ފިރިމީހާގެ ދެއަނބިން، ނުވަތަ ތިން އަނބިން، ނުވަތަ ހަތަރު އަނބިން ތިބިނަމަ އެ އަނބިންގެ މެދުގައި ހަމަހަމަކުރުމީ ފިރިމީހާގެ ފަރާތުން އަނބިންނަށް އޮތް ޙައްޤެކެވެ. އެއީ ކާންދިނުމާ ފޭރާން ދިނުމާ އުޅޭތަން ދިނުމާ އަދި އެއްތާ ނިދުމުގެ ގޮތުންވެސްމެއެވެ. އަދި މިނޫންވެސް މިބާވަތުގެ ހުރިހާ ކެމެއްގައެވެ. އަދި ދެއަނބިން ނުވަތަ އެއަށްވުރެ ގިނައިން އަނބީން ތިބޭނަމަ ދަތުރަކު ދާއިރު އެކީގައި އަނބަކު ގެންދަން ވެއްޖެނަމަ ގުރުއަތު ލައިގެން ހޮވުނު އަނތްބަކު ގެންދިއުމީވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ ސުންނަތުން ފެންނަ ޢަދުލުވެރިގޮތެވެ. އަދި މުސްލިމުންނަށް ވާޖިބުވެގެންވަނީ އެކަލޭގެފާނާ ތަބަޢުވުމެވެ. މިފަދަކަންކަމުގައި ޢަދުލު ވެރިނުވެވޭ ފިރިންނަށް ވާޖިބު ވެގެންވަނީ އެންމެ އަނތްބަކު ގެންގުޅުމެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
فَإِنْ خِفْتُمْ أَلاَّ تَعْدِلُواْ فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ- النساء: ٣
މާނައީ: “ގިނައަނބިންގެ މެދުގައި ޢަދުލު ވެރިނުވެވޭނެކަމަށް ކަލޭމެން ބިރުގަންނަންޏާ ދެން އެކަކާ އިންނާށެވެ. ދެން އަޅުއަންހެނުންނެވެ” އަބޫދާއޫދު ގެ 2119 ވަނަ ޙަދީޘްގައި ވެއެވެ.
“مَنْ كَانَ لَهُ اِمْرَءَتَانِ فَمَالَ إِلَى إِحْدَاهُمَا جَاءَ يَوْمَ الْقِيَامَةِ وَشِقُّهُ مَائِلٌ”
ގެ މާނައީ: “ދެ އަނބިން ތިބި މީހަކު އެއް އަތްބެއްގެ ފަރާތަށް ބޮޑަށް ލެނބޭނަމަ ޤިޔާމަތް ދުވަހުން އޭނާ ހުންނާނީ އެއްފަޅި އެލިފައެވެ. ނުވަތަ އެއްފަޅި ވާވެފައެވެ.” މިއެވެ.
ނަމަވެސް މިދެންނެވި ހަމަހަމަކުރުން ވާޖިބު ވެގެންވަނީ ކެއުމާ ބުއިމާ އަދި ފޭރާމާ ނިދާތަނާ އަދިއެއްތާ ނިދުމާ މިބާވަތުގެ ހުރިހާ ކަމެއްގައެވެ. ނަމަވެސް ތިމާގެ ހިތުގައި ވަކިމީހަކަށް އުފެދޭ ލޯބިވެރިކަމާ ގާތްކަމަކީ އޭނާގެ އިޙްތިޔާރުގައި ނުވާކަންކަމެވެ. އެފަދަ ކަންކަމުގައި ބޭ އިޚްތިޔާރުން ވަކިފަރާތަކަށް ލޯބިވެރިކަން ބޮޑަށް ހުރުމީ އޭނާ ފާފަވެރި ވެދާފަދަ ކަމެއްނޫނެވެ. މާތްﷲރުއްސުންލެއްވި ޢާއިޝާގެފާނުންގެ ކިބައިން ރިވާ ވެގެންވެއެވެ. އެކަމަނާ ވިދާޅުވެއެވެ.
“كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقْسِمُ فَيَعْدِلُ اللَّهُمَّ هَذَا قَسْمِي فِيمَا أَمْلِكُ فَلاَ تَلُمْنِي فِيمَا تَمْلِكُ وَلَا أَمْلِكُ“
( އަބޫދާއޫދު 2120)
މާނައީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބިކަނބަލުންގެ މެދުގައި ކަންތައްތައް ބައްސަވާ އަދި ޢަދުލުވެރިވެ ވަޑައިގަންނަވައެވެ. އަދި ވިދާޅުވިއެވެ. އޭ މަތިވެރި މާތް ﷲ އެވެ. މިއީ އަޅާއަށް މިލްކުވެގެންވާ ކަންކަމުގައި ޔަޢުނީ މިއަޅާގެ ބާރު ހިންގޭކަންކަމުގައި މިއަޅާގެ ބެއްސުވުމެވެ. އަދި އިބަރަސްކަލާނގެ ޙަޟްރަތަށް އެކަނި ބާރުލިބިވޮޑިގެންވާ އަދި މިއަޅާގެ ބާރެއް ނެތްކަންކަމުގައި (އެބަހީ ހިތުގެ ޙަރަކާތްތަކާއި ހިތްލެބޭ ލެބުމުގައި) މިއަޅާއަށް ނުރުހުންވެ ވޮޑިނުގަންނަވާ ފާނދޭވެ.” މިއެވެ. އިސްވެދިޔަ އާޔަތާއި އަދި ދެ ޙަދީޘުން ސާފުސާފުކޮށް އެނގެނީ ފިރިމީހާ އޭނާގެ އަނބިންގެ މެދުގައި އޭނާއަށް ކުޅަދާނަ ވީހާ މިންވަރަކުން ޢަދުލުވެރިވެ ބަރާބަރުކުރުން ވާޖިބު ވާކަމެވެ. އަދި އޭނާއަށް ބާރު ނުހިންގޭކަންކަން ހުންނާނެކަމާއި އެފަދަ ކަންކަމާމެދު ޢުޤޫބާތް ނުދެއްވުމަށް ﷲގެ ޙަޟްރަތަށް ދުޢާކޮށް ދަންނަވަން ޖެހޭނެކަމެވެ.