الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.
ދީނަށް ދަޢުވަތު ދިނުމުގައި ޢިލްމަށް ޢަމަލުކުރުމުގެ މުހިންމުކަން
ދުލުން ހަމައެކަނި ބުނެލާ ބަސްތަކަށް ވުރެ ބޮޑަށް ޢިލްމަށް ޢަމަލުކޮށް، ޢަމަލުތަކުން މީސްތަކުންނަށް ކަންތަށް ބަޔާންކޮށްދީގެން ދީނަށް ގޮވާލުން މާފުރިހަމަވެފައި މޮޅެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ޝުއައިބު ޢަލަހިއްސަލާމް ވިދާޅުވިކަމަށް ވަޙީކުރެއްވިއެވެ.
(. . .وَمَا أُرِيدُ أَنْ أُخَالِفَكُمْ إِلَىٰ مَا أَنْهَاكُمْ عَنْهُ . . .) [ هود 88]
މާނައީ:“އަދި އަހުރެން ތިޔަބައިމީހުންނަށް ނަހީކުރާ ކަންތައް އަހުރެން ކުރާކަށް ބޭނުމެއް ނުވެތެވެ.”
އަދި މާލިކު ބުން ދީނާރު ރަޙިމަހުﷲ ގެ ފަރާތުން ވާރިދުވެގެން އައިސްފައިވެއެވެ.
“ޢިލްމުވެރިޔާ އޭނަ ދޭ ވަޢުޡު އަދި ނަޞޭޙަތަށް ޢަމަލުނުކުރާ ކަމުގައި ވާނަމަ މީސްތަކުންގެ ޙިތްތަކަށް އެބަސްތަކެއް ނުވަދެވެ.”
އަދި މައުމޫން ރަޙިމަހުﷲ ވިދާޅުވިއެވެ.
” ދުލުން ދޭނަޞޭޙަތާއި ވަޢުޡަށް ވުރެ ބޮޑަށް ޢަމަލުތަށް ކޮށްގެން އެޢަމަލުތަކުން މީސްތަކުންނަށް ވަޢުޡު ދިނުން މާބޮޑަށް ބޭނުން ޖެހިފައިވެއެވެ.”
އެހެނީ ހެޔޮޢަމަލުކޮށް އެޢަމަލުމަތީ ދެމިހުރުމަކީ އޭގެ ޛާތުގައިވެސް ދަޢުވަތެކެވެ. އަދި އެމީހަކީ މީސްތަކުންނަށްވާ ނަމޫނާއެކެވެ. އަދި މީސްތަކުންނަށްވާ އިމާމެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(. . . وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ) [ الفرقان 74]
މާނައީ:“އަދި ތަޤުވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”
މީސްތަކުންނަށްވާ އިމާމެއް ކަމުގައި މީހަކުވާނީ އޭނަގެ ކިބައިގައި ހުރިހާ ރަނގަޅު ޞިފަތަކެއް ހުރެގެންނެވެ. އޭނަގެ ކިބައިގައި ކިތަންމެ ގިނަ ޢިލްމެއް ހުއްޓަސް އެޢިލްމަކަށް ޢަމަލުނުކުރާ ކަމުގައި ވާނަމަ މީސްތަކުންނަށްވާ އިމާމެއްކަމުގައު އޭނައެއް ނުވާނެވެ. އެހެނީ އޭނަގެ އަމިއްލަ ނަފްސަށްވެސް ޢިލްމުން ފައިދާއެއް ނުކުރި ކަމުގައިވެފައި އަދި އެހެން މީހަކަށްވެސް ފައިދާއެއް ނުކުރި ކަމަށްވާތީއެވެ.
=ނުނިމޭ=