[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 10

ilm

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

ސުވަރުގެޔަށް ވަދެވޭނީ ހެޔޮ ޢަމަލުކޮށްގެން

ކީރިތި ޤުރުއާނުގައި އަދި ރަސޫލު ﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ ހަދީޘްތަކުން އެނގި ޘާބިތުވާގޮތުގައި ﷲ ތަޢާލާޔަށް ކުއްތަންވެ ކުރާ ހެޔޮ ޢާމަލުތަކުގެ ސަބަބުން ޤިޔާމަތްދުވަހުގެ ނާމާންކަމުން އަޅާ ސަލާމަތްވެ، އެންމެ ބޮޑު ވެގެންވާ ކާމިޔާބީއިން ކާމިޔާބުވެ ސުވަރުގެ ވަންނަ ހުއްޓެވެ.

އެހެންވެ ކީރިތި ޤުރުއާނުގެ ފަންސާސް ވަރަކަށް އާޔަތުގައި ޢަމަލުތަކަށް ޘަވާބު ދެއްވުން، އީމާންވެ ކުރާ ހެޔޮ ޢަމަލާ ވިދިގެން ﷲ ތަޢާލާ ގެންނަވައިފައިވެއެވެ. އެއީ ހެޔޮ ޢަމަލުތަކުގެ މުހިންމުކަމާއި އޭގެ މަޤާމު ބަޔާން ކޮށްދިނުމަށެވެ. އަދި  ހެޔޮ ޢަމަލުތަކުގެ މާތް މަތިވެރި ދަރަޖަ ބާޔާން ކޮށްދިނުމަށެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

(وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ) [البقرة 82]

މާނައީ: ” އަދި އީމާންވެ ޞާލިޙު ޢަމަލުތައް ކުރިމީހުން، އެއީ ސުވަރުގޭގެ އަހުލުވެރިންނެވެ. އެބައިމީހުންނީ، އެތާނގައި ދެމިތިބޭނޭ މީހުންނެވެ.”

އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ.

(مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ) [النحل 97]

މާނައީ: ” މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެބައިމީހުން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެބައިމީހުންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.”

އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ.

( . . . وَنُودُوا أَن تِلْكُمُ الْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ) [ الأعراف 43]

މާނައީ: ” ދެން އެއުރެންނަށް ގޮވާ، އަންގަވާނެއެވެ. އެހެރީ ސުވަރުގެއެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލު ތަކުގެ ސަބަބުން އެތަން ތިޔަބައިމީހުންނަށް ލިބިދެއްވިއެވެ.”

އަދިވެސް އެކަލާނގެ ވަޙީ ކުރެއްވިއެވެ.

(الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ طَيِّبِينَ ۙ يَقُولُونَ سَلَامٌ عَلَيْكُمُ ادْخُلُوا الْجَنَّةَ بِمَا كُنتُمْ تَعْمَلُونَ) [النحل 32]

މާނައީ: ” އެބައިމީހުންނަކީ، ކުށްފާފަތަކުން ތާހިރު ވެގެންވާ ޙާލު، މަލާއިކަތުން އެބައިމީހުން މަރުގަންނަވާ މީހުންނެވެ. (އެހިނދު) އެ މަލާއިކަތުން ވިދާޅުވާނެއެވެ. ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ.”

އަދި ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް ބަސްފުޅު ދަންނައެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ.

((لَنْ يُدْخِلَ أَحَدًا عَمَلُهُ الجَنَّةَ . . .))

މާނައީ: ” އެއްވެސް މީހެއްގެ ޢަމަލެއް އޭނަ ސުވަރުގެ ނުވައްދާ ހުއްޓެވެ.”

މިޙަދީޘްގައި އެކަލެގޭފާނުގެ މުރާދައަކީ އޭމީހަކު ކުރާ ޢަމަލެއްގެ ބަދަލެއްގެ ގޮތުން ސުވަރުގެއަށް ނުވައްދެވޭނެ ކަމުގެ ވާހަކައެވެ. އެހެން ނަމަވެސް ޢަމަލުތަކަކީ ސުވަރުގެ ވަދެވުމުގެ ސަބަބުގެ ތެރެއިން ސަބަބެކެވެ. އަދި ސުވަރުގެ ވަދެވޭނީ ﷲ ތަޢާލާގެ ރަޙްމަތުންނެވެ.

އެހިނދު ޞަޙާބީން ދެންނެވިއެވެ.

((. . .قَالُوا: وَلاَ أَنْتَ يَا رَسُولَ اللَّهِ؟ قَالَ: ” لاَ، وَلاَ أَنَا، إِلَّا أَنْ يَتَغَمَّدَنِي اللَّهُ بِفَضْلٍ وَرَحْمَةٍ.)) [ أخرجه البخاري و مسلم]

މާނައީ: ” އެބައިމީހުން ދެންނެވިއެވެ. ކަލޭގެފާނުވެސް ހެއްޔެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ތިމަން ކަލޭގެފާނުވެސްމެވެ.  އެހެން ނަމަވެސް ތިމަން ކަލޭގެފާނުގެ މައްޗަށްވާ ﷲގެ ފަޟްލަވަންތަވެރިކަމާއި އަދި ރަޙްމަތްވަންތަކަމުގެ ސަބަބުންނެވެ.”

އެހެންކަމުން ޢަމަލުތަކަކީ އޭގެ ބަދަލެއްގެ ގޮތުގައި ސުވަރުގެއަށް ވަދެވޭނެ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް ޢަމަލުތަކަކީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އަދި ދަންނައެވެ. ސުވަރުގެ ވަދެވޭނީ ﷲގެ ފަޟްލަވަންތަކަމާއި ރަޙްމަތްވަންތަ ކަމުންނެވެ.

އަދި ދަންނައެވެ. އަޅާ ކުރާ ހެޔޮ ޢަމަލުތަކަކީ ﷲގެ ރަޙްމަތްވަންތަކަމާއި އަދި ފަޟްލަވަންތަކަމުގެ ސަބަބުން އޭނަޔަށް ކުރެވޭ ކަންތައްތަކެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.

( . . . وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ اللَّـهَ يُزَكِّي مَن يَشَاءُ . . .)[النور 21]

މާނައީ:” އަދި ﷲގެ ފަޟްލަވަންތަކަމާއި، އެކަލާނގެ ރަޙްމަތްވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކުވެސް ފާފަތަކުން ތާހިރުވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު ﷲ ، އެކަލާނގެ އިރާދަކުރައްވާ މީހަކު ޠާހިރުކުރައްވައި، ސާފުކުރައްވައެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ