الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.
ޢިލްމަށް ޢަމަލުކުރުމަކީ އިލްމު ޘާބިތްވެ ހަރުލުމުގެ ސަބަބެއް
ޢިލްމަށް އަމަލުކުރުމަކީ އެޢިލްމު ޘާބިތުވެ، އަދި އެމީހެއްގެ ކިބައިގައި ޢިލްމު ހަރުލާ، ވަރުގަދަވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ތިބާއަށް ލިބިފައިވާ ޢިލްމަށް ޢަމލުކުރުން ދޫކޮށްފި ކަމުގައިވާނަމަ އެޢިލްމު ތިބާގެ ކިބައިން ގޮސްދާނެވެ.
ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
“ޢިލްމު ވަނީ ޢަމަލުކުރުމާއި އެކުގައެވެ. ތިބާ ޢަމަލު ނުކޮށްފިނަމަ އެޢިލްމު ތިބާ ދޫކޮށްފައި ދާނެއެވެ.”
އެކަލޭގެފާނު މިބަސްފުޅުންވެސް އެނގޭގޮތުގައި ޢިލްމަށް ޢަމަލުކުރުމަކީ ޢިލްމު ޘާބިތްވެ ތިބާގެ ކިބައިގައި ހިފެހެއްޓޭނެ ކަމެކެވެ.
އަދި އެފަދައިން އައްޝަޢްބީ ރަޙިމަހުﷲ ވިދާލުވިއެވެ.
“އަހަރުމެން ޙަދީޘަށް ޢަމަލު ކޮށްގެން އެދަސްކުރުމަށް އެހީތެރިކަން ހޯދީމެވެ.”
މިއީ އެބޭކަލުންގެ ޙާލަތެވެ. އެބޭކަލުން ހަދީޘްތަކަށް ޢަމަލުކުރުމުގެ ސަބަބުން އެޙަދީޘްތަށް ދަސްކުރުމަށް ފަސޭހަވެގެންދަނީއެވެ.
އަދި އަބުއްދަރްދާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
“ތިބާ އުނގަންނައިދޭ މީހަކަށް ނުވާހާ ހިނދަކު ތިބާ ޢިލްމުވެރިއަކަށް ނުވާހުއްޓެވެ. އަދި ތިބާ އުނގަންނައިދޭ ޢިލްމަކަށް ޢަމަލުކޮށްފުމަށް ދާންދެން ތިބާ އުނގަންނައިދޭ މީހަކަށް ނުވާހުއްޓެވެ.”
އަދި މިމާނައިގައި ސަލަފުންގެ ކިބައިން އެތަށް ބައިވަރު އަޘަރުތަށް ވާރިދުވެގެން އައިސްފައި އެބަހުއްޓެވެ. އަދި އެބޭކަލުންގެ ޙަޔާތަށް ބަލައިފި ކޮންމެ މީހަކަށްވެސް ހަމަ ޔަގީނުންވެސް އެބޭކަލުން ޢިލްމަށް ޢަމަލުކުރެއްވި މިންވަރު ރަނގަޅަށް އެނގިގެންދާނެވެ.
ﷲ ތަޢާލަ އަޅުގަނޑުމެން އެންމެނަކީވެސް ޢިލްމަށް ޢަމަލުކުރާ ބަޔެއް ކަމުގައި ލައްވާށި! އަދި ޞާލިހު ބޭކަލުންނާ އެކު އަޅަމެން މަޙްޝަރު ކުރައްވާށި!
=ނުނިމޭ=