الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ﷲ ތަޢާލާ އިންސާނީ ނަސްލު އުފައްދަވާފައިވަނީ އެއިލާހު އިޚްތިޔާރުކުރެއްވި ގޮތުގައެވެ. އެގޮތުން އެއިލާހު އެންމެ ފުރަތަމަ އާދަމް عليه السلام ޚަލްޤުކުރެއްވިއެވެ. އެކަލޭގެފާނު ޚަލްޤުކުރެއްވީ މަށިންނެވެ. އަދި އެކަލޭގެފާނުގެ ފުށުން ޙައްވާ عليها السلام ޚަލްޤުކުރެއްވިއެވެ. އަދި އެދެބޭކަލުންގެ ފުށުން އިންސާނީ ނަސްލު އިތުރުވެގެން ދިޔައެވެ.
މިކަންކަމަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘްފުޅުތަކުން ޘާބިތު ކަންތައްތަކެކެވެ.
އާދަމް عليه السلام ޚަލްޤުކުރެއްވުނު ގޮތް
ﷲ ތަޢާލާ ކޮންމެ ކަމަކަށް ކުޅަދުންވަންތަވޮޑިގެންވެއެވެ. އެއިލާހު އާދަމް عليه السلام ޚަލްޤުކުރެއްވީ މަށިންނެވެ.
إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن طِينٍ ﴿٧١﴾ فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ ﴿٧٢﴾ [سورة ص]
މާނައީ:”ކަލޭގެފާނުގެ ރައްބު، މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރައްވާށެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ،މަށިން އިންސާނަކު ހައްދަވާހުށީމެވެ. [71] ފަހެ ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: އާދަމް عليه السلام) ހައްދަވާ، ފުރިހަމަކުރައްވާ، ތިމަންރަސްކަލާނގެ ރޫޙުފުޅުން އެ އިންސާނާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދައަށް ތިރިވާހުށިކަމެވެ. [72]
ޙައްވާ عليها السلام ޚަލްޤުކުރެއްވުނު ގޮތާއި އިންސާނީ ނަސްލު އިތުރުވިގޮތް
އެކަމަނާ ޚަލްޤުކުރެއްވުނުގޮތާ އަދި އިންސާނީ ނަސްލު އިތުރުވިގޮތާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:
﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً…﴾ [سورة النساء ١]
މާނައީ: “އޭ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ. އެކަލާނގެއީ އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެ ނަފްސުގެ ކިބައިން އެނަފްސުގެ އަނބިކަނބަލުން ހެއްދެވިއެވެ. އަދި އެ ދެކަނބަލުންގެ ކިބައިން ގިނަ ފިރިހެނުންނާއި ގިނަ އަންހެނުން ފެތުރުއްވިއެވެ.”
މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ.
“ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް އަމުރުކުރައްވާ ޙާލު ވަޙީކުރައްވާފައިމިވަނީ އެއިލާހަށް ތަޤްވާވެރިވުމަށެވެ. އެއީ އެކަލާނގެ އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަންކުރުމެވެ. އެކަމުގައި އެއްވެސް ފަރާތެއް އެއިލާހާ ބައިވެރިކުރުމެއްނެތިއެވެ. އެއް ނަފްސުގެ ޛަރިއްޔާއިން އެއިލާހު އެބައިމީހުން ޚަލްޤުކުރެއްވުމަށް ކުޅަދުންވަންތަވެވޮޑިގެންވިކަމަށް އެއިލާހު އިޝާރާތްކުރައްވާފައިވެއެވެ. އެއީ އާދަމް عليه السلام އެވެ. (އަދި އެ ނަފްސުގެ ކިބައިން އެނަފްސުގެ އަނބިކަނބަލުން ހެއްދެވިއެވެ.) އެއީ ޙައްވާ عليها السلام އެވެ…” [تفسير ابن كثير / مجلد: ٣ / ص: ٣٣٣ / طبعة: مؤسسة قرطبة ]
އަދިވެސް މިކަމުގެ ތަފްޞީލު ރަސޫލާ صلى الله عليه وسلم ދެއްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރައްވާފައިވެއެވެ.
((…وَاسْتَوْصُوا بِالنِّسَاءِ خَيْرًا فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ…)) [رواه البخاري ومسلم وغيره، وهذا اللفظ لمسلم / كتاب: الرضاع / باب: الوصية بالنساء / رقم: ٦٢- (٠٠٠) ]
މާނައީ:”…އަދި ތިޔަބައިމީހުން އަންހެންކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ވަޞިއްޔަތްކުރައްވަމެވެ. ތިމަންކަލޭގެފާނުގެ ވަޞިއްޔަތް ޤަބޫލުކުރައްވާށެވެ. ފަހެ ހަމަކަށަވަރުން އަންހެނުން ޚަލްޤުކުރެވުނީ(އެބަހީ: ޙައްވާ عليها السلام ޚަލްޤުކުރެވުނީ) އަރިކަށްޓަކުންނެވެ…”
އަދި ޙައްވާ عليها السلام ޚަލްޤުކުރެވުނީ އާދަމް عليه السلام ގެ އަރިކަށިފުޅުންކަމަށް ބުރަވެލައްވާ ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީންވެސް ފަތުވާ ދެއްވާފައިވެއެވެ. [1]
މިއީ ތާރީޙީ ނުވަތަ ޘަޤާފީގޮތުން މުސްލިމު މުޖުތަމަޢުތަކުގައި އޮންނަ ކުށް ހީއެއް ނޫން
އިސްވެބަޔާންކުރެވުނު ފަދައިން މިފަދަ ކަންތައްތައް މުސްލިމުން ޤަބޫލުކުރަނީ ﷲއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އެކަމުގެ ދަލީލުތައް ލިބިފައިވާތީއެވެ. މިއީ ބޯދާ ޚިޔާލުތަކެއް ނުވަތަ ފަލްސަފާތަކެއް ނޫނެވެ. އަދި އަންހެނާގެ ޤަދަރު ގެއްލެނީ މިފަދަ ޢަޤީދާތަކުގެ ސަބަބުންނެއްނޫނެވެ. އެފަދަ ވާހަކަތައް ދައްކާ މީހުން އިސްވެ ބަޔާންކުރެވުނު ޙަދީޘްގެ ފުރަތަމަބައި ނުކިޔާ ފަހު ބައި ކިޔާ ހަދާނެއެވެ. އެޙަދީޘްގެ ކުރީކޮޅުގައިވަނީ އަންހެންކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރެވިފައެވެ.
ޚަލްޤުކުރެއްވުމާއި ޖިސްމާނީ ތަފާތުތަކުގައި އަންހެންކަނބަލުންނާއި ފިރިހެން ކަނބަލުން ތަފާތުވެފައިވާ ތަފާތަކީ ﷲ ތަޢާލާ ނިޔާކަނޑައަޅުއްވާފައިވާގޮތެވެ. އެކަންކަމުގައި އަޅުގަނޑުމެންނަށް އޮތީ ފުރިހަމައަށް އީމާންވުމެވެ. ނަމަވެސް ޖަޒާދެއްވުމުގައި އަންހެނަކަށް ވީތީ ނުވަތަ ފިރިހެނަކަށް ވީތީ ތަފާތެއް ނުކުރެވޭނެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَلَا تَتَمَنَّوْا مَا فَضَّلَ اللَّـهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ لِّلرِّجَالِ نَصِيبٌ مِّمَّا اكْتَسَبُوا وَلِلنِّسَاءِ نَصِيبٌ مِّمَّا اكْتَسَبْنَ وَاسْأَلُوا اللَّـهَ مِن فَضْلِهِ إِنَّ اللَّـهَ كَانَ بِكُلِّ شَيْءٍ عَلِيمًا﴾ [سورة النساء ٣٢]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ. ފިރިހެނުންނަށްވެސް އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި އަންހެނުންނަށްވެސް އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، ﷲ ގެ ފަޟްލުވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ. ހަމަކަށަވަރުން، ﷲ އީ، ކޮންމެކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ.”
އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރުމުގެ ނަމުގައި ފާޅުވެގެން އުޅޭ ޖަމާޢަތްތަކުން އިސްލާމީ ނަޒަރަކުން އަންހެނުންގެ ޙައްޤުތަކޭ ބުނެ އެ ފޭރާމުގައި ނެރިގެން އުޅޭ ލުއިފޮތްތަކުގައި އިސްލާމީ ޝަރީޢަތާ ޚިލާފު ގިނަ ގުނަ ވާހަކަތައް އެބަހުއްޓެވެ. އާޔަތްތަކުގެ މާނަ އޮޅޭގޮތައް ތަރުޖަމާކުރެވިފައި އެބަހުއްޓެވެ. މިފަދަ ޖަމާޢަތްތަކަކީ ޢަދުލުވެރިކަމާއެކު އަންހެނުންގެ ގެއްލިފައިވާ ޙައްޤު ހޯދަދޭން މަސައްކަތްކުރާ ބަޔަކުކަމުގައި ވާނަމަ މިފަދަ ބޮޑެތި ޖަރީމާތައް ރާއްޖޭގައި މިހިންގަނީ ކީއްވެ ހެއްޔެވެ؟ މިފަދަ ކަންތައްތައް ނުކޮށް އަންހެނުންގެ ޙައްޤުތައް ހޯދޭނެ އިތުރުގޮތެއް ނެތީ ހެއްޔެވެ؟
ޙަޤީޤަތަކީ މިފަދަ ގިނަ ޖަމާޢަތްތަކީ އަންހެނުންނަށް ނުޙައްޤުން ލިބަފައިވާ އަނިޔާތައް ޢުޛުރަކަށް ހަދާ މީސްތަކުން އިސްލާމްދީނާ ދުރުކުރަން މަސައްކަތްކުރާމީހުންނެވެ. މީހަކު އިސްލާމްދީނަށް ތަބާނުވެ އަނބިމީހާއަށް ނުޙައްޤުން އަނިޔާ ދިނުމަކީ އިސްލާމްދީނުގަ ހުރި އުނިކަމެއްނޫނެވެ. ނަމަވެސް އެއީ އެމީހެއްގެ ހުރި އުނިކަމެކެވެ. ވީމާ މިފަދަ މީހުން ލިޔެފައިވާ ލިޔުންތަކާ ދައްކާ ވާހަކަތަކުގައި އިސްލާމީ ޝަރީޢަތުގައިވާގޮތްކަމަށް ބުނެ ދައްކާ ވާހަކަތަކަށް ސަމާލުވުމަށް އެންމެހާ ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނަށް ވަޞިއްޔަތްކުރަމެވެ. އަދި މިފަދަ ފޮތްތައް މުޖުތަމަޢުގައި ފެތުރުން ހުއްޓުވުމަށް ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅައިދިނުމަށްވެސް އެދެމެވެ.
__________________________________________