[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުކަން ކުރުމުގައި ޝިރުކުކުރުން (1) ބޮޑު ޝިރުކު

އަޅުކަން ކުރުމުގައި ޝިރުކު ކުރުންހުރީ ދެބާވަތަކަށެވެ. އެއީ:

* ބޮޑު ޝިރުކު ކުރުން

* ކުދި ޝިރުކު ކުރުން މިދެވައްތަރެވެ.

ބޮޑު ޝިރުކުއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާ ފަދައިން އެއިލާހު ފިޔަވާ އެހެން އެއްޗިއްސަށް އަޅުކަން ކުރުމެވެ. މިސާލަކަށް ކަންކަމަށް އެދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުޢާ ކުރާ ފަދައިން އެހެނިހެން ތަކެއްޗަށްވެސް ދުޢާ ކުރުމެވެ. އަދި އެއިލާހުގެ ހަޟްރަތަށް ޙާއްސަކޮށް ބިރުވެތިވާން ޖެހޭ ކަންކަމުގައި އެހެނިހެން ތަކެއްޗަށް ބިރުގަތުމެވެ. އެއިލާހުގެ ހަޟްރަތަށް ލޯބިވާންވީ ފަދައިން އެހެނިހެން ތަކެއްޗައްވެސް ލޯބި ވުމެވެ. އަދި މިނޫންވެސް މިފަދަ ކަންކަމެވެ.

ބުދަށް އަޅުކަން ކުރުމާއި، ޒިޔާރަށް ތަކަށް ނަދުރު ބުނުމާއި، މަރުވެފައި ތިބޭ މީހުންގެ ކިބައިން ވާގިއެދުމާއި، ވަލީ ވެރިންނަށް ނަދުރުބުނުމާއި މިފަދަ ކަންކަންވަނީ ޝިރުކުގެ މިބައިގެ ތެރެއިންނެވެ. މިދެންނެވި ވައްތަރު ތަކަކީ އެންމެ ބޮޑެތި ފާފައިގެ ވައްތަރު ތަކެވެ. މިފަދަ ކަންކަމުން ދުރުވެގެތުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރު ކުރައްވާފައިވާ ބަސްފުޅުތައް ވަރަށްވެސް ގިނައެވެ.

އޭގެ ތެރެއިން ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ މިވަޙީ ބަސްފުޅުވެއެވެ. وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا- النساء 36 – މާނައީ: “ކަލޭމެން މާތް ﷲއަށް އަޅުކަން ކުރާށެވެ. އަދި އެއިލާހުގެ ރަސްކަންފުޅާ ހަމަ އެކައްޗެއްވެސް ޝަރީކު ނުކުރާށެވެ. ބައިވެރި ނުކުރާށެވެ.”

ޞަޙީޙުލް ބުޚާރީގައި ޢަބްދުﷲ ބިން މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. مَنْ مَاتَ وَهُوَ يَدُعُو لِلّهِ نِدًّا دَخَلَ النَّارَ- މާނައީ: “މާތް ﷲއާ އެހެން ފަރާތެއް އެއްފަދަކޮށް ޝިރުކު ކުރާ ޙާލު މަރުވެއްޖެ މީހާ ނަރަކައަށް ވަދެއްޖެއެވެ.”

ޝައްކެއްވެސް ނެތެވެ. ޝިރުކު ކުރުމަކީ ބިރުހުރި ކަމެކެވެ. އާޚިރު ގެ އަބަދީ އަޛާބުގެ އަސްލެވެ. ކޮންމެ އިންސާނަކު އެކަމުން ދުރުވެގަތުން ވާޖިބު ވެގެންވާ ނުރައްކައުތެރި މުސީބާތެކެވެ.

ސުވާލު:

(1) އަޅުކަން ކުރުމުގައި ޝިރުކު ކުރުން ހުރީ ކިތައް ބާވަތަކަށް ހެއްޔެވެ؟

(2) ބޮޑު ޝިރުކު އަކީ ކޮބައި ހެއްޔެވެ؟ މިޘާލަކާއި އެކު ބަޔާންކުރޭ؟

(3) ބޮޑު ޝިރުކުން ރައްކާތެރި ވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ އާޔަތެއް ބަޔާންކުރޭ!

(4) ބޮޑު ޝިރުކުގެ ނުރައްކައުތެރިކަން ބަޔާންކުރާ ޙަދީޘް އެއް ލިޔޭ!