بسم الله الرحمن الرحيم
((قُلْ أَعُوذُ بِرَبِّ الْفَلَقِ))
(أعوذ ) ގެ މާނައަކީ އަހަރެން ސަލާމަތްކަމަށްއެދެމެވެ. އަދި ސަލާމަތްކޮށްދެއްވުމަށް ބަރޯސާވެގެންވަމެވެ. އަދި ދުރުކޮށްދެއްވުމަށް އެދެމެވެ. އަދި ( الفلق ) އަކީ ރޭގަނޑުގެ އަލިކަން ފިލުވައިލާ ފަޖުރުގެ އަލިކަމެވެ. (އެބަހީ؛ ހެނދުނެވެ. މިއީ އިބްނު ތައިމިއްޔާ ރަޙިމަހުﷲ “ތަފްސީރު އަލް މުޢައްވިޛަތައިނި” ގައި ވިދާޅުވެފައިވާ ފަދައިން ތަފްސީރު ޢިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭކަލުންގެ ބަސްފުޅެވެ. އަދި މިއީ އިބްނު ޖަރީރު އައްޠަބަރީ ރަޙިމަހުﷲ އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. އަދި އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. “ޞައްޙަވެގެންވާ ގޮތަކީ މިއީއެވެ. އަދި މިއީ (އިމާމް) ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. تفسير ابن كثير جـ 4 ص 609)
މި ސޫރަތުގައި އަންނަނިވި ކަންކަން ހިމނިފައިވެއެވެ. އެއީ:
- ސަލާމަތްކަމަށް އެދެވޭ ފަރާތް.
- ސަލާމަތްކަމަށް އެދޭ ކަންތައް.
- ސަލާމަތްކަމަށް އެދޭ ފަރާތް.
ސަލާމަތްކަމަށް އެދެވޭ ފަރާތަކީ؛ އެއީ ފަތިހުގެ އަލިކަމުގެ ވެރި އިލާހު ﷲއެވެ. އަދި މީސްތަކުންގެ ވެރި އިލާހެވެ. އެއިލާހުގެ ފަރާތުން މެނުވީ ސަލާމަތްކަމަށް އެދުމެއް ނުވެއެވެ. ޚަލްޤުތަކުންކުރެ އެކެއްގެ ފަރާތުންވެސް ސަލާމަތްކަމަށް އެދުމެއްނުވެއެވެ. ޚަލްޤުތަކުންކުރެން ސަލާމަތަށް އެދޭމީހުންނާ ބެހޭގޮތުން ﷲ ވަނީ އެއިލާހުގެ ފޮތުގައި އެއީ (رَهَقًا) ކަމުގައި ބަޔާންކުރައްވާފައެވެ. އޭގެ މުރާދަކީ ހައްދުފަހަނައަޅައިދިޔުމެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا)) މާނައީ: “އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވިއެވެ. ފަހެ (އެކަމުގެ ސަބަބުން) އެބައިމީހުންނަށް (އެބަހީ: ޖިންނީންނަށް) އެބައިމީހުން (އެބަހީ: އިންސީން) ހައްދުފަހަނައެޅުން އިތުރުކުރިއެވެ.”
އަދި ސުންނަތުގެ އަހުލުވެރިން (މިއާޔަތުން) ﷲގެ ބަސްފުޅުތަކަކީ މަޚްލޫޤެއްނޫންކަމަށް މުޢުތަޒިލާއިންނާދެކޮޅަށް ޙުއްޖަތް ނަންގަވައެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސަލާމަތްކަމަށް އެދިވަޑައިގެން ދުޢާކުރައްވާފައިވަނީ ((قُلْ أَعُوذُ بِرَبِّ الْفَلَقِ )) އަދި ((أعوذ بكلمات الله التامات)) ފަދަ ބަސްފުޅުތަކުންނެވެ. ދުވަހަކުވެސް އެކަލޭގެފާނު މަޚްލޫޤުންގެ ކިބައިން ސަލާމަތްކަމަށް އެދި ވަޑައިގެންފައިނުވެއެވެ.
އަދި ސަލާމަތްކަމަށް އެދޭ ފަރާތަކީ؛ ﷲގެ ރަސޫލާއާއި ޤިޔާމަތާޖެހެންދެން އެކަލޭގެފާނަށް ތަބަޢަވީ ކޮންމެ މީހެކެވެ.
ދެންފަހެ، ސަލާމަތްކަމަށް އެދޭ ކަންތައް ދަންނައެވެ. އެކަންތައް ހަތަރުބަޔަކަށްވެއެވެ.
ފުރަތަމައީ: އެންމެހާ އެއްޗެއް ޢާއްމުވާ ނުބައިކަމުންނެވެ.
އެއިލާހުގެ ވަޙީ ބަސްފުޅު ((مِنْ شَرِّ مَا خَلَقَ)) މިބަސްފުޅުގައި މިވާ ނުބައިކަމުގެ ތެރެއަށް ދުނިޔެއާއި އާޚިރަތުގެ އެންމެހާ ނުބައިކަމަކާއި، އިންސާނުންނާއި ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ ފުށުން ދިމާވާ އެންމެހާ ނުބައިކަމަކާއި، މިނިކާޖަނަވާރާއި ގެއްލުންދޭ ޖަނަވާރުތަކުގެ ފުށުން ދިމާވާ އެންމެހާ ނުބައިކަމަކާއި، ނަރަކައިގެ ނުބައިކަމާއި، ފާފަތަކާއި ހަވާނަފްސުގެ ސަބަބުން ކުރިމަތިވާ ނުބައިކަންކަމާއި، ނަފްސުގެ ސަބަބުން ދިމާވާ ނުބައިކަމާއި، ޢަމަލުތަކުގެ ސަބަބުން ދިމާވާ އެންމެހާ ނުބައިކަމެއް މިބަސްފުޅުގައި ޢާއްމުވެގެންވެއެވެ.
އެއިލާހުގެ ވަޙީ ބަސްފުޅު ((مِنْ شَرِّ مَا خَلَقَ)) އެބަހީ؛ (މިއާޔަތުގައި ސަލާމަތްކަމަށް މިއެދެނީ) ﷲ ޚަލްޤުކުރައްވާފައްވާފައިވާ މަޚްލޫޤުތަކުންކުރެ ނުބައިކަން އެކުލެވިގެންވާ މަޚްލޫޤުތަކުންގެ ކިބައިންވެ. މީގެ މާނައަކީ އެއްވެސް ޙާލެއްގައި ﷲ ޚަލްޤުކުރައްވާފައިވާ އެންމެހާ މަޚްލޫޤުތަކެއްގެ ކިބައިން ސަލާމަތްކަމަށް އެދުމެއްނޫނެވެ. ފަހެ، އެހެނީ ސުވަރުގެއާއި އެތަނުގައިވާހާ އެއްޗެއްގައި ނުބައިކަމެއް އެކުލެވިގެންނުވެއެވެ. ހަމައެފަދައިން މަލާއިކަތުންނާއި ނަބިއްޔުންނަކީ (އެބޭކަލުންގެ ފުށުން) ހެވެއްނޫނީ ނުވާ ބޭކަލުންތަކެކެވެ.
ދެވަނައީ: ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންނެވެ.
މިއީ ކުރިން ބަޔާންވެގެންދިޔަ ނުބައިއެންމެހާ އެއްޗެއްގެ ކިބައިން ސަލާމަތްކަމަށް އެދުމަށްފަހު ޚާއްޞަ ސަލާމަތްކަމަކަށް އެދުމެވެ. ( الغاسق ) އަކީ ރޭގަނޑު އެންމެހާ އެއްޗެއްގެ މައްޗަށް ވެރިވެގަންނަވަގުތެވެ. الغسق އަކީ އަނދިރިކަމެވެ. އަދި الوقوب އަކީ ވަނުމެވެ.
ރޭގަނޑުގެ ނުބައިކަމުން ސަލާމަތްކަމަށް އެދުމަށް ﷲ އަމުރުކުރައްވާފައިވާ ސަބަބަކީ؛ ރޭގަނޑަކީ ނުބައިވެގެންވާ ތަކެތީގެ ބާރުފޯރުވާ ވަގުތެވެ. އަދި ޝައިޠާނުންތައް ފެތުރިގަންނަ ވަޤުތެވެ. އެހެނީ ޝައިޠާނުން ބާރުފޯރުވައި ހަދަނީ އަނދިރިވަޤުތުއެވެ. އަދި އަނދިރި ތަންތަނުގައެވެ. އަނދިރިކަން ގަދަވެގެންވާ ތަންތަނަކީ ޝައިޠާނުންގެ ޖަގަހަތަކެވެ. އަދި އެތަކެތީގެ ގެތަކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އެގެންނަވާފައިވަނީ މިދެކަލިމަ ރޭގަނޑާއި ދުވާލެވެ. (އެބަހީ؛ ﷲ ގެންނަވާފައި އެވަނީ ( الفلق ) އަދި (الغسق) މިދެކަލިމައެވެ.) އަދި އަލިކަމާއި އަނދިރިކަމެކެވެ. ފަހެ، ﷲގެ އަޅުތަކުންނަށް އެއިލާހު އަމުރުކުރައްވާފައިވަނީ އަލިކަމުގެ ވެރިއިލާހުގެ ސަލާމަތްކަމަށް އެދުމަށެވެ. އަލިކަމަކީ އަނދިރިކަމުގެ މައްޗަށް ގަދަވެގަނެ، އަނދިރިކަން ފިލުވައިލާ އެއްޗެކެވެ. އަދި އެއިލާހުގެ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތަކުން އެއިލާހަށް ދުޢާކުރާންޖެހެއެވެ. އެ އެދޭކަމަކާ މުނާސަބުވެގެންވާ އިސްމުފުޅަކުން އެއިލާހަށް ދުޢާކުރުމެވެ. (ނުނިމޭ)
____________________
* މިއީ މުޙައްމަދު ބިން ޢަބްދުލްވައްހާބު ރަޙިމަހުﷲ ލިޔުއްވާފައިވާ الفلق ސޫރަތުގެ ކުރުތަފްސީރެއްގެ ތަރުޖަމާއެވެ.
މީގެ ޢަރަބި ފޮތް ހޯއްދެވުމަށް މި ލިންކަށް ފިއްތަވާ ލައްވާށެވެ.