[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الإِجْمَاعُ 2

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިޖުމާޢުއަކީ ޙުއްޖަތެއްކަން ބަޔާންކުރުން

الإِجْمَاعُ  އަކީ އެއަށް ތަބާވެ، އެއަށް ރުޖޫޢަވުން ވާޖިބުވާ، ޝަރުޢީ ޙުއްޖަތެއްކަމުގައި ޢިލްމުވެރިންވަނީ އިއްތިފާޤުވެވަޑައިގަންނަވާފައެވެ.

އިޖުމާޢުއަކީ ޙުއްޖަތެއްކަމުގައި ޘާބިތުކޮށްދެނީ ބުއްދީގެ ދަލީލުތަކެއް ނޫނެވެ. ޝަރުޢީ ދަލީލުތަކެވެ.

الإِجْمَاعُ އަކީ ޙުއްޖަތެއްކަމުގައި އައިސްފައިވާ ބައެއް ދަލީލުތަކަކީ:

ފުރަތަމައީ: ކީރިތި ޤުރުއާނުގެ ދަލީލުތައް

1 ﴿وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ  وَسَاءَتْ مَصِيرًا﴾ [سورة النساء ١١٥]

މާނައީ: “އަދި އެމީހަކަށް ތެދުމަގު ބަޔާން ވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވާމީހާ، އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.”

މިއާޔަތުން ޢިލްމުވެރިން އިސްތިދުލާލު ކުރައްވާ ގޮތަކީ:

މުއުމިނުންގެ މަގުނޫން އެހެން މަގަކަށް ތަބާވި މީހަކަށް، ﷲ ތަޢާލާ ވަޢީދުގެ ބަސް ވަޙީކުރައްވާފައިވެއެވެ. އޭގެން ދަލީލުކުރަނީ އެއީ ޙަރާމަކަމެއް ކަމަށެވެ. ފަހެ އެހެންކަމުން މުއުމިނުންގެ މަގަށް ތަބާވުން ވާޖިބުވާނެއެވެ. އެހެނީ މުއިމުންގެ މަގަށް ތަބާވުމާއި، އެނޫން މީހުންގެ މަގަށް ތަބާވުން ނޫން އެހެން ތިންވަނަ ގޮތެއް ނޯންނާނެއެވެ.

2 ﴿كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّـهِ…﴾ [سورة آل عمران ١١٠]

މާނައީ: “މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި ނުބައިކަންތައް ނަހީކުރަމުއެވެ. އަދި ތިޔަބައިމީހުން الله އަށް އިމާންވަމުއެވެ…”

މިއާޔަތުން ޢިލްމުވެރިން އިސްތިދުލާލު ކުރައްވާ ގޮތަކީ:

މިއުންމަތުގެ މީހުން އެންމެހާ ހެވަކަށް އަމުރުކޮށް، އެންމެހާ ނުބައިކަމަކުން މަނާކުރާނެކަމަށް ﷲ ތަޢާލާ ވަނީ ޞިފަކުރައްވާފައެވެ. ދީނީ ކަމެއްގައި މުޅި އުންމަތުގެ މީހުން މަގުފުރެދުމެއްގައި އެއްބަސްވެއްޖެނަމަ އެކަމުގައި އެބައިމީހުން ހެޔޮކަމަށް އަމުރުކޮށް މުންކަރާތް ނަހީކުރިކަމުގައި ނުބެލެވޭނެއެވެ. ފަހެ އެއިން ޘާބިތުވަނީ މިއުންމަތުގެ އިޖުމާޢުއަކީ ޙައްޤުކަމެވެ. އަދި މިއުންމަތް މަގުފުރެދުމެއްގެ މައްޗަށް އެއްބަސް ނުވާނެކަމެވެ.

3 ﴿وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا… ﴾ [سورة البقرة ١٤٣]

މާނައީ: “އަދި ހަމަ އެފަދައިން، ޢަދުލުވެރި ހެޔޮ އުންމަތެއްކަމުގައި (ހައްދުފަހަނަ އެޅުމާ ފަރުވާ ކުޑަކުރުމާ ދެމެދުގައިވާ އުންމަތެއްކަމުގައި) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ރަސޫލާ ވެވަޑައިގަތުމަށްޓަކައެވެ…”

މިއާޔަތުން ޢިލްމުވެރިން އިސްތިދުލާލު ކުރައްވާ ގޮތަކީ:

ގެ މާނައަކީ: ޢަދުލުވެރިކަމާއި، އެންމެ ހެޔޮވުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާވަނީ މިއުންމަތަކީ މީސްތަކުންގެ މައްޗަށްވާ ހެކިވެރިންތަކެއް ކަމުގައި ލައްވާފައެވެ. އެބައިމީހުން ބާޠިލުކަމެއްގައި ހެކިވާނެނަމަ ނުވަތަ ކުށެއްގެ މަތީ ހެކިވާނެނަމަ މިބިންމަތީގައި ﷲގެ ހެކިވެރިންކަމުގައި އެބައިމީހުން ނުވީހެވެ.

=ނުނިމޭ=

_________________________________

[1] މިލިޔުމަކީ محمد بن حسين الجيزاني – حفظه الله – ލިޔުއްވާފައިވާ ފޮތެއްކަމުގައިވާ معالم أصول الفقه عند أهل السنة والجماعة ގެ، އިޖުމާޢު އާ ގުޅުންހުރި ބާބު އަޞްލަކަށް ބަލައިގެން ލިޔެމުންދާ ލިޔުމެކެވެ. ބައްލަވާ މިފޮތުގެ ص: 155-178 ، طبعة: دار ابن الجوزي

މލިޔުމުގެ އެހެނިހެން ބައިތައް