[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންވެސް ތަޙައްމަލުކުރިއެވެ

578951_425339510847830_1375090566_n

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދުނިޔެ ޚަލްޤުކުރެއްވުމަށްފަހު، ދުނިޔޭގެ ހަޔާތުގައި އިންސާނުންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް ﷲ ތަޢާލާ ލެއްވެވިއެވެ. ނަމަވެސް މުޅި ދުނިޔޭގެ ހުރިހާ އުފާތަކާއި ހިތްހަމަޖެހުން، ދަތިކަމަކާއި ހުރަސްތަކަކާއި ނުލާ ލިބެމުން ދާނަމަ ދުނިޔެ އުފެއްދެވުމުގެ ބެނުން ނެތުނީއެވެ. ސުވަރުގެއާއި ނަރަކަ އުފެއްދެވުމުގެ ހިކްމަތް ނެތުނީއެވެ. އެހެނީ ދުނިޔޭގައި މީސްތަކުން ކުރާ އަމަލުތަކާއި، މީސްތަކުން ކުރާ އީމާންކަމުގެ ދައުވާ ވަޒަންކުރެވޭނެ ހަމަ އެކަނި މިންގަނޑަކީ އިމްތިޙާނުތައް ކުރިމަތި ކުރުވުމެވެ. މިކަމުގެ މިސާލަކީ، ކިޔަވާ ކުދިންނަށް ފަހުމުވެ އެގިފައިވާ މިންވަރު ބެލުމަށް ދެވޭ ޓެސްޓުތަކާއި، އޭގެ ނަތީޖާގެ މައްޗަށް އެދަރިވަރުގެ ކިޔެވުމުގެ ޙަޔާތް ބިނާވާ ބިނާވުމެވެ.

ކަންމިހެން އޮތްއިރު ދުނިޔޭގެ ޙަޔާތުގައި އުނދަގުލާއި މުޞީބާތްތައް ނުޖެހޭނެ ކަމަށް ދެކުމަކީ އިލާހީ ޤާނޫނާއި ފުށުއަރާކަމެކެވެ. އެހެނީ އެކަމުން ބަޔަކު އިސްތިސްނާވާނެ ނަމަ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން އެ ދަތިތަކުން އިސްތިސްނާވީހެވެ. އެކަމަކު ﷲ ތައާލާގެ އިމްތިޙާނުތައް އެންމެ ވަރުގަދަވި ބަޔަކީ އެއިލާހު ރަސޫލުކަމާއި ނަބީކަންދެއްވަވާ އިޚްތިޔާރުކުރެއްވެވި އެއިލާހުގެ އެންމަ ތަގުވާވެރި އަޅުންނެވެ.

ބައެއް މިސާލުތަކަށް ބަލައިފިނަމަ މިކަމުގެ ޙަޤީޤަތް އިޙްސާސްކުރެވޭނެއެވެ. ނޫޙު ޢަލައިހި ސަލާމް 950 އަހަރުވަންދެން މުޝްރިކުންނަށް ދީނަށް ގޮވާލެއްވިއެވެ. ކެތްތެރިވިއެވެ. އީމާންވީ މަދު މީސްކޮޅެކެވެ. މޫސާ ޢަލައިހި ސަލާމް ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ ފިރުޢައުނާ ދެކޮޅަށެވެ. އެކަމުގައި އެތަކެއް ދަތިތަކެއް ﷲ ތަޢާލާ ޖެއްސެވިއެވެ. ޔޫސުފް ޢަލައިހި ސަލާމް ތުއްޕުޅު އިރުގައި ފުންވަޅަކަށް ވައްޓާލެވުނެވެ. ޒުވާން އުމުރު ފުރާއަށްއެރި ހިނދު މިސްރުގެ ޢަޒީޒުގެ އަނބިކަނބަލުންގެ ފިތުނަވެރި އެދުމެއް ހުށަހެޅުނެވެ. އަދި އެކަމުގައި އެތަކެއް އަހަރެއް ވަންދެން ޖަލުގައި އިންނަން ޖެހުނެވެ. އިބްރާހީމް ޢަލައިހި ސަލާމްއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެކަލޭގެފާނުގެ ބައްޕާފުޅާއި ޤައުމާއި ދެކޮޅަށެވެ. އެމީހުން އަޅުކަންކުރަމުންދިޔަ ބުދުތައް ތަޅާލެއްވީއެވެ. އެކަމުގައި ރޯކުރެވިފައިވާ ބޮޑު އަލިފާންގަނޑަކަށްވެސް އެކަލޭގެފާނު އެއްލާލެވުނީއެވެ. ހަމައެހެންމެ މިއުއްމަތުގެ މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސްވަނީ މި އިމްތިހާނާއި ދަތިކަމުގެ އިލާހީ ޤާނޫނާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެކަލޭގެފާނުގެ އަމިއްލަ ވަޒަނުން ބޭރުކޮށްލެވުނެވެ. ފުރައްސާރައާއި މަލާމާތް ރައްދުކުރެވުނެވެ. އެކަލޭގެފާނަށް ތަބާވި ޞަހާބީންވެގެން ދިޔައީ މައްކާގެ މުޝްރިކުންގެ ކުޅޭކުޅޭ އެއްޗިއްސަށެވެ. އެބޭކަލުންގެ ހަށިކޮޅުތަކުގައި ހިލައިން ތެޅުއްވުނެވެ. ވާޖައްސަވާ މަގުތަކުގައި ދެއްމެވުނެވެ. ދޮންކުރެވިފައިވާ ދަނގަޑު ޖެއްސެވުނެވެ. ފެންގަނޑު ތަކަށް ގެންބެވުނެވެ. އަނިޔާތަކަށް އޭގެ އިންތިހާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. ކަންމިހެން އޮތްއިރު އަޅުގަނޑުމެންނަށް އިމްތިޙާންތައް ކުރިމަތިވަނީ ކިހާ ވަރަކަށްތޯ ސުވާލުއުފެދެއެވެ.

ވީމާ ހަނދާނުގައި ބަހައްޓަންވީ ދަތިކަމާއި ހުރަސްތައް ކުރިމަތިވާހިނދު މާޔޫސްވެ ދެރަވެ ކުފުރުވެ ނުދިޔުމެވެ. އަދި ކެތްތެރިވުމެވެ. އެހެނީ މި އިމްތިހާނަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންވެސް ތަހައްމަލު ކުރި އިލާހީ ޤާނޫނެކެވެ. މިކަން ހަނދާނުގައި ހުންނާނެނަމަ އަޅުގަނޑުމެންގެ ނަފްސުތަކަށް ކެތްތެރިކަމާއި ޝުކުރުވެރިވުމުގެ ފަރުވާ ލިބުމަކީ ދުރުގައިވާކަމެއް ނޫނެކެވެ.