އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތަކީ އާޚިރަތަށް ތައްޔާރުވުމަށްޓަކައި މަސައްކަތް ކުރަން އޮތް ތަނެވެ. ދާއިމީ ގޮވެތި ބިނާކުރަން އޮތް މަސައްކަތުގެ މައިދާނެވެ. އަޅުގަނޑުމެންގެ މަސައްކަތް ކަމުގައި ވާންޖެހޭނީ ﷲ އަށް އީމާންވެ ﷲ ގެ މަދަދަށް އެދި ހެޔޮ ޢަމަލު ކުރުމެވެ. އެ ދާއިރާގެ ބޭރުން އަޅުގަނޑުމެން ކުރާ ކަންތައްތަކަކީ ބާޠިލްވެގެންވާ ކަންކަމެވެ. އަޅުގަނޑުމެން މިއަދު ޢަމަލުގެ މައިދާނުގައި އުޅޭއިރު ވަރަށް ވެސް ހުޝިޔާރުވާންޖެހެއެވެ. ސަބަބަކީ، ހުޝިޔާރު ނުވެވިއްޖެ ކަމުގައިވަނީނަމަ އާޚިރަތް އަބާއްޖަވެރިވެގެން ހިނގައިދާނެތީއެވެ. ފަރުވާ ކުޑަކުރެވިއްޖެ ކަމުގައި ވަނީނަމަ އަލުން ޢަމަލު ކުރާނެ ފުރުޞަތެއް ހަމަ ގައިމުވެސް ނުލިބޭނެއެވެ. އަދި މިއާއިއެކު ކޮންމެ މީހަކަށްވެސް ޢަމަލު ކުރުމުގައި އަމިއްލަ ބާރާއި ފުރިހަމަ އިޚްތިޔާރު ލިބިގެންވެއެވެ. އަދި ހަމަ އެހެންމެ އެމީހަކު ކުޅަ ޢަމަލެއްގެ ޒިންމާ ނަގަންޖެހޭނީވެސް ހަމަ އެމީހެކެވެ.
މާތްﷲ ޥަޙީ ކުރައްވިއެވެ
مَّنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ
މާނައީ: ” صالح عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ نفس އަށެވެ. އަދި ނުބައި عمل އެއްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ نفس ގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ. “
ވަރަށް މޮޅަށް ވަޑާންކުރާ މުސްކުޅި އެއްގެ ވާހަކަ މިފުރުޞަތުގައި އަޅުގަނޑު ޒިކުރުކޮށްލާނަމެވެ. މި މީހާ ވަޑާންކުރާތާ އެތައް އަހަރުތަކެއް ފާއިތުވެ ހިނގައްޖެއެވެ. އަދި މީނާ މަސައްކަތް ކޮށްފައިވަނީ ޝަޢުގުވެރިކަމާއި އެކުއެވެ. އެހެންނަމަވެސް ފަހަކަށްއައިސް މަސައްކަތް ކުރުމަށް ޞިއްޙަތު ތަން ނުދިނުމުގެ ސަބަބުން ވަޑާންކުރުން ދޫކޮށްލުމަށްފަހު ޢާއިލާ އާއިއެކު ޢުމުރުގެ ފަހު ދުވަސްތައް ހޭދަ ކުރަން މި މުސްކުޅި މީހާ ނިންމިއެވެ. ވަޑާންކުރާމީހާ އޭނާގެ ކޮންޓްރެކްޓާރ އަށް މިވާހަކަ ދެންނެވިއެވެ. އަދި އެ މުސްކުޅި މީހާ ބޭނުންވާގޮތް އެ މުސްކުޅި މީހާގެ ކޮންޓްރެކްޓާރގެގާތު ކިޔައިދިނެވެ. އާމްދަނީ ނުލިބުނަސް އެންމެ ރަނގަޅު ކަމަށް ނިންމައި ވަޒީފާއިން ވަކިވާން އެ މުސްކުޅިމީހާ ނިންމިއެވެ.
ކޮންމެއަކަސް ކޮންޓްރެކްޓާރ ވަރަށް ދެރަވިއެވެ. ސަބަބަކީ އެ މުސްކުޅި މީހާއަކީ އޭނާގެ އެންމެ މޮޅު ވަޑިކަމުގައި ވީތީއެވެ. އަދި އޭނާ ވަޒީފާ ދޫކޮށްލާފައިދިއުމުން ވަޒީފާއަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަންނާނެތީ އެކަމާ ކޮންޓްރެކްޓާރ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެހެންނަމަވެސް އެ މުސްކުޅި މީހާ ވަޒީފާއިން ވަކި ކޮށްދިނުމަށް ކޮންޓްރެކްޓާރ ނިންމިއެވެ. ޝަރުތަކާވެސް އެކުއެވެ. އެއީ މުސްކުޅި މީހާ ދިއުމުގެ ކުރީން އެންމެ ފަހު މަސައްކަތެއްގެ ގޮތުގައި ގެއެއް އަޅައިދިނުމެވެ. އެ މުސްކުޅި މީހާ އެކަމަށް އެއްބަސްވިއެވެ. އެހެންނަމަވެސް ވަޒީފާ އަށް ހުރި ޝަޢުގުވެރިކަން ކުޑަވުމުގެ ސަބަބުން އޭނާ އެ މަސައްކަތް ކުރަން ފެށީ ވަރަށްވެސް ފަރުވާ ކުޑަކަމާއި އެކުއެވެ. މަސައްކަތް ކުރިޔަށް ގެންދިޔައެއްކަމަކު އޭނާގެ ހިތްވަނީ އެކަމާ މުޅީން ދުރުގައެވެ. ކޮންމެއަކަސް އެތައްދުވަހެއްގެ މަސައްކަތަށްފަހު މަސައްކަތް ނިންމައިފިއެވެ.
މަސައްކަތް މުޅީން ނިމުމުން ކޮންޓްރެކްޓާރ އެ މުސްކުޅި މީހާއަށް ގޮވާފައި ކަރުދާސް ލިޔެކިޔުންތަކަކާ އެގޭގެ ދޮރު ތަޅުތަނޑި އެ މުސްކުޅިމާހާއާއި ހަވާލު ކުރިއެވެ. އަދި ބުންޏެވެ. މި ގެއަކީ މިއީ ބޭބެ އަހަރެންނާއި އެކީ އެހާ ގިނަ ދުވަހު މަސައްކަތް ކުރުމުގެ ސަބަބުން ދޭ ކުޑަކުޑަ ހަދިޔާއެކެވެ. މި ހަދިޔާގައި ހިފާށެވެ. މުސްކުޅިމީހާ އަށް ލިބުނީ ސިހުމެކެވެ. މިކަން ހިނގާނީ މިގޮތަށްކަން އެނގުނުނަމަ އެ މުސްކުޅިމީހާ ގޭގޭ މަސައްކަތް ކުރީހީ އޭނާއަށް ވެވުނު އެންމެ ރަނގަޅަށްކަން ޔަގީނެވެ. އެހެންނަމަވެސް ކުރާނީ ކީއްތޯއެވެ. ވަގުތު ފާއިތުވެ ދިޔައީއެވެ.
ނިކަން ވިސްނަވާ ބައްލަވާށެވެ. އަޅުގަނޑުމެންގެ ޙަޔާތަކީ މިހަކަހަލަ ޙަޔާތަކަށް ވެދާނެ ނޫންތޯއެވެ؟ ﷲ ތަޢާލާ އަޅުގަނޑުމެން ދުނިޔެއަށް ފޮނުއްވީ އަޅުގަނޑުމެންގެ ޢަމަލު ތަކުގެ ސަބަބުން އަޅުގަނޑުމެންގެ އާޚިރަތް ބާއްޖަވެރިކުރުމަށް ފުރުޞަތު ދިނުމަށްޓަކައެވެ. ވަގުތު ފާއިތުވުމުގެ ކުރީން މަސައްކަތް ފަށަމާ ހިނގާށެވެ. އެހެންނޫނީ އެ މުސްކުޅި ބޭބެއަށް ވީހެން ހަމަ އަޅުގަނޑުމެންނަށްވެސް ވެދާނެއެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ. ފުރުޞަތު ނަގާނުލަމާ ހިނގާށެވެ.