[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 12

ilm

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

ޢިލްމަށް ޢަމަލުކުރުމުގައި ސަލަފުންގެ ބޭކަލުން އަވަސްވެގަތުން

ޞަޙީޙުލް ބުޚާރީގައި އަބޫހުރައިރާ رضي الله عنه ގެ އަރިހުން އައިސްފައިވެއެވެ.

((أَوْصَانِي خَلِيلِي بِثَلاَثٍ لاَ أَدَعُهُنَّ حَتَّى أَمُوتَ: صَوْمِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَصَلاَةِ الضُّحَى، وَنَوْمٍ عَلَى وِتْرٍ))

“ތިމަންކަލޭގެފާނުގެ ގާތް އެކުވެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ) ތިން ކަމަކަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތްކުރެއްވިއެވެ. އަދި އެތިން ކަންތައް ތިމަންކަލޭގެފާނު މަރުވެއްޖައުމަށް ދާންދެން ދޫކޮށްނުލާނަމައެވެ. އެއީ ކޮންމެ މަހަކުވެސް ތިން ދުވަހު ރޯދަ ހިފުމާއި، ކޮންމެ ދުވަހަކުވެސް ޟުޙާ ނަމާދު ކުރުމާއި އަދި ނިދުމުގެ ކުރިން ވިތްރި ނަމާދު ކުރުމެވެ.”

އަދި ހަމަ މިގޮތަށް ޞަޙީޙު މުސްލިމުގައި އަބުއްދަރްދާ رضي الله عنه ގެ އަރިހުން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

((أَوْصَانِي حَبِيبِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلَاثٍ، لَنْ أَدَعَهُنَّ مَا عِشْتُ:بِصِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَصَلَاةِ الضُّحَى، وَبِأَنْ لَا أَنَامَ حَتَّى أُوتِرَ))

“ތިމަންކަލޭގެފާނުގެ ލޮބުވެތި (ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމަ) ތިން ކަމަކަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތްކުރެއްވިއެވެ. އަދި އެތިން ކަންތައް ތިމަންކަލޭގެފާނު ދިރި ހުރިހާ ހިނދަކު ދޫކޮށްނުލާނަމައެވެ. އެއީ ކޮންމެ މަހަކުވެސް ތިން ދުވަހު ރޯދަ ހިފުމާއި، ކޮންމެ ދުވަހަކުވެސް ޟުޙާ ނަމާދު ކުރުމާއި އަދި ނިދުމުގެ ކުރިން ވިތުރި ނަމާދު ކުރުމެވެ.”

އަދި އުމުރުން ހަގު ޞަޙާބީންގެ ތެރެއިން ބޭކަލެއް ކަމުގައިވާ ޢުމަރު ބުން އަބީ ސަލަމާ رضي الله عنه ގެ ކިބައިން އައިސްފައިވެއެވެ.

” ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އުނގުފުޅުގައި ކޭންބެއްލެވުމަށް އިންނެވީމެވެ. އަދި ތަށީގެ އެކި ހިސާބުން ތިމަންކަލޭގެފާނު ކޭންބައްލަވަމުން ގެންދެވީމެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.”

((يَا غُلاَمُ، سَمِّ اللَّهَ، وَكُلْ بِيَمِينِكَ، وَكُلْ مِمَّا يَلِيكَ)) [ أخرجه البخاري و مسلم]

” އޭ ކުޑަ ކުއްޖާއެވެ. (ކާން ފެށުމުގެ ކުރިން) ބިސްމި ކިޔާށެވެ. އަދި ކަނާތުން ކާށެވެ. އަދި ތަށީގެ، ތިބާޔާ ކައިރި ދިމާލުން ކާށެވެ.”

ދެން ޢުމަރު ބުން އަބީ ސަލަމާ رضي الله عنه ވިދާޅުވިއެވެ.

“ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވިދާޅުވި ގޮތަށް ކޭންބެއްލެވުމުގައި ތިމަންކަލޭގެފާނު ދެމިހުންނެވީމެވެ.”

އަޅުގަނޑުމެންނަށް ވެސް އެނގޭނެ ގޮތުގައި ކުޑަކުއްޖަކަށް ކަމަކަށް އަމުރު ކޮށްފިނަމަ ނުވަތަ މަނާކޮށްފި ނަމަވެސް، އެކުއްޖާ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދޭނެވެ. އެހެން ނަމަވެސް ޢުމުރުން ހަގު މި ޞަޙާބީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އެޙަދީޘްއަށް ޢަމަލުކުރުމުގައި ޅަޢުމުރުން ފެށިގެން މުޅިޢުމުރުގެ ބާކީބައިވެސް ދެމިހުންނެވިއެވެ.

އަދި އަހަރުމެން، ސަލަފުއްޞާލިޙުންގެ ދިރިއުޅުއްވުމަށް ބަލާލި ނަމަވެސް މީގެ ގިނަގުނަ މިޘާލުތަކެއް ފެނިގެން ދާނެއެވެ. މިގޮތުން ސުފްޔާނުއްޘައުރީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނާ ހަމަޔަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘެއް ފޯރައިފިނަމަ އެއަށް ޢަމަލުނުކޮށް ދޫކޮށް ނުލައްވަމައެވެ.”

އަދި ޢަމްރު ބުން ޤައިސުލްމަލާއީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“ތިބާޔާ ހަމަޔަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްއެއް ފޯރައިފިނަމަ އެޙަދީޘަށް އެއްފަހަރު ނަމަވެސް ޢަމަލުކުރާށެވެ. އެއީ އެޙަދީޘަށް ޢަމަލުކުރި މީހުންގެ ތެރެއިން ވުމަށްޓަކައެވެ.”

އެޙަދީޘަށް އެއްފަހަރު ނަމަވެސް ޢަމަލުކުރާށޭ އެކަލޭގެފާނު ވިދާޅުވީ ސުންނަތް ކަންތަށް ތަކުގައެވެ. ފަރުޟުކަންތަށް ނުވަތަ ވާޖިބް ކަންތަށްތަކުގައި ނޫނެވެ.

އަދި އިބްނުލް ޤައްޔިމު ރަޙިމަހުﷲ އެކަލޭގެފާނުގެ ޝައިޚު ކަމުގައިވާ ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ރަޙިމަހުﷲ ކިބައިން ނަގުލުކުރެއްވިއެވެ. ރަސޫލުﷲ ޞައަލަﷲ ޢަލައިހިވަސައްލަމަގެ މިޙަދީޘް ކިޔުމަށްފަހު އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވިއެވެ.

((مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ كُلِّ صَلَاةٍ لَمْ يَكُنْ بَيْنَهُ وَبَيْنَ أَنْ يَدْخُلَ الْجَنَّةَ إِلَّا أَنْ يَمُوتَ)) [رواه النسائي و الطبراني  و صححه الألباني]

މާނައީ:”ކޮންމެ ނަމާދެއްގެ ފަހުން އާޔަތުލް ކުރުސި ކިޔާމީހަކު، (ފަހެ) އެމީހަކު ސުވަރުގެ ވަނުމާއި ދެމެދު މަރުވުން ފިޔަވައި އެހެން ކަމެއް ނުވެއެވެ. “

ދެން އިބްނުލް ޤައްޔިމު ރަޙިމަހުﷲވިދާޅުވިއެވެ.

” ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ ކިބައިން އަހަރެންނާ ހަމަޔަށް ފޯރިއެވެ. ޝައިޚު ވިދާޅުވިއެވެ. ހަމަކަށަވަރުން ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލް ކުރްސި ކިޔުން ތިމަންނަ ދޫކޮށްނުލަމެވެ.”

އަދި އިމާމް ޢަހްމަދުރަޙިމަހުﷲ ގެ ކިބައިން ވާރިދުވެގެންވެއެވެ. މިކަލޭގެފާނުވަނީ އެތަކެއް ހާސް ހަދީޘްތަކުގެ މައްޗަށް އެކުލެވިގެންވާ ޙަދީޘް ފޮތެއް ކަމުގައިވާ ‘އަލްމުސްނަދު’ ލިޔުއްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

” ތިމަންކަލޭގެފާނު ޙަދީޘެއް ލިޔުއްވިކަމުގައި ވާނަމަ އެއަށް ޢަމަލުކުރުމަށް ފަހުގައި މެނުވީ ނުލިޔުއްވަމެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙިޖާމާ ޖެއްސެވުމަށްފަހު، ޙިޖާމާ ޖައްސަވައި ދެއްވި ބޭކަލަކަށް ދީނާރެއް ދިންކަން ތިމަން ކަލޭގެފާނާ ހަމަޔަށް ފޯރުމުން، ތިމަންކަލޭގެފާނުވެސް ޙިޖާމާ ޖެހުމަށްފަހު ޙިޖާމާ ޖަހާދިން މީހާއަށް ދީނާރެއް ދިނީމެވެ.”

މިއީ ސަލަފުން ޢިލްމަށް ޢަމަލުކުރެއްވުމުގައި އެބޭކަލުން ސަމާލުވީ މިންވަރެވެ. އަދި ހެޔޮޢަމަލު ކުރުންމަތީ އެބޭކަލުން ދެމިތިއްބަވާ، ހޮޔޮޢަމަލުކުރުމުގައި އެބޭކަލުން އަވަސްވެ ވަނޑައިގެންނެވި  މިންވަރު ދައްކުވައިދޭ ބައެއް މިޘާލުތަކެވެ.

  =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ