[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 11

ilm

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

ޢިލްމަށް ޢަމަލުކުރުމުގައި ސަލަފުންގެ ބޭކަލުން އަވަސްވެގަތުން

ސަލަފުންގެ ބޭކަލުންވަނީ ޢިލްމަށް ޢަމަލުކުރުމުގެ އަވަސްވެގަތުމުގައި ފުރިހަމަ ނަމޫނާ އަޅުގަނޑު މެންނަށް  ދައްކުވައިދީފައެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްއެއް އެބޭކަލުންގެ ތެރެއިން ބޭކަލަކަށް އަޑު އިވިއްޖެނަމަ އެޙަދީޘްއަކަށް އެބޭކަލުން ޢަމަލުކުރައްވައެވެ.

އަދި އެކަލޭގެފާނު އެބައިމީނުންނަށް އަމުރުކުރައްވާ ކަންތައްތަކުގައި އެއަށް ޢަމަލުކުރެއްވުމުގައި އެއްބޭކަލަކަށް ވުރެ އަނެއްބޭކަލަކު ކުރިއަރާ ދިޔުމަށް މަސައްކަތްކުރެވެ. އަދި އެޢަމަލެއްގެ މަތީގައި ޘާބިތުވެ ދެމިތިބެވެ.

މިގޮތުން އެބޭކަލުންގެ ފަރާތުން މިކަމާ ބެހޭގޮތުން ޢަޖައިބުކުރުވަނިވި އަޘަރުތަށް ވާރިދުވެގެން އައިސްފައި އެބަހުއްޓެވެ.

މީގެތެރެއިން ސަޙީޙު މުސްލިމް އަދި ސަޙީޙުލް ބުޚާރީގައި ޢަލީގެފާނުގެ ކިބައިން ފާތިމަތުގެފާނާއި ބެހޭގޮތުން  ރިވާވެގެންވާ ވާހަކަ ހިމެނެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ ދަރިކަނބަލުން ފާޠިމާ رضي الله عنها ޚާދިމަކަށް ބޭނުންވެ ވަޑައިގެން،  ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން އެކަމަށް އެދިވަޑައިގެންނެވުމުން  އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

((أَلاَ أُخْبِرُكِ مَا هُوَ خَيْرٌ لَكِ مِنْهُ؟ تُسَبِّحِينَ اللَّهَ عِنْدَ مَنَامِكِ ثَلاَثًا وَثَلاَثِينَ، وَتَحْمَدِينَ اللَّهَ ثَلاَثًا وَثَلاَثِينَ، وَتُكَبِّرِينَ اللَّهَ أَرْبَعًا وَثَلاَثِينَ)) [ أخرجه البخاري و مسلم ]

” ޚާދިމަކަށްވުރެ ހެޔޮވެގެންވާ ކަމެއް ކަމަނާޔަށް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟ ކަމަނާ ކޮންމެ ރެޔަކުވެސް ނިދުމުގެ ކުރިން ތިރީސް ތިންފަހަރު ތަސްބީޙަ (سبحان الله)، އަދި ތިރީސް ތިންފަހަރު ތަޙްމީދު (الحمد    لله)، އަދި ތިރީސް ހަތަރުފަހަރު ތަކްބީރު ( الله أكبر) ކިޔާށެވެ.”

ދެން ޢަލީގެފާނު ވިދާޅުވިއެވެ.
” ތިމަން ކަލޭގެފާނަށް ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން މިހަދީޘް އަޑު އިވުނު ދުވަހުން ފެށިގެން މިކަމަށް ޢަމަލު ކުރެއްވުން ދޫނުކުރައްވާ މިކަމުގައި ތިމަންކަލޭގެފާނު ދެމިހުންނެވީމެވެ.”

އެހިނދު އެމަޖިލީހުގައި އިން މީހަކު ސުވާލު ކުރިއެވެ.

“ޞިއްފީނު ހަނގުރާމަ ހިނގި ރޭވެސް ހެއްޔެވެ؟”

އެކަލޭގެފާނު ވިދާޅުވިއެވެ.

“ޞިއްފީނު ހަނގުރާމަ ހިނގި ރޭވެސްމެވެ. (އެރޭވެސް ދުލެއް ނުކުރަމެވެ.) “(1)

އަދި ދާވޫދު ބުން އަބީ ހިންދުގެ އަރިހުން އައްނުޢުމާނު ބުން ސާލިމް ރިވާކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުން ޢަމްރު ބުން އައުސް ރިވާކުރެއްވިއެވެ.

“ޢަންބަސާ ބުން އަބީސުފްޔާނު އެކަލޭގެފާނުގެ މަރުގެ އާލާސް ކަންފުޅުގައި ތިމަންކަލޭގެފާނަށް ޙަދީޘްއެއް ކިޔައިދެއްވިއެވެ. އެކަލޭގެފާނު ވިދަޅުވިއެވެ. އުންމު ޙަބީބާ ވިދާޅުވިއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ ހާދީޘް ކުރެއްވިއެވެ.

((مَنْ صَلَّى اثْنَتَيْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ، بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ)) [ رواه مسلم ]

“ރެއަކާ ދުވާލަކު ބާރަ ރަކުޢަތް (ސުންނަތް ނަމާދު) ކޮށްފި މީހަކަށްޓަކައި، ސުވަރުގޭގައި ގެއެއް ބިނާ ކުރެވޭނެވެ.”

ދެން އުންމު ޙަބީބާ ވިދާޅުވިއެވެ.

“ތިމަންކަމަނާ ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން މިޙަދީޘް އަޑު އިވުމަށްފަހު މިއަށް ޢަމަލުކުރުން ދޫކޮށް ނުލަމެވެ.”

ދެން ޢަންބަސާ ބުން އަބީސުފްޔާނު ވިދާޅުވިއެވެ.

“އުންމު ޙަބީބާގެ ކިބައިން މިޙަދީޘް އަޑު އިވުމަށްފަހު މިއަށް ޢަމަލުކުރުން ތިމަން ކަލޭގެފާނު ދޫކޮށް ނުލަމެވެ.”

ދެން ޢަމްރު ބުން އައުސް ވިދާޅުވިއެވެ.

” ޢަންބަސާ ބުން އަބީސުފްޔާނުގެ ކިބައިން މިޙަދީޘް އަޑު އިވުމަށްފަހު މިއަށް ޢަމަލުކުރުން ތިމަން ކަލޭގެފާނު ދޫކޮށް ނުލަމެވެ.”

ދެން އަންނުޢުމާނު ބުން ސާލިމް ވިދާޅުވިއެވެ.

” ޢަމްރު ބުން އައުސްގެ ކިބައިން މިޙަދީޘް އަޑު އިވުމަށްފަހު މިއަށް ޢަމަލުކުރުން ތިމަން ކަލޭގެފާނު ދޫކޮށް ނުލަމެވެ.”

ސަޙީޙު މުސްލިމުގައި މިޙަދީޘް އާއެކީ މިވާ އަޘަރުންވެސް އެނގޭ ގޮތުގައި ސަލަފުންވަނީ ހޮޔޮ ޢަމަލުކުރުމުގައި ކުރިއަރައި ގޮސްފައެވެ. އަދި އެޢަމަލުގެ މަތީގައި ޘާބިތުވެ، ޤާއިމުވެފައެވެ.

_____________________

(1) ޞިއްފީނު ހަނގުރާމަ ހިނގީ ހިޖްރައިން 37 ވަނަ އަހަރުއެވެ.

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ