[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ޢިލްމުވެރިން ޖަރަޙަކުރުން

ޢިލްމުވެރިން ޖަރަޙަކުރުމާއި، މީސްތަކުން ޢިލްމުވެރިންނާ ދުރުކުރުމާއި، ޢިލްމުވެރިންނަށް ރައްކާތެރިވެތިބުމަށް ވާހަކަދައްކާ އުޅުން އާދަޔަކަށް ހަދައިފިމީހަކާ ބެހޭގޮތުން ފަޟީލަތުއްޝައިޚު ދެކިވަޑައިގަންނަވަނީ ކިހިނެތް ތޯއެވެ؟

ފަހެ ޖަވާބުގައި ޝައިޚު ވިދާޅުވިއެވެ:

އަޅުގަނޑު ދެކޭގޮތުގައި މިއީ ޙަރާމް ކަމެކެވެ. ފަހެ، އޭނާގެ އަޚާއާ ބެހޭގޮތުން ޣީބަބުނުން އިންސާނާއަށް ހުއްދަވެގެން ނުވެއެވެ. އެއީ ޢިލްމުވެރިއެއް ނޫންކަމުގައި ވިޔަސްމެއެވެ. ފަހެ، އޭނާގެ މުއުމިނު  އަޚުންގެ ތެރެއިން ޢިލްމުވެރިންނާމެދު އެފަދައިން ކަންކުރުމަށް އޭނާއަށް ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟! މުއުމިނު އިންސާނާގެ މައްޗަށް ވާޖިބެވެގެންވަނީ އޭނާގެ އަޚުންނާމެދު ޣީބަބުނުމުން އޭނާގެ ދޫ ރައްކާތެރިކުރުމެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّـهَ إِنَّ اللَّـهَ تَوَّابٌ رَّحِيمٌ ﴾ [الحجرات ١٢]

މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ހީގެ ތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ. ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް، މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ. ފަހެ ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެއެވެ. އަދި ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން الله އީ ގިނަގިނައިން ތައުބާލައްވާ، ތައުބާ ޤަބޫލު ކުރައްވާ  ރަޙީމުވަންތަ އިލާހެވެ.”

މިފިތުނައިގައި ޖެހިފައިވާ މީހާ ދަންނާށެވެ. ފަހެ އޭނާ ޢިލްމުވެރިން ޖަރަޙަކުރުމުން މިކަންވެގެންދާނީ [މީސްތަކުން] އެޢިލްމުވެރިޔާ ބުނާ ޙައްޤު [ބަސް] ޤަބޫލުނުކޮށް ރައްދުކުރާ ސަބަބަކަށެވެ. ފަހެ ޙައްޤު [ބަސް] ޤަބޫލުނުކޮށް ރައްދުކުރުމުގެ ބުރަދަނާ ފާފަ އަޅަންޖެހޭނީ ޢިލްމުވެރިން ޖަރަޙަކުރި މީހާއެވެ.

އެހެނީ ކަން ހިނގާގޮތަށް ބަލާއިރު ޢިލްމުވެރިއަކު ޖަރަޙަކުރުމަކީ އޭނާއަށް ޒާތީ ގޮތުން ކުރެވޭ ޖަރަޙައެއްނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ މުޙައްމަދު صلى الله عليه وسلم ގެ ވާރުތަ މުދަލަށް ކުރެވޭ ޖަރަޙައެކެވެ. [އެބަހީ: ދީނީ ޢިލްމަށް ކުރެވޭ ޖަރަޙައެކެވެ.] ފަހެ ހަމަކަށަވަރުން އިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ.

ފަހެ ޢިލްމުވެރިން ޖަރަޙަކޮށް އެމީހުންނަށް ޢައިބުކިޔުމުން އެބޭކަލުންގެ އަތުގައިވާ ޢިލްމާމެދު މީސްތަކުންނަށް އޮތް އިތުބާރު ގެއްލޭނެއެވެ. އެ ޢިލްމަކީ އެކަމު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ވާރުތަވެފައިވާ އެއްޗެކެވެ. އޭރުން ޖަރަޙަކުރެވިފައިވާ މިޢިލްމުވެރިޔާ [އިސްލާމީ] ޝަރީޢަތާ ބެހޭގޮތުން ގެނެސްދިން އެއްވެސް އެއްޗަކާމެދު މީސްތަކުން އިތުބާރެއް ނުކުރާނެއެވެ.

އަޅުގަނޑު މިދަންނަވަނީ ކޮންމެ ޢިލްމުވެރިއަކީ ކުށްނުކުރާ މަޢުޞޫމުމީހެއްކަމަކަށް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ކޮންމެ އިންސާނަކަށްވެސް ކުށެއްކުރެވިދާނެއެވެ. ޢިލްމުވެރިއަކު ކުރާކަމަކީ ކުށެއްކަމަށް ތިބާއަށް ޤަބޫލުކުރެވޭނަމަ ފަހެ އޭނާއާ ގުޅައިގެން އެކަކު އަނެކަކަށް ވިސްނާދޭށެވެ. ފަހެ އެޢިލްމުވެރިއާ ހުރީ ޙައްޤުގައިކަން ތިބާއަށް ބަޔާންވެ އެނގިއްޖެނަމަ އެއަށް ތަބާވުން ތިބާއަށް ވާޖިބުވާނެއެވެ. ތިބާއަށް އެކަން ބަޔާންވެގެން ނުދިޔަނަމަ ނަމަވެސް އެހެން ބުނުމުގެ ޖާގަ އެޢިލްމުވެރިޔާއަށް އޮތްކަމަށް ތިބާއަށް ފެނިއްޖެނަމަ އޭނާއާ ބެހޭގޮތުން ވާހަކަ ދެއްކުމުން ދުރުވުން ތިބާއަށް ވާޖިބުވާނެއެވެ. އެޢިލްމުވެރިޔާ އެބުނާ އެއްޗެއް ބުނުމުގެ ޖާގައެއް ނުވާނަމަ ފަހެ އޭނާގެ އެ ބަހަށް މީސްތަކުން ރައްކާތެރި ކުރުވާށެވެ. އެހެނީ ކުށަކަށް އިޤުރާރުވުން ހުއްދައެއްނުވާނެއެވެ.

މިޘާލަކަށް ހެޔޮ ނިޔަތެއްގައި އުޅޭ ޢިލްމުވެރިއެއްކަމަށް އެންމެންވެސް ދަންނަ، ޢިލްމުވެރިއެއްކަން އެނގޭ ޙާލު އޭނާ ޖަރަޙަ ނުކުރާށެވެ. ހެޔޮ ނިޔަތެއްގައި އުޅޭ، އެންމެން ދަންނަ ޢިލްމުވެރިންތަކަކަށް ފިޤުހީގޮތުން ކުރެވޭ ކުށްތަކެއްގެ ސަބަބުން، އެބޭފުޅުން ޖަރަޙަކުރަން އަޅުގަނޑުމެން ބޭނުން ވެއްޖެނަމަ ބޮޑެތި ޢިލްމުވެރިންތަކެއް އަޅުގަނޑުމެން ޖަރަޙަކުރީއްސެވެ.

ނަމަވެސް ވާޖިބުވެގެންވަނީ އަޅުގަނޑު ކުރިން ބަޔާންކުރި ފަދައިން ޢަމަލުތައް ބެހެއްޓުމެވެ…

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله

كتاب العلم / رقم الصفحة: ٢٢۰ – ٢٢١ / رقم السؤال: ١١٣/ طبعة: دار الثريا

__________________________________

[1] ޢަރަބި ބަހުގައި (الجرح) ގެ މާނައަކީ: ހަތިޔާރަކުން ޒަހަމްކުރުވުމެވެ.

ޢިލްމުވެރިންގެ އިޞްތިލާޙުގައި (الجرح)އަކީ: އެއީ [ޙަދީޘް ރިވާކުރައްވާ] ރާވީގެ ޢަދާލާތްތެރިކަން އެކަމެއްގެ ސަބަބުން ފިލައިގެންދާނެ އައިބެއް ބަޔާންކުރުމެވެ.

ޢަރަބި ބަހުގައި (التعديل) ނެގިފައިވަނީ: ޢަދުލުވެރިކަމުގެ ލަފްޒުންނެވެ. އަދި ޢަދަލުވެރިކަމަކީ އެޞިފައެއް ރާވީއެއް ނުވަތަ ހެކިވެރިއެއްގެ ކިބައިގަ ހުރެއްޖެނަމަ އޭނާ ބުނާ ބަހަށް އިތުބާރުކުރެވޭ ޞިފައެވެ. މިގޮތުން ރާވީއެއް ޢަދުލުވެރިއެއްކަމަށް ބުނުން އެއީ  (التعديل) ގެ ތެރޭ ހިމެނޭ ކަމެކެވެ.

ބައްލަވާ دراسات في الجرح والتعديل للأعظمي / ص:54،227 / طبعة: مكتبة الغرباء الأثرية މިއިޞްޠިލާޙުތައް ގެނެވިފައިވާނީ ބައެއް ބަދަލުތަކާ އެކުއެވެ.

ޝައިޚުގެ މިފޮތް ޑައުންލޯޑު ކުރެއްވުމަށް: ލިންކު