الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ހަވަނަ ނަސޭހަތް: ޝަރުޢީ ޛިކުރުތަކާއި ގެދޮރާ ގުޅުންހުރި ސުންނަތްތަކަށް އަހަންމިއްޔަތުކަން ދިނުން
އޭގެ މިޘާލުތަކަކީ:
- ގެއަށް ވަންނަމުން ކިޔާ ޛިކުރުތައް
އިމާމު މުސްލިމް އެކަލޭގެފަނުގެ ޞަޙީޙުގައި ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اسْمَ اللَّهِ تعالى حِينَ يَدْخُلُ وَحِينَ يَطْعَمُ، قَالَ الشَّيْطَانُ: لَا مَبِيتَ لَكُمْ وَلَا عَشَاءَ هَاهُنَا، وَإِنْ دَخَلَ فَلَمْ يَذْكُرِ اسْمَ اللَّهِ عِنْدَ دُخُولِهِ قَالَ: أَدْرَكْتُمُ الْمَبِيتَ، وَإِنْ لَمْ يَذْكُرِ اسْمَ اللَّهِ عِنْدَ مَطْعَمِهِ قَالَ: أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ)) [رواه الإمام أحمد، المسند ٣:٣٤٦، و مسلم ٣:١٥٩٩]
މާނައީ: “މީހަކު އޭނާގެ ގެއަށް ވަންނަހިނދު، ﷲ ތަޢާލާގެ އިސްމުފުޅު ޛިކުރުކޮށް އަދި ކާހިނދުގައިވެސް އެފަދައިން ޢަމަލުކޮށްފިނަމަ ޝައިޠާނާ ބުނެއެވެ. ‘ތިޔަބައިމީހުން ރޭކުރާނެ ތަނެއް އަދި ރޭގަނޑުގެ ކެއުމެއްވެސް މިތާކު ނެތެވެ.’ އަދި އޭނާ ވަންނަހިނދު، ﷲގެ އިސްމުފުޅު ޛިކުރު ނުކުރާނަމަ ބުނެއެވެ. ‘ތިޔަބައިމީހުން ރޭކުރާނެ ތަނެއް ލިބިއްޖެއެވެ.’ އަދި ކާހިނދު ﷲގެ އިސްމުފުޅު ޛިކުރު ނުކުރާނަމަ ބުނެއެވެ. ‘ތިޔަބައިމީހުން ރޭކުރާނެ ތަނަކާ އަދި ރޭގަނޑުގެ ކެއުންވެސް ލިބިއްޖެވެ.’”
- ގެއިން ނުކުންނަމުން ކިޔާ ޛިކުރުތައް
އަބޫ ދާވޫދު އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ: بِسْمِ اللَّهِ، تَوَكَّلْتُ عَلَى اللَّهِ، لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ، فَيُقَالُ لَهُ: حَسْبُكَ قَدْ هُدِيْتَ، وَكُفِيْتَ وَوُقِيْتَ، فَيَتَنَحَّى لَهُ الشَّيْطَانُ فَيَقُولُ لَهُ شَيْطَانٌ آخَرُ:كَيْفَ لَكَ بِرَجُلٍ قَدْ هُدِىَ وَكُفِىَ وَوُقِىَ؟)) [رواه أبو داود والترمذي ، وهو في صحيح الجامع رقم ٤٩٩]
މާނައީ: މީހަކު އޭނާގެ ގެއިން ނުކުންނަ ހިނދު މިފަދައިން :
((بِسْمِ اللَّهِ، تَوَكَّلْتُ عَلَى اللَّهِ، لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ))
[މާނައީ: “ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އަހުރެން ﷲއާ ވަކީލުކޮށްފީމެވެ. އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުން މެނުވީ ނުވެއެވެ.”]
ކިޔައިފިނަމަ އޭނާއަށް ބުނެވެނެއެވެ. “ތިބާއަށް ފުދިއްޖެއެވެ. ހަމަކަށަވަރުން ތިބާއަށް ހިދާޔަތު ލިބި، ފުދި އަދި ރައްކާތެރިކުރެވިއްޖެއެވެ.”
ފަހެ އޭނާއާ ޝައިޠާނާ ދިމާކުރުމުން އެހެން ޝައިޠާނަކު އެޝައިޠާނާއަށް ބުނެއެވެ.
”ހިދާޔަތުލިބިގެންވާ، ފުދިގެންވާ އަދި ރައްކާތެރިކުރެވިގެންވާ މީހަކާ ކަލެއަށް ގޯނާކުރެވޭނީ ކިހިނަކުން ހެއްޔެވެ؟”
- ސިވާކު
އިމާމު މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
((كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ بَيْتَهُ بَدَأَ بِالسِّوَاكِ)) [رواه مسلم كتاب الطهارة باب ١٥ رقم ٤٤]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ ގެކޮޅަށް ވަދެވަޑައިގަންނަހިނދު ފައްޓަވަނީ ދަތް އުނގުޅުމުންނެވެ.”
_____________________________
=ނުނިމޭ=