[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށަކަށް އިޤުރާރުވުމުން، އިޤުރާރުވިމީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޢަރަބި ބަހުގައި އިޤުރާރުގެ ގިނަ މާނަތަކެއް ވެއެވެ. އެގޮތުން ޘާބިތުވުމަށް ނުވަތަ އިޢުތިރާފުވުމަށްވެސް ‘އިޤުރާރު’ މިލަފުޒު ބޭނުންކުރެވެއެވެ.

އިޤުރާރުގެ ތަޢާރަފާ ބެހޭގޮތުން ޢިލްމުވެރިން ގެންނަވާފައިވާ އިޞްޠިލާޙީ ތަޢާރަފުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ތަޢާރަފަކީ:

އިޤުރާރަކީ ޝަރުޢީގޮތުން ބަލައިގަނެވޭނެގޮތަކަށް، އެހެންމީހަކަށްޓަކާ އޭނާގެ އަތުގައި ޙައްޤެއްވާކަމަށް ބުނެ ޚަބަރުދޭމީހަކު ލަފްޒުން ނުވަތަ ލިޔުމުން ނުވަތަ އިޝާރަތުން ޚަބަރެއް ދިނުމެވެ.

 

މީހަކު މަރާލުމުގެ ޖަރީމާއަށް އިޤުރާރުވުމުގެ ޙުކުމް 

މަރުގެ އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށްތަކުގެ ތެރޭގައި ޙައްޤަކާނުލާ ޤަޞްދުގައި މީހަކު މެރުން ހިމެނެއެވެ. މިފަދަ ކުށެއްކޮށްފިމީހަކަށް އެއަރައިގަނެވެނީ އާދަމުގެ ދަރިއެއްގެ ޙައްޤަކަށެވެ. އާދަމުގެ ދަރިންގެ ޙައްޤުތަކާމެދު އިޤުރާރުވުމަކީ ވާޖިބުކަމެކެވެ. އެގޮތުން މީހަކު މަރާލުމުގެ ޖަރީމާއަށް އަރައިގެނެއްޖެމީހާ އެކަމަށް އިއުތިރާފުވެ އިޤުރާރުވާން ޖެހެއެވެ. އެހެނީ ނުޙައްޤުން މީހަކު މަރާލުމުން އެކަމުގައި ތިން ޙައްޤެއް އެކުލެވިގެންވެއެވެ.

އެއީ ﷲ ތަޢާލާގެ ޙައްޤާއި މަރުވިމީހާގެ ވަލީވެރިންގެ ޙައްޤާއި އަދި މަރުވި މީހާގެ ޙައްޤެވެ.

މިތިން ޙައްޤު ޤާތިލަށް އަދާކުރެވެން އޮތްގޮތަކީ:

* ﷲ ތަޢާލާގެ ޙައްޤު އަދާކުރެވޭނީ ފުރިހަމަ ތައުބާއަކުން ތައުބާވެގެންނެވެ.

* ވަލީވެރިންގެ ޙައްޤު އަދާކުރެވޭނީ ޤާތިލުގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުންނެވެ. ނުވަތަ ވަލީވެރިންނާއެކު ފައިސާގެ އެއްބަސްވުމަކުން ޞުލްޙަވުމުންނެވެ. ނުވަތަ ވަލީވެރިން ޢަފޫކުރުމުންނެވެ.

* މަރުވިމީހާގެ ޙައްޤު އަދާވާނީ، ފުރިހަމަ ތައުބާއަކުން ޤާތިލު ތައުބާވެއްޖެނަމަ ޤިޔާމަތްދުވަހު ﷲ ތަޢާލާ މަރާލެވުނު މީހާއަށް އެކަމުގެ ބަދަލު އަދާކޮށްދެއްވާނެއެވެ.

މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށަކަށް އިޤުރާރުވުން އެއީ ޙުއްޖަތެއްކަމުގެ ދަލީލުތައް:

ކީރިތި ޤުރުއާނުގެ ދަލީލުތަކުގެ ތެރެއިން

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿…وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّـهَ رَ‌بَّهُ…﴾ [سورة البقرة ٢٨٢]

“…އަދި، އެމީހެއްގެ މައްޗަށްޙައްޤުއޮތް މީހާ (އެބަހީ: ދަރަނިވެރިޔާ ލިޔަންވީ އެއްޗެއް ލިޔާ މީހާއަށް) ކިޔައިދޭ ހުށިކަމެވެ. އަދި، އޭނާގެ رَبُّ ކަމުގައިވާ الله އަށް، އޭނާ ތަޤްވާވެރި ވާހުށިކަމެވެ…”

މިއާޔަތުން ޢިލްމުވެރިން ދަލީލު ނަންގަވާފައިވާ ގޮތަކީ: މިއާޔަތުގައި ﷲ ތަޢާލާ މިވަނީ ދަރަނިވެރިޔާ ކާތިބުމީހާއަށް ލިޔަންވީ އެއްޗެއް ކިޔާދިނުމަށް އަމުރުކުރައްވާފައެވެ. އޭނާގެ އެކިޔައިދިނުމަކީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވެވޭ އިޤުރާރެކެވެ. އެހެންކަމުން އެއީ ޙުއްޖަތެކެވެ. މުދަލާ ގުޅުން ހުރި މަސްއަލަތަކުގައި އިޤުރާރުވުން ޙުއްޖަތަކަށްވާފަދައިން ޖިނާއީ މަސްއަލަތަކުގައިވެސް އެއީ ޙުއްޖަތެކެވެ. އެހެނީ އެދެކަންތަކުގައި މިކަމުގައި ފަރަޤުކުރާނޭ ދަލީލެއް ނެތުމުންނެވެ.

ސުންނަތުގެ ދަލީލުތަކުގެ ތެރެއިން

1 (صحيح) عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ: أَنَّ يَهُودِيًّا رَضَّ رَأْسَ جَارِيَةٍ بَيْنَ حَجَرَيْنِ، قِيلَ: مَنْ فَعَلَ هَذَا بِكِ؟ أَفُلَانٌ أَفُلَانٌ؟ حَتَّى سُمِّيَ الْيَهُودِيُّ، فَأَوْمَأَتْ بِرَأْسِهَا، فَأُخِذَ الْيَهُودِيُّ فَاعْتَرَفَ فَأَمَرَ بِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرُضَّ رَأْسُهُ بَيْنَ حَجَرَيْنِ. [رواه البخاري / كتاب: الخصومات / باب: ما يذكر في الأشخاص/ رقم: ٢٤١٣ ]

،މާނައީ: “އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ހަމަކަށަވަރުން ޔަހޫދީއަކު ކުޑަ އަންހެން ކުއްޖެއްގެ [ނުވަތަ އަޅުއަންހެން ކުއްޖެއްގެ] ބޯ ދެހިލަގަނޑުގެ މެދަށްލާ ޗިސްކޮށްލިއެވެ. އެ[އަންހެންކުއްޖާއަށް] ސުވާލުކުރެވުނެއެވެ. ތިބާއަށް މިހެން ހެދީ ކާކު ހެއްޔެވެ؟ މިވެނި އެވެނި މީހެއް ހެއްޔެވެ؟ އެފަދައިން ސުވާލުކުރަމުންގޮސް ޔަހޫދީ މީހާގެ ނަންގަނެވުމުން އެކުއްޖާގެ ބޮލުން އިޝާރާތްކުރިއެވެ. ފަހެ އެޔަހޫދީ މީހާ ހައްޔަރުކުރުމުން އޭނާ އެކަމަށް އިޢުތިރާފުވިއެވެ. ފަހެ އޭނާއާ މެދު ނަބިއްޔާ صلى الله عليه وسلم އަމުރުކުރެއްވިއެވެ. ފަހެ އޭނާގެ ބޯވެސް ދެ ހިލަގަނޑުގެ މެދުގައި ޗިސްކޮށްލެވުނެވެ.”

2 (صحيح) رسول الله صلى الله عليه وسلم ޒަމާނުގައި ރަށްފުށު ހިސާބެއްގެ މީހަކު އޭނާގެ ދަރިފުޅު މީހެއްގެ ގާތަށް އުޖޫރައަށް މަސައްކަތް ކުރަން ފޮނުވުމުން، އެމީހާގެ (އެބަހީ މަސައްކަތް ޙަވާލުކުރިމީހާގެ) އަނބިމީހާއާއެކު އޭނާ ޒިނޭކުރިއެވެ. މިމައްސަލާގައި رسول الله صلى الله عليه وسلم ޙުކުމްކުރެއްވީ ޒިނޭކުރި ފިރިހެންމީހާ އަކީ ޣައިރު މުޙުޞަނަކަށް ވުމުން އޭނާގެގައިގައި ސަތޭކަ އެތިފަހަރު ޖަޙާ އެއްއަހަރު ދުވަހަށް އަރުވާ ލުމަށެވެ. ދެން އެތާ ހުންނެވި އުނައިސް ކިޔާ ޞަޙާބީ ބޭކަލަކަށް ޙަދީޘްފުޅު ކުރެއްވިއެވެ (((وَاغْدُ يَا أُنَيْسُ عَلَى امْرَأَةِ هَذَا فَإِنْ اعْتَرَفَتْ فَارْجُمْهَا))  “އޭ އުނައިސްއެވެ. މިމީހާގެ (އެބަހީ މަސައްކަތް ޙަވާލުކުރިމީހާގެ) އަނބިމީހާގެ ގާތަށް ގޮސް އޭނާ (ޒިނޭކުރިކަމަށް) އިޢުތިރާފުވެއްޖެނަމަ އޭނާ ރަޖަމު ކުރާށެވެ”. ދެން ފަހެ އެއަންހެންމީހާ އިޢުތިރާފުވުމުން އޭނާ ރަޖަމު ކުރެވުނެވެ .  [ ބައްލަވާ صحيح البخاري / كتاب الحدود / باب: الإعتراف بالزنا / حديث رقم:٦٨٢٧،٦٨٢٨ ]

ޢިލްމުވެރިންގެ އިޖުމާޢު

އިޤުރާރުވުމަކީ މުޢާމަލާތުތަކުގައާއި އެހެނިހެން ޤަޟިއްޔާތަކުގައިވެސް ޙުކުމެއް ކަނޑައެޅުމުގައި ބުރަވެވޭ ދަލީލެއްކަމުގައި އުންމަތުގެ ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައެވެ. (ބައްލަވާ الشرح الكبير على متن المقنع ٣/ ١٣٣ ، الأصول القضائية ٦٦، التشريع الجنائي ٢ /٣۰٣)

ބުއްދީގެ ދަލީލު

އިޤުރާރަކީ އިޤުރާރުވާ މީހާގެ ކިބައިން ތުހުމަތާ ޝައްކުފިލުވާލާ އެއްޗެކެވެ. އެހެނީ ބުއްދިވެރިއަކު އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޭނާއަށް ގެއްލުންހުރިކަމެއްގެ މައްޗަށް އެއްބަސްވާނީ އެކަމުގައި އޭނާއަކީ ތެދުވެރިއެއްކަމުގައިވެ ހުރެއެވެ. އަދި އޭނާ އެކަމުގެ ޒިންމާއިން ބަރީއަ ވާން ބޭނުންވާތީއެވެ. އަދި ޙައްޤުގެ އަހުލުވެރިންނަށް ޙައްޤުއަދާކުރުމަށް އެދޭތީއެވެ.

“ރާއްޖޭގެ ޝަރުޢީ ނިޒާމާ މެދު އިތުބާރު ނެތް”

“ރާއްޖޭގެ ޝަރުޢީ ނިޒާމާ މެދު އިތުބާރު ނެތް” ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމާ މެދު ދަންނައެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާއާ މެދު އިތުބާރުނެތީ އިސްލާމީ ޝަރީޢަތާ ފުށުއަރާފަދަ ޤާނޫނުތަކެއް ހުރެގެންކަމުގައިވާނަމަ ލާޒިމުވެގެންވަނީ އެޤާނޫނުތައް އުވާލާ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ނިޒާމު ބައްޓަންކުރުމެވެ. ނުވަތަ އެނޫން އުނިކަމެއް ނިޒާމުގައިވާނަމަވެސް (މިޘާލަކަށް: ޙުކުމްތައް ތަންފީޒުނުކޮށް މަޢާފުދިނުން) ލާޒިމުވެގެންވަނީ އެއުނިކަމަކީ ކޮބާތޯ ސާފުކޮށް ފާހަގަކޮށް، އިޞްލާޙުކޮށް އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމް ކުރުމަށެވެ. ހުޅަނގުގެ ޤައުމުތަކުން ނުފޫޒުފޯރުވާތީވެ މިފަދަ ބަހަނާތައް ދައްކާ އިސްލާމީ އުޞޫލުތައް ވެއްޔާމޮޑެލާފާ ހަދާ ޤާނޫނުތަކަކުން ޤައުމެއް އިޞްލާޙުކުރުމަކީ ވާނޭ ކަމެއްނޫނެވެ.

ޚުލާޞާ

އެއްވެސް މަޖުބޫރުކަމެއްނެތި ބުއްދިސަލާމަތުން ހުރެ މަރުގެ އަދަބު ކަނޑައެޅިފައިވާ ޖަރީމާއަކަށް އިޤުރާރުވުން އޭނާގެ މައްޗަށް އެޙުކުމް ޘާބިތުކުރުމުގައި އެއީ ޙުއްޖަތެކެވެ.

މިފަދަ ކަންކަމުގައި އިޤުރާރަކީ ޞައްޙަ އިޤްރާރެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ޤާޟީން ކަންތައް ކުރާނޭ ގޮތުގެ ތަފްޞީލުތައް ފިޤުހު ފޮތްތަކުގައި ޛިކުރުކުރެވިފައިވެއެވެ. އިސްލާމީ ޝަރީޢަތަކީ ފުރިހަމަ ޝަރީޢަތެކެވެ. ވަޟަޢީ ޤާނޫނުތައްފަދަ އުނި އެއްޗެއް ނޫނެވެ.

والله تعالى أعلم.

______________________________

މިލިޔުމަށް މައިގަނޑު ގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ عقوبة الإعدام /  محمد سعد الغامدي / ص: ١١١-١١٨ / طبعة: مكتبة دار السلام.