[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަޢުބާ (ނުވަތަ ގެފުޅު) ފެނުމުން ކިޔާ ދުޢާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އެންމެހާ އަޅުކަންތައް އަދާކުރަންވީގޮތް ރަސޫލާ صلى الله عليه وسلم ވަނީ ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. މިގޮތުން މާތް ތަންތަނާއި މާތް ދުވަސްވަރުތަކުގައި ކިޔަންވީ ޛިކުރުތައްވެސް އެކަލޭގެފާނުވަނީ ބަޔާންކުރައްވާފައެވެ.

މައްކާގެ އަލްމަސްޖިދުލް ޙަރާމްއަށް ވަދެވިއްޖެމީހާ ގިނަގިނައިން ޛިކުރުކޮށް ދުޢާކުރުން އިތުރުކުރުން ހުއްޓެވެ. ނަމަވެސް އެތަނަށް ވަނުމަށްފަހު އެކިވަގުތުތަކަށް ޚާއްޞަކޮށް ކިޔުމަށްހުރި ޛިކުރުތަކެއްކަމުގައި ބައެއް ފޮތްފޮތާއި ލިޔުންތަކުގައި ލިޔެފައި ހުންނަތަން ފެނެއެވެ. އެގޮތުން މިލިޔުމުގައި އަލިއަޅުވާލާނީ ކަޢުބާ ފެނުނީމަ ކިޔުމަށް ޚާއްޞަ ޛިކުރެއް ނުވަތަ ދުޢާއެއް އޮވޭތޯއެވެ.

 

 

ކަޢުބާއަށް ބެއްލެވުމަށްފަހު ނަބިއްޔާ صلى الله عليه وسلم ކިޔުއްވިކަމަށް، އެކަލޭގެފާނަށް ނިސްބަތްކުރެވިފައިވާ ދުޢާއެއް

(ضعيف) عَنْ حُذَيْفَةَ بن أُسَيْدٍ ، أَنّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا نَظَرَ إِلَى الْبَيْتِ ،

قَالَ : ((اللَّهُمَّ زِدْ بَيْتَكَ هَذَا تَشْرِيفًا وَتَعْظِيمًا وتَكْرِيمًا وَبِرًّا وَمَهَابَةً )). [رواه الطبراني ، وفي الأوسط  ، وعنه عبد الغني المقدسي في السنن.]

މާނައީ: ޙުޛައިފާ ބުން އުސައިދު ވިދާޅުވިއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم (ކަޢުބަތުﷲ) ގެފުޅަށް ބައްލަވައިފިނަމަ ޙަދީޘްކުރައްވައެވެ.

” އޭ ﷲ! އިބަ ﷲގެ މި ގެފުޅުގެ ޝަރަފުވެރިކަމާއި މާތްކަމާއި ކަރާމަތާއި ހެޔޮކަމާއި ހައިބަތު އިތުރުކޮށްދެއްވާނދޭވެ.”

މިޙަދީޘްއަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. މިޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި عُمَرُ بْنُ يَحْيَى الأَيْلِيْ އާއި  عَاصِمُ بْنُ سُلَيْمَانَ الكُوْزِيْ ހިމެނެއެވެ. މިދެ ރާވީންނަކީ (ބަލިކަށި) ދެ ރާވީންނެވެ. [1]

މިޙަދީޘްގެ ސަނަދު ޞައްޙަ ނޫންކަމުގައި ވިދާޅުވެފައިވާ ކުރީގެ ޢިލްމުވެރިންގެ ތެރޭގައި އަލްހައިޘަމީ ހިމެނިވަޑައިގަންނައެވެ. [2]

ފަހުގެ ޢިލްމުވެރިންގެ ތެރޭގައި ޝައިޚު އަލްބާނީ [3] އާއި ޢަބްދުލްޤާދިރުއާއި ޝުޢައިބު އަލްއަރްނައޫޠު ހިމެނިވަޑައިގަންނައެވެ. [4]

 

 

ކަޢުބާ ފެނުމުން ޢުމަރު رضي الله عنه ވިދާޅުވި ދުޢާއެއް

(حسن) عن حميد بن يعقوب سمع سعيد بن المسيب يَقُوْلُ سَمِعْتُ : مِنْ عُمَرَ رضي الله عنه كَلِمَةً مَا بَقِيَ أَحَدٌ مِنَ النَّاسِ سَمِعَهَا غَيْرِيْ سَمِعْتُهُ يَقُوْلُ إِذَا رَأَى الْبَيْتَ:

: اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ فَحَيِّنَا رَبَّنَا بِالسَّلَامِ . [رواه البيهقي في سنن الكبرى / جماع أبواب دخول مكة / باب: القول عند رؤية البيت / رقم الحديث:٩٢١٦ ]

މާނައީ: ޙުމައިދު ބުން ޔަޢުޤޫބު އަރިހުން ރިވާވެގެންވެއެވެ. ސަޢީދު ބުން އަލްމުސައްޔަބު ވިދާޅުވަނިކޮށް އެކަލޭގެފާނު އަޑުއެއްސެވިއެވެ. ޢުމަރު رضي الله عنه ވިދާޅުވި ބަސްފުޅެއް ތިމަން އަޑުއެހީމެވެ. ތިމަން ނޫނީ އެބަސްފުޅު އަޑުއެހި އެކަކުވެސް މިހާރަކު ނުވެއެވެ. އެކަލޭގެފާނަށް ގެފުޅު ފެނިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ:

“އޭ ﷲ! އެންމެހާ ޢައިބުތަކުން އިބަ އިލާހު ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ. އަދި އަމާންކަމާއި ސަލާމަތްކަންވަނީ އިބަ އިލާހުގެ ޙަޟްރަތުންނެވެ. ފަހެ އަޅަމެންގެ ރައްބެވެ! ސަލާމަތްކަމުގެ ޛަރިއްޔާއިން އަޅަމެންނަށް ދިރުން ދެއްވާނދޭވެ.”

މިޙަދީޘްއަކީ ޢަމަލުކުރެވޭ ޙަސަން ދަރަޖައިގެ އަޘަރެއްކަމުގައި ޝައިޚު އަލްބާނީ [5] އާއި ޢަބްދުލްޤާދިރުއާއި ޝުޢައިބު އަލްއަރްނައޫޠު ވިދާޅުވެފައިވެއެވެ. [6]

 

 

ޚުލާޞާ

ގެފުޅު ފެނުމުން ވަކިޚާއްޞަ ދުޢާއެއް ނަބިއްޔާ صلى الله عليه وسلم ކުރެއްވިކަމަށް ޘާބިތުވެފައިނުވެއެވެ. ނަމަވެސް ގެފުޅު ފެނުމުން  اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ فَحَيِّنَا رَبَّنَا بِالسَّلَامِ މިފަދައިން ޢުމަރުގެފާނު ކިޔުއްވިކަމަށް ޘާބިތުވެފައިވެއެވެ. އެހެންކަމުން މިފަދައިން ކިޔުމަކީ އެންމެ ރަނގަޅުކަމެކެވެ. [7]

والله تعالى أعلم.

________________________________________________

1 ބައްލަވާ: سلسلة الأحاديث الضعيفة… للألباني / مجلد: ٩ / ص: ٤۰٢/ رقم الحديث:٥٤٦٢ / طبعة: مكتبة المعارف

2 ބައްލަވާ: مجمع الزوائد للهيثمي / مجلد: ٣ / ص: ٢٢٧-٢٢٨/ رقم الحديث:٤٢١٥ / طبعة: دار الكتب العلمية

3 ބައްލަވާ: سلسلة الأحاديث الضعيفة… للألباني / مجلد: ٩ / ص: ٢٢٧-٢٢٨/ رقم الحديث:٤٢١٥ / طبعة: مكتبة المعارف

4 ބައްލަވާ: زاد المعاد لإبن القيم بتحقيق الأرنؤوط / مجلد: ٢ / ص: ٢۰٧/ / طبعة: مؤسسة الرسالة

5 ބައްލަވާ: مناسك الحج والعمرة للألباني / ص: ٢۰/ طبعة: مكتبة المعارف

6 ބައްލަވާ: زاد المعاد لإبن القيم بتحقيق الأرنؤوط / مجلد: ٢ / ص: ٢۰٧-٢۰٨/ / طبعة: مؤسسة الرسالة

7 ބައްލަވާ: مناسك الحج والعمرة للألباني / ص: ٢۰/ طبعة: مكتبة المعارف