[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ثلاثة الأصول 5

thin asluދެވަނަ އަޞްލު

ދަލީލުތަކާ އެކު އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުން

 އެއީ ތައުޙީދާއެކު ﷲއަށް ކިޔަމަންތެރިވުމާއި، އެއިލާހަށް ބޯލަނބައި ކިޔަމަން ގަތުމުގައި ގަދައަޅައި މަސައްކަތްކުރުމާއި، ޝިރުކާއި، އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަވުމެވެ.

މީގެ ތިން މަރުޙަލާ ވެއެވެ. އެއީ އިސްލާމްކަމާއި އީމާންކަމާއި އިޙްސާންކަމެވެ.

އަދި މިއިން ކޮންމެ މަރުޙަލާއެއްގައި ރުކުންތަކެއް ވެއެވެ.

 ފުރަތަމަ މަރުޙަލާ: އިސްލާމްކަން

އިސްލާމްކަމުގެ ރުކުންތައް ފަހެކެވެ. އެއީ؛ ﷲފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކުނުވާކަމަށާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ އެއިލާހުގެ ރަސޫލާކަމުގައި ހެކިވުމެވެ. އަދި ނަމާދު ޤާއިމު ކުރުމެވެ. ޒަކާތް ދިނުމެވެ. ރަމަޟާން މަހު ރޯދަ ހިފުމެވެ. އަދި ކަޢުބަތުﷲ ގެ ފުޅަށް ގޮސް ޙައްޖުވުމެވެ.

ޝަހާދަތުގެ ދަލީލަކީ: ﷲ ގެ ވަހީ ބަސްފުޅެވެ. شَهِدَ اللهُ أَنَّهُ لاَ إِلَـهَ إِلاَّ هُوَ وَالْمَلاَئِكَةُ وَأُوْلُواْ الْعِلْمِ قَآئِمَاً بِالْقِسْطِ لاَ إِلَـهَ إِلاَّ هُوَ الْعَزِيزُ الْحَكِيمُ-آل عمران18 މާނައީ: “ހަމަކަށަވަރުން، ﷲ، އެއިލާހު ފިޔަވައި (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި ތަދުބީރުކުރެއްވުމުގައި) ޢަދުލުވެރި ކަމާއިގެން އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ. އެކަލާނގެ މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެއެވެ. (އެކަލާނގެއީ) ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.”

އަދި މީގެ މާނައަކީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް ފަރާތެއް ނުވެއެވެ.

لَا إله ﷲ ފިޔަވައި އަޅުކަން ކުރެވޭ ހުރިހާ ފަރާތްތައް ނަފީކުރަމެވެ. إِلاَّ اللهُ ހަމައެކަނި އެއިލާހަށް އަޅުކަން ޘާބިތުކުރަމެވެ. އެއިލާހަށް އަޅުކަންކުރުމުގައި އެއްވެސް ފަރާތެއްގެ ބައިވެރިވުމެއް ނުވެއެވެ. އެއިލާހުގެ މިލްކުވެރިކަމުގައި އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާފަދައިންނެވެ.

އަދި އެކަލިމަ  لاَ إله إِلاَّ اللهُ ގެ ތަފްސީރު ތަފްޞީލުކޮށްދެނީ އެއިލާހުގެ އަންނަނިވި ވަޙީބަސްފުޅެވެ.  وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِمَّا تَعْبُدُونَ (26) إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ (27) وَجَعَلَهَا كَلِمَةً بَاقِيَةً فِي عَقِبِهِ لَعَلَّهُمْ يَرْجِعُونَ (28) މާނައީ: އިބްރާހީމް (ޢަލައިހިއްސަލާމު) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. އިސްވެދިޔަ މިސާލަކާނުލައި ތިމަން ހެއްދެވި އިލާހު މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއިލާހު ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ. އަދި އެބަސްފުޅު (އެބަހީ: لاَ إله إِلاَّ اللهُ މިކަލިމަ) އެކަލޭގެފާނުގެ ދަރިކޮޅުގައި ދެމިއޮންނާނޭ ބަސްފުޅެއްކަމުގައި ލެއްވިއެވެ. (އެއީ) ﷲގެ މަގަށް އެއުރެން ރުޖޫޢަވުމަށްޓަކައެވެ.

އަދި އެއިލާހުގެ ބަސްފުޅުގައިވެއެވެ. قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلا نُشْرِكَ بِهِ شَيْئًا وَلا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ -آل عمران:64  މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ އަހުލުވެރިންނޭވެ! އަހުރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި، ހަމަހަމަވެ، އެއްގޮތްވެގެންވާ ކަލިމައަކަށް އަންނާށެވެ! (އެއީ) ﷲއަށް މެނުވީ، އަހުރެމެން އަޅުކަން ނުކުޅައުމެވެ. އަދި، އެކަލާނގެޔާ އެއްވެސް އެއްޗެއް އަހުރެމެން ޝަރީކު ނުކުޅައުމެވެ. އަދި، އަހުރެމެންގެ އެއްބަޔަކު އަނެއްބަޔަކީ ﷲ ފިޔަވައި ކަލާނގެތަކެއް ކަމުގައި ނުހެދުމެވެ. ފަހެ، އެއުރެން (އެކަމާ) ދެކޮޅުހަދައި، ފުރަގަސްދީފިނަމަ، (އެއުރެންނަށް) ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން، ތިމަންމެންނީ މުސްލިމުން ކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!

(ނުނިމޭ)