މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށް އުރެދެވޭކަމަކަށް ފިރިމީހާ އަމުރު ނުކުރާހާ ހިނދަކު ފިރިމީހާކުރާ ކޮންމެ އަމުރަކަށް އަނބިމީހާ ކިޔަމަން ގަތުން ވާޖިބުވެގެންވެއެވެ. ފަހެ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އުރެދެވޭކަމަކަށް ފިރިމީހާ އަމުރު ކޮށްފިނަމަ ދެން އަނބިމީހާ އޭނާއަށް ކިޔަމަންވުމެއްނެތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް ޙަދީޘް ކުރައްވަނީ
“لاَ طَاعَةَ لِمَخْلُوقٍ فِي مَعْصِيَةِ الْخَالِقِ(ރަވާހް އަޙްމަދު)
މިފަދައިންނެވެ. މާނައީ: “ތިމާ ހެއްދެވި މަތިވެރި މާތްﷲއަށް އުރެދެވޭނެ އެއްވެސް ކަމެއްގައި އެއްވެސް މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ. މިއެވެ.
އަނބިމީހާ ފިރިމީހާއަށް ކިޔަމަންވާންވީ ﷲއަށް ނުއުރެދެވޭ ހުރިހާކަމެއްގައެވެ. ސިއްރާއި ފައުޅުގައެވެ. އުނދަގުލާއި ފަސޭހައިގައެވެ. އެހެންނޫންނަމަ އެކަނބަލުންނަށް ނުހަނުބޮޑު ޢަޛާބާއި ދެރަކަން ހުރިކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމުގެ ޙަދީޘް ފުޅުތަކުން އެނގި ބަޔާންވެގެންވެއެވެ. އޭގެތެރެއިން ޙަދީޘެއް މިތާ ނަކަލު ކޮށްލަމެވެ.
“إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ فَلَمْ تَأْتِهِ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا الْمَلَائِكَةُ حَتَّى تُصْبِحَ“
(أبوداود2127)
“ފިރިމީހާގާތު ނިދަން އައުމަށް އަނބިމީހާގެ ކިބައިން ފިރިމީހާ އެދުމަށްފަހު އަނބިމީހާ ނައިސް އޮވެއްޖެނަމަ އަދި އެކަމުގެ ސަބަބުން ފިރިމީހާ ރުޅިއައިސްގެންއޮވެ ނިދައިފިނަމަ ފަތިސްވާންދެން މަލާއިކަތް ބޭކަލުން އެ އަންހެނަކަށް ލަޢުނަތް ލެއްވުމަށް ދުޢާ ކުރާނެއެވެ.” އަދި ބުޚާރީގެ ރިވާޔަތެއްގައިވަނީ “ފިރިމީހާގެ ގާތަށް އަންނާންދެން މަލާއިކަތް ބޭކަލުން ލަޢުނަތް ލައްވާނެކަމަށެވެ.” މިއެވެ. މިގޮތުން އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުން އެއީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންވާ ޙައްޤެކެވެ.