[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންވެސް ނަމާދުގެ ޢަމަލުތައް ކުރަން ޖެހެނީ ފިރިހެނުން ކުރާ ގޮތަށް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އެންމެ ފުރިހަމަ ގޮތުގައި ނަމާދު ކުރާނެ ގޮތް ރަސޫލާ صلى الله عليه وسلم ވަނީ އުންމަތަށް އުނގަންނަވާ ދެއްވާފައެވެ. އެގޮތުން އަޅުކަންތަކާ ދީނުގެ އެހެން ކަންތައްތައްވެސް އަދާކުރުމުގައި، އެކަލޭގެފާނު ޢަމަލުފުޅު ކުރެއްވީ ކިހިނެތްތޯ ހޯދާ ބެލުމަކީ ކޮންމެ ފަރުދެއްވެސް ކުރަންޖެހޭނެ ކަމެކެވެ.
މިގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައި ފާހަގަކުރެވޭ އެއްކަމަކީ ޢާންމު ގޮތެއްގައި ނަމާދުގައި ސަޖިދަކުރުންފަދަ ބައެއް ޙަރަކާތްތަކުގައި، އަންހެނުން ފިރިހެނުންނާ ޚިލާފަށް ޢަމަލު ކުރާކަމެވެ. ނަމަވެސް ނަމާދުގެ ޢާންމު ޤަވާޢިދަކީ ނަމާދުގެ ހުރިހާ ޢަމަލެއްގައިވެސް ފިރިހެނުން ޢަމަލުކުރާ ގޮތަށް އަންހެނުންވެސް ޢަމަލުކުރުމެވެ. މި އަޞްލާ ޚިލާފަށް ކުރާނީ ދަލީލުން ޘާބިތުވެފައިވާ ކަންތައްތަކެވެ. މިޘާލަކަށް އިމާމުމީހާ ކުށެއްކޮށްފިނަމަ ކަންތައްކުރާނެ ގޮތާމެދު ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.:
(صحيح) ((التَّسْبِيحُ لِلرِّجَالِ وَالتَّصْفِيقُ لِلنِّسَاءِ)).[رواه البخاري / كتاب: العمل في الصلاة / باب: التصفيق للنساء / رقم:١٢۰٣]
މާނައީ: “سُبْحَانَ اللهِ (މިފަދައިން) ކިޔުންވަނީ ފިރިހެނުންގެ މައްޗަށެވެ. އަތާއަތްޖެހުންވަނީ އަންހެނުންގެ މައްޗަށެވެ.”

ތިރީގައި މިގެނެސްދެނީ صِفَةُ صَلَاةِ النَّبِيِّ صلى الله عليه وسلم، މިފޮތުގައި ފަޟީލަތުއްޝައިޚު ނާޞިރުއްދީން އަލްއަލްބާނީ رحمه الله މިމައުޟޫގައި ލިޔުއްވާފައިވާ އަގުހުރި ބަސްކޮޅެއްގެ ތަރުޖަމާއެވެ.

“ނަބިއްޔާ صلى الله عليه وسلم ނަމާދުކުރެއްވި ގޮތާމެދު [މިފޮތުގައި] އިސްވެ ބަޔާންކުރެވުނު އެންމެހާ ކަންތައްތަކުގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަވެގެންވެއެވެ. އޭގެ ބައެއް ކަންކަމުގައި އަންހެނުން އިސްތިޘްނާވާކަމަށް ސުންނަތުގައި ވާރިދުވެގެން އައިސްފައި ނުވެއެވެ.
އަދި ކިއެއް ހެއްޔެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ޢާންމު ލަފްޒަށް އެކަނބަލުން ވަދެގެން ދެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((صَلُّوا كَمَا رَأَيْتُمُونِى أُصَلِّى))
މާނައީ: “ތިމަންކަލޭގެފާނު ނަމާދުކުރާތީ ތިޔަބައިމީހުން ދުށް ގޮތަށް ނަމާދުކުރާށެވެ.”
އެއީ އިބްރާހީމު އައްނަޚަޢީ ގެ ބަސްފުޅުވެސްމެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
(تفعل المرأة في الصلاة كما يفعل الرجل) [أخرجه ابن أبي شيبة ( 1 / 75 / 2 ) بسند صحيح عنه]
މާނައީ: “އަންހެނުންވެސް ނަމާދުގައި ޢަމަލުކުރާނީ ފިރިހެނުން ކުރާގޮތަށެވެ.”
އަދި އަންހެނާ ސަޖިދައިގައި އޮންނައިރު ކުރުވެގަނެގެން އޮތުމާއި، އަންހެނުން އެކަމުގައި ފިރިހެނުންނާ އެއްފަދަ ނޫންކަމަށް ޛިކުރުކުރެވިފައިވާ ޙަދީޘްއަކީ މުރްސަލް ޙަދީޘްއެކެވެ. [1] އެ ޙަދީޘްއަކީ ޙުއްޖަތެއް ނޫނެވެ. އެޙަދީޘް އަބޫ ދާވޫދު ރިވާކުރައްވާފައިވަނީ يزيد بن أبي حبيب ގެ އަރިހުން (المراسيل) އޭ ކިޔުނު ފޮތުގައެވެ. (117 / 87) އަދި އެ ޙަދީޘް (الضعيفة / 2652) ގައި ތަޚްރީޖު ކުރެވިފައިވާނެއެވެ. [2]
އިމާމު އަޙްމަދުގެ އަރިހުން އެކަލޭގެފާނުގެ ދަރިކަލުން عبد الله ރިވާކުރައްވާފައިވާ އިބްނު ޢުމަރުގެ އަޘަރާ މެދު ދަންނައެވެ. އޭގައި ވަނީ: އެކަލޭގެފާނުގެ އަރިހުގައިވީ ކަނބަލުން ނަމާދުގައި تَرَبُّع ކުރުމަށް [އެބަހީ: ދެފައި ވަށްކޮށްލައިގެން އިށީނުމަށް] އަމުރުކުރައްވާ ކަމަށެވެ. [3] ( مسائل ابنه عبد الله عنه / ص 71 ) ފަހެ އެ އަޘަރުގެ ސަނަދު ޞައްޙައެއް ނޫނެވެ. އެހެނީ އެސަނަދުގައި عبد الله بن العمري ވެއެވެ. އޭނާއަކީ ضَعِيْف (ބަލިކަށި) ރާވީއެކެވެ.
އިމާމު ބުޚާރީގެ ( التاريخ الصغير / ص 95 ) أُمُّ الدَرْدَاء ގެ އަރިހުން ޞައްޙަ ސަނަދަކުން ރިވާކުރައްވާފައިވެއެވެ.
“އެކަމަނާ ނަމާދުގައި އިށީނދެވަޑައިގަންނަވަނީ ފިރިހެނުންވެސް އިށީންނަ ފަދައިންނެވެ. އަދި އެކަމަނާއަކީ ފިޤުހުވެރި ބޭކަނބަލެކެވެ.”

ޝައިޚުގެ ބަސްކޮޅު ނިމުނީ

_________________________________________

[1] މުރުސަލް ވުމަކީ: ތާބިޢީ ބޭކަލަކު ޞަޙާބީ ބޭކަލެއްގެ ޛިކުރުނުކުރައްވާ  ސީދާ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާކުރުމެވެ. އެއީ ޙަދީޘް ބަލިކަށިވާ ސަބަބެކެވެ.
[2] ( الضعيفة ) އަކީ ބަލިކަށި ޙަދީޘްތައް ޖަމާކޮށް ޝައިޚް އަލްއަލްބާނީ ލިޔުއްވާފައިވާ ފޮތެކެވެ.
[3] تَرَبَّعَ ގެ މާނަ ބައްލަވާ: المعجم الوسيط / ص: ٣٢٤ / طبعة: مكتبة الشروق الدولية.