައްޗަށްލާ އެއާ ގުޅުވާލެވިފައިވާ ދަގަނޑުގަނޑެއް ނުވަތަ ލަކުޑިގަޑެއްފަދަ އެއްޗެއް ހިފައިގެން އޭގެ ވަށައިގެން ހިނގާ ގޮތަށެވެ. އޭރުން އޭގެ ތެރޭގައިވާ ގޮވާން މުގުރޭނެއެވެ. والله أعلم.

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ