الحمد لله الصلاة والسلام على رسول الله وعلى آله صحبه وأجمعين.
ކައިވެނިކުރާއިރު އެދެވިގެންވަނީ ދެމަފިރިންވެސް ދެމީހުންގެ ނަފްސު ޢިއްފަތްތެރިކުރުމަށް ނިޔަތްގަތުމެވެ. އަދި ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކުން ރައްކާތެރިކުރުމަށްވެސްމެއެވެ. ފަހެ އެހެނީ އެދެމީހުން ރޭކުރުމުން އެކަމަކީ ޞަދަޤާތެއްގެ ގޮތުގައި ލިޔެވިގެންދެއެވެ. އަބޫ ޛައްރު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްގައިވެއެވެ.
((أَنَّ نَاسًا مِنْ أَصْحَابِ النَّبِىِّ -صلى الله عليه وسلم- قَالُوا لِلنَّبِىِّ -صلى الله عليه وسلم- يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالأُجُورِ يُصَلُّونَ كَمَا نُصَلِّى وَيَصُومُونَ كَمَا نَصُومُ وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ.
قَالَ: أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ. إِنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةٌ، وَكُلِّ تَحْمِيدَةٍ صَدَقَةٌ، وَكُلِّ تَهْلِيلَةٍ صَدَقَةٌ، وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنْ مُنْكَرٍ صَدَقَةٌ وَفِى بُضْعِ أَحَدِكُمْ صَدَقَةٌ.
قَالُوا: يَا رَسُولَ اللَّهِ أَيَأْتِى أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ؟ قَالَ: أَرَأَيْتُمْ لَوْ وَضَعَهَا فِى حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ؟ [ قَالُوْا : بَلَى. قَالَ : ] فَكَذَلِكَ إِذَا وَضَعَهَا فِى الْحَلاَلِ كَانَ لَهُ [ فِيْهَا ] أَجْرٌ. [وَذكَرَ أَشْيَاءً: صدقة، صدقة. ثُمَّ قَالَ: يُجْزِئُ مِنْ ذلِكَ كُلِّهِ رَكْعَتَا الضُّحَى])). [رواه مسلم والنسائي وأحمد]
ނަބިއްޔާ صلى الله عليه و سلم ގެ އަޞްޙާބުބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ނަބިއްޔާ صلى الله عليه و سلم އަށް ދެންނެވިއެވެ.
‘އޭﷲގެ ރަސޫލާއެވެ. މުދާގިނަބޭކަލުން އަޖުރުތައްހިއްޕަވައިގެން ވަޑައިގަނެއްޖެއެވެ. އަޅުގަނޑުމެން ނަމާދުކުރާފަދައިން އެބޭކަލުންވެސް ނަމާދުކުރެއެވެ. އަދި އަޅުގަނޑުމެން ރޯދަހިފާފަދައިން އެބޭކަލުންވެސް ރޯދަ ހިއްޕަވައެވެ. އަދި އެބޭކަލުންގެ އަތުގައިވާ އިތުރުމުދާތަކުން އެބޭކަލުން ޞަދަޤާތްކުރައްވައެވެ.’
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“ތިޔަބޭކަލުން ޞަދަޤާތްކުރާނޭ އެއްޗެއް ﷲ ލައްވާފައި ނުވޭ ހެއްޔެވެ. ހަމަކަށަވަރުން ކޮންމެ ތަސްބީޙައަކީ(سُبْحَانَ الِلهِ އަކީ) ޞަދަޤާތެކެވެ. އަދި ކޮންމެ ތަކްބީރަކީ(اللهُ أَكْبَرُއަކީ) ޞަދަޤާތެކެވެ. އަދި ކޮންމެ ތަޙްމީދަކީ(الحَمْدُ لِلهِއަކީ) ޞަދަޤާތެކެވެ. އަދި ކޮންމެ ތަހްލީލަކީ(لَا إِلٰهَ إِلَّا اللهُއަކީ) ޞަދަޤާތެކެވެ. ހެޔޮކަންތައްތަކަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. އަދި މުންކަރާތްތައް މަނާކުރުމަކީވެސް ޞަދަޤާތެކެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު (އޭނާގެ އަނބިމީހާއާއެކު) ރޭކުރުމުންވެސް އެކަމުގައި ޞަދަޤާތެއްވެއެވެ.”
އެބޭކަލުން ދެންނެވިއެވެ.
‘އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު އޭނާގެ ޝަޙުވަތްތެރިކަމާ ދިމާއަށް ދިޔުމުންވެސް އެކަމުގައި އޭނާއަށް އަޖުރެއްވަނީ ހެއްޔެވެ؟’
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“އޭނާ އެކަން ޙަރާމްގޮތުގައި ކޮށްފިނަމަ އެކަމުގެ ފާފަ އޭނާއަށްވާކަމަށް ތިޔަބޭކަލުންނަށް ފެނިވަޑައިގަނޭތޯއެވެ؟” އެބޭކަލުން ދެންނެވިއެވެ.
‘އާދޭހެވެ.’ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“ފަހެ ހަމައެފަދައިން އޭނާ ޙަލާލުގޮތުގައި އެކަންކުރުމުންވެސް އޭނާއަށް އެކަމުގެ އަޖުރު ލިބޭނެއެވެ.”
އަދިވެސް ޞަދަޤާތްތަކުގެ ތެރެއިން ކަންތައްތައް އެކަލޭގެފާނު ޛިކުރުކޮށްދެއްވިއެވެ. ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ.
“މިހުރިހާކަމަކަށް ޟުޙާނަމާދުގެ ދެރަކުޢަތްފުދެއެވެ.”
މަޞްދަރު: آداب الزفاف في السنة المطهرة للشيخ محمد ناصر الدين الألباني