[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލެއި ގަނެވިއްކުން (4)

blood donation

ބޭނުންޖެހިފައިވާމީހަކަށް ލެއި ވިއްކުން:

ބޭނުންޖެހިފައިވާމީހަކަށް ލެއި ވިއްކުމަކީ ޝަރުޢުގައި ހުއްދަކަމެއް ނޫނެވެ. އެމީހަކަށް އެ ލެއި ޖެހޭނީ ހިލޭ ދޭށެވެ. އެހެނީ، ލެއި ވިއްކުން ޙަރާމްވެގެންވާކަން ޤުރުއާނާއި، ސުންނަތާއި، އިޖުމާޢުން ޘާބިތުވެފައިވެއެވެ. މިކަންމީގެ ކުރިން ތަފްޞީލުކޮށް ބަޔާންވެ ހިނގައްޖެއެވެ.

ބުނެފާނެއެވެ. ޟަރޫރަތަކަށްޓަކައި ލެއި ގަނެވޭއިރު، ޟަރޫރަތަކަށްޓަކައި ލެއި ނުވިއްކެންވީ ކީއްވެގެން ހެއްޔެވެ؟ އެހެނީ މިދެކަމުގައި ބޭރުފުށުން އެއްވެސް ތަފާތެއްނެތެވެ.

މިސުވާލުގެ ޖަވާބު: ބުނެވިދާނެއެވެ. ލެއި ގަންނަމީހާއަށް ލެއި ގަތުން ހުއްދަވަނީ ޟަރޫރަތަކަށްޓަކައެވެ. އެމީހާގެ ކިބައިގައި ލެއި ގަތުން ހުއްދަވާ ޢުޛުރު ‘ޟަރޫރަތު’ ފުރިހަމަވެއެވެ. އެހެންކަމުން، މިކަމުގެ ޙުކުމް ބިނާވެގެންވަނީ އެސަބަބު ހުރުމާއިނުހުރުމުގެ މައްޗަށެވެ. ޟަރޫރަތެއްވާނަމަ ލެއި ގަތުން ހުއްދަވާނެއެވެ. އެހެންނަމަވެސް، ވިއްކުމުގެ ޙާލަތަކުގައި ޟަރޫރަތުގެ ޝަރުޠުފިލައިގޮސް ވިއްކުން ޙަރާމްވާނެއެވެ. އެހެނީ، ޟަރޫރަތުގެ ޙާލަތުގައި ލެއި ގަންނަމީހާގެ ކިބައިގައި މިޝަރުޠުވާތަން އަހަރެމެންނަށް ފެނެއެވެ. މިސަބަބާހުރެ އަހަރެމެން އެގަންނަމީހާއަށް ގަތުން ހުއްދަކުރަނީއެވެ. އަދި އަހަރެމެންނަށް ވިއްކާމީހާގެ ކިބައިގައި އެޝަރުޠު ފުރިހަމަނުވާތީ އެމީހާއަށް ލެއި ވިއްކުން ހުއްދަނުކުރަނީއެވެ. އެހެނީ، ލެއި ގަންނަމީހާއާ ޚިލާފަށް ލެއި ވިއްކާމީހާ، ލެއި ނުވިއްކިއަސް އެމީހާ މަރުވާނެކަމުގެ ބިރެއް، އަދި އޭނާގެ ހަށިގަނޑުން ގުނަނަކަށް ގެއްލުންވެދާނެކަމުގެ ބިރެއްނެތެވެ. އެހެންކަމުން، ވިއްކުން ޙަރާމްވެގެންވެއެވެ. މިމަސްއަލާގައި ޢިލްމުވެރިންގެ ކިބައިން މިމަސްއަލައަށް އިޝާރާތްކުރާ އިޝާރާތްކުރުންތަކެއްވެއެވެ. އެގޮތުން:

ފުރަތަމަ އިޝާރާތް: ޟަރޫރަތުގެ ޙާލަތުގައި އޫރުގެ ކެހެރި ވިއްކުން.

“އަލްޢިނާޔާ ޝަރުޙުލް ހިދާޔާ” ގައިވެއެވެ. “އޫރުގެ ކެހެރި ވިއްކުން ހުއްދަވެގެންނުވެއެވެ. އެހެނީ، އެއީ ޢައިނިއްޔަ ނަޖިހެކެވެ. ޢައިނިއްޔަ ނަޖިހަށް ނުރުހުންވުމުގެ ގޮތުން އެވިއްކުން ހުއްދަވެގެންނުވެއެވެ. އޭގެ ފަހުގައި ވިދާޅުވެފައިވެއެވެ. ޚަރަޒު ބައްޔަށް ޟަރޫރަތުގެ ޙާލަތުގައި ބޭނުންކުރުން ހުއްދަވެގެންވެއެވެ. އެހެނީ، އެހެން އެއްޗަކުން އޭގެން ކުރާވަރަށް ފައިދާނުކުރެއެވެ. އޭގެ ފަހުގައި ވިދާޅުވެފައިވެއެވެ. ބުނެފާނެއެވެ. ކަންމިހެންހުރިއިރު، އެ ވިއްކުން ހުއްދަވާނެއެވެ. މީގެ ޖަވާބަކީ އޭގެ އަޞްލުގައި މުބާޙުވުން އެބަވެއެވެ. އަދި އެ ވިއްކުން ޟަރޫރަތުގެ ޙާލަތަށް ނުދެއެވެ. އޭގެ ފަހުގައި ވިދާޅުވެފައިވެއެވެ. މިގޮތުގެ މައްޗަށް ބިނާކޮށް ބުނެވިފައިވެއެވެ. ވިއްކައިގެން ނޫނީ އެ ލިބެން ނެތްނަމަ ވިއްކުން ހުއްދަވާނެއެވެ. އެހެންނަމަވެސް، އެވިއްކިމީހާއަށް އޭގެ ފައިދާ ހުއްދަނުވާނެއެވެ. އޭގެ ފަހުގައި ވިދާޅުވެފައިވެއެވެ. އަބޫ އައްލައިޘު ވިދާޅުވެފައިވެއެވެ. ބޭނުމަކަށްޓަކައި އޫރުގެ ކެހެރި ގަތުން ނޫން އެހެންގޮތަކުން ލިބެން ނެތްތަނަމަ، އެފަދަ މީހަކަށް އެގަތުން ހުއްދަކުރުންވެއެވެ.” އަދި އަލްޙަޞްކަފީ ވިދާޅުވެފައިވެއެވެ. “އޫރުގެ ކެހެރިއަކީ ޢައިނިއްޔަ ނަޖިހެކެވެ. އެވިއްކުން ބާޠިލުވެގެންވެއެވެ. ޚަރުޒު ބައްޔަށް އޭގެން ފައިދާ ޙާޞިލުކުރުން ހުއްދަވެގެންވެއެވެ. ގަނެގެންނޫންގޮތަކަށް އެ ލިބެން ނެތްނަމަ، ޟަރޫރަތަކަށްޓަކައި އެގަތުން ހުއްދަވެގެންވެއެވެ. އަދި އެވިއްކުން މަކްރޫހައެވެ. އޭގެ އަގު ހުއްދަވެގެންނުވެއެވެ.”شرح الدر للحصكفي: (2/67).

މިތަނުގައިވާ މަކްރޫހަގެ މާނައަކީ ވިއްކުން ޙަރާމްވުމެވެ. ޙަނަފީ މަޛްހަބުގެ އިޞްޠިލާޙުގައިވާގޮތުގެ މަތީންނެވެ. އެބޭކަލުންގެ އަރިހުގައި ޙަރާމްކަމަށް މަކްރޫހަ ބޭނުންކޮށް އުޅެއެވެ.

ބަޔާންވެދިޔަ ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެ ބަސްފުޅުތަކުން ދޭހަވާގޮތުގައި އޫރުގެ ކެހެރިއަކީ ނަޖިހެކެވެ. ޟަރޫރީ ޙާލަތުގައި އެގަތުން އަބޫ ލައިޘް ހުއްދަކުރައްވައެވެ. މިމަސްއަލައިން ޟަރޫރީ ޙާލަތުގައި ލެއި ގަތުން ހުއްދަވާނެކަމަށް އިޝާރާތްކުރެއެވެ. އަދި ވިއްކާމީހާއަށް ޟަރޫރީ ޙާލަތު ނެތުމުގެ ސަބަބުން އެވިއްކައިގެން ލިބޭ އަގު އެވިއްކާމީހާއަށް ހުއްދަވެގެންނުވެއެވެ.

ދެވަނަ އިޝާރާތް: ޟަރޫރަތަށްޓަކައި ކުއްތާ ވިއްކުން.

ކުއްތާ ހުރިހާގޮތަކަށް ވިއްކުން މަނާކުރާ ބޭކަލުންގެ އަރިހުގައިވެސް ޟަރޫރަތަކަށްޓަކައި ކުއްތާ ގަތުން ހުއްދަވެގެންވެއެވެ. އެހެންނަމަވެސް، އެވިއްކިމީހާއަށް އޭގެ އަގު ހުއްދަވެގެންނުވެއެވެ. އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ. “ޝިކާރަކުރާ ކުއްތާއާއި ދަނޑުތައް ބަލަހައްޓާ ކުއްތާއާއި އެނޫން ކުއްތާ ވިއްކުން ޙަލާލުވެގެންނުވެއެވެ. އޭގެ ފަހުގައި ވިދާޅުވެފައިވެއެވެ. ކުއްތާއަށް ބޭނުންޖެހިފައި، ކުއްތާއެއް ދޭނެ މީހަކު ނުވެއްޖެނަމަ އެމީހަކަށް ކުއްތާ ގަނެވޭނެއެވެ. (މިޙާލަތުގައި) އެގަތްމީހާއަށް އެކަން ޙަލާލުވެފައި، (އޭގެ އަގު) ވިއްކިމީހާއަށް ޙަރާމްވެގެންވެއެވެ. މީގެ މިސާލަކީ އަނިޔާވެރިކަން ދުރުކުރުމަށްޓަކައި ރިޝްވަތު ދިނުމާއި، އަސީރުން މިނިވަންކުރުމަށްޓަކައި ރިޝްވަތު ދިނުންފަދައެވެ. މިކަންކަމުގައި ފަރަޤެއްނެތެވެ.” المحلى: (9/617).

މިބުނެވިދިޔަ ފިޤްހުވެރިންގެ އިޖްމާޢުއަށް ބިނާކޮށް، އެއްވެސްގޮތަކަށް ލެއި ވިއްކުމަކީ ހުއްދަވެގެންވާކަމެއް ނޫނެވެ. ހަމައެފަދައިން، މިޒަމާނުގައި ހުންނަ ލެއި ބޭންކުތައްވެސް ފައިދާ ހޯދުމުގެ ޤަޞްދުގައި ލެއި ވިއްކުމަކީ ހުއްދަކަމެއްނޫނެވެ. އެފަދަ ބޭންކުތަކުން ޟަރޫރަތަކަށްޓަކައި ލެއި ވިއްކުން ހުއްދައެވެ. ނަމަވެސް އެލިބޭ ފައިދާ ހުއްދަނުވާނެއެވެ. އެހެންނަމަވެސް، އެފަދަ ބޭންކަކަށް ލެއި ހަދިޔާކުރާނެ މީހަކު ނެތިއްޖެނަމަ ލެއި ގަތުން ހުއްދަވާނެއެވެ. އަދި އިންސާނިއްޔަތަށްޓަކައި އެލެއިގެ އަގަށް އިތުރުކުރުމެއްނެތި ސަރުކާރަށް ގަތް އަގުފިޔަވައި އިތުރު ފައިދާއެއް ނުލައި ދެވިދާނެއެވެ. ނަމަވެސް، މިފަދައިން ކަންހިނގާތަނެއް ނުފެނެއެވެ. އޭގެ ފަހުގައި ސަރުކާރުގެ ފަރާތުން ލެއި ބޭނުންވާ ފަރާތްތަކަށް ހިލޭ ލެއި ދޭނީއެވެ. އަދި ސަރުކާރަށް އެލެއި ރައްކާކުރުމަށާއި، އުފުލުމަށާއި، އެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް މުސާރަދިނުމަށްޓަކައި އުޖޫރަނެގިދާނެއެވެ. މިއީ ލެއި ވިއްކުމުގެ އަގެއް ނޫނެވެ. މިއީ މަސައްކަތުގެ އަގެވެ. އެގޮތުން ލެއި ބޭނުންވާމީހުންގެ އަތުން އެމަސައްކަތުގެ އަގު ނެގޭނެއެވެ. އެހެންނަމަވެސް، ލެއި ބޭންކުތަކުން ބުނަމުން ދަނީ ލެއަކީ އޭގެން މަންފާކުރާކަމެވެ. އެއީ ބަލިމީހުންގެ ޙަޔާތް ދެމެހެއްޓުމަށްޓަކައެވެ. އެހެންކަމުން، އެމަޞްލަޙަތަށްޓަކައި ލެއި ވިއްކުން ހުއްދަވާނެއެވެ.

މި ބާޠިލުބުނުމަށްވާ ޖަވާބު:

އެޖަވާބަކީ ލެއި ގަންނަމީހާއަށް އެމަޞްލަޙަތު ފެތެއެވެ. އެހެންނަމަވެސް، ލެއި ވިއްކާމީހާއަށް އެމަޞްލަޙަތު ނުފެތެއެވެ. އެސަބަބާހުރެ ޝަރުޢުގައި އެކަން ވަނީ މަނާކުރައްވާފައެވެ. އެހެނީ، މަޞްލަޙަތަކަށްޓަކައި ކުރާކަމެއްގެ ޝަރުޠުތަކުގެ ތެރޭގައި އެކަމެއް ނައްޞަކާ ތަޢާރުޟުވެގެންނުވުންވެއެވެ. އެމަޞްލަޙަތަކީ ޤުރުއާނާއި ސުންނަތާއި އިޖުމާޢުއާ ޚިލާފުވާ މަޞްލަޙަތެކެވެ. އެއީ ކުރިން ބުނެވިދިޔަފަދައިން ލެއި ވިއްކުން ޙަރާމްވެގެންވާ ދަލީލުތަކާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މުޅަތަކެތި ޙަރާމްކުރެއްވިހިނދު، އެމުޅަތަކެތީގެ ސަރުބީއާ ބެހޭގޮތުން ބައެއްބޭކަލުން އެކަލޭގެފާނާ ސުވާލުކުރެއްވިއެވެ. އަދި އެސަރުބީން ކުރާނެ މަންފާއާއި މަޞްލަޙަތު އެކަލޭގެފާނަށް ބަޔާންކޮށްދެއްވިއެވެ. އެބޭކަލުން ދެންނެވިއެވެ. “ކަލޭގެފާނު މުޅަތަކެތީގެ ސަރުބީ (ޙަރާމްކަމަށް) ދެކެވަޑައިގަންނަވަމުތޯއެވެ؟ ފަހެ، ހަމަކަށަވަރުން އެ ނައުތަކުގައި ލައި، އެ ހަންތަކުގައި ލައި، އޭގެން ބައްތި ދިއްލެއެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މިބުނެވިދިޔަ މަންފާތަކާއި މަޞްލަޙަތަށް ނުބައްލަވައި އެކަމުގެ ޙުކުމް ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ޔަހޫދީން ޤަތުލުކުރައްވާށިއެވެ! ހަމަކަށަވަރުން ﷲ އެބައިމީހުންގެ މައްޗަށް ސަރުބީ ޙަރާމްކުރެއްވުމުން، އެބައިމީހުން އެސަރުބީން ތެޔޮ ހާނައިގެން، އެވިއްކައިގެން އޭގެ ފައިދާ ކައެވެ.”

‘އިޙްކާމުލް އަޙްކާމް” ގައި އިބްނު ދަޤީޤު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެ ޙަދީޘްގައިވާ ޟަމީރުތައް ދަނީ ވިއްކުމަށެވެ. އޭގެ މަންފާ ބަޔާންކޮށްދެއްވުމަށްފަހުގައި، އެކަލޭގެފާނު އެވަނީ ބަޔާންކޮށްދެއްވުނު މަޞްލަޙަތުތަކާއި މަންފާތަކަށް ނުބައްލަވައި އެވިއްކެވުން ޙަރާމްކުރައްވާފައެވެ.” إحكام الأحكام لابن دقيق العيد: (3/152).

ތިމަންދެކޭގޮތުގައި ނަފްސުތައް މަރުންނާއި ހަލާކުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ލެއި ގަތުމަށް ބަޖެޓެއްކަނޑައަޅައި، ޟަރޫރީގޮތުން އެ ލެއި ބޭނުންވާމީހާގެ ދިރުން ރައްކާތެރިކުރުމަށްޓަކައި ނުވަތަ އެމީހާގެ ގުނަންތަކުގެ ތެރެއިން ގުނަނެއް ސަލާމަތްކުރުމަށްޓަކައި އެމީހާއަށް ލެއި ދިނުމުގެ އިންތިޒާމު ހަމަޖެއްސިދާނެއެވެ. އެހެނީ، ވަލިއްޔުލް އަމުރުގެ މައްޗަށް ވާޖިބުވެގެންވަނީ އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ޙަޔާތުގެ ކަންތައްތަކަށް އަޅާލައި، އެމީހުންނަށް އަމަންއަމާންކަން ހޯދައިދިނުމެވެ. އަދި އެބައިމީހުންގެ ދިރިއުޅުމަށާއި، ކޮންމެހެން ޟަރޫރީކޮށް ބޭނުންވާ ޙާޖަތްތައް ފުއްދައިދިނުމެވެ. އެއްވެސްޙާލެއްގައި މިއީ ހިލޭއެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން، މިފަދަ މަންފާކުރަނިވި މަޝްރޫޢުތަކަށް އެހީ ހޯދުން މަނާކުރާނެކަމެއް ނޫނެވެ. އެއީ ވަޤުފުތައް ވަޤުފުކުރާފަދައިންނެވެ. އެހެނީ، މިކަމަކީ ދޫކޮށްފައިދާ ޞަދަޤާތެކެވެ. އަދި ހެޔޮކަންތައްތަކުގައި އެކަކު އަނެކަކަށް ވާގިވެރިވެ އުޅުމުގެ ތެރެއިންވާ ކަމެކެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް އެކަމަށް އިރުޝާދު ދެއްވައި ވަޙީ ކުރައްވާފައިވެއެވެ. ((وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى)) (المائدة: 2) މާނައީ: “އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤްވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ!” އެއްމުސްލިމަކު އަނެއްމުސްލިމާގެ ޙަޔާތް ސަލާމަތްކޮށްދިނުމަށްވުރެ ހެޔޮކަމެއް ނުވެއެވެ.

(ނިމުނީ)

_______________________

ނޯޓް: މި ސިލްސިލާ ލިޔުންތަކަކީ ޢަރަބި ލިޔުމެއް އަޞްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިޔުންތަކެކެވެ.

ލެއި ގަނެވިއްކުން (1)

ލެއި ގަނެވިއްކުން (2)

ލެއި ގަނެވިއްކުން (3)