އަމާނާތްތެރިކަމަކީ ޚިޔާނާތުގެ އިދިކޮޅެވެ. އަމާނާތްތެރިކަމަކީ ވަރަށް ފުޅާ މާނައެއްގައި، އަދި އެތައް ވައްތަރެއް ހިމެނޭ ކަމެކެވެ. މިގޮތުން:
(1) އެންމެ ބޮޑު އަމާނާތަކީ ދީނެވެ. އެއީ އެދީނުގައި އަންގަވާފައިވާގޮތަށް އުޅުމާއި، ދީން އެހެންމީހުންނަށް ފޯރުކޮށްދިނުމެވެ.
(2) ﷲ ދެއްވި ކޮންމެ ނިޢުމަތަކަށް އަމާނާތްތެރިވުން. ފެނުމާއި، އިވުމާއި، އަތާއި ފަޔާއި އަދި މިނޫން އެންމެހާ ނިޢުމަތްތަކެކެވެ. މި ނިޢުމަތްތައް ﷲ ރުއްސަވާގޮތަށް މެނުވީ ބޭނުން ނުކުރުމަކީ އަމާނާތްތެރިވުމެވެ.
(3) އަބުރާއި ޢިއްޒަތަކީ އަމާނާތެކެވެ. ތިމާގެ އަބުރާއި ޢިއްޒަތް ދިފާޢުކުރުމަކީ އަމާނާތްތެރިވުމެކެވެ.
(4) ދަރިންނަކީ އަމާނާތެކެވެ. އެކުދިން ރައްކާތެރިކުރުމާއި، ތަރުބިއްޔަތުކުރުމަކީ އަމާނާތެކެވެ.
(5) އެމީހަކާ ޙަވާލުކުރެވޭ ވަޒީފާއަކީ އަމާނާތެކެވެ. އެކަމަށް ފަރުވާކުޑަކުރުމަކީ ޚިޔާނާތެކެވެ. عن أبي هريرة –رضي الله عنه- قال : قال صلى الله عليه وسلم: ((إذا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ، قال: وَكَيفَ إِضَاعَتُها يارسول الله؟ قال: إِذَا اُسْنِدَ الأَمْرُ إِلىَ غَيْرِ أَهْلِهِ، فَانْتَظِرِ السَّاعَة)) މާނައީ: ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “އަމާނާތްތެރިކަން ގެއްލިއްޖެނަމަ، ފަހެ ޤިޔާމާތަށް އިންތިޒާރުކުރާށެވެ.” ސުވާލުކުރެއްވިއެވެ. ﷲގެ ރަސޫލާއެވެ! އަމާނާތް ގެއްލޭނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ކަންކަން އެކަމުގެ އަހުލުވެރިން ނޫން މީހުންނާ ޙަވާލުކުރެވިއްޖެނަމަ ޤިޔާމަތަށް އިންތިޒާރުކުރާށެވެ.”
(6) ސިއްރުތަކަކީ އަމާނާތެކެވެ. މީހެއްދެކެ އަންނަރުޅިންވެސް ސިއްރު ފާޅުކުރުމަކީ ޚިޔާނާތެކެވެ.
(7) ރައްކާކުރުމުގެ ގޮތުން ޙަވާލުކުރެވޭ މުދަލާއި، ފައިސާފަދަ ތަކެއްޗަށް އަމާނާތްތެރިވުންވެއެވެ.
އަމާނާތްތެރިވުމަށް އަންގަވާފައިވުން:
(1) ﷲ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا)) ﴿النساء: ٥٨﴾ މާނައީ: “ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ.”
(2) އަމާނާތްތެރިކަމަކީ މުއުމިނުންގެ ޞިފައެއް ކަން ބަޔާންކުރައްވާފައިވެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ)) ﴿المؤمنون: ٨﴾ މާނައީ: “އަދި އެއުރެންނީ އެއުރެންގެ أمانة ތަކަށާއި އެއުރެންގެ عهد ތަކަށް ރައްކާތެރިވާ މީހުންނެވެ.”
(3) ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. ((أدِّ الأمانة إلى مَن ائتمنك، ولا تَخُن مَن خانك)) މާނައީ: “ތިބާއަށް އަމާނާތް ޙަވާލުކުރިމީހަކަށް އަމާނާތް އަދާކުރާށެވެ. އަދި ތިބާއަށް ޚިޔާނާތް ތެރިވިމީހަކަށް ޚިޔާނާތްތެރިނުވާށެވެ.”