[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (6)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދެވަނަ ނަސޭހަތް: އަނބިމީހާ އިޞްލާޙްކުރުމަށް މަސައްކަތްކުރުން

 

އަނބިމީހާއަކީ ޞާލިޙު އަނތްބެއްނަމަ ފަހެ، އެއީ ނުހަނު ރަނގަޅުކަމެކެވެ. އަދި މިއީ ﷲގެ ފަޟްލުވަންތަކަމުގެ ތެރެއިންވާ ކަމެކެވެ. އެފަދަ ޞާލިޙު މީހަކަށް އޭނާ ނުވެއްޖެނަމަ ފަހެ، ގޭގެވެރިމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ އިޞްލާޙުކުރުމަށް ގަދައަޅާ މަސައްކަތްކުރުމެވެ. ވަރަށް ގިނަފަހަރު މިހެން ވެދާނެއެވެ.

މިޘާލަކަށް އެއްގޮތަކަށްވެސް ދީންވެރި ނޫން އަންހެނަކާ ކައިވެނިކުރެވުމެވެ. އެއީ (ކައިވެނި) ކުރުމުގައި އޭނާގެ ދީންވެރިކަމަށް ސަމާލުކަންދީފައި ނުވާތީއެވެ. ނުވަތަ އެއަންހެންމީހާ އިޞްލާޙުކުރުމުގެ އުންމީދުގައި ކައިވެނިކުރީމައެވެ. ނުވަތަ އޭނާގެ ގާތްތިމާގެ މީހުން ބާރުއަޅައިގެން ކައިވެނިކުރީމައެވެ. ފަހެ، މިޙާލަތުގައި އިޞްލާޙުކުރުމުގެ މަސައްކަތުގައި އަތުކުރި އޮޅާލަންޖެހޭނެއެވެ.

ފުރަތަމަ އޭނާ ދެނެގަންނަން ޖެހޭކަމަކީ ހަމަކަށަވަރުން ހިދާޔަތު ލިބެނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމެވެ. ﷲ ތަޢާލާއީ އިޞްލާޙުކޮށްދެއްވާ ފަރާތެވެ. އަދި އެގޮތުން އެއިލާހުގެ އަޅުންގެ ތެރެއިން ޒަކަރިއްޔާ عليه السلام އަށް ދެއްވި ނިޢުމަތުގެ ވާހަކަ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

(…وَأَصْلَحْنَا لَهُ زَوْجَهُ…) [سورة الأنبياء ٩۰]

މާނައީ: “… އަދި ތިމަންއިލާހު އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން އިޞްލާޙުކޮށްދެއްވީމެވެ …”

މިއިޞްލާޙު ކުރެއްވުމަކީ ޖިސްމާނީގޮތުން ނުވަތަ ދީނީގޮތުން އިޞްލާޙުކުރެއްވުން ކަމުގައިވުންވެސް އެކަށީގެންވެއެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.

”އެކަމަނާއަކީ ދަރިމައިނުވާ ބޭކަނބަލެއްކަމުގައިވަނިކޮށް، ފަހެ، އެކަމަނާއަށް ދަރިކަލަކު ދެއްވިއެވެ.” 

އަދި ޢަޠާއު رحمه الله ވިދާޅުވިއެވެ.

”އެކަމަނާއަކީ ދޫ ހަރުކަށި ބޭކަނބަލެއްކަމުގައިވިއެވެ. ފަހެ، ﷲ ތަޢާލާ އެކަމަނާ އިޞްލާޙު ކޮށްދެއްވިއެވެ.”

 

އަނބިމީހާ އިޞްލާޙުކުރާނޭ ވަޞީލަތްތަކެއްވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ﷲ ތަޢާލާއަށް އޭނާ އަދާކުރާ ހުރިހާ އަޅުކަމެއް ފަރުވާތެރިކަމާއެކު އިޞްލާޙުކުރުން. މިކަމުގެ ތަފްޞީލު ފަހުން ބަޔާންކޮށް ދޭނަމެވެ.
  • އޭނާގެ އީމާންކަން އިތުރުކުރުމަށް މަސައްކަތްކުރުން. މިޘާލަކަށް:

* ރޭއަޅުކަންކުރުމަށް ހިތްވަރުދިނުން.

* ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުން.

* ޛިކުރުތައް ހިތުންދަސްކޮށް އެ ޛިކުރުތައް ކިޔަންޖެހޭ ވަގުތުތަކާއި ޙާލަތްތައް ހަނދާންކޮށްދިނުން.

* ޞަދަޤާތްކުރުމަށް ހިތްވަރުދިނުން.

* ފައިދާހުރި އިސްލާމީ ފޮތްތައް ކިޔުމަށް ހިތްވަރުދިނުން.

* ޢިލްމު އިތުރުކޮށް، އީމާންކަން އިތުރުކޮށްދެނިވި ފައިދާހުރި އިސްލާމީ ރޯލުތައް އަޑުއެހުމަށް ހިތްވަރުދިނުން. އަދި އެފަދަ ތަކެތި އޭނާއަށް ހޯދައިދިނުމެވެ.

* ދީންވެރި އެކުވެރިންތަކެއް އޭނާއަށް ހޯދައިދިނުން. އެއީ އެކަނބަލުންނާއެކު އުޚުއްވަތްތެރިކަން ބާއްވާ، ރަނގަޅު ވާހަކަތައް ހިއްސާކޮށް އަދި ފައިދާހުރި ކަންކަމުގައި ޒިޔާރަތްކުރާ ބައެއްގެ ގޮތުގައެވެ.

* އެ އަންހެނާއަށް ފޯރަފާނެ ނުބައިކަމެއް ދުރުކޮށްދީ އަދި އޭނާއާ ހަމައަށް އެފަދަ ކަންތައް އަތުވެދާނެ މަގުތައް ބަންދުކުރުން. އެއީ ނުބައި އެކުވެރިންނާއި ނުބައި ތަންތަނުން ދުރުހެލިކުރުމެވެ.

 

=ނުނިމޭ=

 

އެހެންބައިތައް ބެއްލެވުމަށް