[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ އަހުލުވެރިޔާ އެއްވެސް ޙިސާބަކާއި އަދި ޢަޛާބަކާ ނުލައި ސުވަރުގެ ވަންނަހުއްޓެވެ

ތައުޙީދުގެ އަހުލު ވެރިންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެންމެ ލޯބިވެ ވޮޑިގެންވާ މީހުންނެވެ. ތައުޙީދު ބަރާބަރުކޮށް ތައުޙީދުގައިވާ ގޮތުގެމަތީން ޢަމަލުކުރާ މީހާ އެއްވެސް ހިސާބަކާއި، އަޛާބަކާއި ނުލައި ސުވަރުގެ ވަނާނެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتاً لِلّهِ حَنِيفاً وَلَمْ يَكُ مِنَ الْمُشْرِكِينَ -النحل : 120-
މާނައީ: “ހަމަ ކަށަވަރުން އިބްރާހީމް(ޢަލައިހިއްސަލާމް) ވެވަޑައިގެންނެވީ ﷲ ފިޔަވައި އަޅުކަން ކުރެވޭ ހުރިހައި ތަކެތިން ދުރުވެ ވަޑައިގެން ހަމައެކަނި ﷲއަށް ކިޔަމަން ތެރިވެ ވަޑައިގެންވާ (ތައުޙީދުގެ) ނަމޫނާއެއް ކަމުގައެވެ. އަދި އެކަލޭގެފާނު މުޝްރިކުންގެ ތެރެއިން ވެވަޑައިނުގަންނަވައެވެ.”އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އިބްރާހީމްގެފާނަށް ތަޢުރީފް ވަޙީ ކުރައްވައި އިބްރާހީމްގެފާނީ އާޚިރަތް ދުވަހުން ވެސް ޞާލިޙް މާތް މީހުންގެ ތެރެއިންވާ ބޭކަލަކު ކަމުގައި އެންގެވިއެވެ. ފަހެ އިބްރާހީމްގެފާނަށް މިމަތިވެރި ދަރަޖަ ލިބިވަޑައިގަތީ އިބްރާހީމްގެފާނު ތައުޙީދުގެ ފުރިހަމަ ދީން މަތީ ޘާބިތުވެ ވަޑައިގެން ހުންނެވި ކަމުންނެވެ. އާދެ ﷲ ފިޔަވައި ބާތިލް ގޮތުގައި އަޅުކަން ކުރެވޭ ހުރިހައި އެއްޗިއްސަކުން ދުރުވެ ވަޑައިގެން ހުންނެވި ކަމުންނެވެ.ﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނުންނަށް މަދަޙަ ވަޙީ ކުރައްވައި އަންގަވައެވެ.
(وَالَّذِينَ هُمْ بِرَبِّهِمْ لَا يُشْرِكُونَ) -المؤمنون: 59-
މާނައީ: “އެމީހުންނަކީ (ފުރިހަމަ މުއުމިނުންނަކީ) އެމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ރަސްކަންފުޅާއި ހަމަ އެކައްޗަކާއިވެސް ޝަރީކަ ނުކުރާ މީހުންނެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މިއުންމަތުން ހަތްދިހަހާސް މީހުން އެއްވެސް ހިސާބަކާއި އަޛާބަކާއި ނުލައި ސުވަރުގެ ވަންނާނޭ ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖުއަރާވަޑައިގެންނެވި ރޭގައި އެންގެވުނެވެ. އަދި އެމީހުންނަކީ ތައުޙީދާ ޚިލާފް ވާގޮތުގެމަތިން ފަންޑިތަ ހަދާ އަދި މިނޫން ވެސް އެބާވަތުގެ ޝިރުކުގެ އަސަރުވެސް ހުރި ކަންކަމުން ދުރުވެ ހަމަ އެކަނި އެމީހުން ހައްދަވައި ބޮޑުކުރެއްވި އިލާހުގެ ހަޟުރަތައް ވަކީލް ކުރާ މީހުން ކަމުގައި ހަދީޘް ކުރެއްވިއެވެ. (ބުޚާރީ އަދި މުސްލިމް)
__________________________________-
ސުވާލު:
(1) އެއްވެސް ހިސާބަކާއި އަޛާބަކާއި ނުލައި ސަވަރުގެ ވަންނާނެ މީހުންނަކީ ކޮން ބައެއް ހެއްޔެވެ؟
(2) އިބްރާހީމްގެފާނުންގެ މާތްކަން ބަޔާންކުރާ އާޔަތެއް ބަޔާންކުރޭ؟
(3) މުއުމިންނަށް މަދަޙަ ވަޙީ ކުރެއްވުމުގެ ސިފައެއް ބަޔާން ކުރޭ!
—————————————————–
އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ލިޔުއްވާފައިވާ “ރިސާލަތުއް ތައުޙީދި” ފޮތުން ނަގާފައި