[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަން އިތުރުކޮށްދޭ ” ކެޓަލިސްޓް “

الحمد لله. والصلاة والسلام على محمد بن عبد الله صلى الله عليه وسلم

ޤަބުރުސްތާނަކީ އަޅުގަނޑުމެން އެންމެވެސް ދާން ވަރަށް ފަސްޖެހޭ ތަނަކެވެ. އަދި ބައެއް މީހުންގެ ނަޒަރުގައި އެއީ ވަރަށް ދާން ފޫހި ތަނެކެވެ. ސަބަބަކީ ގަބުރުސްތާނުގައި ވަނީ ހަމަ އެކަނި ވަޅުލެވިފައިވާ މީހުން ތަކެކެވެ. ކަށްޓަށްވެފައިވާ ހަށިތަކެކެވެ.  އެއްވެސް ފުރާނައެއް ދިރުމެއްނެތް ޤަބުރުތަކެކެވެ. އަދި އެތަނަށް ޒިޔާރަތް ކުރުމުން ވާނެ މާބޮޑު ފައިދާއެއް ނެތް ކަމުގައި ބައެއް މީހުން ދެކެއެވެ. އެހެންނަމަވެސް ދަންނަވަމެވެ. ގަބުރުސްތާނަށް ޒިޔާރަތްކުރުމަކީ އެކަމުގެ ސަބަބުން ވަރަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދެނިވި ކަމެކެވެ. އަދި މީގެ އިތުރުން އިސްލާމްދީނުގައި ގަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއްވެސްމެއެވެ.

ގަބުރުސްތާނަށް ޒިޔާރަތްކުރުން މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އިސްލާމްދީނުގެ ކުރީކޮޅު މަނާކުރައްވާފައެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘް ކުރެއްވި ޙަދީޘް ފުޅެއްގެ މާނައިގައިވެއެވެ.

ބުރައިދާ ރަޟިޔައްﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ” ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ގަބުރަށް ޒިޔާރަތްކުރުން މަނާކުރެއްވީމުއެވެ. މިހާރު ތިޔަބައިމީހުން ގަބުރަށް ޒިޔާރަތްކުރާށެވެ. “

އިސްލާމްދީނުގެ ކުރީކޮޅުގައި ކީރިތި ރަސޫލާ صلى الله عليه وسلم މީސްތަކުންނަށް ގަބުރަށް ޒިޔާރަތް ކުރެއްވުން މަނާ ކުރެއްވި ސަބެބެއްކަމުގައި ޢިލްމު ވެރިން ދެކެވަޑައިގަންނަވަނީ، ޖާހިލިއްޔަ ދުވަސްވަރުގައި މީހުން އިސްލާމްދީނަށް އެހާ ހޭލުންތެރި ނުވުމުގެ ސަބަބުންނެވެ. އެހެންކަމުން އިސްލާމީ ފުރިހަމަ ޢަޤީދާ މީސްތަކުންގެ ހިތްތަކަށް ފުރިހަމައަށް ވަދެއްޖައުމަށް ދާންދެން މާތް ނަބިއްޔާصلى الله عليه وسلم މީސްތަކުން ޤަބުރަށް ޒިޔާރަތް ކުރުން މަނާ ކުރެއްވިއެވެ. އެހެންނަމަވެސް ފަހުން އެކަލޭގެފާނު އެކަމަށް ހުއްދަ ދެއްވައި އަދި ޚުދު އެކަލޭގެފާނުވެސް ގަބުރުސްތާނަށް ޒިޔާރަތް ކުރެއްވިކަމަށް ޢާއިޝާ ރަޟިޔަﷲ ޢަންހާ ގެ ބަސްފުޅުތަކުން ޘާބިތެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ތިމަން ކަމަނާގެ އަރިހުގައި ރޭ ކުރައްވާ ރޭތަކުގެ ކުރީކޮޅު ބަޤީޢި ގަބުރަސްތާނަށް ޒިޔާރަތްކުރައްވައެވެ. އަދި އެ ގަބުރުސްތާނުގެ އަހުލު ވެރީންނާ މުޚާތަބުކޮށް ޙަދީޘް ކުރައްވައެވެ. ” ތެދު މަގު ޚިޔާރުކޮށްގެންތިބި މި ގަބުރުސްތާނުގެ އަހުލުވެރީންނަށް ސަލާމް ހުއްޓެވެ. ޤިޔަމާތްދުވަހުން މާތްﷲ ޥަޢުދުވެ ވޮޑިގަތް ކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ ފުއްދަވައި ދެއްވާށިއެވެ.”

ޤަބުރަށް ޒިޔާރަތް ކުރުމަކީ ނުހަނު ގިނަ ގުނަ ފައިދާތަކެއްވެސް އޭގައި އެކުލެވިގެންވާ ކަމެކެވެ. މިގޮތުން ޤަބުރަށް ޒިޔާރަތް ކުރުމުން ލިބޭ ފައިދާ ތަކުގެ ތެރެއިން މަދު މިންވަރެއް މިލިޔުމުގައި އަޅުގަނޑު ގެނެސްދެވޭތޯ ބަލައިލާނަމެވެ.

1.    މަރުމަތީން ހަނދާންވުން:

އިންސާނާ ދުނިޔެ މަތީގައި އުޅޭއިރު މަރުމަތީން ހަނދާންކުރަނީ މަދު ފަހަރަކުއެވެ. ދުނިޔެއަށް ހެއްލި ގެއްލި ވުމުގެ ސަބަބުން އަޅުގަނޑުމެންނަށް އެ މަރާމެދު ޢާފިލު ވެވެނީއެވެ.ގަބުރަށް ޒިޔާރަތްކުރުމުން މަރުމަތީން ހަނދާންވެއެވެ. އަދި އެކަމަކީ ތިމާއާއި ކޮންމެވެސް ދުވަހަކުން ބައްދަލު ކުރާނެ ކަމެއްކަން ހިތް މައްޗަށް ގެނެވި އެކަމަށް ހުޝިޔާރެވެވެއެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ صلى الله عله وسلم ވެސް ވަނީ މި ދުނިޔެ ދޫކުރައްވާ ސުވަރުގެ ވަޑައިގެންފައެވެ. އެހެންވީމާ އަޅުގަނޑުމެން މަރުނުވެ މި ބިންމަތީގައި ލަހައްޓަވާނެކަމުގެ އުއްމީދު ހަމަ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެއެވެ. މާތްﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ.

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ

މާނައީ: ” ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ.

އަދިވެސް އެކަލާނގެ ޥަޙީ ކުރައްވައެވެ.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ

މާނައީ: ” ކޮންމެ نفسއަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ.

ވީމާ ގަބުރަށް ޒިޔާރަތް ކުރުމުގެ ސަބަބުން އަޅުގަނޑުމެން ކުރަންއޮތް ކަށަވަރު ދަތުރުގެ މަތީން ހަނދާންވެ މާތްﷲ ގެ ހަޟުރަތަށް ދާންޖެހޭނެކަން ހަނދާންކޮށް ޠައުބާވުމުގެ ޝަޢުޤުވެރިކަން އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދިގެންދާނެކަމީ ޝައްކެތް އޮތް ކަމެއްނޫނެވެ.

      2.    ކަށްވަޅުގެ ޢަޒާބުގެމަތީން ހަނދާންވުން.

ކަށްވަޅުގެ ޢަޒާބަކީ ޙައްޤު އެއްޗެކެވެ. ކަށްވަޅުގެ ޢަޒާބާއި ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

” އަދި މުނާފިގުންނާއި ކާފިރުންނާއި ސުވާލު ކުރެވޭނެއެވެ. މުޙައްމަދުގެ ފާނާއި ބެހޭ ގޮތުން ކަލޭ ބުނެއުޅުނީ ކީކޭ ހެއްޔެވެ؟ ޖަވާބުގައި އޭނާ ބުނާނެއެވެ. ނޭނގެއެވެ. މީހުން ކިޔާ އުޅުނު އެއްޗެއް އަހަރެންވެސް ކިޔާ އުޅުނީމެވެ. އެހިނދު އޭނާ އަށް ބުނެވޭނެއެވެ. ކަލެއަކަށް ނުވެސް އެނގެއެވެ. އަދި ނުވެސް ކިޔައެވެ. އަދި ދަގަނޑު ގަޑަކުން އޭނާގެ ގައިގާ އެތިފަހަރެއް ޖެހޭނެއެވެ. އެޖެހޭ ޖެހުމުގެ އަޑު ކައިރީގައި ތިބި އިންސީންނާއި ޖިންނީން ފިޔަވާ ހުރިހާ އެއްޗަކަށް އިވޭނެއެވެ. “

ވީމާ އިސްވެ ބަޔާންވެދިޔަ ޙަދީޘުން ކަށްވަޅުގެ ޢަޒާބަކީ ޙައްޤު އެއްޗެއްކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. މިގޮތުން ކަށްވަޅުގެ ޢަޒާބު ޙައްޤުވެގެންވާ ބައެއް ކަންތައްތަކަކީ ކޮންމެހެން މިލުޔުމުގައި ގެންނަން ޖެހޭ އެއްޗެއްކަމަށް އަޅުގަނޑަށް ފެންނާތީ ކަށްވަޅުގެ ޢަޒާބު ޙައްޤު ވެގެންވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ޒިކުރު ކޮށްލެވޭތޯ ބަލައިލާނަމެވެ.

1.ދެބައޮޑުވުމުމާއި ޣީބަ ބުނުން.

2.ކުޑަކަމުދާ އެއްޗެތިން ސަލާމަތް ނުވެވުން.

3.ވުޟޫ ނުކޮށް ހުރެ ނަމާދު ކުރުން.

4.  ދޮގު ހެދުން.

5.  ނަމާދު ނުކުރުން .

6.  ޒަކާތް ނުދިނުން.

7.  ޒިނޭ ކުރުން.

8.  ވައްކަން ކުރުން.

9.ޚިޔާނާތް ތެރިކަން.

10. މީސްތަކުންގެ މެދުގައި ފިތްނަ އުފެއްދުން.

11. ރބާ ކެއުން.

12.އަނިޔާ ލިބޭ މީހާ އަށް ނަޞްރު ނުދިނުން.

13.ރާބުއިން.

14.ބޮޑާ ކަމާއި އެކުގައި ފައިކުރި ތިރިކޮށްފައި ބެހެއްޓުން.

15. ޙައްގަކާ ނުލާ މީހުން މެރުން.

16. ޞަޙާބީންނަށް ބަދު ބަސް ބުނުން.

17. ބިދްޢަ ވެރިއެއްގެ ގޮތުގައި މަރުވުން.

ވީމާ ގަބުރުސްތާނަށް ޒިޔާރަތް ކުރުމުގެ ސަބަބުން ކަށްވަޅުގެ ޢަޒާބުގެ މަތީން ހަނދާންވެ އިސްވެ ބަޔާންވެ ދިޔަ ފާފަ ތަކުން ތިމާގެ ނަފްސު ރައްކާތެރިކުރަން މަސައްކަތްކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

3.    ޤިޔާމަތްދުވަހުގެ މަތީން ހަނދާންވުން.

މަރުވުމުން ދެން އެމީހެއްގެ މައްޗަށް އެންމެ އަވަހަށް ލައިގަންނާނެ ދުވަހަކީ ޤިޔާމަތް ދުވަހެވެ. ޤިޔާމަތްދުވަހުގެ ބިރުވެރިކަމަކީ އެއިން އެއްވެސް މީހަކު މިންޖު ނެވެވޭނެ ބިރުވެރި ކަމެކެވެ. އެދުވަހުގެ ބިރުވެރިކަން މާތްﷲ ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ.

فَإِذَاجَاءَتِالصَّاخَّةُ ﴿٣٣يَوْمَيَفِرُّ‌الْمَرْ‌ءُمِنْأَخِيهِ ﴿٣٤ وَأُمِّهِوَأَبِيهِ ﴿٣٥ وَصَاحِبَتِهِوَبَنِيهِ ﴿٣٦

މާނައީ: ” ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. (އެއީ) އޭނާގެ އަޚާގެ ކިބައިންނާއި ، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. ” 

ނިކަން ވިސްނަވާ ބައްލަވާށެވެ. ދުނިޔެމަތީގައި އޭނާ އެންމެ އޮޅު ކޮށްގެން ގެންގުޅުނު މަންމައާއި ބައްޕަގެ ކިބައިންނާއި އޭނާގެ މުޅި ޙަޔާތް އެބަޔަށްޓަކައި ހުސްކޮށްލި އަނބީންނާއި ދަރީންގެ ކިބައިން އެދުވަހު ފިލަން ދުވާނީ ކިހާ ބިރުވެރި ވީމަތޯއެވެ؟ ނިކަން ހިތް މައްޗަށް ގެނެސްްގެން ބައްލަވާށެވެ.

އެހެންވީމާ ގަބުރުސްތާނަށް ޒިޔާރަތްކުރުމުން ޤިޔާމަތްދުވަހުގެ ނުރައްކާތެރިކަން ހިތަށްވަދެ މާތްﷲ އަށް ބިރުވެތިވުން އިތުރުވެ ހިނގައިދެއެވެ.

އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބޭނުންވާނީ ހެޔޮ ނިމިދިއުމެކެވެ. އުފާވެރި އާޚިރަތެކެވެ. ގަބުރުސްތާނަށް ޒިއާރަތްކުރުން އާދަ ކުރަމާ ހިންގަވާށެވެ. އެއިރުން ތިމާގެ އީމާންތެރިކަން އިތުރުވެ ހެޔޮ ކަންކަމުގައި ދެމިހުރުމުގެ ފުރުޞަތު ބޮޑުވެ ހެޔޮ މަގަށް ތިމާގެ ހިތް ލެނބިގެންދިއުމުގެ ފުރުޞަތު ބޮޑުވެގެން ހިނގައިދާނެއެވެ. ކުރުކޮށް ދަންނަވަނީނަމަ އަޅުގަނޑު ނަންގަންނާނީ ގަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ ތިމާގެ އީމާންކަން އިތުރުކޮށްދޭނެ ” ކެޓަލިސްޓް ” އެކެވެ.