[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުލް އަސްމާއި ވައްޞިފާތި

ތައުޙީދުލް އަސްމާއި ވައްޞިފާތި އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަން ފުޅުތަކާއި ސިފަފުޅު ތަކުގައި އެއްކައުވަންތަ ކުރުމެވެ. އެބަހީ؛ ކީރިތި ޤުރުއާނުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން އެނގި ބަޔާން ވެގެންވާ ﷲ ގެ އެންމެހައި ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހުގެ ޒާތުފުޅާއި ލާއިޤުވެގެންވާ ގޮތުގެ މަތީން އެއްވެސް ތަޙްރީފެއް ނުކޮށް ތަޢްޠީލެއް ނުކޮށް އަދި ތަކްޔީފެއްވެސް ނުކޮށް އެއިލާހަށް އެކަނި ހުރި ކަމުގައި ޤަބޫލުކޮށް ސާބިތު ކުރުމެވެ.
އަދި، އެއިލާހުގެ އެންމެހައި ނަންފުޅުތަކާއި ސިފަފުޅުތައް އެއިލާހު ހެއްދެވި މަޚްލޫޤުންގެ ނަންތަކާއި، ސިފަތަކާއި ތަފާތުވެގެންވާ ކަމުގައި ޔަޤީންކޮށް ކަށަވަރު ކުރުމެވެ. އަދި އެއިލާހަށް އެންމެ ރިވެތި ނަންފުޅުތަކާއި ސިފަފުޅުތައް ވާކަމުގައި ޤަބޫލްކޮށް އީމާންވުމެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.وَلِلَّهِ الأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا (الاعراف 180)
މާނައީ: “ﷲއަށް އެންމެ ހެއުވެގެންވާ ނަން ފުޅުތައް ވެއެވެ. އެއިން އެއިލާހު އަށް ތިޔަބައިމީހުން ދުޢާ ކުރާށެވެ.”އަދި އެހެން އާޔަތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَاللَّهُ يُحِبُّ الصَّابِرِينَ (آل عمران 146)
މާނައީ: “ކެތްތެރިންނަށް ﷲ ލޯބި ވޮޑިގެން ވެއެވެ”

މި އާޔަތުން މިބަޔާން ކޮށްދެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެންވާ ކަމުގެ ސިފަފުޅެވެ. މިފަދަ ކިތަންމެ ސިފަފުޅެއް އެއިލާހުގެ ޛާތުފުޅަށް ސާބިތު ވެގެންވެއެވެ.

ملاحظة:
ތަޙްރީފް ކުރުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތައް ބަދަލުކޮށް ހެދުމެވެ. މިޘާލަކަށް العزيز (އަލްޢަޒީޒް)ގެ ބަދަލުގައި عزى (ޢުއްޒާ) ކިޔުން ފަދަ ކަންކަމެވެ.

ތަޢްޠީލްކުރުމަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސިފަފުޅުތައް ނަފީ ކުރުމެވެ. އެބަހީ؛ އެއިލާހަށް އެއްވެސް ސިފަފުޅެއް ނުވާ ކަމުގައި ބެލުމެވެ. ނުވަތަ ބައެއް ސިފަފުޅު ޘާބިތުކޮށް އަނެއްބައި ސިފަފުޅަށް އިންކާރު ކުރުމެވެ.

ތަކްޔީފް ކުރުމަކީ ވައްތަރުކޮށް ތަޝްބީހްކުރުމެވެ. އެބަހީ؛ ﷲ ސުބްޙާނަހޫ ވަތަޢާލާއާއި އެހެނިހެން މަޚްލޫގުންނާއި އެއްސިފަ ކުރުމެވެ. ނުވަތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކާއި އެހެން މަޚްލޫޤެއްގެ ސިފައަކާއި އެއްވައްތަރު ކުރުމެވެ.

ސުވާލު:
(1) ތައުޙީދުލް އަސްމާއި ވައްޞިފާތިއަކީ ކޮބައި ހެއްޔެވެ؟
(2) ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނަންފުޅާއި ސިފަފުޅުވޭ ހެއްޔެވެ؟
(3) ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނަންފުޅާއި ސިފަފުޅު ވާކަމުގެ ދަލީލް ބަޔާންކުރޭ!
(4) ތަޙްރީފްކުރުމާއި ތަޢްޠީލްކުރުމާއި ތަކްޔީފްކުރުން ބަޔާން ކުރޭ!

*********************************************
*********************************************
އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ލިޔުއްވާފައިވާ “ރިސާލަތުއް ތައުޙީދި” ފޮތުން ނަގާފައި
(ނުނިމޭ)