[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަވަށްޓެރިންނަށް ހެޔޮކޮށްހިތުން

jaar

الحمد لله وحده. والصلاة والسلام على من لا نبي بعده. وعلى آله وصحبه ومن تبعه. و بعد:

އަވަށްޓެރީންނަށް ހެޔޮކޮށްހިތައި އެމީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވަވާފައިވެއެވެ. މިކަން ޤުރުއާނާއި ސުންނަތަށް ބަލައިފި މީހަކަށް ވަރަށް ރަގަނގަޅަށް ހާމަވެގެންދާނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. وَاعْبُدُوا اللَّهَ وَلا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّهَ لا يُحِبُّ مَنْ كَانَ مُخْتَالا فَخُورًا (النساء: ٣٦)   “ތިޔަބައިމީހުން ﷲއަށް އަޅުކަން ކުރާށެވެ. އަދި (އަޅުކަންކުރުމުގައި) އެއިލާހާއި އެއްވެސް ފަރާތެއް ބައިވެރިނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގަތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ކައިރިއަވަށްޓެރިޔާއަށާއި، ދުރުއަވަށްޓެރިޔާއަށާއި، ކައިރިއެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ. ހަމަކަށަވަރުން ތިމާގެ މޮޅުކަން ތިމާއަށް ފެނި ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ ﷲ ލޯބިވެވޮޑިގެންނުވެތެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެއްގައި އައިސްފައި ވެއެވެ. مَا زَالَ جِبْرِيْلُ يُوْصِيْنِيْ بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ (متفق عليه) “އަވަށްޓެރިޔާ އަކީ ވާރުތަވެރިޔަކަށް ވެދާނެ ކަމަށް ތިމަންކަލޭގެފާނަށް ހީފުޅުވާ ވަރަށް، ޖިބްރީލް ޢަލައިހިއް ސަލާމް އެމީހުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވިއެވެ.”  އެހެންކަމުން އަވަށްޓެރިންގެ ޙައްޤު އަދާކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން އެންމެންވެސް ވާންޖެހެއެވެ.

އަވަށްޓެރީން 3 ބަޔަކަށް ބެހެއެވެ:

ފުރަތަމައީ، ގާތްތިމާގެ މީހުންގެ ތެރޭގައި ހިމެނޭ، މުސްލިމް އަވަށްޓެރިޔާއެވެ. އޭނާއަށް 3 ޙައްޤު އަދާކުރަންޖެހެއެވެ. އެއީ މުސްލިމަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، ގާތްތިމާގެ މީހަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، އަވަށްޓެރިއަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ.

ދެވަނައީ، މުސްލިމް އަވަށްޓެރިޔާއެވެ. އޭނާއަށް 2 ޙައްޤު އަދާކުރަންޖެހެއެވެ. އެއީ މުސްލިމަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، އަވަށްޓެރިއަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ. ނުވަތަ ގާތްތިމާގެ މީހުންގެ ތެރޭގައި ހިމެނޭ މުސްލިމް ނޫން އަވަށްޓެރިޔާއެވެ. އޭނާއަށް އަދާކުރަންޖެހޭނީ، ގާތްތިމާގެ މީހަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، އަވަށްޓެރިއަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ.

ތިންވަނައީ، އެންމެ ޙައްޤެއް އަދާކުރަންޖެހޭ އަވަށްޓެރިއާއެވެ. އެއީ ކާފަރު، ގާތްތިމާގެ ނޫން އަވަށްޓެރިޔާއެވެ. އޭނާއަށް އަދާކުރަންޖެހޭނީ ހަމައެކަނި އަވަށްޓެރިޔާގެ ޙައްޤެވެ.