[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 5 “މުޤައްދިމާ”

qiyaamai vumuge

ބަޙުޘް އެތުރިފައިވާގޮތް؛

މިބަޙުޘްގައި މުޤައްދިމާ އަކާއި ފޮތުގެ ތަޢާރަފަކާއި 2 ބާބުގެ އިތުރުން ނިންމުމެއް އެކުލެވިގެން ވާނެއެވެ.

މުޤައްދިމާއާ މެދު ދަންނައެވެ. އޭގައި އެކުލެވިގެންވާނީ މިމައުޟޫޢުގެ މުހިންމުކަމާއި މިލިޔުން ރޭވި ތަރުތީބުކުރެވިފައިވާ ގޮތެވެ.

އަދި ފޮތުގެ ތަޢާރަފާމެދު ދަންނައެވެ. އޭގައި އަންނަނިވި ބައިތައް އެކުލެވިގެން ވެއެވެ؛

ފުރަތަމަ ބަޙުޘް: އާޚިރަތް ދުވަހަށް އީމާންވުމުގެ އަހައްމިއްޔަތާއި އެކަމާގުޅިގެން ފަރުދުންނާއި މުޖުތަމަޢުން ފެންނަންޖެހޭ އަޘަރުތަކުގެ މައްޗަށް ވާހަކަ ދެއްކާފައި ވާނެއެވެ.

ދެވަނަ ބަޙުޘް: ޤިޔާމަތުގެ ޢަލާމާތްތައް ޛިކުރު ކުރުމުގެ އިތުރަށް މިބައިގައި ބަލާލާފައިވާނީ، ޤިޔާމަތްދުވަހުގެ އަހައްމިއްޔަތުކަން ފާޅުވާ ކަންތައްތަކުގެ މައްޗަށެވެ. މިގޮތުން ކީރިތި ޤުރުއާނުގައި އެދުވަހާ ބެހޭގޮތުން ގިނަގިނައިން ޛިކުރު ކުރެވިފައި ވެއެވެ. އަދި ތަފާތު ނަންތައް އެދުވަހަށް ދެވިފައިވެއެވެ. މީގެތެރެއިން ބައެއް ނަންތައް، ޤުރުއާނުން އެކަމަށް ދަލާލަތުކުރާ އާޔަތާއެކު ބަޔާންކޮށްދިނީމެވެ.

ތިންވަނަ ބަޙުޘް: ޢަޤީދާގެ މައްސަލަ ތަކުގައާއި އެނޫންވެސް މައްސަލަތަކުގައި އާޙާދު ޙަދީޘް އެއީ ޙުއްޖަތެއް ކަމުގައި ވާހަކަދައްކާފައި ވާނެއެވެ. އެޙަދީޘަކީ ޞައްޙަ ރިވާޔަތެއް ނަމަ [އެޙަދީޘްގައި] ވާފަދައިން ޤަބޫލުކުރުން ވާޖިބުވެގެންވާނެ ކަމުގައި ބަޔާންކޮށްދިނީމެވެ.

މިބަޙުޘްގެ އެންމެ މުހިންމު ކަމަކީ އެއީ ޢަޤީދާގެ މައްސަލަ ތަކުގައި އާޙާދު ޙަދީޘް ނުނެގޭނެ ކަމަށް ބުނަމުންދާ ފަރާތްތަކަށް ރައްދު ދިނުމެވެ. މިބައިމީހުންގެ މިބަހުގެ ސަބަބުން އެތައްސަތޭކަ ޞައްޙަ ޙަދީޘެއް [ބޭނުންނުހިފައި] ރައްދު ކުރަން ޖެހޭކަމުގައި ބަޔާންކޮދީފައިވާނެއެވެ. ދެންފަހެ އެއީ އެކަމުގެ މައްޗަށް އެއްވެސް ދަލީލެއް ބުރުހާނެއް ނެތް، ދީނުގައި އަލަށް އުފެދިގެން އުޅޭ ބިދުޢައެއްކަން ކަށަވަރެވެ.

ހަތަރުވަނަ ބަޙުޘް: ރަސޫލުﷲ صلّى الله عليه وسلّم ޚަބަރު ދެއްވާފައިވާ، ފާއިތުވެ ނިމިފައިވާ ކަންތައްތަކާއި ޤިޔާމަތާ ހަމައަށް މުސްތަޤްބަލުގައި ހިނގާނެ ކަންކަން ބަޔާން ކޮށްދީފައި ވާނެއެވެ. އޭގެތެރެއިން އެންމެ ބޮޑު ބައެއްގައި ބަޔާންކޮށްދީފައިވާނީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ވާހަކައެވެ.  އެހެނީ ޤިޔާމަތުގެ ޢަލާމާތްތަކާ ބެހޭގޮތުން އެކިއެކި ޢިބާރާތުން ވަރަށް ގިނަ ޢަދަދެއްގެ ޙަދީޘްތައް ރިވާވެފައި ވެއެވެ.

ފަސްވަނަ ބަޙުޘް: މިބަޙުޘްގައި ވާހަކަ ދެއްކާފައިވާނީ ޤިޔާމަތް ޤާއިމްވާނެ [ވަޤުތުގެ] ޢިލްމު އެނގުމުގެ މައްޗަށެވެ. މިކަމުގެ ޢިލްމަކީ ﷲ ތަޢާލާއަށް އެކަނި އެނގިވޮޑިގެންވާ ޢިލްމެއްކަމުގައި ބަޔާން ކުރެވިފައި ވާނެއެވެ. އަދި އެކަމާގުޅޭ ދަލީލުތައް ބަޔާންކޮށްދީފައި ވާނޭމެއެވެ. އަދި ހަމަ އެހެންމެ ރަސޫލުﷲ صلّى الله عليه وسلّم އަށް ޤިޔާމަތް ވާނެ ވަޤުތުގެ ޢިލްމު އެނގިވަޑައިގަންނަވާ ކަމުގައި ބުނާ މީހުންނަށް ރައްދު ދީފައިވެސް ވާނެއެވެ. ހަމައެފަދައިން ދުނިޔޭގެ ޢުމުރަކީ [މިވެނި ވަރެއްކަން] ކަނޑައަޅާ މީހުންނަށް ވެސް ރައްދުދީފައި ވާނެއެވެ. އަދި މިފަދަ ބަސްތަކަކީ ޤުރުއާނާއި ސުންނަތާ މުޅީން ފުށުއަރާ ބަސްތަކެއް ކަމުގައި ބަޔާންކޮށްދީފައިވާނެއެވެ. މިފަދަ ބަސްތަކަށް ޢިލުމުވެރިން ދެއްވާފައިވާ ރައްދު ޛިކުރުކުރެވިފައި ވާނެއެވެ.

ހަވަނަ ބަޙުޘް: ޤިޔާމަތުގެ ވަޤުތު ކުޑަތަންވުމާ ބެހޭ ގޮތުން މީގައި ވާހަކަދެކެވިފައި ވާނެއެވެ. އެހެނީ ދުނިޔެ ވޭތުކޮށްފައިވާ ޢުމުރާ އަޅާބަލާއިރު އެހިނދުގައި ވާނީ ވަރަށްވެސް ކުޑަ މުއްދަތެއްކަން ކަށަވަރެވެ.

ދެންފަހެ ފުރަތަމަ ބާބުއާ މެދު ދަންނައެވެ؛ މިބާބުގައި 3 ފަޞްލެއް އެކުލެވިގެން ވެއެވެ.

ފުރަތަމަ ފަޞްލު؛ ޢަރަބި ބަހުގެ ބަހަވީ މާނައާއި އިސްލާމީ ޝަރީޢަތުގެ އިޞްޠިލާޙުގައި أَشْرَاط ގެ މާނައާމެދު ވާހަކަ ދެކެވިފައިވާ ބައެވެ. އަދި ހަމަ އެފަދައިން السَّاعَة ގެ ބަހަވީ މާނައާއި އިޞްޠިލާޙީ މާނަ އާމެދު ވާހަކަ ދެކެވިފައި ވާނެއެވެ. އަދި “السَّاعَة” [މިބަސް] ތިން މާނައެއްގައި އަންނަ ކަމުގައި ބަޔާންކޮށްދިނީމެވެ:

1. ކުޑަ ޤިޔާމަތް.

2. މެދު ޤިޔާމަތް.

3. ބޮޑު ޤިޔާމަތް.

ދެވަނަ ފަޞްލު؛ މީގައި ވާހަކަދެކެވިފައިވަނީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ގިންތިތަކާ މެދުގައެވެ. އެކަން ދެބަޔަކަށް ބެހިގެން ވެއެވެ:

1. ކުދި ޢަލާމާތްތައް.

2. ބޮޑެތި ޢަލާމާތްތައް.

އަދި މިހުރިހާ ގިންތިއެއް ވަކިވަކިން ބުނެދީފައިވާނެއެވެ. އަދި އެޢަލާމާތްތައް ފާޅުވުމުގައި 3 ބަޔަކަށް ބެހިގެންވާ ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވާ ކަމުގައި ޛިކުރު ކޮށްފައިވާނެއެވެ. [އެބައިތަކަކީ]:

1. ފާޅުވެ ނިމިފައިވާ ޢަލާމާތްތައް ހިމެނޭބައި.

2. ފާޅު ވުމަށްފަހު އެއްކަން އަނެއްކަމަށް ތަބާވެ އިތުރުވެ ގިނަވަމުން އަންނަ ޢަލާމާތައް ހިމެނޭބައި.

3. އަދިއަދަށް ދާންދެން ފާޅުނުވެހުރި ޢަލާމާތްތައް ހިމެނޭބައި.

ތިންވަނަ ފަޞްލު؛ ޤިޔާމަތުގެ ކުދި ޢަލާމާތްތަކާ ބެހޭގޮތުން މިބައިގައި ވާހަކަ ދެކެވިފައި ވާނެއެވެ. އެއީ:

1. ނަބިއްޔާ صلّى الله عليه وسلّم ރަސޫލު ކަމާގެން ފޮނުއްވުން.

2. ރަސޫލުﷲ صلّى الله عليه وسلّم އަވަހާރަވެ ވަޑައިގަތުން.

3. ބައިތުލްމަޤްދިސް ފަތަޙަވުން.

4. ޢަމްވާސްގެ ޠާޢޫންވަބާ.

5. މުދަލާއި ފައިސާ ގިނަވެ، ޞަދަޤާތުގައި ހިފާނެ މީހަކުނުވުން.

6. ފިތުނަ ފާޅުވުން.

7. ނަބީކަމަށް ދަޢުވާކުރާ މީހުން ފާޅުވުން.

8. އަމާންކަން ފެތުރިގެންދިޔުން.

9. ޙިޖާޒް ކަރައިން އަލިފާންގަނޑެއް ފާޅުވުން.

10. ތުރުކީންނާ ހަނގުރާމަ ކުރެވުން.

11. ޢަޖަމީންނާ ހަނގުރާމަ ކުރެވުން.

12. އަމާނާތެރިކަން ގެއްލިގެންދިއުން.

13. ޢިލްމު އުފުއްލެވުމާއި ޖާހިލުކަން ފާޅުވުން.

14. އަނިޔާވެރިންނަށް ވާޤިވެރިވާ މީހުން ގިނަވުމާއި ސިފައިން ގިނަވުން.

15. ޒިނޭ ޢާންމުވުން.

16. ރިބާ ޢާންމުވުން.

17. މިޔުޒިކުގެ ސާމާނު ފާޅުވެ އެކަން (އެބަހީ: މިޔުޒިކު ކުޅުން) ޙަލާލުކޮށްގަތުން.

18. ރާބުއިން ގިނަވެ އެކަން ޙަލާލުކޮށްގަތުން.

19. މިސްކިތްތައް ޒީނަތްތެރި ކުރުމާއި އެކަމުގައި ފަޚުރުވެރިވުން.

20. ޢިމާރާތްތައް އުސްކުރުމުގައި ވާދަވެރިވުން.

21. އަޅުއަންހެނާ އޭނާގެ ޞާޙިބުމީހާ ވިހެއުން.

22. މީހުންމެރުން ގިނަވުން.

23. ޒަމާން ކައިރިވުން.

24. ބާޒާރުތައް ކައިރިވުން.

25. މިއުއްމަތުގައި ޝިރުކު ފާޅުވުން.

26. ފާޙިޝް ޢަމަލުތައް ގިނަވެ ރަޙިމްގެގުޅުން ކަނޑައި އަވަށްޓެރިކަންނަށް އިހާނެތިކޮށް ހިތުން.

27. މުސްކުޅިން ޒުވާންވާން އުޅުން.

28. ދަހިވެތިކަން އިތުރުވުން.

29. ވިޔަފާރި ޢާންމުވެ ގިނަވުން.

30. ބިންހެލުންތައް ގިނަވުން.

31. ބިންގަނޑު ގަންބަވައިގަތުމާއި، ބައެއްގެ ޞޫރަ ޖަނަވާރުގެ ޞޫރައަށް ބަދަލުވުން އަދި އުޑުން ހިލައިގެ ވާރޭ ވެއްސެވުން.

32. ޞާލިޙުން ނެތިގެންދިޔުން.

33. ޖާހިލުންނާއި ކަމުގެ އަހުލުވެރިން ނޫން މީހުންނާ މަސްއޫލިއްޔަތު ޙަވާލުކުރުން.

34. ސަލާމް ކުރުން ހަމަ އެކަނި ދެކެފަރިތަ މީހުންނަށް ކުރާ އެއްޗެއް ކަމުގައިވުން.

35. ކުޑކުދިން ގާތުން ޢިލްމު ޙާޞިލްކުރުން.

36. ހެދުންލައިގެން އޮރިޔާމުންތިބޭ އަންހެނުން ފާޅުވުން.

37. މުއުމިނުއަޅާގެ ހުވަފެން ތެދުވުން.

38. ފޮތްތައް ގިނަވެ ފެތުރިގެން ދިޔުން.

39. އިސްލާމްދިނުގައި ކުރުމަށް ހިތްވަރު ދެވިފައިވާ ސުންނަތްތަކާމެދު ފަރުވާކުޑަކުރުން.

40. ހުޅެވިހަނދު ބޮޑުވުން.

41. ދޮގު ހެދުމާއި ޚަބަރު ފެތުރުމުގައި ދޮގުތެދު ބަލައިނުލުން.

42. ދޮގުހެކި ދިނުން އިތުރުވުމާއި، ޙައްޤު ހެކިބަސް ފޮރުވުން.

43. އަންހެނުންގިނަވެ ފިރިހެނުން މަދުވެގެން ދިއުން.

44. ކުއްލިމަރު ގިނަވުން.

45. އެކަކު އަނެކަކު ދެކެފަރިތަކަން ނެތިގެން ދިޔުން.

46. ޢަރަބީންގެ ބިމުގައި ފެން ކޯރުތައް އުފެދި ބިންތަކަށް ފެހިކަން އައިސް ދިރިގެން ދިއުން.

47. ވާރޭވެހުން ގިނަވުމާއި ދަނޑުގޮވާން މަދުވުން.

48. ފުރާތުކޯރު ހިނދުމުގެ ސަބަބުން ރަނުގެ ފަރުބަދައެއް ފާޅުވުން.

49. ވަލުޖަނަވާރާއި ދިރުން ނުހުންނަ ތަކެތި އިންސާނުންނާ ވާހަކަދެއްކުން.

50. މުޞީބާތްތަކާއި ބަލާވެރިކަން އިތުރުވެ މަރުވުމަށް އެދުން.

51. ރޫމީންގިނަވެ [އެބައިމީހުން] މުސްލިމުން ޤަތުލުކުރުން.

52. ޤިސްޠަންޠީނިއްޔާ ފަތަޙަވުން.

53. ޤަޙްޠާނީ ފާޅުވުން.

54. ޔަހޫދީންނާ ހަނގުރާމަ ކުރެވުން.

55. މަދީނާއިން ނުބައިނުލަފާ ފާސިޤުން ބޭރުކުރެއްވުމާއި، މަދީނާ ފަޅުވުން.

56. ވައިރޯޅިއެއް އައިސް މުއުމިނުންގެ ފުރާނަތައް ގެންދިއުން.

57. ގެފުޅުގެ ޙުރުމަތްކަނޑާ، ގެފުޅު މުގުރައިލުން.

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ