ހަތަރުވަނައީ: އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު އޭނާގެ ނުބައިކަމުންނެވެ.
ޙަސަދަވެރިވާމީހާގެ ޙަސަދައިން ޙަސަދަވެރިވެވޭމީހާއަށް ގެއްލުންވާކަން ޤުރުއާނާއި ސުންނަތުން ދަލީލުކުރެއެވެ. ފަހެ، ޙަސަދަވެރިވާމީހާގެ އަތުންނާއި ދުލުން ގެއްލުން ނުފޯރުވިނަމަވެސް، ނަފްސާއި ލޮލުގެ ނުބައިކަމުގެ އަސަރު ޙަސަދަވެރިވެވޭ މީހާގެ ނަފްސަށް ކުރެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ)) މާނައީ: “އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.” އެހެންކަމުން ޙަސަދަވެރިވާމީހާގެ ނުބައިކަމުގެ އަސަރު ޙަސަދަވެރިވެވޭމީހާގެ އެންމެ ފުނަށް އަސަރުކުރާކަން އެނގެއެވެ. ކީރިތި ޤުރުއާނުގައި މާނައެއް ނުވާ ލަފުޒެއް ނުވެއެވެ. އެހެންނަމަވެސް މީހެއްގެ ޠަބީޢަތުގައި ޙަސަދަވެރިކަންވާމީހަކު، އެ ޙަސަދަވެރިވެވޭމީހަކީ ކާކުކަން ނޭނގުނުނަމަވެސް، އެއުފެދޭ ޙަސަދަވެރިކަމުގެ ސަބަބުން ޙަސަދަވެރިކަމުގެ ގެއްލުން އެމީހަކަށް ކުރުވައެވެ. އެއީ އެ ޙަސަދަވެރިވެވޭމީހާ ﷲގެ ޙަޟްރަތުން ސަލާމަތްކަމަށާއި ރައްކާތެރިކަމަށް ނުއެދޭނަމައެވެ. އެމީހާގެ މައްޗަށް ވަނީ ވާރިދުވެފައިވާ ޛިކުރުތަކާއި، ދުޢާތައް ކުރުމެވެ. އަދި ﷲ ގެ މަދަދާއި ސަލާމަތްކަމަށް އެދުމެވެ. އެމީހާ ﷲއަށް އެދޭ މިންވަރަކުން އެމީހާއަށް ދިމާވާ ނުބައިކަންކަމުން އެކަލާނގެ އެމީހަކު ސަލާމަތްކުރައްވާނެއެވެ. އެހެންނޫންނަމަ ޙަސަވެރިވާމީހާގެ ޙަސަދައިގެ ނުބައިކަން އެމީހަކަށް ފޯރާނެއެވެ.
ޖިބްރީލުގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ރުޤްޔާކުރެއްވިކަމަށް ވާރިދުވެފައިވާ ޞައްޙަ ޙަދީޘްގައި އައިސްފައިވެއެވެ. ((بِاسْمِ اللَّهِ أَرْقِيكَ، مِنْ كُلِّ شَىْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ)) މާނައީ: “މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ތިބާއަށް ގެއްލުންހުރި ކޮންމެ އެއްޗެއްގެ ކިބައިންނާއި، ނުބައި ކޮންމެ ފުރާނައެއްގެ ނުވަތަ ހަސަދަވެރި ކޮންމެ ލޮލެއްގެ ކިބައިން ތިމާއަށް ﷲ ރައްކާތެރިކަން ދެއްވުންއެދި ﷲ ގެ އިސްމުފުޅުން ތިބާއަށްޓަކައި ރުޤްޔާކުރަމެވެ. ﷲ ތިބާއަށް ޝިފާ ދެއްވާށިއެވެ.” މިޙަދީޘްގައި ބަޔާންވެގެން އެވަނީ ޙަސަދަވެރިވާމީހާގެ އެސްފީނާގެ ނުބައިކަމުގެ ވާހަކައެވެ. އެނގޭކަމަކީ މީހަކާމެދު އެއްވެސް ކަމެއް ނެތި ހަމައެކަނި ބަލާލާބަލާލުމަކުން އަސަރުނުކުރާކަމެވެ. އޭގެ މިސާލަކީ ބިމަށާއި ފަރުބަދަތައް ފަދަ ތަކެއްޗަށް ބެލިނަމަވެސް އެއްވެސް އަސަރެއް ނުކުރާކަމެވެ. އެހެންނަމަވެސް ނުބައިވެގެންވާ ނަފްސެއްގެ ވެރިމީހާ އެ ޙަސަދަވެރިވެވޭމީހާއަށް ވަކިގޮތަކަށް ބަލާލައެވެ. އަދި އެ ނަފްސުގެ ނޭވާލުން ބަދަލުވެގެންދެއެވެ. އެހިނދު ޙަސަދަވެރިކަމުގެ ރުޅިއަރައިފައިވާ ނަފްސަކަށް އެނަފްސުވެގެންދެއެވެ. އެފަދަ ބަލާލުމުގެ ސަބަބުން އެ ޙަސަދަވެރިވާމީހާގެ (ޙަސަދައިގެ) ވަރުގަދަކަމާއި، އެ ޙަސަދަވެރިވެވޭމީހާ (ﷲއަށް އީމާންކަމާއި، ތަވައްކުލުކުރުމާއި، ސަލާމަތަށް އެދުން) ބަލިކަށިވެގެންވާ މިންވަރެއްގެ މަތިން އެ ޙަސަދައިގެ އަސަރުކުރެއެވެ. ފަހަރެއްގައި އެ ޙަސަދައިގެ ސަބަބުން ބަލިކޮށްލަފާނެއެވެ. އަދި ފަހަރެއްގައި މަރައިލަވެސްފާނެއެވެ. ބަޔާންކުރެވޭވަރަށްވުރެ ގިނައިން މިކަން ތަޖުރިބާކޮށްފައިވާ ޢާއްމުންނާއި، އެނޫންމީސްތަކުން ވަރަށް ގިނައެވެ. އަދި މިއެސްފީނާ އަންނަނީ ނުބައިވެގެންވާ ނަފްސުތަކުގެ ޒަރީޢާއިންނެވެ. އެފަދަ ނަފްސެއްގެ މިސާލަކީ ހަރުފައެއްގެ މިސާލެވެ. ހަރުފަގެ ވިހައިގެ އަސަރުކުރަނީ ދައިގަތީމައެވެ. ފަހެ، އޭގެ ވިހައިގެ އަސަރު އެއިގެ ރުޅިއާ އެއްވަރަށް ތަފާތުވެގެންވެއެވެ.(1) އަދި ބައެއްފަހަރަށް އެ ހަރުފަގެ ރުޅި ގަދަކަމާހުރެ، އެ ހަރުފަ ބަލާލުމުންވެސް ވިހައިގެ އަސަރުކުރެއެވެ.(2) އަދި ބައެއް ވައްތަރުގެ ހަރުފަ ބަލާލުމުންވެސް އަސަރުކުރެއެވެ. އޭގެ ސަބަބުން ލޮލަށް ނުފެނުމާއި، ބަނޑުގައިވާ ދަރި ބައިގެންދިޔުންފަދަ ކަންކަން ހިނގައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުގައި އައިސްފައިވާ “الأَبْتَرُ” އާއި “ذَا الطُّفْيَتَيْنِ”(3) ކިޔާ ދެ ވައްތަރުގެ ހަރުފަ މީގެ ތެރޭގައި ހިމެނެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((اقْتُلُوهُمَا))(4) މާނައީ: “އެ ދެއްވައްތަރުގެ ހަރުފަ މަރާށެވެ.” މިއީ މީސްތަކުންގެ ތެރެއިން ޚާއްޞަވެގެންވާ ބަޔަކަށް ނޫނީ ނޭނގޭނެކަމެކެވެ.
(ޙަސަދައިގެ ސަބަބުން ކުރިމަތިވާ) އަސަރުތަކާއި ޙާދިޘާތައް ޖެހެނީ ރޫޙުން ފިޔަވައި ޖިސްމުތަކުން ހެއްޔެވެ؟
އެކަންކުރާމީހާ އަށް ނިސްބަތްކުރާއިރު ޖިސްމުތަކަކީ އާލަތެކެވެ. އުފެއްދުން އެއަންނަނީ އެމީހާގެ ފުށުންނެވެ. އަދި އާލަތްތަކަކީ ވަސީލަތެކެވެ. ކަންކަން ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާމީހަކު، ރޫޙުތަކުގެ ޙާލަތާމެދުގައާއި، އެ ރޫޙުތަކުގެ ޒަރީޢާއިން ޖިސްމުތަކަށް އަސަރުކުރުވާ އަދި ޙަރަކާތްކުރުވާގޮތާމެދު ރަނގަޅަށް ވިސްނާލައިފިނަމަ ގިނަގުނަ ޢަޖައިބުތައް އެނގިގެންދާނެއެވެ. އަދި ﷲގެ އެއްކައުވަންތަކަމާއި ރައްބުވަންތަކަމަށް ދަލީލުކުރާ ހެކިތަކެއް އެނގިގެންދާނެއެވެ. އަދި (ޖިސްމާއި ރޫޙު) އޭގެ ކޮންމެ ބައެއްވެސް އަނެއްބަޔަކަށް ޙުކުމްކުރާކަމާއި، އެކަންކަމުގެ އަޘަރުތައް އެނގިގެންދާނެއެވެ. އެކަންކަމުގެ ސަބަބުތައް ވަނީ މީސްތަކުންގެ ފެނުންތަކަށް ޣައިބުވެފައެވެ. ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ ޢާލަމްތަކުގެ ވެރި ﷲ މަތިވެރިވެވޮޑިގެންވެއެވެ.
އެސްފީނާ ޖައްސާމީހާއާއި ޙަސަދަވެރިވާމީހާ ދެމީހުން އެއްގޮތުން އެއްވައްތަރުވެއެވެ.(5) އަދި އަނެއްގޮތުން ތަފަތުވެއެވެ. އެއްވައްތަރުވެގެންވާ ގޮތަކީ އެދެމީހުންވެސް ނަފްސު ބިނާކުރަނީ އަދި ކުރިމަތިލަނީ ގެއްލުމެއް ދިނުމަށެވެ. އެސްފީނާ ޖައްސާމީހާ އެމީހާގެ ނަފްސު އެނުބައިކަމަށް ބިނާކުރަނީ އެ އެސްފީނާޖެހޭމީހާއާ ބައްދަލުވާ ހިނދުއެވެ.(6) އަދި ޙަސަދަވެރިވާމީހާ އެޙަސަދަވެރިވެވޭމީހާ ނެތްތަނުގައިވެސް އަދި ޙާޟިރުވެ ހުއްޓަވެސް ޙަސަދަވެރިކަން ހިނގާނެއެވެ.
އަދި ތަފާތުވެގެންވަނީ، އެސްފީނާޖައްސާމީހާ އެމީހާ ޙަސަދަވެރިނުވާ ހަޔަވާނެއް ނުވަތަ ދަނޑަކަށް އެސްފީނާޖައްސައެވެ. އަދި (އެ ޙަޔަވާނެއް ނުވަތަ ދަނޑުގެ ވެރިޔާއާމެދު) ޙަސަދަވެރިކަން އޮވެއެވެ. އަދި އެސްފީނާޖައްސާމީހާ އޭނާގެ އަމިއްލަ ނަފްސަށްވެސް އެކަންޖެހިގެންދެއެވެ. އެކަމުގެ ސަބަބަކީ ކަމަކާމެދު ޢަޖައިބުވުމާއި، އެކަމެއް ބޮޑުކަމަކަށްވުމެވެ. އެމީހާ އެއްޗަކަށް ޢަޖައިބުގެގޮތުން ބަލާލައިފިނަމަ، އެ އެސްފީނާޖެހޭމީހާއަށް އަސަރުކުރާގޮތަށް އެމީހާގެ ނަފްސު ބިނާކޮށްލައެވެ.(7)
(ނުނިމޭ)
_______________________
(1) މިފޮތުގެ ތަޙްޤީޤުގައި ޑރ. ފަހުދު ބުން މުޙައްމަދު އައްރޫމީ ވިދާޅުވެފައިވެއެވެ. “މިއީ ތިމަންދެކޭ ގޮތުގައި ރަނގަޅު މިސާލުކުރުމެއް ނޫނެވެ. ދައިނުގެންނަމަވެސް ހަރުފަގެ ވިހައިގެ އަސަރުކުރާނެއެވެ. އަދި ހަރުފަ ރުޅިނައިނަމަވެސް ވިހައިގެ އަސަރުކުރާނެއެވެ. ވިހަލެވޭ މީހާއަށް ވިހައިން އަސަރުކުރުމަށް މީގެން އެއްވެސްކަމެއް ޝަރުޠެއްނުކުރެއެވެ. ބޭސްވެރިން ހަރުފަގެ ދަތުން އެކިވަޤުތުތަކުގައި ވިހަނަގާހަދައެވެ.”
(2) ޑރ. ފަހުދު ބުން މުޙައްމަދު އައްރޫމީ ވިދާޅުވެފައިވެއެވެ. “ޞައްޙަގޮތަކީ ހަރުފަ ބަލާލުމުން އޭގެ އަސަރުނުކުރާނެއެވެ.” ޞަޙީޙް މުސްލިމްގައި އައިސްފައިވާ (ދެ ވައްތަރުގެ ހަރުފައިގެ ސަބަބުން ލޯ އަނދިރިވުމާއި ބަނޑުގައިވާ ދަރި ވެއްޓުމާމެދު) އައްޒުހުރީ ވިދާޅުވެފައިވެއެވެ. “ތިމަންމެން ދެކޭގޮތުގައި (މިކަންކަން މިދިމާވަނީ) އެ ދެއްވައްތަރުގެ ހަރުފަގެ ވިހައިގެ ސަބަބުންނެވެ. والله أعلم” (ބައްލަވާ: ޞަޙީޙް މުސްލިމް: ޙަދީޘް ނަންބަރު: 2233).
(3) އިބްނު ޙަޖަރު ރަޙިމަހުﷲ “ފަތުޙުލް ބާރީ” ގައި ވިދާޅުވެފައިވެއެވެ. “އިބްނު ޢަބްދުލް ބައްރު ވިދާޅުވެފައިވެއެވެ. ذَا الطُّفْيَتَيْنِ އަކީ ޙަރުފަގެ ޖިންސުތަކުގެ ތެރޭގައި ހިމެނޭ، އޭގެ ބުރަކަށީގައި ހުދު ދެރޮނގުވާ ހަރުފައެކެވެ. އަދި الأَبْتَرُ އަކީ އޭގެ ނަގޫ އޫކޮށް ހުންނަ ޙަރުފައެވެ… އަދި އެއީ ނަގޫ ކުރުކޮށް ހުންނަ ހަރުފައެއްކަމުގައިވެސް ބުނެވިފައިވެއެވެ. އަދި އައްދާވޫދީ ވިދާޅުވެފައިވެއެވެ. އެއީ ކައިވަތެއް ނުވަތަ އެއަށްވުރެ ކުޑަ ތަންކޮޅެއް ބޮޑު ހަރުފައެކެވެ.”
(4) ޞަޙީޙުލް ބުޚާރީގައި މި ޙަދީޘް އައިސްފައިވަނީ އަންނަނިވި ޢިބާރާތުންނެވެ. عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّه سَمِعَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْطُبُ عَلَى الْمِنْبَرِ يَقُولُ: ((اقْتُلُوا الْحَيَّاتِ وَاقْتُلُوا ذَا الطُّفْيَتَيْنِ وَالْأَبْتَرَ فَإِنَّهُمَا يَطْمِسَانِ الْبَصَرَ وَيَسْتَسْقِطَانِ الْحَبَلَ)) މާނައީ: “އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިންބަރުކޮޅުގައި ޚިޠުބާ ދެއްވަމުން ޙަދީޘް ކުރެއްވި އަޑު އެއްސެވިއެވެ. ތިޔަބައިމީހުން ހަރުފަ މަރާށެވެ. އަދި ذَا الطُّفْيَتَيْنِ އާއި الأَبْتَرُ (މި ދެއްވައްތަރުގެ ހަރުފަ) މަރާށެވެ. ފަހެ، ހަމަކަށަވަރުން އެ ދެއްވައްތަރުގެ ހަރުފައަކީ ފެނުން ގެއްލުވާލާ އަދި ބަނޑުގައިވާ ދަރި ވައްޓާލާ ދޭއްޗެވެ.” (ޞަޙީޙުލް ބުޚާރީ: ޙަދީޘް ނަންބަރު: 3297).
(5) ޑރ. ފަހުދު ބުން މުޙައްމަދު އައްރޫމީ ވިދާޅުވެފައިވެއެވެ. “އެނގިގެންވާގޮތުގައި ޙަސަދަވެރިވުމަކީ އެސްފީނާއަށްވުރެ ޢާއްމުކަމެކެވެ. ކޮންމެ އެސްފީނާޖައްސާމީހަކީ ޙަސަދަވެރިއެކެވެ. އެހެންނަމަވެސް ކޮންމެ ޙަސަދަވެރިއަކީ އެސްފީނާ ޖައްސާމީހެއް ނޫނެވެ. ޙަސަދަވެރިވާމީހާގެ ނުބައިކަމުން ސަލާމަތްވުމަށް އެދުމުން އެސްފީނާ ޖައްސާމީހާގެ ކިބައިން ސަލާމަތްވުންވެސް ޝާމިލުވާނެއެވެ.”
(6) ޑރ. ފަހުދު ބުން މުޙައްމަދު އައްރޫމީ ވިދާޅުވެފައިވެއެވެ. “މިއީ ޞައްޙަގޮތެއް ނޫނެވެ. ފަހެ، އެސްފީނާޖައްސާމީހާ އެސްފީނާޖެހޭމީހާ ޞިފަކޮށްދެވޭ ޞިފަކޮށްދިނުމުން ނެތްތަނުގައިވެސް އެސްފީނާ ޖައްސައެވެ. އެސްފީނާޖެހޭމީހާއާ ބައްދަލުވުން ލާޒިމެއްނުކުރެއެވެ.” އިބްނުލް ޤައްޔިމު ރަޙިމަހުﷲ ‘ޒާދުލް މަޢާދު’ ގައި ވިދާޅުވެފައިވެއެވެ. “އެސްފީނާޖައްސާމީހާގެ އަސަރުކުރުވުން ހަމައެކަނި ބިނާވެފައިވަނީ ފެނުމުގެ މައްޗަކަށް އެކަންޏެއްނޫނެވެ. ލޯއަނދިރިމީހަކަށްވެސް ކަމެއް ޞިފަކޮށްދިނުމުގެ ސަބަބުންވެސް އެކަމުގެ އަސަރު އެ އެސްފީނާޖެހޭމީހާއަށް ކުރެއެވެ. އެސްފީނާޖެހޭމީހާ ނުފެނުނުނަމަވެސްމެއެވެ. އެސްފީނާޖައްސާ ގިނަމީހުން އެސްފީނާޖައްސަނީ ނުފެނި ޞިފަކޮށްދޭ ޞިފަކޮށްދިނުމުންނެވެ.”
(7) މިއީ އިބްނުލް ޤައްޔިމު ރަޙިމަހުﷲ ‘ބަދާއިޢުލް ފަވާއިދު’ ގައި ބަޔާންކުރައްވާފައިވާ އެސްފީނާޖެހޭ ދެ ސަބަބުގެ ތެރެއިން އެއްސަބަބެވެ. އަނެއް ސަބަބަކީ ޢަދާވާތްތެރިކަމާއި، ޙަސަދަވެރިކަން އިންތިހާއަށް ދިޔުމެވެ.
______________________