ދިވެހި މުޖްތަމަޢުގެ ވެރިންނާއި ސިޔާސީ ލީޑަރުންނެވެ. އަދި މަޖްލިސް މެމްބަރުންނާއި އެހެނިހެން މަޤާމުތަކުގެ ބޭފުޅުންނެވެ. ތިޔަބައިމީހުންނަކީ ނިކަމެތި އިންސާނުންނެވެ. އަދި ތިޔަބައިމީހުންނަކީ ﷲ ގެ އަޅުންނެވެ. އަޑުއައްސަވާށެވެ. ނޫންނަމަ ތިޔަބައިމީހުންނަށް ތިޔަކުރެވެނީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް “ޗެލެންޖު” ނޫންތޯއެވެ. އެއީ ތިޔަބައިމީހުންނަށް ވާނެ ކަމެއް ނޫނެވެ. ހަމަގައިމުވެސް ތިޔަބައިމީހުނަށް ވުރެ، މާބާރުގަދަ ވެރިކަމާއި މުދާ އޮތް ތަނަވަސް، ކިތަންމެ ބަޔަކު ﷲ އާ އެއިލާހުގެ ރަސޫލުބޭކަލުންނާއި “ޗެލެންޖު” ކޮށް ހެދިއެވެ. އެބައިމީހުންގެ ނިމުންވީ ކިހިނަކުން ތޯއެވެ؟
ހިތާމައަކީ މާތް ﷲގެ އަޅުތަކުން އެއިލާހުގެ ނިޢުމަތްތަކަށް ކުފުރުވުމެވެ. އެގޮތުން މިކައުނުގައި ގިނަގުނަ މަތިވެރި ޢިބްރަތްތަކާއި ހެކިތައް ޤިޔާމަތަށް ދާންދެން ވާކަން ކަށަވަރެވެ. އޭ މިތިބަ ނިކަމެތި އިންސާނުންނެވެ. ތިޔަބައިމީހުން ފުންކޮށް ވިސްނާކަށް ނުވޭ ހެއްޔެވެ. ފިރުޢައުނާއި ހާމާނުގެ ވާހަކަ، ކީރިތި ޤުރުއާނުންނާއި މާތް ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ފޯރާފައި ނުވަނީތޯއެވެ.
ފިރުޢައުނަކީ ކިބުރުވެރިކަމާއި ބޮޑާކަމާއި ހަސަދަވެރިކަމާއި އެކު އެންމެ މަތިވެރި އިލާހު ކަމަށް ދަޢުވާ ކުރި ޖައްބާރު ވެރިއެކެވެ. ނަމަވެސް ނިމުން އައީ ‘ބޮކެއް މަރުވާ’ ފަދަ ނިކަމެތި ގޮތަކަށެވެ. ﷲ އަށާ އެއިލާހުގެ ރަސޫލާ މުސާ ޢަލައިހިއްސަލާމް އަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ފެނުގެ ތެރެއަށް ޣަރަޤުވެގެން ދިޔައީއެވެ. ތިޔަބައިމީހުންނަށް ފިރުޢައުނުގެ ހަށިގަނޑު ހެއްކަކަށް ނުފުދެނީތޯ އެވެ؟ އަނދިރި ކަމާއި ގެއްލެނިވިކަމުން ޑިމޮކުރެސީ ދޫކޮށް ފުރިހަމަ އަލިކަމުގެ ތެރެއަށް އިސްލާމްދީނަށް ފުރިހަމަ އަށް ރުޖޫޢަވާން ނުވަނީ ހެއްޔެވެ؟
މިދުނިޔެއާއި މެދު ފުންކޮށް ވިސްނާލަމާތޯއެވެ. އިސްލާމީ މުޖްތަމަޢު ތަކުގެ ހަމަ ޖެހުމާއި އެކުވެރިކަމާއި އަމާންކަން ގެއްލިގެން ދިޔައީ ކޮން ސަބަބާކާއި ހުރެ ތޯއެވެ. ޑިމޮކުރެސީގައި ހިފުމުން ތޯ އެވެ. ނޫނީ އިސްލާމް ދީނުގައި ހިފުމުންތޯ ސުވާލުކޮށް ޖަވާބު ހޯދުން މުހިންމެވެ. ޝައްކެއްވެސް ނެތެވެ. ޑިމޮކްރަސީ އަޅުގަނޑުމެން ބައިބައިކޮށްފިއެވެ. އަދި ވިސްނާ ފިކުރު ކުރާށެވެ. މުޅި ޢާލަމްތަކަށް ފޮނުއްވުނު އެންމެ މާތް އިންސާނާ މުހައްމަދު ޞައްލައްﷲ ޢަލައި ވަސައްލަމަ އަކީ މުޅި ދުނިޔެ ދުތް އެންމެ ޢަދުކުވެރި މާތް ވެރިޔާއެވެ. އަދި ސިޔާސީ ލީޑަރުވެސް މެއެވެ. އަދި އިސްލާމް ދީން ބަޔާން ކުރައްވާ ފުރިހަމަ ކުރެއްވި އަދި ނަބީ ކަމާއި ރަސޫލުކަން ޚަތިމް ކުރެއްވި ޞާޙިބާވެސް މެއެވެ.
މާތް ﷲ ވަޙީ ކުރައްވާފައި ވަނީ: (( وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ ﴿١٠٧﴾ )) سورة الأنبياء މާނައީ: ” އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ.”
ހަމައެހެންމެ، ރަސޫލާ صلى الله عليه وسلم އާއި، ހަތަރު ޚަލީފާއިންނާއި ޞަޙާބީބޭކަލުންނަކީ ނަމޫނާ އެއްކަމުގައި ނުފުދެނީ ހެއްޔެވެ. އިސްލާމް ދީނަށްޓަކައި މާތް ﷲ ގެ މަގުގައި މުދަލާއި ފުރާނަތައް ޤުރުބާން ކުރެއްވީއެބޭކަލުން ނޫންތޯއެވެ. ވީމާ ތިޔަބައިމީހުންގެ އުރެދުމާއި މެދު އަހަރެން ހިތާމަ އެއް ނުކުރަމެވެ. ނަމަވެސް މާތް ﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަ ކަމުގެ ސަބަބުން، ތިޔަބައިމީހުން ދުނިޔޭގައި އެއިލާހުއަށް ނުކިޔަމަންތެރިވާ އިރުވެސް އެއިލާހުގެ ރަޙްމަތާއި ފާފަ ފުއްސެވުމާއި ތަނަވަސްވެފައިވާއިރުވެސް ދިންނަވާ ކާމިޔާބު ލިބިގަތުމަށް އެއިލާހުގެ ޙަޟުރަތަށް ރުޖޫޢަ ނުވާތީ ކުރެވޭ ހިތާމަ އެއްގެ ބޮޑު ކަމާއެވެ.
މާތް ﷲ ވަޙީ ކުރައްވާފައި ވަނީ: ((أَلَمْ يَأْنِ لِلَّذِينَ آمَنُوا أَن تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّـهِ وَمَا نَزَلَ مِنَ الْحَقِّ وَلَا يَكُونُوا كَالَّذِينَ أُوتُوا الْكِتَابَ مِن قَبْلُ فَطَالَ عَلَيْهِمُ الْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿١٦﴾ )) سورة الحديد
މާނައީ:”الله ހަނދުމަކުރުމަށާއި، ހައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، އީމަންވީ މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ ފާސިޤުންނެވެ.”
ދަންނާށެވެ. ރަސޫލާ صلى الله عليه وسلم ގެ މިސާލަކީ އަލިފާން ގަނޑެއް ކައިރީގައި ހުރެގެން، އެއަލިފާން ގަނޑާއި ކައިރިވެ ވެއްޓެމުން ދާ ސޫފިތަކެއް އަލިފާން ގަނޑުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރެއްވި ބޭފުޅެއްގެ މިސާލެވެ. އެއީ އިންސާނުންތައް ނަރަކައަށް ވެއްޓެމުން ދާއިރު ނުވަތަ ކައިރީގައި ވަނިކޮށް ސަލާމަތް ކުރުމަށް މަސައްކަތް ކުރެއްވި ލޮބުވެތި ނަބިއްޔާصلى الله عليه وسلم އެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވާ މި އާޔަތް އަބަދުވެސް ހަނދާން ކުރަމާ ހެއްޔެވެ.
މާތް ﷲ ވަޙީ ކުރައްވާފައި ވަނީ: (( وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ ﴿١٠٣﴾ )) سورة آل عمران
މާނައީ “:ތިޔަބައިމީހުން އެންމެން الله ގެ ދީނުގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، الله ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި ނިޢުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. الله، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ . “
ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ސުވާލު ކޮށްލަމާ ހެއްޔެވެ، ޑިމޮކުރެސީގެ ސަބަބުން ، މުޖުތަމައަށްވީ ފައިދާ ހެއްޔެވެ؟؟؟ ނުވަތަ ގެއްލުން ހެއްޔެވެ؟؟؟