[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (2)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ގެދޮރު އިޞްލާޙް ކުރުމުގައި މުއުމިނުން އިސްކަންދޭންޖެހޭ ކަންތައްތަކެއްވެއެވެ.

*  ފުރަތަމަކަމަކީ: އޭނާގެ ނަފްސާއި އަހުލުން ނަރަކައިގެ އަލިފާނުން ރައްކާތެރިކުރުމެވެ. އަދި އަލިފާނުގެ ޢަޛާބުން ސަލާމަތްކުރުމެވެ.

(يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارً‌ا وَقُودُهَا النَّاسُ وَالْحِجَارَ‌ةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّـهَ مَا أَمَرَ‌هُمْ وَيَفْعَلُونَ مَا يُؤْمَرُ‌ونَ) [سورة التحريم ٦]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުން، ނަރަކައިން ސަލާމަތްކުރާށެވެ. އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެއެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެއެވެ.”

*  ދެވަނަކަމަކީ: ﷲ ތަޢާލާގެ ޙަޟްރަތުގައި، އަޅާގެ ޙިސާބުބެއްލެވޭ ދުވަހު، ގޭގެ މަސްއޫލުވެރިޔާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ ބޮޑުކަމެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((إِنَّ اللهَ تَعَالَى سَائِلٌ كُلَّ راعٍ عَمَّا اسْتَرْعَاهُ أَحَفِظَ ذَلِكَ أَمْ ضَيَّعَهُ ، حَتَّى يَسْأَلَ الرَّجُلَ عَنْ أَهْلِ بَيْتِهِ)) [حسنه الألباني في صحيح الجامع الصغير وزياداته ١٧٧٤]

މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ކޮންމެ މަސްއޫލުވެރިއަކާ އެމީހެއްގެ މަސްއޫލުވެރިކަމުގެ ދަށުގައިވާ ފަރާތްތަކާބެހޭ ގޮތުން ސުވާލު ކުރައްވާނެއެވެ. (އެމީހެއްގެ މަސްއޫލިއްޔަތާމެދު) ރައްކާތެރިވިތޯ ނުވަތަ (އެކަމަށް) ފަރުވާކުޑަކުރިތޯއެވެ. އަދި ފިރިހެނާއަށް އޭނާގެ އަހުލުންނާމެދު ސުވާލު ކުރައްވާނެއެވެ.”

 

* ތިންވަނަކަމަކީ: ހަމަކަށަވަރުން އެއީ އޭނާގެ ނަފްސު ރައްކާތެރިކުރާތަނެވެ. އަދި ނުބައި ކަންކަމުން އެހެންމީހުން ރައްކާތެރިކުރާތަނެވެ. އަދި ފިތުނައިން ރައްކާތެރިވުމަށް އޮތް ޝަރުޢީ ގޮތަކީ އެއީއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((طُوبَى لِمَنْ مَلَكَ لِسَانَهُ ، وَوَسِعَهُ بَيْتُهُ ، وَبَكَى عَلَى خَطِيئَتِهِ)) [حسنه الألباني في صحيح الجامع الصغير وزياداته ٣٩٢٩]

މާނައީ: “ދޫ ރައްކާތެރިކޮށް، އޭނާގެ ގެއާމެދު ފުދުންތެރިވެ، އޭނާގެ ފާފަތަކާމެދު ރޮއެ ހިތާމަކުރާމީހާއަށް ސުވަރުގޭގައި ގަހެއްވެއެވެ. (ނުވަތަ ރަނގަޅުކަންވެއެވެ.)”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((خَمْسٌ مَنْ فَعَلَ وَاحِدَةً مِنْهُنَّ كَانَ ضَامِنًا عَلَى اللهِ: مَنْ عَادَ مَرِيضًا، أَوْ خَرَجَ غَازِيًا، أَوْ دَخَلَ عَلَى إِمَامِهِ يُرِيدُ تَعْزِيزَهُ وَتَوْقِيرَهُ، أَوْ قَعَدَ فِي بَيْتِهِ فَسَلِمَ النَّاسُ مِنْهُ وَسَلِمَ مِنَ النَّاسِ)) [صححه الألباني في صحيح الجامع الصغير وزياداته  ٣٢٥٣]

މާނައީ: “ފަސް ކަމެއްވެއެވެ. އޭގެ ތެރެއިން އެންމެ ކަމެއްކޮށްފި މީހަކަށްވެސް [ސުވަރުގެ ވަންނާނެކަމުގެ] ޔަޤީންކަން ﷲ ދެއްވައެވެ. (އެއީ) ބަލިމީހަކަށް ޒިޔާރަތްކުރިމީހާއާއި، ޖިހާދަށް ނުކުތްމީހާއާއި، މުސްލިމުންގެ އިމާމަށް ވާގިދީ މާތްކޮށްހިތުމުގެ ގޮތުން އޭނާގެ ގާތަށް ދިޔަމީހާ އަދި ގޭގައި ހުރުމުން މީސްތަކުންގެ ކިބައިން އޭނާ ސަލާމަތްވެ، އޭނާގެ ކިބައިން މީސްތަކުން ސަލާމަތްކުރިމީހާއެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((سَلَامَةُ الرَّجُلِ فِي الفِتْنَةِ أَنْ يَلْزَمَ بَيْتَهُ)) [حسنه الألباني في صحيح الجامع الصغير وزياداته  ٣٦٤٩]

މާނައީ: ” ގޭގައި ޤަރާރުވެ ހުރުމަކީ މީހާ ފިތުނައިން ސަލާމަތްކޮށްދޭ ކަމެކެވެ.”

މިއަމުރުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ، ބީރައްޓެހި ރަށެއްގައި ދިރިއުޅޭއިރު އޭނާއަށް ބާރު ނުފޯރުވޭ ގިނަގުނަ މުންކަރާތްތަކެއް ފެތުރޭ ހިނދެވެ. އެއީ ގެއަށް ވަނުމުން ޙަރާމް ޢަމަލުތަކާއި ޙަރާމް ތަކެއްޗަށް ބެލުމުން އޭނާގެ ނަފްސު ޙިމާޔަތް ކޮށްދޭނެތީއެވެ. އަދި ޒީނަތްތެރިކަން ފާޅުކުރުމުން އޭނާގެ އަހުލުން ރައްކާތެރިކޮށްދޭނެތީއެވެ. އަދި އޭނާގެ ދަރިން ނުރަނގަޅު އެކުވެރިންގެ ކިބައިން ރައްކާތެރިކޮށްދޭނެތީއެވެ.

 

*  ހަތަރުވަނަކަމަކީ: ހަމަކަށަވަރުން މީސްތަކުން ގިނަ ވަގުތު ހޭދަކުރަނީ ގޭތެރޭގައެވެ. ޚާއްޞަކޮށް ހޫނުގަދަ އަދި ފިނިގަދަ ވަގުތުތަކުގައެވެ. އަދި ދުވާލުގެ ކުރީކޮޅާއި ފަހުކޮޅުގައެވެ. އަދި މަސައްކަތް ނުވަތަ ކިޔެވުން ނިންމާފައި ލިބޭ ވަގުތުތަކުގައެވެ. މިވަގުތުތައް ހޭދަކުރަންޖެހޭނީ ހެޔޮކަންތައްތައް ކުރުމުގައްޔާއި އަޅުކަމުގައެވެ. ނޫންނަމަ ނުރަނގަޅު ކަންތައްތައް ކުރުމުގައި މިވަގުތުތައް ބޭކާރުވެގެން ހިނގައިދާނެއެވެ.

 

* ފަސްވަނަކަމަކީ: މިއީ އެންމެ މުހިންމު ކަންތަކެވެ. ގޭތެރެއަށް ސަމާލުކަން ދިނުމަކީ މުސްލިމު މުޖުތަމަޢުއެއް ބިނާކުރުމަށް އޮތް އެންމެ މުހިންމު ވަސީލަތެވެ. މުޖުތަމަޢުއެއް ބިނާވެގެން އަންނަނީ ގެތަކެއްގެ މައްޗަށެވެ. ގެތަކުން އަވަށެއް އުފެދެއެވެ. އަދި އަވަށަކުން މުޖުތަމަޢުއެއް އުފެދެއެވެ. ގެތައް ވަރުގަދަވެއްޖެނަމަ އެމުޖުތަމަޢުއަކީ ﷲ ގެ ޙުކުމްތަކުގެ ކުރިމަތީގައި ވަރުގަދަ މުޖުތަމަޢަކަށްވެއެވެ. އަދި ﷲ ތަޢާލާގެ ޢަދުއްވުންގެ ކުރިމަތީގައި ގަދައަށް ހިފަހަށްޓާލެވޭފަދަ މުޖުތަމަޢަކަށްވެއެވެ. ހެޔޮކަންތައްތަކުން އަލިވެގެންވެއެވެ. އަދި ނުބައި ކަންތައްތަކުން ދުރުވެގެންވެއެވެ.

ފަހެ، މުސްލިމު ގެތަކުން މުޖުތަމަޢުއަށް ނިކުންނާނީ އެ މުޖުތަމަޢު އިޞްލާޙު ކުރާނޭ ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ދާޢީން ތަކެކެވެ. އަދި ޢިލްމު ހޯދުމަށް މަސައްކަތްކުރާ ދަރިވަރުންތަކެކެވެ. އަދި ތެދުވެރި މުޖާހިދުން ތަކެކެވެ. އަދި ޞާލިޙު އަނބިންތަކެކެވެ. އަދި އޯގާތެރި މައިން ތަކެކެވެ. އަދިވެސް އެފަދައިން މުޖުތަމަޢު އިޞްލާޙުކުރާނޭ މީހުންނެވެ.

 

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް