މުތަރުޖިމުގެ ބަސް
الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
މިއީ ސުޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު حفظه الله ގެ ރިސާލާއެއްކަމަށްވާ (أربعون نصيحة لإصلاح البيوت) ގެ ތަރުޖަމާއެވެ.
ދަންނައެވެ. މުޖުތަމަޢުތައް އިޞްލާޙުވާނީ މީސްތަކުން ދިރިއުޅޭ ގެތައް އިޞްލާޙުކުރެވިގެންނެވެ. އިޞްލާޙުކުރުމުގެ އެންމެ ފުރަތަމަ މަދަރުސާއަކީ ގޯތިގެދޮރެވެ. ރަނގަޅު ވެއްޓެއް ގޭތެރޭގައި ޤާއިމުކުރުމަކީ އެ ގެތަކުން ރަނގަޅު ޖީލެއް ނުކުތުމުގެ ބިންގަލެވެ. އެހެންކަމުން މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނުހަނު ބޭނުންވެފައިވާ މައުޟޫޢުއެއްކަމަށް ޤަބޫލުކުރަމެވެ.
ދުޢާއަކީ، މިމަސައްކަތުގައި ﷲ ތަޢާލާ ބަރަކާތްލައްވާ، ޙައްޤުމަގުގައި ފައިތިލަ ޘާބިތުކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވުމެވެ!
މުޤައްދިމާ
إن الحمد لله، نحمده ونستعينه، ونستغفره، ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمداً عبده ورسوله، أما بعد:
ހަމަކަށަވަރުން އެންމެހާ ޙަމްދުވަނީ ﷲ ތަޢާލާއަށެވެ. އަޅަމެން އެއިލާހަށް ޙަމްދުކުރަމެވެ. އަދި އަޅަމެން ވާތްގަށާއި ފާފަ ފުއްސަވައިދެއްވުމަށް އެދެނީ ހަމައެކަނި އެއިލާހުގެ ޙަޟްރަތުންނެވެ. އަދި އަޅަމެންގެ ނަފްސުގެ ނުބައިކަމުންނާ އަދި ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކަމަށް އެދެނީވެސް އެއިލާހުގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާ ހިދާޔަތު ދައްކަވައިފި މީހަކަށް، ފަހެ، އޭނާ މަގުފުރައްދާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު މަގުފުރައްދަވައިފި މީހަކަށް، ފަހެ، ތެދުމަގު ދައްކާނެ ފަރާތެއް ނުވެއެވެ. ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެއަށްފަހު ދަންނައެވެ.
ގެއަކީ ނިޢުމަތެއް
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(وَاللَّـهُ جَعَلَ لَكُم مِّن بُيُوتِكُمْ سَكَنًا …) [سورة النحل ٨٠]
މާނައީ: “އަދި ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ﷲ ލެއްވިއެވެ …”
އިބްނު ކަޘީރު (رحمه الله) ވިދާޅުވި ބަސްފުޅުގެ މާނައިގައިވެއެވެ.
މާނައީ: “މިތަނުގައި ﷲ ތަބާރަކަ ވަތަޢާލާ ޛިކުރު ކުރައްވާފައި މިވަނީ، އެއިލާހުގެ އަޅުތަކުންނަށް ފުރިހަމަކޮށްދެއްވާފައިވާ އެއިލާހުގެ ނިޢުމަތްތަކެވެ. އެއިލާހުވަނީ އެބައިމީހުން އެތަނުގައި ދިރިއުޅުމަށްޓަކައި ގެދޮރު ލައްވާފައެވެ. އެއީ އެތަނަށް އެނބުރި ދިޔުމަށްޓަކައެވެ. އަދި އެތަނުން ހިޔާވަހިކަން ލިބުމަށްޓަކައެވެ. އަދި އެންމެހާ ގޮތަކުން އެތަނުގެ މަންފާ އެބައިމީހުން ލިބިގަތުމަށްޓަކައެވެ.” [تفسير ابن كثير]
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ގެއެއްގެ މިޘާލަކީ ކޮބާ ހެއްޔެވެ؟ އެއީ އެތަނެއްގައި އެބައިމީހުން ކައި، އަނބީންނާއެކު ހިތްހަމަޖެހުން ލިބިގަނެ، ނިދާ، އަރާމުކޮށްހަދާ ތަން ނޫން ހެއްޔެވެ؟ އަދި އެއީ އެތަނެއްގައި އެބައިމީހުން އެކަހެރިވެ އުޅޭ، އަދި އަހުލުންނާއި ދަރީންނާ ބައްދަލުކޮށްހަދާ ތަން ނޫން ހެއްޔެވެ؟ އެއީ އަންހެނާ ފަރުދާކޮށް އޭނާ ރައްކާތެރިކޮށްދޭ ތަން ނޫން ހެއްޔެވެ؟
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى …) [سورة الأحزاب ٣٣]
މާނައީ: “އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ. އިހުގެ ޖާހިލިއްޔަ ޒަމާނުގައި ޒީނަތްތެރިކަން ފާޅުކޮށްއުޅުނު ފަދައިން ތިޔަކަނބަލުން ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ …”
ވަގުތީ ހިޔާތަކާއި މަގުތަކުގައި އުޅޭމީހުންނާ، އުޅޭނެ ވަކިތަނެއް ނެތި ރެފިއުޖީ ކޭމްޕްތަކުގައި އުޅެމުންދާ މީހުންފަދަ ގެދޮރުނެތް މީހުންގެ ޙާލަތު ތިބާއަށް އެނގިއްޖެނަމަ ގެދޮރަކީ ކިހާބޮޑު ނިޢުމަތެއްކަން އިޙްސާސް ކުރެވޭނެއެވެ.
“އަހަރެން ޤަރާރުވާނެ ތަނެއް ނެތެވެ. ހުންނާނެ ވަކި ތަނެއް ނެތެވެ. ބައެއް ފަހަރު އަހަރެން ނިދަނީ އެވެނި މިވެނި މީހެއްގެ ގޭގައެވެ. އަނެއްބައިފަހަރު ޕާކެއް ނުވަތަ ކެފޭއެއްގައެވެ. ނުވަތަ ކަނޑުގެ އައްސޭރިފަށުގައެވެ. އަދި އަހަރެންގެ އަންނައުނުތައް ބަހައްޓަނީ އަހަރެންގެ ކާރުގައެވެ.”
ގެދޮރު ނެތުމުގެ ސަބަބުން މާޔޫސްވެފައިވާ މީހަކު މިފަދައިން ބުނާއަޑު ތިބާއަށް އިވޭހިނދު ގެދޮރުގެ ނިޢުމަތުން މަޙްރޫމުވުމުން ކުރިމަތިވާ އުނދަގޫތައް އިޙްސާސް ކުރެވޭނެއެވެ.
ބަނުއްނަޟީރުގެ ޔަހޫދީންނަށް ﷲ ތަޢާލާ ޢުޤޫބާތް ދެއްވިހިނދު، އެއިލާހު އެބައިމީހުންނަށް ދެއްވި ނިޢުމަތްތައް ގެންދެވިއެވެ. އަދި އެބައިމީހުންގެ ގެތަކުން އެބައިމީހުން ނެރުއްވިއެވެ. ފަހެ، ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِن دِيَارِهِمْ لِأَوَّلِ الْحَشْرِ …) [سورة الحشر ٢]
މާނައީ: “އެއިލާހީ އަހުލުކިތާބީންގެ ތެރެއިން ކާފިރުވިމީހުން އެބައިމީހުންގެ ގޯތިގެދޮރުން ފުރަތަމަ އެއްވުމުގައި ނެރުއްވި އިލާހެއެވެ …”
ދެން އެއަށްފަހު ވަޙީކުރެއްވިއެވެ.
(… يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ) [سورة الحشر ٢]
މާނައީ: “… އެބައިމީހުންގެ ގެތައް އެބައިމީހުންގެ އަތްތަކުންނާ އަދި މުއުމިނުންގެ އަތްތަކުން ހަލާކު ކުރެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ. ފަހެ، ތިޔަބައިމީހުން ޢިބުރަތް ލިބިގަންނާށެވެ.”
=ނުނިމޭ=