ޔަހޫދީންގެ މަކަރުވެރިކަމާއި ޙީލަތުގެ އަސަރު ވަރަށް ބޮޑަށް އިސްލާމްދީނަށް ކޮށްފައިވެއެވެ. އެންމެފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ފާޅުވާނެ ދުވަސްވަރާއި، އެކަލޭގެފާނުގެ ސިފަފުޅުތަކާއި، އެކަލޭގެފާނު އުޅުއްވާނެ ތަނުގެ ސިފަތައް ޔަހޫދީންނާއި ނަޞާރާއިންގެ ފޮތްތަކުގައި ބަޔާންވެގެންވެއެވެ. އެބައިމީހުންނަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ އެނގިގެންވެއެވެ. މިކަން ބަޔާންކުރައްވައި ﷲ ވަޙީ ކުރައްވާފައިވެއެވެ. [الَّذِينَ آتَيْنَاهُمْ الْكِتَابَ يَعْرِفُونَهُ كَمَا يَعْرِفُونَ أَبْنَاءَهُمْ] [1] މާނައީ: “ތިމަންރަސްކަލާނގެ އެބަޔަކަށް ފޮތް ދެއްވި މީހުން، އެބައިމީހުންގެ ދަރިން ދަންނަ ފަދައިން އެބައިމީހުން އެކަލޭގެފާނު (އެބަހީ: މުޙައްމަދުގެފާނު) ދަނެއެވެ.” ހަމައެހެންމެ، ނަބިއްޔާ ފާޅުވާނެ ބިމަކީ އެއިރުގެ ޔަޘްރިބު (މަދީނާ) ކަން އެބައިމީހުންނަށް އެނގޭތީ، އެބިމަށް އެބައިމީހުން ތިބީ ހިޖުރަކޮށްގެންނެވެ. ޔަހޫދީން އެބިމުގައިވާ ދެޤަބީލާކަމުގައިވާ އަވްސްއާއި ޚަޒްރަޖުއާ ދެމެދު ފިތުނަ އުފައްދައި، އެދެޤަބީލާ ދެމެދު ދޭތެރެޖައްސައި ހަދައިއުޅުނެވެ. ޔަހޫދީންގެ މިޢަމަލުތަކުގެ ސަބަބުން ބައެއް ފަހަރަށް މިދެޤަބީލާ ދެމެދުގައި ހަނގުރާމައިގެ އަލިފާގަނޑު ރޯވެ، އެތައް އަހަރަކަށް ހަނގުރާމަ ދެމިގެން ދެއެވެ. މަދީނާގެ ކަންތައްތައް މިފަދަ ދަރަޖައެއްގައި ވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވިއެވެ. އެކަލޭގެފާނު މިދެޤަބީލާގެ މީހުން މަސަލަސްކުރެއްވިއެވެ. އަދި އެދެޤަބީލާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތަށް ވަދެގެން ދިޔައެވެ.
ޔަހޫދީންނަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ ޙައްޤު ރަސޫލެއްކަން އެނގިގެން ދިޔައެވެ. އެބައިމީހުން ހީކޮށްގެން ތިބީ ފަހުގެ ރަސޫލާ ފާޅުވާނީ ޔަހޫދީންގެ ތެރެއިން ކަމަށެވެ. ނަމަވެސް އެބައިމީހުން އުއްމީދުކުރަމުން އައި އުއްމީދުކުރުން ބޭކާރުވެގެން ދިޔައެވެ. ޢަރަބިންގެ ތެރެއިން ރަސޫލާފާޅުވީތީ އެކަމާ ހަސަދަވެރިވެ، ބޮޑާވެގަނެ، ދެނެތިބެ އެކަލޭގެފާނު ދޮގުކޮށް ހެދިއެވެ. ފާޅުގައި ޙައްޤަށް އިންކާރުކުރިއެވެ. މިގޮތުން އިސްލާމްވުމުގެ ކުރީގައި ޔަހޫދީންގެ ޢިލްމުވެރިއެއް ކަމުގައިވި ޢަބްދުﷲ ބުން ސަލާމް ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގެންނެވުމުގެ ޙާދިޘާ ބަޔާންވެގެންވި ޙަދީޘްގައިވެއެވެ. ޢަބްދުﷲ ބުން ސަލާމް، ރަސޫލާއަށް ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ޔަހޫދީންނަކީ ދޮގުހަދާ ބައެކެވެ. ތިމަން އިސްލާމްވުމުގެ ޚަބަރު އެބައިމީހުން ދިނުމުގެ ކުރިން ތިމަންނައާ ބެހޭގޮތުން އެބައިމީހުންނާ ސުވާލުކުރައްވާށެވެ.” ޔަހޫދީން އައުމުން، ރަސޫލާ އެބައިމީހުންނަށް ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ މެދުގައި ޢަބްދުﷲ ބުން ސަލާމަކީ ކޮންފަދަ މީހެއް ހެއްޔެވެ؟” ޔަހޫދީން ދެންނެވިއެވެ. “އޭނައަކީ ތިމަންމެންގެ އެންމެ ހެޔޮމީހާއެވެ. އަދި ތިމަންމެންގެ ހެޔޮމީހެއްގެ ދަރިއެކެވެ. އަދި ތިމަންމެންގެ ތެރެއިންވާ އެންމެ މަތިވެރިމީހާއެވެ. އަދި ތިމަންމެންގެ މަތިވެރިމީހެއްގެ ދަރިއެކެވެ.” ރަސޫލާ ޙަދީޘް ކުރެއްވިއެވެ. “އޭނާ އިސްލާމްވުމާމެދު ތިޔަބައިމީހުން ދެކޭގޮތަކީ ކޮބައި ހެއްޔެވެ؟” އެބައިމީހުން ބުންޏެވެ. “ތިކަމުން ﷲ އޭނާ ސަލާމަތްކުރައްވާށިއެވެ!” ރަސޫލާ ހަމައެސުވާލު ތަކުރާރުކުރެއްވުމުންވެސް އެބައިމީހުން ދިނީ ހަމައެޖަވާބެވެ. އެހިނދު ޢަބްދުﷲ ބުން ސަލާމް އެބައިމީހުންގެ ތެރެއަށް ނުކުމެވަޑައިގެން އިސްލާމްކަން އިޢްލާން ކުރެއްވިއެވެ. އެހިނދު އެބައިމީހުން ބުންޏެވެ. “އޭނައަކީ ތިމަންމެންގެ ތެރެއިންވާ އެންމެ ނުބައިމީހާއެވެ. އަދި ތިމަންމެންގެ ތެރެއިންވާ ނުބައިމީހެއްގެ ދަރިއެކެވެ.”[2]
މިބައިމީހުން ދިޔައީ ތަފާތު ގޮތްގޮތުން ﷲގެ ރަސޫލާއަށް ދުއްތުރާކުރަމުންނެވެ. ބަހުންނާއި ޢަމަލުންނެވެ. މިގޮތުން އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް ރޭވިއެވެ. އެކަލޭގެފާނަށް ސިޙުރު ހެދިއެވެ. ކާތަކެއްޗަށް ވިހަ ލައިފައި އެކަލޭގެފާނަށް އެރުވިއެވެ. އަދި މުސްލިމުންގެ ސަފުތައް ބައިބައިކުރުމަށް ތަފާތު މަސައްކަތްތައްކޮށް، މުސްލިމުންނާ ދެކޮޅަށް މުޝްރިކުންނަށް ވާގިވެރިވިއެވެ.
މިބައިމީހުންގެ މަކަރުވެރިކަން މުސްލިމުންނާދެކޮޅަށް އާހިތްވަރަކާއެކު މަސައްކަތް ފެށީ އުޘްމާނުގެފާނުގެ ޚިލާފަތުގައި ޢަބްދުﷲ ބުން ސަބާގެ ބެލުމުގެ ދަށުންނެވެ. ޢުޘްމާންގެފާނުގެ ޚިލާފަތާމެދު މީސްތަކުންގެ މެދުގައި ޝައްކާއި، ވަހުމް އުފައްދަން ވަރަށް ބޮޑެތި މަސައްކަތްތަކެއްކުރިއެވެ. މިބައިމީހުންގެ މިމަސައްކަތްތަކުގެ ނަތީޖާއަކަށްވީ ޢުޘްމާންގެފާނު ޝަހީދުކޮށްލުމެވެ. އެއަށްފަހު، އިސްލާމީ އުއްމަތަށް ތަފާތު ފިތުނަތައް ވެރިވެގެން ދިޔައެވެ. ތަފާތު ފިރުޤާތައް އިސްލާމްދީނުގައި އުފެދިގެން ދިޔައެވެ. ޝިޔަޢީންނާއި، ޖަހްމީންނާއި، ބާޠިނީންނާއި، މުޢުތަޒިލީންނާއި، ސޫފީން ފަދަ ތަފާތު ފިރުޤާތައް އުފެއްދުމުގެ އަޑީގައި ތިބި ބަޔަކީ ޔަހޫދީންނެވެ.
ޝައްކެއްނެތްގޮތުގައި، މުސްލިމުން ބައިބައި ކުރުމަށް މިބައިމީހުންނަށް ކުރެވުނު އެންމެހާ މަސައްކަތެއް، އިސްލާމްދީން ފެށުނީއްސުރެ އަދިއަދަށް ވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން ޢުޘްމާނީ ޚިލާފަތް ފުނޑުފުނޑުކޮށްލުމަށް ރާވައި، ތަފާތު ސިއްރު ޖަމްޢިއްޔާތައް އުފެއްދިއެވެ. ނަތީޖާއަކަށްވެގެން ދިޔައީ ‘މުޞްޠަފާ ކަމާލު އަތާ ތުރުކް’ ޢުޘްމާނީ ޚިލާފަތުގެ މައްޗަށް ގަދަވެގަނެ، އެޚިލާފަތް ނެތިކޮށްލުމެވެ. އަދި މުސްލިމުންގެ ބިމެއްކަމުގައިވާ ފަލަސްޠީނުގައި ‘އިޒްރޭލު’ ގެ ނަމުގައި ދަޢުލަތެއް ޤާއިމުކުރިއެވެ. މިއަދާހަމައަށް އައިރު ޔަހޫދީން ވަނީ ފަލަސްޠީނުގެ އެތައް މުސްލިމުންނެއް މަރައި، ޖަލަށްލައި، އެބައިމީހުންގެ އެތައް ގެތަކެއް ފޭރިގެންފައެވެ.
ކުރުގޮތަކަށް ބުނަނީނަމަ އިސްލާމްދީނުގައި އުފެދުނު އެންމެހާ ފިތުނަތަކުގެ އަޑީގައި މިބައިމީހުން ތިއްބެވެ. ނުވަތަ އެފަތުނަތައް އުފެއްދުމުގައި އެމީހުން ބައިވެރިނުވިނަމަވެސް، ފަހުން ފިތުނަ ފެތުރުމުގައި އިސްރޯލެއް މިބައިމީހުން އަދާކުރިއެވެ. މިއީ މިބައިމީހުން އިސްލާމްދީނާމެދު ޢަދާވާތްތެރިވާ މިންވަރުން ކުރާ މަސައްކަތްތަކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
[لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا] [3]
މާނައީ: “އީމާންވި މީހުންނަށް މީސްތަކުންކުރެ، ޢަދާވަތްތެރިކަން އެންމެބޮޑު ބަޔަކީ ޔަހޫދީންނާއި، ޝަރީކުކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.”
________________________________________________________