[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމާއި، ޢިލްމުގެ އަހުލުވެރިންގެ މާތްކަން

الحمد لله الذي أوضح لنا سبيل الهداية، وأزاح عن بصائرنا ظلمة الغواية، والصلاة والسلام على النبي المصطفى والرسول المجتبى، المبعوث رحمة للعالمين، وقدوة للسالكين، وعلى آله وصحبه ومن تبعهم بإحسان إلى يوم الدين

ހަމަކަށަވަރުން ޢިލްމު އުނގެނުމަކީ  ﷲ ސުބްޙާނަހު ވަތަޢާލާއަށް ވެވޭ ބިރުވެތި ކަމެކެވެ. އެއީ  އަޅުކަމެކެވެ. އަދި ޢިލްމު ދިރާސާ ކުރުމަކީ ތަސްބީޙައެކެވެ. ޢިލްމު ހޯދާ އެ ޢިލްމު ލިބިގަތުމައްޓަކައި މަސައްކަތްކުރުމަކީ ޖިހާދެކެވެ.  އެހެންމީހުނަށް އެ ޢިލްމު އުނގަންނާދިނުމަކީ ޞަދަޤާތެކެވެ.  އަދި ޢިލްމަކީ އެކަނިވާ ވަގުތު މީހާގެ އެކަނި ފިލުވާދޭ އެކުވެރިޔާވެސްމެވެ.  ބާއްޖަވެރިކަމާއި ކާމިޔާބަށް މަގުދައްކާދޭ  ނޫރެއެއްވެސް މެއެވެ.  ދަތިއުނދަގޫ ހާލަތެއްގައި ނަމަ އެހީތެރިޔާއެވެ.  ނިޢުމަތުގެ ގޮވަތި ސުވަރުގެއަށް މަގުދައްކާދޭ ޢަލާމާތެއްވެސް މެއެވެ.

ޢިލްމުގެ ސަބަބުން ﷲ ތަޢާލާ މީސްތަކުން މަތިވެރިކުރައްވައެވެ. ހެޔޮކަމަށް މަގު ދައްކާ އިމާމުންކަމުގައި ޢިލްމުވެރިން ވެގެންދެއެވެ. އަދި އެއީ މީސްތަކުން އެމީހުންގެ ކިބައިން ނަމޫނާ ލިބިގަންނަންތިބި މީހުންނެވެ. ޢިލްމުވެރިންނާއި އެކުގައިވުމަށް ﷲތަޢާލާގެ މާލާއިކަތުން ލޯބިކުރައްވައެވެ. އަދި އެ މަލާއިކަތުންގެ ފިޔަތަކުން ޢިލްމުވެރިން ވަށާލައެވެ. ޢިލްމުގެ އަހުލުވެރިންނަށްޓަކައި ކައުނުގައިވާހާ ތަކެއްޗެއް އިސްތިޣްފާރުކުރެއެވެ. ކަނޑުގައިވާ މަސްތަކާއި އެއްގަމުގައިވާ ނަޢަމްސޫފިތަކާއި އުޑާއި އެ އުޑުގައިވާ ތަރިތަކަށް ދާންދެނެވެ. ﷲ ތަޢާލާ ގެ ވަޙި ބަސްފުޅުގައި ވެއެވެ. ” يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ ” (މުޖާދަލާ 11 ) .

މާނަ : ” ތިޔަބައިމީހުންގެ ތެރެއިން އީމާންވީ މީސްތަކުން ﷲ ތަޢާލަ މަތިވެރިކުރެއްވިއެވެ. އަދި ޢިލްމު ދެއްވި މީހުން ދަރަޖަތަކަށް އުފުއްލެއްވިއެވެ. “

ދަންނާށެވެ. އަނދިރިކަމުން މީސްތަކުންގެ ހިތްތަކަށް ދިރުންގެނެސްދެނީ ޢިލްމެވެ. ބަލިކަށިވެފާވާ ހިތްތަކަށް އާރޯކަން ގެނެސްދެނީވެސް ޢިލްމެވެ. ޢިލުމުގެ ސަބަބުން މީސްތަކުން މަތިވެރިވެގެންވާ ދަރަޖަތަކަށް އުފުލިގެންދެއެވެ. ޢަމަލުތަކުގެ އިމާމަކީ ޢިލްމެވެ. ޢަމަލުތައް ތަބަޢުވަނީ ޢިލްމަށެވެ. ބާއްޖަވެރިކަން ގެނެސްދީ  ހިތާމަވެރިކަމުން މީހާ ދުރުކޮށްދޭ އެއްޗަކީ ޢިލްމެވެ.

އަބުއްދަރުދާއު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްފުޅުކުރައްވަނިކޮށް ތިމަންނާ އަޑުއެހީމެވެ. ” مَن سَلَكَ طَرِيقًا يَلتَمِسُ فِيهِ عِلمًاً سَهَّلَ الله لَهُ طَرِيقًا إِلى الجَنَّة، وإنَّ المَلائِكَةَ لَتَضَعَ أَجنِحَتِهَا لِطَالِبِ العِلمِ رِضًا بِماَ يَصنَع. وإنَّ العَالِم لَيَستَغفِرُ لَه مَنْ فِى السَمَوات ومَن فِى الأَرضِ حَتَّى الحِيتَانُ فِى المَاء، وفَضلُ العَالِم عَلَى العَابِد كَفَضلِ القَمَرِ عَلى سَائِرِ الكَوَاكِبِ. وَإِنَّ العُلَمَاءُ وَرَثَةُ الأَنبِيَاءِ. وَإِنَّ الأَنبِيَاءَ لَم يُوَرِّثُوا دِينَارًا وَلاَ دِرُهَمًا، وَإِنَّمَا وَرَّثُوا العِلمَ، فَمَن أَخَذَه أَخَذَ بِحَظٍّ وَافِر.  ” [ رواه ابن ماجة وصححه الألباني]

މާނަ : ” ޝަރުޢީ ޢިލްމު ހޯދުމަށް ގަސްތުކޮށް މަގެއްފަހިކޮށްފިމީހާ އަށް ﷲ ތަޢާލާ ސުވަރުގެއަށް މަގު ފަސޭހަކޮށްދެއްވައެވެ. ޢިލްމު އުނގެނޭމީހާ އެ އުނގެނޭ އުނގެނުމާމެދު ރުހިގެންވާހާލު މަލާއިކަތުން ، ޢިލްމުއުނގެނޭމީހާ އަށްޓަކައި އެ މަލާއިކަތުންގެ ފިޔަގަފުޅުތައް ތިރިކޮށްލައްވައެވެ. ހަމަކަށަވަރުންވެސް ޢިލްމުވެރިޔާ އަށް އުޑުތަކާއި ބިމުގައިވާހާތަކެތި އިސްތިޣްފާރުކުރެއެވެ. ކަނޑުގައިވާ މަސްތަކަށް ދާންދެނެވެ. އަދި އަޅުވެރިޔާ ގެ މައްޗަށް ޢިލްމުވެރިޔާ ގެ މަތިވެރިކަމަކީ އުޑުގައިވާ އެހެނިހެން ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެ އުޖާލާވެފާވާ ފަދަ މަތިވެރިކަމެކެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އަދި ހަމަކަށަވަރުން ނަބީ ބޭކަލުން ވާރުތަކުރެއްވި އެއްޗަކީ ދީނާރާއި ދިރުޙަމު( ރުފިޔާ ފައިސާ) ކަމުގައި ނުވެއެވެ. އެހެނެއްކަމަކު އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. އެ ޢިލްމު ލިބިގެންފިމީހާ މަތިވެރިވެގެންވާ ނަސީބެއް ލިބިގެންފިއެވެ. “

ޢިލްމު ދިރާސާކޮށް ޢިލްމު އުނގެނި އުނގަންނާދިނުމުގާ މަޝްޣޫލުވެ އުޅުމަކީ ސުއްނަތް ނަމާދާއި ސުއްނަތް ރޯދައާއި ތަސްބީޙައަށްވުރެ މަތިވެރި ކަމެއްކަމުގައި ވެއެވެ. އެހެނީ ޢިލްމުގެ ފައިދާ ޢިލްމުވެރިޔާ އަށާއި އެހެންމީހުންނަށްވެސް ޢާއްމުވެގެންވެއެވެ. ނަމަވެސް ސުތްނަތްރޯދައާއި ސުއްނަތް ނަމާދު ތަކަކީ އެކަންކުރާމީހާއަށް އެކަނި ހާސިލްވާ ކަމެކެވެ. އަދި ޢިލްމަކީ އެހެނިހެން އަޅުކަންތައް ގޯސްކޮށްކުރެވޭނަމަ އިސްލާހުކޮށްދޭނޭ ވަސީލަތެވެ. އަޅުކަން ރަނގަޅަށް އަދާކުރުމަށްޓަކައި ޢިލްމަށް ބޭނުންވެއެވެ. ޢިލްމުވެރިޔާ ދުނިޔެދޫކުރި ކަމުގައި ވިޔަސް އޭނާ ދޫކުރިޢިލްމުން ދުނިޔޭގައިތިބި މީހުން ފައިދާލިބިގަނެއެވެ. ނަމަވެސް ސުއްނަތްނަމާދުތަކާއި ރޯދަތަކަކީ އެމީހަކު މަރުވެދިޔުމުން އެ ހިސާބުން ނިމިގެންދާ ކަންތައްތަކެވެ. ޢިލްމުވެރިޔާ ދޫކޮށްފާ ދާ ޢިލްމުގެ ސަބަބުން ޝަރީޢަތް ދިރުވާ ދީނުގެ ޝިޢާރުތައް ރައްކާތެރިކުރެވިގެން ދެއެވެ.

ޢަލީ ބުން އަބީތޯލިބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” ޢިލްމު މުދަލައްވުރެ މާ ހެޔޮކަންބޮޑުވެގެންވެއެވެ. އެހެނީ ޢިލްމު ތިބާ ހިމާޔައްކޮށްދެއެވެ. ނަމަވެސް މުދާ ހިމާޔަތްކޮށްދޭން ޖެހެނީ ތިބާއަށެވެ.  ޢިލްމަކީ ތިބާ އެ ހޭދަކޮށް މީސްތަކުންނަށް ފޯރުކޮށްދިންވަރަކުން އިތުރުވެ ތާޒާވާ އެއްޗެކެވެ. ނަމަވެސް މުދާ ހޭދަކުރުމުން މަދުވެގެންދެއެވެ. ޢިލްމަކީ ހާކިމެވެ. ނަމަވެސް މުދަލަކީ އޭގެމައްޗަށް ހުކުމުކުރެވޭ އެއްޗެކެވެ.” ޢިލްމު، ޢިލްމުވެރިޔާ އޭނާ ހައްދަވާގެންގުޅުއްވާ އިލާހަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަގަށް ގެންދެއެވެ. އަދި ޢިލްމުވެރިޔާ މަރުވެގެން ދިޔުމަށްފަހުގައިވެސް އޭނާ ދޫކޮށްފައި ދިޔަ ޢިލްމެއްގެ ސަބަބުން ދަރުމަ ލިބި ލިބި ހުރެއެވެ.

ޢިލްމުވެރިޔާ މަރުވެގެން ދިޔުމުން ވެސް އޭނާޔާ ޢިލްމު ވަކިނުވެއެވެ. އެ ޢިލްމުގެ ފައިދާ އޭނާއަށް ލިބެމުންދެއެވެ. ނަމަވެސް މުދާވެރިޔާ މަރުވެގެން ދިޔުމުން އޭނާގެ މުދާ އޭނާޔާ ވަކިވެއެވެ. ޢިލްމަކީ އެއަށް ވެރީންނާއި އަދި އެނޫންމީސްތަކުންވެސް ބޭނުންޖެހިފާވާ އެއްޗެކެވެ. ނަމަވެސް މުދާވެރިންގެ ބޭނުންޖެހެނީ، ފަޤީރުންނާއި މަހުރޫމުވެފައިވާމީހުން ނެވެ. އަދި ޢިލްމަކީ ތަވާޟުޢުވެރިކަމަށް މަގުދައްކާއެއްޗެކެވެ. ނަމަވެސް މުދާވެރިކަމަކީ ބޮޑާވެރިމާއި ކިބުރުވެރިކަމަށް މަގުދައްކާ ކަމެކެވެ. ޢިލްމުގެ ސަބަބުން ނިކަމެތި މީހާ ޝަރަފުވެރިމީހަކަށް ބަދަލުކޮށްލައެވެ. އަދި ޝަރަފުވެރިމީހާގެ ޝަރަފުވެރިކަން އިތުރުކޮދެއެވެ.

ޢަޠާއު ބުން ރަބާޙު އަކީ މައްކާގެ އަންހެނެއްގެ އަޅެއްކަމުގައި ވިއެވެ. އެއްފަރެއްގައި ޚަލީފާ ސުލައިމާން ބުން ޢަބްދުލްމަލިކު އެކަލޭގެފާނުގެ ދެ ދަރިކަލުންނާއެކު ވަޑައިގަތެވެ. އަދި އިށީންދެ ވަޑައިގަތެވެ. އޭރު ޢަޠާއު ބުން ރަބާޙު ހުންނެވީ ނަމާދު ކުރައްވާށެވެ. ނަމާދު ކޮށް ނިންމަވާލެއްވުމަށްފަހު އެބޭފުޅުންނާއި ދިމާއަށް ޢަޠާއު ބުން ރަބާޙް އެންބުރިވަޑައިގަތެވެ. އެ ހިނދު ޚަލީފާ ސުލައިމާނު ބުން ޢަބްދުލް މަލިކު އެކަލޭގެފާނާއި ހައްޖުގެ އަޅުކަންތަކާއި ބެހޭގޮތުން ސުވާލުކުރައްވަމުން ގެންދެވިއެވެ. އެއަށްފަހު ސުލައިމާނު ބުން ޢަބްދުލް މަލިކު އެކަލޭގެފަނުގެ ދެ ދަރިންނާ މުޚާތަބު ކުރައްވާ ވިދާޅުވިއެވެ. ތެދުވާށެވެ. ދެން އެ ދެކުދިން ތެދުވިއެވެ. ދެން ވިދާޅުވިއެވެ. އޭ ދެ ދަރިކަލުންނޭވެ. ޢިލްމު އުނގެނުމުގާ ފަރުވާކުޑަކޮށް ވަރުބަލި ނުވާށެވެ. އެހެނީ ތިމަންނަމެން މި އަޅުމީހާގެ ކުރިމަތީގާ ނިކަމެތިވާންޖެހުނު ޖެހުން ތިމަންނާ ހަނދާނެއްނުނެތޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވި ޞައްޙަ ބަސްފުޅެއްގައި ވެއެވެ. “مَنْ غَدَا إِلَى الْمَسْجِدِ لا يُرِيدُ إِلا أَنْ يَتَعَلَّمَ خَيْرًا أَوْ يُعْلَمَهُ،كَانَ لَهُ كَأَجْرِ حَاجٍّ تَامًّا حِجَّتُهُ” މާނަ: “ދީނުގެ ޢިލްމު އުނގެނުމަށް ނުވަތަ އުނގަންނާދިނުމަށް އެދިގެން މިސްކިތައް ގޮސްއުޅޭ މީހާއަށް ލިބޭ އަޖުރަކީ ފުރިހަމަ ޙައްޖެއް އަދާކުރިމީހާގެ އަޖުރެވެ.”

وأصلي على النبي الأكرم محمد بن عبد الله – صلى الله عليه وسلم – وما كان من صواب فمن الله عز وجل وما كان من خطأ فمني ومن الشيطان